ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކޮށްދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ށ. ފޭދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ބޭނުންވަނީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރަން ކަމަށެވެ. އަދި 2 ވަނަ ބުރަކަށް ގޮސްފިނަމަ މަދުވެގެން 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ ދެވަނަ ބުރުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، ދެވަނަ ބުރަށް ހަރަދު ކުރަން ހުރި ފައިސާ ފޭދޫގެ ނުވަތަ އެހެން ރަށެއްގެ ރައްޔިތުން ބޭނުންވާ އެތައް ކަމެއް ކުރެވޭނެ ކަމަށެވެ.
ފޭދޫގެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ވެރިކަން ލިބިއްޖެނަމަ އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެގޮތުން ރަށްގިރުން ހައްލުކުރުމާއި ސްކޫލަށް ބޭނުންވާ ކްލާސްރޫމްތައް އިތުރުކޮށް ސްކޫލު އިތުރަށް ތަރައްގީ ކުރުމާއި ޔޫތު ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ބޮޑެތި މަގުތައް ހަދާ، ކުނި މެނޭޖުކުރުމާއި އައުޓް ޑޯ އަދި އިންޑޯ ކުޅިވަރުތައް ކުޅެން ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅު ކުރުމާއި ފޭދޫގެ ތަރައްގީއަށް ބޭނުންވާ އެހެނިހެން ކަންކަން ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭނީ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ 50 ޕަސެންޓު މީހުންނަށް ވުރެ އިތުރަށް އެއް ވޯޓު ލިބިއްޖެނަމައެވެ.