އިނގިރޭސި ޕްރިމިއަރލީގުގައި ރޭ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން 0-1 އިން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑަށް ހާސްކަމާއި ކުރިމަތިލާންޖެހުނުއިރު ފުރަތަމަހާފުގައި މުހައްމަދު ސަލާހު އާއި ރޮބާޓޯ ފިރްމީނޯ ކާމިޔާބުކޮށްދިން ލަނޑުތަކުން ސައުތުހެމްޕްޓަން ބަލިކޮށް ލިވަޕޫލް ވަނީ ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ދެޕޮއިންޓަށް ކައިރިކޮށް ތިންވަނައަށް ޖެހިލައިފިއެވެ.
ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކޮށް މެންޗެސްޓަރ ޔުނައިޓެޑް 0-1 އިން ބަލިވިއިރު މިމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ 65 ވަނަ މިނެޓުގައި މެޓް ރިޗީ އެވެ. މިއީ ޔުނައިޓެޑްގެ ޑިފެންޑަރެއްކަމަށްވާ ސްމޯލިން ކުރި ޑައިވްއަކަށް ރެފްރީ ދިން ހިލޭޖެހުމަކުން ތަނަވަސްކުރި ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ.
މުޅި މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފައްދައި ނިއުކާސަލްގެ ގޯލަށް ނުރައްކާކޮށްފާއިވާއިރު އޭގެ ހުރަހަކަށްވީ ލޯން އެއްބަސްވުމެއްގެ ދަށުން ނިއުކާސަލް އާއި ގުޅުނު ސްލޮވޭކިޔާގެ ކީޕަރ މާޓިމް ޑުބްރާވްކާ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން މޮރީނިއޯ ބުނީ މިއަދު ޔުނައިޓެޑް 10 ގަޑިއިރުވަންދެން ކުޅުނު ކަމުގައިވިޔަސް ލަނޑެއް ނުޖެހުނީސް ކަމަށެވެ.
ލިވަޕޫލް ވަނީ ރޭ ރަށުންބޭރުގައި ސައުތުހެމްޕްޓަން 0-2 އިން ބަލިކޮށް ޔުނައިޓެޑާއި ދެމެދު އޮތް ފަރަގު ދެޕޮއިންޓަށް ކުޑަކޮށްފައެވެ. ރޭގެ މެޗުގެ ވަރަށް ކުރީކޮޅު އެޓީމަށް ލީޑްނަގައިދިނީ ސަލާހު ދިން ބޯޅައަކުން ފިރްމީނޯ އެވެ. މި ލަނޑަށްފަހު ސައުތުހެމްޕްޓަންގެ ކުޅުން ރަނގަޅުކޮށް ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެއެވެ. އެހެންނަމަވެސް މިހުރިހާ ބޯޅައެއް ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް ވަނީ ދިފާއުކޮށްފައެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 42 ވަނަ މިނެޓުގައި ފިރްމީނޯ ދިން ވަރަށް ރީތި ޕާހަކުން ސަލާހު އެވެ. މިއީ އޭނާ ލީގުގައި ޖަހައިދިން 22 ވަނަ ލަނޑެވެ.
މިމެޗުގެ ދެވަނަހާފުގައި ލިވަޕޫލް އަށް ލީޑް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު ސައުތުހެމްޕްޓަންގެ ފަރާތުން މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ.
މިމެޗުން ބަލިވި ސައުތުހެމްޕްޓަން މިވަގުތު އޮތީ ތާވަލްގެ 18 ވަނައިގައެވެ. އެއީ ކުޅުނު 27 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.