ނޫސްވެރިން

ނޫސްވެރިންނަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ، އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ، ނޫސްވެރިކަމަކީ ކޮބައިކަން ދަސްކުރުމެވެ. ނޫސްވެރިކަމުގެ އަސާސްތަކާއި ވާޖިބު ، އަދި ޒިންމާއަކީ ކޮބައިކަން ވަކިކޮށް ދެނެގަތުމެވެ. ކަރުދާސްގަނޑަކާއި ގަލަމެއް ނުވަތަ މައިކެއް އަތަށްއަރާ ކޮންމެ މީހަކީ ނޫސްވެރިޔަކަށް ނުވާނެއެވެ. ނޫސްވެރިކަން ކުރާނެގޮތާއި ނޫސްވެރިކަމުގެ ބޭނުމަކީ ކޮބައިކަން ނޭނގިތިބެ ، ކަރުދާހުގައި ގަލަމުން ކުރަހާ ، މައިކުގައި އަނގަ ޖައްސައިގެންތިބެ އެކުރާ ކަންކަމަކީ ، ނޫސްވެރިކަމެއްނޫނެވެ. އެއީ ޤައުމު ފަސާދަކުރުމެވެ.

ނޫސްވެރިކަމަކީ ، ޤައުމުގެ ހަތަރުވަނަ ބާރުކަމަށް ބުނެ ، އަޑުއުފުލާ ބަޔަކު ރާއްޖޭގައިވެސް އެބަ އުޅެއެވެ.  ތައްމިނަށް ހުޅުވާލެވިފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ، ބާރެއްގެ ގޮތުގައި ނަހަމަގޮތުގައި ބޭނުންކުރާ އެތައްބަޔަކު ރާއްޖޭގައި އެބަ އުޅެއެވެ. އަދި ލިބިފައިވާ ބާރުގެ ހަމަތަކާ އެއްގޮތަށް ، މުޖުތަމަޢަށް ފައިދާހުރިގޮތުގައި އެބާރުގެ ބޭނުންކުރާ ބަޔަކުވެސް އެބަ އުޅެއެވެ.

ދިވެހިރާއްޖޭގައި ، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދީފައިވަނީ ޤާނޫނުއަސާސީގެ 27 ، 28 އަދި 29 ވަނަ މާއްދާގައެވެ. މިމާއްދާތަކުން ، ކޮންމެ މީހަކަށްމެ ލިބިދީފައިވާ ޙައްޤުތަކުގެ ތެރޭގައި ، މިނިވަންކަމާއެކު ފިކުރުކުރުން ހިމެނެއެވެ. އެ ފިކުރަކީ ، ތާއަބަދު އިދިކޮޅު ފިކުރަކަށް ވެއްޖެނަމަ ، އަދި އިދިކޮޅުނޫން އެހެން ފިކުރެއް އެއްވެސް ވަރަކަށް ސިކުނޑިޔަށް ނާންނަނަމަ ، އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެކެވެ. ޤާނޫނު އަސާސީ ހުއްދަކުރަނީ ، ވަކިކޮޅަކަށް ބުރަވެހުރެ ފިކުރުކުރާކަށްނޫނެވެ. ތިމާއާއި ތިމާގެ ޤައުމާ އަދި ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ފިކުރު ކުރުމަށެވެ. ހަލާކުގެ މަގަށް ގެންދާ ފިކުރު ހިންގުމަކަށްނޫނެވެ.

ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ބާރުއަޅަނީ ، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާގޮތެއްގެ މަތިން ، ޚިޔާލުފާޅު ކުރުމަށެވެ. މުޖުތަމަޢުގެ އަސާސްތަކާއި ހަމަތައް މުގުރާލައި ، ޢާންމު ޤަވާޢިދުތަކާއި އުޞޫލުތައް ބޮލާޖަހާފައި ، ފެންނަ ކޮންމެ ގޮތަކަށް ދުލާއި ޤަލަމުގެ މިނިވަންކަން ބޭނުންކުރަން ޤާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ.

ޤާނޫނުއަސާސީގެ 27 ، 28 އަދި 29 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތައްވެސް ހިމެނޭގޮތަށް ، އެ ޙައްޤުތައް އަދާކުރުމަށް ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވެސް ޤާނޫނު އަސާސީގައި ކަނޑައެޅިފައި އެބައޮތެވެ. އެއީ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތަކެކެވެ. އެ ޙައްޤުތައް ބޭނުންކުރަންވާނީ ، އަނެކުންގެ ޙައްޤުތަކާއި މިނިވަންކަމަށް ރައްކާތެރިވެ ، އެޙައްޤުތަކާއި މިނިވަންކަމަށް އިޙްތިރާމްކޮށްގެންކަން ، 67 ވަނަ މާއްދާގައި ބަޔާންކޮށްފައި އެބައޮތެވެ. އެންމެހައި މީސްތަކުންގެ މެދުގައްޔާއި ، ޖަމާޢަތްތަކުގެ މެދުގައި އެކުވެރިކަމާއި ، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ ރޫޙު އާލާކުރުމަށް ޤާނޫނުއަސާސީ ބާރުއަޅައެވެ. ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤެއް ބޭނުންކުރަންވާނީ ، މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ތަރައްޤީއަށް މަސައްކަތްކުރުމަށް ކަމުގައި ބާރުއަޅައެވެ.  ރައްޔިތުންގެ އެއްބައެއްވަންތަކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަން އިސްކުރުމަށް ބާރު އަޅައެވެ. އޭގެ މާނަޔަކީ ، ނޫސްވެރިންނަކީވެސް ހަމައެއްލަމައެއްނެތި ، ހިތަށް އެރިހާއެއްޗެއް ލިޔެ ، ބުއްދިއަށް ފެންނަހާ ކަމެއް ފާޅުކޮށް ، ހިތަށް އެރިހާގޮތަކަށް އުޅެވޭނެބައެއް ނޫންކަމެވެ.

