ބްލޫ ރިބަން: އަދަބު އިޙްތިރާމް

ޚިޔާލު ކޮށްލައްވާށެވެ ! ތިބާއަކީ ، ރައްޓެއްސަކާއެކު ، ބަލިމީހަކު ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގޮސް އިން މީހެކެވެ. މުސްކުޅި ބަލިމީހަކު ، މަޑުމަޑުން ހިނގައިލާފައި އައިސް ވަނެވެ. ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިށީނދެތިބެން ހަދާފައިވާ މާލަމުގެ ގޮނޑިތައް ހުރީ ފުރިފައެވެ. އިތުރު މީހަކު އިށީނދެލާނެ ހުސްގޮނޑިއެއް ނެތެވެ. އެ މުސްކުޅި އަންހެންމީހާ ، އެ މާލަމަށް ވަތްކަން ނޭނގޭ ކަމަށް ހަދައިގެން ، ނުވަތަ ކޮޅަށްހުރި އެ މުސްކުޅިޔާ ނުފެންނަކަމަށް ހަދައިގެން ، ތިބާ އިށީނދެއިންނަން ހިތްހަމަ ޖެހޭ ހެއްޔެވެ ؟ އެ މީހާ ވަތްތަން ނުފެންނަކަމަށް ހަދައިގެން ، އެމީހާއާ ދިމާއަށް ބަލައިނުލާން ، އަނެއްފަރާތަށް މޫނު އަނބުރައިލައިގެން ތިބާއަށް އިނދެވިދާނެ ހެއްޔެވެ ؟ ތިބާ އިށީނދެއިން ގޮނޑިން ތެދުވެ ، އެ މުސްކުޅިޔާ އިށީންނަން ތަން ނުދައްކާ ތިބާއަށް އިނދެވިދާނެ ހެއްޔެވެ؟

ޚުލްޤު ހެޔޮ ، ހިތްހެޔޮ މިޒާޖުގެ މީހެއްކަމަށް ވަންޏާ ، ތިބާ އިން ގޮނޑިންތެދުވެ ، އެ މުސްކުޅި އަންހެންމީހާއަށް އިށީންނަން ދަޢުވަތުދޭނެކަން ޔަޤީނެވެ. ބޮޑެތިމީހުންނަށާއި މުސްކުޅިންނަށް އިޙްތިރާމް ކުރަން ޖެހޭތީއެވެ. ބަލިމީހުންނަށް އަޅައިލަން ޖެހޭތީއެވެ.

ނަމާދަށް ބަންގިދިނީމައި މިސްކިތަށް އަރައި ކޮންމެ ކޮންމެ ތާކު އިށީނުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ފުރަތަމަ ސަފުން ޖާގަހޯދުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެހެނަސް ، އިމާމުމީހާއާ ޖެހިގެން ފުރަތަމަ ސަފުގައި ހުންނަ މީހަކީ ، އިމާމަށް އެއްވެސްކަމެއް ދިމާވެގެން ނަމާދު ދޫކޮށްލަން ޖެހިއްޖެނަމަ ، އިމާމާގެ މަސްއޫލިއްޔަތު އުފުއްލަންޖެހޭ މީހެކެވެ. އެތަން ހުސްކޮށް އޮތަސް ، ތިމާއަށްވުރެ ، ދުވަސްވީ މީހުން ، ކީރިތި ޤުރުއާނަށް ފަރިތަމީހުން ، ޢިލްމުވެރިންނަށް އެޖާގަ ހުސްކުރުމަކީ ދީނީ އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ނަމާދަށް ބަންގިދޭއިރު ، ގިނަބަޔަކު މިސްކިތަށް އަރާ ތިބޭނެއެވެ. ފުރަތަމަ ސަފުން ޖާގަހޯދައިގެން އެމީހުން ތިބޭއިރު ، އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންވެސް ހިމެނިދާނެއެވެ. އެއިންކަމަކަށް ނުވިސްނައި ދާގޮތަށްގޮސް ، އިމާމާއާ ދިމާއިން ފަހަތުން ފުރަތަމަ ސަފުގައި ހުސްކޮށް އޮންނަ ޖާގަ ހިފުމަކީ ވިސްނައިލަންޖެހޭ ކަމެކެވެ.

މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން މިސްކިތްތަކުން ފެންނަ ކަމެކެވެ. ބައެއްފަހަރަށް ރާއްޖޭގައި މަސައްކަތްކުރަން އުޅޭ އާދައިގެ ބިދޭސީއަކުވެސް ހުރެދާނެއެވެ. ބުއްދި ހަމަނުޖެހޭ މީހަކުވެސް ހުރެދާނެއެވެ. އެފަދަ ޙާލަތެއްގައި ، އެމަޤާމުގައި ހުންނަން އެންމެ އެކަށީގެންވާކަމަށް ފެންނަމީހަކު އެތަނަށް ގެނެސް ، މީހުން ބަދަލުކޮށްލުމަކީ އިމާމާ ކުރަންޖެހޭނެ ކަމެކެވެ. އެކަން ކުރާތަނެއް ނުފެނެއެވެ. ސަބަބުތަކެއްވެސް ހުރެދާނެއެވެ. އެކަން އެގޮތަށް ހިނގާކަމަށް ފެން އެއްމިސްކިތެއްގެ އިމާމާ އެސުއާލުކޮށްލެވުނެވެ. އިމާމުގެ ޖަވާބަކަށްވީ ، ދީނީ މީހުންވެސް އަދި ކަމުވޮށިވެގެންވާމީހުންވެސް ، އޭނާ އެކަމަށް އެދުމުންވެސް ، އެމަޤާމަށް ނާންނަ ކަމަށެވެ. އެހެންކަމުން ޤަމަތްދޭއިރު ، އެތަން ހުސްކޮށް އޮވެއްޖެނަމަ ، ކޮންމެފަދަ މީހަކުވެސް އެތަނަށް ހުއްޓިދާނެއެވެ. މިސްކިތްތަކުގައި ދީނީ ނަޞޭޙަތް ދެއްވާ ދީނީ ޢިލްމުވެރިންވެސް އެތަނަށް ނާންނަކަންވެސް އެމިސްކިތުގެ އިމާމު ފާހަގަ ކުރިއެވެ.

މިހުންނަނީ ، ޖަމާޢަތުގެތެރޭގައި ހުންނަ ދީނީ އަދަބުތަކާއި ހަމަތައް ގެއްލިގެންދާ ކަންކަމެވެ. މިފަދަ ކަންކަން ރަނގަޅުކުރަން ދީނީ އިމާމުން އިސްކަން ނުދެއްވާނަމަ އެއީ އަދި މާ ގޯސްކަމެކެވެ. އެފަދައިން ޢަމަލުކުރާ ދީނީ ޢިލްމުވެރިޔެއްނަމަ ، އެއީ އޭނާއަށް ލިބިހުރި ދީނީ ޢިލްމާމެދު ، މީހުން ސުއާލު އުފައްދާނެ ކަހަލަ ކަންކަމެވެ. ދީނީ ޢިލްމުވެރިންގެ ޤަދަރުނެތި އިޙްތިރާމް  ގެއްލިގެންދާނެ ކަންކަމެވެ. ދީނީ ނަޞޭޙަތް ދިނުމަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަވީކީ ނޫނެވެ. މިސްކިތެއްގައިނަމަ މިސްކިތުގެ އަދަބާއި ނަމާދުގެ ހަމަތަކާއި އުޞޫލުތައް އެއީ އެމީހުންގެ ޢަމަލުން މިސާޅު ދައްކަންޖެހޭނެ ކަންކަމެވެ. ދީނީ ޢިލްމުވެރިންނަކީ ޢަމަލާއިބަހުން ދީން ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭ ބަޔެކެވެ.

ދީނީ ޢިލްމުވެރިންނާއި އިސްރަށްވެހިންނަކީ ، އިސްލާމްދީނުގައިވެސް މަތިވެރި ޤަދަރެއް ލިބިގެންވާ ބަޔެކެވެ. އެހެނީ ޢިލްމާއި ދިރިއުޅުމުގެ ތަޖުރިބާއިން މުއްސަނދި ސިކުނޑިތަކެއް އެބައިމީހުންނަށް ލިބިގެންވާ ކަމަށްޓަކައެވެ. ދުވަސްވީ ބަލިމީހުންނަށް ، ހަމައެކަނި އިޙްތިރާމް އަދާކުރުމަކުން ނުފުދެއެވެ. އެމީހުންނަށް އެހީތެރިވާންވެސް ޖެހެއެވެ. މަގު ހިނގުމުގައްޔާއި އިށީނދެ އުޅުމުގައެވެ. އެއީ ، ތިބާއަށް އެއްވެސް ގެއްލުމެއް އަދި ބުރައެއް ނެތި ހިލޭ ލިބޭ ސަވާބެކެވެ. ހަމައެކަނި ހީލުމުންވެސް އެކަން ޙާޞިލްވެއެވެ. އެއްވެސް ޚަރަދެއްނުކޮށް ، ހަމައެކަނި ކުޑަކުޑަ ޙަރަކާތަކުން ލިބޭ މިފަދަ ސަވާބުތައް ވަރަށް ގިނައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.