ޣައްޒާއަކީ ކޮންތަނެއް ؟

ޣައްޒާއަކީ ، މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައި ، ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންގެންދާ ސަހަރެކެވެ. އިހުޒަމާނުގައި ، އެއްބައްރުން އަނެއް ބައްރަށް ، އެއް ޤައުމުން އަނެއް ޤައުމަށް ، އަދި އެއް ޤަބީލާއާއި އަނެއް ޤަބީލާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢަމަލާތު ތަކުގައި މުދާ އުފުލޭ ، ކަނޑުގެ މައި މަގެކެވެ. ހުރިހާ ޒަމާނެއްގައިވެސް މެޑިޓަރޭނިއަން ކަނޑަކީ ވިޔަފާރީގެ ދަތުރުތައް ކޮށްއުޅުނު ، ކާރޫބާރޫބޮޑު ސަރަޙައްދެކެވެ. ޣައްޒާގެ ތާރީޚަކީ ދިގު ތާރީޚެކެވެ. މިލިޔުމުގައި ގެނެސްދީފައި އެވަނީ ޣައްޒާގެ ދިގު ތާރީޚުގެ ވަރަށް ކުރު ޚުލާޞާ އެކެވެ.

ޣައްޒާއާ ބެހޭތާރީޚުން އެނގެންހުރި މަޢުލޫމާތު ، މީގެ 400 އަހަރުކުރިޔަށް ސޮއްސައިލައެވެ. ޣައްޒާއަކީ ، އެކިދަރިފަސްކޮޅުގެ އެކި ޤަބީލާގެ މީހުންނާއި ރަސްރަސްކަލުންނާއި ޚަލީފާއިން ވެރިކަންކޮށް ، އަދި ހަނގުރާމަކޮށް އޭގެފަހުން އަނެއްކާ އާބާދުކޮށް ހެދެމުންދިޔަ ، ބިމުގެ މުއްސަނދިކަން ލިބިގެންވާ ރީތި ސަހަރެކެވެ. ފަހުގެ ތާރީޚަށް ބަލާއިރު ، ޣައްޒާއަކީ ، މެދުއިރުމަތީގައި ، މުސްލިމުންގެ އެންމެ ގިނަ ލޭ ، އެބިމަކަށް އޮހޮރިގެންދިޔަ ބިމަކަށް ވާނެއެވެ.

މީގެ އެތައްހާސް އަހަރެއްގެކުރިން ، އެ ސަރަޙައްދުގައި ދިރިއުޅުނީ ޢަރަބި ޤަބީލާތަކެވެ. ކަނޑަށް ގަދަ ، އެއްގަމުގެ ބަދަވީންގެ ގޮތުގައެވެ. ހަމައެކަނި ޣައްޒާގައި އެކަންޏެއްނޫނެވެ. މިހާރުގެ މިޞްރާއި އުރުދުން އަދި ބޭރޫތާއި ސޫރިޔާވެސް އެ ސަރަޙައްދުގައި ހިމެނެއެވެ. އިޒްރޭލުން ގަދަކަމުން ފޭރިގަނެ ، ޢަރަބީންގެ އަތުން ހިފާފައިވާ ސަރަޙައްދުތަކާއި ، ފަލަސްތީނަށް ނިސްބަތްވާ ސަރަޙައްދުވެސް އެޒަމާނުގައި އޮތީ އެއްސަރަޙައްދެއްގެ ގޮތުގައި ޤަބީލާތަކެއްގެ ވެރިކަމުގެ ދަށުގައެވެ.