ޤައުމުގެ ތިންބާރު ހިންގުމަށް ޤާނޫނުތަކާއި ޤަވާޢިދުތައް ހުރީ ހެދިފައެވެ. ފެހިޤާނޫނުއަސާސީގެ ދަށުން ހަދަންޖެހޭ އެތައް ޤާނޫނުތަކެއް ނުހެދި އެބަހުއްޓެވެ.  އެހެންނަމަވެސް ، ހަތަރުވަނަ ބާރުކަމަށް ބުނާ ނޫސްވެރިކަމާބެހޭ ޤާނޫނެއް ހެދިފައެއް ނުވެއެވެ. ނޫސްވެރިން ޙިމާޔަތްކުރުމާއި ، އަދަބުދިނުމުގައި ޢަމަލު ކުރެވެނީ ، ހެދިފައިހުރި އެހެން ޤާނޫނުތަކަށެވެ. މިހާރު ފެންނަމުން މިދަނީ އޭގެ ހިތި ނަތީޖާއެވެ.

ރާއްޖޭގެ ނޫސްވެރިކަން މިހާރު މިއޮތީ ހަމައެއްލަމައެއްނެތި ، އެމީހަކު ބޭނުންގޮތަކަށް އުޅެން ދޫކޮށްލެވިފައެވެ. ކޮންމެ ގޮތަކަށް އުޅުނަސް ، ކޮންމެ އެއްޗެކޭ ކިޔަސް ވަރިހަމައެވެ. ދައުލަތުގެ ތިންބާރަށް ފާޑުކިޔަމުންގޮސް ، ޤާނޫނުއަސާސީން ދީފައިވާ މިނިވަންކަމުން ނޫސްވެރިން ބޭރުވިޔަސް ، ކުރެވޭކަމެއް ނެތެވެ. އެއްކޮޅު ނޫސްވެރިންނާއި ދެކޮޅު ނޫސްވެރިން އުފެދި ، ނޫސްވެރިންގެ ޢާއިލާވެސް ވަނީ ރޫޅިފައެވެ. ނޫސްވެރިންގެ މެދުގައި އޮންނަންޖެހޭ އެއްބައެއްވަންތަކަންވަނީ ގެއްލިފައެވެ. ނޫސްވެރިންނަކީ ، ފަރުދީ ޒިންމާއާއި ވަޒީފާގެ ވާޖިބު އަދާކޮށްގެން ، ޤައުމު ސަލާމަތްކުރަން ތިބި ބަޔެކެވެ. ޤައުމު އަމާންކުރަންތިބި ބަޔެކެވެ. މުޖުތަމަޢު ހޭލުންތެރިކުރުވައި ރައްކާތެރިކުރުވަން ތިބޭ ބަޔެކެވެ. އެކަން ކުރެވޭނެގޮތެއް ، ޤާނޫނުއަސާސީގެ ދަށުން ހަދަންޖެހޭ ޤާނޫނުތަކުން ދެއްކިފައެއް ނެތެވެ. އެމީހުން ޢަމަލުކުރަންވީ ޤާނޫނުތަކާއި ޤަވާޢިދުތައް ފުރިހަމަ ކުރެވިފައެއް ނެތެވެ. ބްރޯޑްކާސްޓިންގ ކަމިޝަނަކާއި މީޑިއާ ކައުންސިލެއް އުފައްދާފައި އެބަ އޮތެވެ. އެއީ މަސްއޫލިއްޔަތަށް ޒިންމާވާފަދަ ގޮތަކަށް ހިނގަމުންދާ ތަންތަންނަމަ ، ދިވެހިނޫސްވެރިން މިއަދު އުޅެންޖެހިފައިވާ ޙާލަކަށް ، އެ ފަންނެއް ނުވެއްޓޭނެއެވެ.

