ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ޕީއެންސީ ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިހާބު ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ކާމިޔާބު ކުރައްވާފައިވަނީ މިއަދު ބޭއްވި އިބްތިހާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ވާދަކުރައްވައެވެ.
ދެވަނަ ބުރުގައި ވާދަ ކުރައްވާފައިވަނީ މި މަހުގެ 9 ގައި ބޭއްވި އިންތިހާބުގައި އެންމެގިނައިން ވޯޓު ހޯއްދެވި ދެ ބޭފުޅުންނެވެ. އެއީ ޑރ. މުއިއްޒު އާއި ރައީސް ސާލިހެވެ.
މިއަދު ހެނދުނު 8 ޖެހުމާއެކު ފެށިގެން ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހަވީރު 5:00 ޖެހުމާއި ނިމުމާއެކު، ވޯޓް ގުނުމާއި ނަތީޖާ ދަނީ އިއުލާންކުރަމުންނެވެ.
އިންތިހާބުގައި ބެހެއްޓި ގިނަ ފޮށިތަކެއްގެ ނަތީޖާ އިއުލާންކޮށްފައިވާއިރު، ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ޕީޕީއެމް- ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި %79.85 އިންސައްތައެއްހާ މީހުން ވޯޓްލީނަމަވެސް، މިއަދު ކުރިއަށްދިޔަ ދެވަނަ ބުރުގައި 85 އިންސައްތައެއްހާ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.