އިސްލާމީ ޙަޟާރަތު އެސަރަޙައްދަށް ފެތުރިގެންދިޔައީ ، އިސްލާމްދީނުގެ ކުރީކޮޅުގައެވެ. އަމްރު ބްނު ޢާސް ގެ ވެރިކަމުގެ ދަށުން ، އެކަލޭގެފާނުގެ ލަސްކަރު އެސަރަޙައްދު ހިފީ ހިޖުރީން 637 ގައެވެ. އެސަރަޙައްދުގެ އަހުލުވެރިން އިސްލާމްދީން ޤަބޫލުކުރީ ، އެދީނުގެ ކުރީކޮޅުގެ ތެރޭގައެވެ. މުސްލިމުންގެ އަތުން އެސަރަޙައްދު ހިފުމަށްޓަކައި ، ޔަހޫދީން އައީ ކެނޑީނޭޅި ހަނގުރާމަކުރަމުންނެވެ. މީލާދީން 1095 އިން ފެށިގެން 1291 ވަނައަހަރާ ހަމަޔަށް ޔަހޫދީން ހަނގުރާމަކުރަމުން އައީ މިހާރުގެ ޖެރޫސެލަމް ހިފުން އެބައިމީހުންގެ އަމާޒަކަށް ހަދައިގެންނެވެ. މީލާދީން 1100 ގައި ސައްޔިދުނާ ފާތުމަތުގެފާނުގެ ދަރިފަސްކޮޅުން އައި މުސްލިމުންގެ ގެ އަތުން ، ޔަހޫދީން އެސަރަޙައްދު ހިފިނަމަވެސް ، ޞަލާޙުއްދީން އައްޔޫބީވަނީ ، އެބައިމީހުންނާ ހަނގުރާމަކުރައްވައި ، އެބައިމީހުން އެތަނުން ފައްސައިލާފައެވެ.

ޢަރަބި އެކި ރަސްރަސްކަލުންނާއި ޢުސްމާނީ ދައުލަތްތަކުގެ އަތްމައްޗަށް ޣައްޒާ އައީ މީލާދީން 13 ވަނަ ޤަރުނުގެ ފަހުކޮޅުގެ ތެރޭގައެވެ. އެހިސާބުން ، ޣައްޒާއަކީ އެ ސަރަޙައްދުގެ ވެރިކަންކުރާ ސަހަރަށް ބަދަލުވެގެން ދިޔައެވެ. އުތުރުން މެޑިޓަރޭނިއަން ކަނޑާ ހިސާބުން ، ދެކުނުން ރެޑްސީއާ ހިސާބުންގޮސް  އިރުމަތިން މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިއަށް ފެތުރިފައި އޮތެވެ. އެއީ ،  މިހާރުގެ މިސްރުގެ ސައިނާއީ އަށް ނިސްބަތްވާ ބިމެވެ. އެއީ އޭޝިއާއާއި އެފްރިކާ ގުޅުވައިދޭ ފާލަމަކަށް ވެގެންދިޔައެވެ.

ޣައްޒާގެ ސަރަޙައްދުގެ އެންމެ ފާގަތި ދުވަސްތައްކަމަށް ބެލެވޭ ރަންޒަމާން ފެނިގެންދިޔައީ ، ޢުސްމާނީ ޚިލާފަތުގައި 16 ވަނަ ޤަރުނުގެ ތެރޭގައި އައި ، ރިޟުވާނީ ރަސްކަމުގެ ދުވަސްވަރުއެވެ.

ފުރަތަމަ ބޮޑުހަނގުރާމައިގެ ތެރޭގައި ޣައްޒާއަށް ބިންހެލުންތަކެއް ކުރިމަތިވިއެވެ. އެއީ 1903 އާއި  1914 އަދި 1917 ގައެވެ. އެއަށްފަހު ޣައްޒާ ދިޔައީ ، ރޫސީވެރިކަމާއި ، ފަރަންސޭސީންގެ ތިންވަނަ ޖުމްހޫރިއްޔާއާއި އިނގިރޭސިވިލާތާއި އަޔަލޭންޑް މެދުގައި ނުރަސްމީކޮށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުފެދިފައި އޮންނަ އިނގިރޭސީ ލަސްކަރުގެ އަތްމައްޗަށެވެ. އެއަށްފަހުވެސް ، ޣައްޒާގެ ސަރަޙައްދު އޮތީ މުސްލިމުންގެ އަތްމަތީގައެވެ. ފުރަތަމަ ބޮޑުހަނގުރާމަޔަށްފަހު ، ލީގް އޮފް ނޭޝަންސް ގެ ޒިންމާގެ ދަށުން ޝަރުތުކުރެވިގެން ހިނގަމުން އައި ފަލަސްތީނުގެ ވެރިކަމެއް ، 1920 އިން 1948 އަށް ޣައްޒާގައި ޤާއިމްވެފައި އޮތެވެ. އެދުވަސްވަރަކީވެސް ، އެސަރަޙައްދަށް ފާގަތިކަމާއި ތަނަވަސްކަން އިތުރުވެގެންދިޔަ ދުވަސްވަރެކެވެ.