ދިވެހި ފަސްގަނޑަށް ، ނޫސްވެރިކަމުގެ ފޮނިމީރުކަން ގެނެސްދިނުމަށްޓަކައި ކުރަންޖެހޭ އެތައްކަމަކަށް ވަނީ އިހުމާލުވެވިފައެވެ. މިފަދަ މާޙައުލެއްގައި ، ނޫސްވެރިންކުރަމުންދާ މަސައްކަތްތަކުގައި ، މަގުއޮޅި ވާވަދެގެން ދިއުމުން އެބައިމީހުން ސަލާމަތްކޮށްދޭނެ ޤާނޫނީ ބެލެނިވެރިއެއްނެތެވެ. އެބައިމީހުން އެވަނީ މަގުމައްޗަށް ދޫކޮށްލެވިފައެވެ.

ދިވެހިނޫސްވެރިންނާ އަޅާލާނެ ބަޔަކު ތިބިނަމަ ، ދިވެހި މުޖުތަމަޢުން ނޫސްވެރިކަމުގެ ފޮނިމީރުކަން ލިބުނީހެވެ. ފެހިޤާނޫނު އަސާސީ ވުޖޫދުވީތާ އެތައް އަހަރެއް ވެއްޖެއެވެ. ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ މިނިވަންކަމާއި ޙައްޤުތައް ، މުޖުތަމަޢަށް ފައިދާހުރިގޮތުގައި ބޭނުންކުރާނެ ގޮތް ނޫސްވެރިންނަށް ދަސްކޮށްދީ އަހުލުވެރި ކުރެވިފައެއް ނެތެވެ. މިފަދަ ޙާލެއްގައި ނޫސްވެރިކަން އޮތްއިރު ، ބައެއް ޓީވީތަކުން އަވަގުރާނަކިޔައި ، ހެއްދެވި ނުހެއްދެވިޔަށް ގޮވިޔަސް ، ހުއްދަ ނުހޯދާ ރަށަކަށް އެރިޔަސް ، އަދި އުޅޭނެ ނޫޅޭނެގޮތެއް ނޭނގި ދަސްނުވެ ، ގަލަމުން ކަރުދާހުގައި ކުރަހައި މަގުމައްޗަށް އެޅިޔަސް ، އެކަންކުރާ ބަޔަކު ކުށްވެރި ކުރެވިދާނެ ހަމައެއް ނުފެނެއެވެ. ބަންގިގޮވަން މިސްކިތަށް އަރުވާމީހާ މިސްކިތައް އަރުވަނީ ، އެކަން ކުރަން ދަސްކޮށްދީފައެވެ. އެކަން ދަސްކޮށްނުދީ މިސްކިތަށް މީހަކު އަރުވައިފިނަމަ ، ބަންގީގެ ބަދަލުގައި އެމީހަކު ގޮވާނީ ގޮވާނެ އެއްޗެކެވެ. ނޫސްވެރިކަން ކުރެވޭނީވެސް ، އެކަން ކުރަން ބޭނުންވާމީހުންނަށް އެކަން ދަސްކޮށްދީގެންނެވެ. އެކަންކުރަންއުޅޭ ބަޔަކު ނުފެނެއެވެ. އެކަން ނުކޮށްތިބެ ، ނޫސްވެރިންނަށް ކުރެވޭ " މޮޔަ " ކަންކަމުގެ އިލްޒާމު އެޅުވުން އެއީ ހަމައެއްނޫނެވެ.

ނުކޮށް އަޅާނުލައި ދޫކޮށްލާފައި އޮތް ނޫސްވެރިކަމުގެ ފަންނާއި އެދާއިރާއަށް ހެޔޮ ދިރުމެއް އަންނާނީ ، އެދާއިރާގައި އުޅޭބަޔަކު އެކުރެޑިޓް ކުރެވޭ އުޞޫލުތަކާއި ، ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް އުފެއްދިގެންނެވެ. ޢިލްމީ ޤާބިލް ނޫސްވެރިން ބިނާކުރެވިގެންނެވެ. އެޑިޓަރުންގެ ޒިންމާއާއި މަސްއޫލިއްޔަތަށް އެމީހުން ޖަވާބުދާރީ ކުރުވިގެންނެވެ.

ގަލަމެއް އަތަށްއަރާ ކޮންމެ މީހަކީ ނޫސްވެރިއެއްނޫނެވެ. އެކަން އެހެންވާނަމަ ، އެއީ މޮޔައެއްގެ އަތަށް ކަނޑިއެއްދިނުންފަދަ ކަމެކެވެ. ނޫސްވެރިކަމުގެ ރޫޙުގައި ތެދުވާމީހުންނަށްވެސް ޤާނޫނީ ޙިމާޔަތް ލިބެންޖެހެއެވެ. އެއީ ކޮން އެއްޗެއްކަން ދަސްކޮށްދީ އެކަމަށް ، އެމީހުން އަހުލުވެރި ކުރުވަން އެބަ ޖެހެއެވެ. ޒިންމާދާރު އަދި މަސްއޫލިއްޔަތު އުފުއްލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވެން އެބަޖެހެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން އެތަންތަނަށް ކުރެވޭ ޚަރަދުގެ ލާބައާއި މަންފާ ، ޖަމާޢަތަށް ފޯރުކުރެވެން އެބަޖެހެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.