ޗެމްޕިއަންސްލީގުގެ ދެވަނަބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އާއި ޓޮޓެންހަމް ހޮޓްސްޕާސް 2-2 އިން އެއްވަރުވިއިރު އެފްސީ ބަސެލް އަތުން 0-4 އިން މޮޅުވެ މެންޗެސްޓާ ސިޓީ ވަނީ ކުއާޓާފައިނަލާ ގާތަށް ޖެހިލާފައެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ދެވަނަ މިނެޓުގައި އެޓީމަށް ލީޑްނަގައިދިނީ މިރަލެމް ޕިޔަނިޗް ގެ ހިލޭޖެހުމަކުން ގޮންޒާލޯ ހިގުއައިން އެވެ. އޭގެ ހަތް މިނެޓުފަހުން ޔުވެންޓަސްގެ ލީޑްފުޅާކޮށްދިނީވެސް ހިގުއައިން އެވެ. މިއީ ޔުވެންޓަސްގެ ފެޑަރީކޯ ބާނަޑަސްކީ އަށް ޓޮޓެންހަމްގެ ބެން ޑޭވިސް ޕެނަލްޓީ އޭރިޔާތެރޭގައިކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.
ޔުވެންޓަސް އިން ކާމިޔާބުކުރި ދެލަނޑަށްފަހު ޓޮޓެންހަމްގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަމުންދިޔައެވެ. އޭގެ ނަތީޖާއެއްގެގޮތުން 35 މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޑެލެ އަލީ ދިން ބޯޅައަކުން ހެރީ ކޭން އެވެ.
ފުރަތަމަހާފުގެ އިތުރުވަގުތުގައި ޔުވެންޓަސް އަށް ލީޑް ފުޅާ ކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައިވެއެވެ. ޓޮޓެންހަމްގެ ޑިފެންޑަރަކު ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ، ހިގުއައިން ފޮނުވާލުމުން ދިޔައީ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ. ފުރަތަމަހާފު ނިމުނީ 1-2 އިން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.
ދެވަނަހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު 71 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ފުރަތަމަހާފުގައިވެސް މޮޅުކުޅުމެއް ދެއްކި ކްރިސްޓިއަން އެރިކްސަން އެވެ.
ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާގެ ޓީމުގެ ފެށުން އެހާ ރަނގަޅު ނޫންކަމަށާއި މެޗުގެ ކުރީކޮޅު ބައިކޮޅަށް ދެލަނޑު ވަނުމުން އުނދަގޫތައް ކުރިމަތިވީކަމަށެވެ.
"މިއީ ވަރަށް ރީތި ކުޅުމެއް ފެނިގެންދިޔަ މެޗެއް. އެހެނަސް އަހަރެމެންނަށް ފެށުނީ އެހާ ރަނގަޅަކަށްނޫން، މެޗުގެ ކުރީކޮޅު ބައިކޮޅަށް ދެލަނޑު ވަނުމުން އުނދަގޫތައް ދިމާވިނަމަވެސް ރަނގަޅު ކުޅުމެއް ދައްކައި ޔުވެންޓަސްގެ ދަނޑުގައި ފަހަތުންއަރައި ދެލަނޑުޖަހައި އެއްވަރުކުރުމަކީ ފަސޭހަކަމެއް ނޫން. އެދެއްކި ކުޅުމަށް ކުޅުންތެރިންނަށް މަރުހަބާ ކިޔަން." ޕޮޗެޓީނޯ ބުންޏެވެ.
ޔުވެންޓަސްގެ ކޯޗް މަސިމޯ އަލެގްރީ ބުނީ ލަންޑަންގައި އޮތް ދެވަނަލެގަކީ ފައިނަލެއް ކަމަށް އޭނާގެ ޓީމު ދެކޭކަމަށާއި އެކަމަށް ތައްޔާރަށް އޮތް ކަމަށެވެ.
"އަހަރެމެން މިތިބީ ލަންޑަނުގައި ކުޅޭ ދެވަނަ ލެގަކީ ފައިނަލެއްކަމަށް ދެކިގެން އެކަމަށް ތައްޔާރުވެގެން. އަހަރެމެން މިމެޗު ފެށީ ވަރަށް ރަނގަޅަށް އެހެނަސް ޓޮޓެންހަމް އެހާ ރަނގަޅަށް ކުޅެމުންދިއުމުގެ ސަބަބުން އަހަރެމެންނަށް ބޯޅަ ހިފެހެއްޓުމުގައި އުނދަގޫތައް ދިމާވި. ދެވަނަހާފުގައި އަހަރެމެން އެމީހުންނަށް އެހާ ގިނަ ފުރުޞަތުތަކެއް ނުދެން، އެކަމަކު އެމީހުންނަށް ލިބުނު ހަމައެކަނި ފުރުޞަތުގައި ލަނޑު ކާމިޔާބުކުރީ. ދެލަނޑުގެ ލީޑެއްނެގުމަށްފަހުވެސް ޓޮޓެންހަމް އިން އަހަރެމެންނަށް މަޖުބޫރުކުރުވީ ޑިފެންސްކުރަން." މެޗަށްފަހު ވާހަކަ ދައްކަމުން އަލެގްރީ ބުންޏެވެ.
ޖަރުމަނު މިޑްފީލްޑަރު އިލްކާއި ގުންޑޮގަން އާއި ބާނަޑޯ ސިލްވާގެ އިތުރުން ސާޖިއޯ އަގުއެރޯގެ ލަނޑުތަކުން މެންޗެސްޓާ ސިޓީ ވަނީ އެފްސީ ބަސެލް 0-4 އިން ބަލިކޮށް ކުއާޓާފައިނަލާއި ގާތަށް ޖެހިލާފައެވެ.
ބަސެލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ 30 މިނެޓުތެރޭގައި ސިޓީއިން ވަނީ ތިންލަނޑުގެ ލީޑެއް ނަގާފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ގުންޑޮގަން ކާމިޔާބުކޮށްދީފައިވަނިކޮށް 18 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖަހައިދިނީ ބާނަޑޯ ސިލްވާ އެވެ. އޭގެ ފަސްމިނެޓުފަހުން ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަގުއޭރޯ އެވެ. މިމެޗުގައި ސިޓީއިން ޖެހި ފަހު ލަނޑު 53 ވަނަ މިނެޓުގައި ޖަހައިދިނީ ގުންޑޮގަން އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމަށް ކުއާޓާފައިނަލްގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުވެފައިވާކަމަށާއި މިއީ ވަރަށް ރަނގަޅު ނަތީޖާ އެއްކަމަށެވެ.