ކުރިއެރުމާއި ތަމައްދުންގެ ތަހުޒީބަކުން މުއްސަނދިވަމުން އައި ޣައްޒާއަށް ހިޖުރަކުރަމުން އައި ފަލަސްތީނުމީހުންގެ ޢަދަދު އިތުރުވެ ، އާބާދީ ބޮޑުވެގެން ދިޔައެވެ. ގިނަބަޔަކު އެ ސަރަޙައްދަށް ޙިޖުރަކުރީ ، ޢަރަބީންނާއި ޔަހޫދީންނާ ދެމެދު  1948 ގައި ހިނގި ހަނގުރާމައިގެ ތެރޭގައެވެ. އޭރު އަދި އިޒްރޭލެއް ނުއުފެދެއެވެ. އެހެންނަމަވެސް ، ދައުލަތެއްގެ ގޮތުގައި ނޫންނަމަވެސް ، ފަލަސްތީނުގެ ވެރިކަމެއް އުފެދިފައި އޮތެވެ.

1948 ގައި ޢަރަބީންނާއި ޔަހޫދީންނާ ދެމެދު ހިނގި ހަނގުރާމައިގާ ، ޣައްޒާ ދިޔައީ ޢަރަބީންގެ ނުވަތަ މިޞްރުގެ ބާރުގެ ދަށަށެވެ. ހަމަ އެއަހަރު ، ދައުލަތެއްގެ ގޮތުގައި އިޒްރޭލު އުފެދުނެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ، ދައުލަތެއްގެ ގޮތުގައި އިޒްރޭލް އުފެއްދީ ، ފަލަސްތީނުގެ ބިމުގައި ދެ ދައުލަތެއް ހިނގާ ގޮތަށް ޝަރުތު ކޮށްފައެވެ. އެއީ ޔަހޫދީންނަށް ދައުލަތެއްގެ ގޮތުގައި އިޒްރޭލް އުފަނކޮށް އަދި މުސްލިމް ޢަރަބީންނަށް އުފައްދާ ފަލަސްތީނުގެ ދައުލަތެވެ. އޭރުއްސުރެ ، އިޒްރޭލް އުފެދި ބާރުގަދަވަމުން އެމެރިކާއާއި ހުޅަނގުގެ އެހީގައި ހިންދެމިލައިފިއެވެ. ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެދުނަކަ ނުދިނެވެ. ބަދަލުގައި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ގަދަކަމުން ނެރެ ބޭރުކޮށް ، ފަލަސްތީނުގެ ބިންތައް ފޭރިގަނެ ، ދުނިޔޭޣެ އެތަން މިތަނުން ޔަހޫދީންގެނެސް އެބިންތަކުގައި ވަޒަންވެރި ކުރުވައި ، އިޒްރޭލުގެ ބިމުގެ ސަރަޙައްދު ބޮޑުކުރަމުން ، ފަލަސްތީނުގެ ބިން ފޭރެމުން ގެންދިޔައެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުގަދަ ނުފޫޒުގައި ހިނގައިދާ އެކަންކަމަށް ، ޢަރަބީންނަށްވެސް އަދި އަ އަށާއި ދުނިޔެއަށްވެސް ކުރެވުނު ، ހަމަ އެއްކަމެއްވެސް ނެތެވެ.  1967 ގެ ޢަރަބި އިޒްރޭލް ހަނގުރާމަޔާ ހަމަޔަށް ޣައްޒާ އޮތީ މިޞްރުގެ ބާރުގެ ދަށުގައެވެ.

