އެއްވެސް މުއާމަލާތެއްގައި ކޮރަޕްޝަނަށް މަގުފަހިވާނެ ޢަމަލެއް ނުހިންގަން: ފެނަކަ

ކުންފުނިން ހިންގޭ އެއްވެސް މުއާމަލާތެއްގައި ކޮރަޕްޝަނަށް މަގުފަހުވާނެ އެއްވެސް ޢަމަލެއް ނުހިންގާ ކަމަށާއި ނުވެސް ހިންގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނުން މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހެއްގައި އެ ކޯޕަރޭޝަނާއި ގުޅޭގޮތުން ޝާއިއު ކޮށްފައިވާ ޚަބަރަކާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ފެނަކައިން ވިދާޅުވީ "ދިޔަރެސް" ނޫހުގައި ފެނަކައާ ގުޅޭގޮތުން ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ ކުންފުނީގެ ކާމިޔާބުތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް މުވައްޒަފުންގެ އަގު ވައްޓާލުމަށް ރާވައިގެން ކުރާ ކަމެއް ކަމަށެވެ.

މި ބަޔާނަކީ އެ ނޫހުގައި "ފެނަކައިން 100 މިލިއަން ރުފިޔާއާ ގާތް ކުރާ ކޮރަަޕްޝަނެއް" މި ސުރުހީގެ ދަށުން ނޮވެންބަރު 1 އެއްގައި އާންމުކޮށްފައިވާ ހަބަރަކާ ގުޅިގެން އެކަން ސާފުކޮށްދިނުމުގެ ގޮތުން ފެނަކައިން މިއަދު ބަޔާނެކެވެ.

ފެނަކައިން ވިދާޅުވީ އެ ކުންފުނިން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަން ޖެހޭ ތަކެތި، ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދިއުމަކީ އަބަދު ވެސް ކުރެވެމުންދާ މަސައްކަތްތެއް ކަމަށެވެ.

މީގެ އިތުރުން ކުންފުނީގެ ހިދުމަތް ހުއްޓުމަކަށް އަޔަނުދީ، ދުވަހުން ދުވަހަށް ހޯދަން ޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަންގެ ޢަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހުގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެ ކުންފުނި ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާންޖެހޭ ސަބަބެއް ކަމަށް އެ ކުންފުނިން ނުދެކޭ  ކަމަށާއި އެހެންކަމުން ކުންފުނިން ހިންގޭ އެއްވެސް މުއާމަލާތެއްގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއްް ހިންގަމުން ނުދާނެކަމުގެ ޔަގީންކަން ކަށަވަރުކޮށްފަވާނެ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން ވަނީ މީޑިއާތަކުން ރައްޔިތުންނަށް އޮޅޭގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.