18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ އިބްރާހިމް ފަލާހު އަނެއްކާ ވެސް ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ.
އޭނާ އެ ޕާޓީއަށް ސޮއި ކުރެއްވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މައި ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ފަލާހު، ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ވަނީ ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުންނާއި ޕީޕީއެމްގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.
"އެންމެ ފުރަތަމަވެސް ރައީސް ޔާމީންގެ އަރިހުން މާފަށް އެދެން. އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށިގެން އައީ ރައީސް ޔާމިންގެ އަރިއަހުން. ޕީޕީއެމްއާއި ދުރަށް ދާން ޖެހުނީތީ ރައީސް ޔާމިންގެ އަރިހުންނާ ޕީޕީއެމްގެ ސަޕޯޓަރުންގެ އަރިހުން ވެސް އަޅުގަނޑު މިރޭ ވަރަށްބޮޑަށް މާފަށް އެދެން." ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ވަގުތާއި ހާލަތުގެ ގޮތުން ކުޑަ ދުވަސްކޮޅަކަށް ޕީޕީއެމްއާ ދުރަށް ދިޔަ ނަމަވެސް އޭނާއަކީ އޭރުވެސ މިހާރުވެސް ރައީސް ޔާމިންއާއި މެޑަމް ފާތުންގެ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެ ގާތްކަން މިހާރުވެސް އެބައިތް ކަމަށެވެ.
ޕީޕީއެމްއާއި ދުރުގުގައި ހުންނެވިއިރުވެސް، އެހެން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ވެފައި ނުވާކަން ވެސް ފަލާހު ވަނީ ފާހަގަކުރައްވާފައެވެ.
ފަލާހު ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ އެކަމަށް ވެސް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިޚާބުވެވަޑައިގަތުމަށްފަހު ތަންފީޒު ކުރައްވާނީ ރައީސް ޔާމިންގެ ތަރައްގީގެ ސިޔާސަތު ކަމަށް ވެސް ވިދާޅުވިއެވެ.