ޓްރާންސިޝަނަލް ކޮމިޓީގެ އިސް މެމްބަރަކަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވައިފިއެވެ.
މިއީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ކޮމެޓީއެކެވެ.
ގާނޫނުގައިވާ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލްގެ މަސައްކަތް ކުރުމަށް ގާނޫނުގައިވާ ގޮތުގެ މަތިން ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހޭއިރު، އޭގެ ތެރޭގައި އިންތިޚާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ޚަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން ވެސް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އެކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.