އިޒރޭލުގެ ބާރުގެ ދަށަށް ޣައްޒާ ދިޔައީ 1967 ގެ ޢަރަބި އިޒްރޭލު ހަނގުރާމައިގައެވެ. މި ހަނގުރާމަ ހަ ދުވަހަށް ދެމިގެން ދިޔައެވެ. ޣައްޒާއަކީ ، ފަލަސްތީނުގެ މިނިވަން ޙަރަކާތްތަކުގެ ނާރެހަކަށްވީ ފަލަސްތީނުގެ ފުރަތަމަ އިނތިފާދާގައެވެ. އަދި 1993 ގެ އޮސްލޯ މުޢާހަދާގައި ފަލަސްތީނުގެ މިނިވަން ޙަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދިޔައެވެ. ފަލަސްތީނު އޮތޯރިޓީގެ ނަމުގައި ވެރިކަމެއް އުފައްދާނެ ފުރުޞަތުލިބި ، އަމިއްލަ ސިޔާސީ މިނިވަންކަމެއްގެ ރޫޙު ޣައްޒާގައި އުފެދިގެން ދިޔައެވެ. ޣައްޒާއިން އިޒްރޭލު މީހުން ފޭބީ 2005 ގައެވެ. ޙަމާސްއަކީ ފަލަސްތީނުގެ ނުފޫޒުގަދަ ޖަމާޢަތަކަށް ވެގެންދިޔައީ 2007 ގައެވެ.

އިޒްރޭލުން ، އަލުން ޣައްޒާއަށް ވެރިވެގަތީ ، 2008 ގައެވެ. 2008 އިން 2009 އަށް އަދި 2012 އާއި 2014 ގައި ޣައްޒާއިން އިޒްރޭލަށް ރޮކެޓް ޙަމަލާދީފައި ވެއެވެ. މި ޙަމަލާތަކާ ގުޅިގެން ޣައްޒާގެ ބިންތަކަށް އިޒްރޭލުން ވެރިވެގަނެ ، ޣައްޒާގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ.

އިޒްރޭލެކޭ އެއްގޮތަށް ، އަމިއްލަ މިނިވަން ދައުލަތެއް އުފެއްދުމަށް ، ފަލަސްތީނުގެ ރައްޔިތުންނަށް 1948 ގައި ލިބުނު ޙައްޤު އަދިވެސް އެބައިމީހުންނަކަށް ނުލިބެއެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ ރައްޔިތުން ، އެބައިމީހުންގެ އަމިއްލަ ބިމުން ގަދަކަމުން ނެރެ ، އެބިންތައް އާބާދުކޮށް ޔަހޫދީން ވަޒަންކުރަމުން ގެންދިޔައީއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގެ އަޞްލަކީވެސް އަދި ، ހަމާސްއަށް އިޒްރޭލަށް ޙަމަލާދޭން މަޖުބޫރުވި ސަބަބަކީވެސް އެއީއެވެ. އިޒްރޭލަށް ޙައްޤުތަކެއް ކަށަވަރު ކޮށްދީ ، ފަލަސްތީނުގެ ރައްޔިތުންނަށް އެބައިމީހުންގެ ޙައްޤުތައް ހޯދައި ނުދެވުމެވެ. މިހުރިހާ ކަމެއްގައި އިޒްރޭލަށް އެހީވެ ވާގިވެރިވެ ، ހަތިޔާރުދެނީ އެމެރިކާއާއި އިނގިރޭސީންނާ އަދި ހުޅަނގުގެ ޤައުމުތަކުންނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.