އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް ދެންވެސް އައިސްފި ކަމަށްވާނަމަ ރާއްޖޭގައި އިސްލާމްދީން ހިމާޔަތްވާނެ އެއްވެސް ގޮތެއް ނެތްކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރާ އަދާލަތު ޕާޓީއަކީ އެޕާޓީ އުފެއްދި މަގުސަދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމަށެވެ. އެޕާޓީ މިހާރު މަސައްކަތް ކުރަމުންދަނީ އަމިއްލަ އެދުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީއާއެކު އަދާލަތު މިހާރު މަސައްކަތް ކުރާއިރު އެޕާޓީއަކީ އިސްލާމްދީން ނޫން ދީންތައް ރާއްޖޭގައި ފަތުރައި، ލާދިނީ ފިކުރުތަކެއް ޕްރޮމޯޓު ކުރާ ޕާޓީއެއް ކަމަށެވެ. އެހެންވެ އެފަދަ ޕާޓީއަކާ އަދާލަތު ގުޅިގެން މަސައްކަތް ކުރަނީ ކީއްވެތޯ މިނިސްޓަރ ސުވާލު ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އަދާލަތު ޕާޓީއަކީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި އެ ދީން ލާދީނީ ފިކުރުތަކުން ހިމާޔަތް ކުރުމުގެ ބޭނުމުގައި އުފެއްދި ޕާޓީއެއް ކަމަށެވެ.
އެހެންނަމަވެސް އެޕާޓީ އުފެއްދި މަގުސަދާ ޚިލާފަށް ޕާޓީ ހިންގަން ފެށުމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު މީހުން މިހާރުވަނީ ރައީސް ޔާމީން އަރިހަށް ވަޑައިގެންފައި ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.