
ފުލުހުންނާއި އެލްޖީއޭ މެދުވެރިކޮށް އިދިކޮޅު ފަރާތްތައް އެކަހެރިކޮށްފައިނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ދިއްދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ހުއްޓުވިޔަދީގެން ނުވާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ދިއްދޫ މަގުހެދުމުގެ މަޝްރޫއު ހުއްޓުވުމަކަށް ގެނެސް ރައްޔިތުންގެ ތަރައްގީއަށް ހުރަސް އަޅައިގެން ތިބެން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއި ފުލުހުންގެ އެހީތެރިކަމާއެކު އިދުކޮޅު ފަރާތްތައް ހުއްޓުވައިގެންވެސް ތަރައްގީ ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
"ހއ. ދިއްދޫގެ މަގުހެދުމުގެ މަޝްރޫއު ހުއްޓުމަކަށް ގެނެސް ރައްޔިތުންގެ ތަރައްގީއަށް ހުރަސް އަޅައިގެން ތިބުމުގެ ފުރުސަތު ނުދީ. އެލްޖީއޭ އާއި ޕޮލިސް ގެ އެހީތެރިކަމާއެކު އިދިކޮޅު ފަރާތްތައް އެކަހެރި ކޮށްފައިނަމަވެސް ތަރައްގީ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރގެ މި ޓްވީޓުން ދޭހަވީ ދިއްދޫ ގައުންސިލުން އެކަމަށް ހުރަސް އަޅަމުންދާ ކަމެވެ. ދިއްދޫ ކައުންސިލްގެ 4 މެންބަރަކު މިހާރުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ދިއްދޫ ކައުންސިލަށް ގުޅުމުން ކައުންސިލުން ވިދާޅުވީ މަގުހެދުމުގެ މަޝްރޫއު މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެއްވެސް މައްސަލައެއް އުޅޭކަމެއްވެސް އަދި ނޫންކަމެއްވެސް ސާފެއް ނުވިއެވެ. ކައުންސިލުން ވިދާޅުވީ އެކަމާ ގުޅިގެން މިވަގުތު އެއްޗެއް ދެންނެވެން ނެތްކަމަށެވެ.