
އިންޑިޔާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ޕްރޮގްރެސިވް ކޯލިޝަނުން ތައްޔާރުވަމުން އަންނަކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
މިކަން ހާމަކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ހަމައެކަނި ވިދާޅުވެފައިވަނީ އަވަށްޓެރި އިންޑިޔާގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށެވެ.
އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
މި ހަރަކާތަކީ ވެސް އެ ކޯލިޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތާއި ވަކިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މި ހަރަކާތާއިގުޅޭ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅު މުޒާހަރާ ފެށިޔަސް އިންޑިއާ އައުޓް ކެމްޕެއިން ކުރިޔަށް ދާނެ ކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ ފެށި ހަރަކާތެކެވެ.