عِيْسَى عَلَيْهِ السَّلاَمُ އާ ބެހޭގޮތުން، ސުންނަތް ޖަމާޢަތުގެ މުސްލިމުން ޤަބޫލުކުރާ ޢަޤީދާ ބިނާވެގެންވަނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ މައްޗަށެވެ. ތިރީގައި އެ ވަނީ، މިދެންނެވި ޢަޤީދާގެ މުހިއްމު ބައިތަކެވެ:
- عِيْسَى عَلَيْهِ السَّلاَمُ އަކީ، ﷲގެ އަޅެއް، އަދި ރަސޫލެއް، އަދި އެއީ ބައްޕައަކާނުލާ މަރިޔަމްގެފާނުގެ ހަށިކޮޅުގައި ﷲ ލެއްވި ރޫޙެކެވެ.
މިކަން ސާބިތުވަނީ، އަންނަނިވިޙަދީޘުންނެވެ:
عَنْ عُبَادَةَ بْنِ الصَّامِتِ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ "مَنْ شَهِدَ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ، وَأَنَّ عِيْسَى عَبْدُ اللهِ وَرَسُولُهُ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوْحٌ مِنْهُ، وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ، أَدْخَلَهُ اللهُ الْجَنَّةَ عَلَى مَا كَانَ مِنَ الْعَمَلِ". (صحيح البخاري) މާނައީ: عُبَادَةَ بْنِ الصَّامِتِ رَضِيَ اللهُ عَنْهُ ގެ އަރިއަހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. [ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވާކަމަށާއި، އެއިލާހަށް ޝަރީކަކު ނުވާކަމަށާއި، އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ، އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށާއި، އަދި ހަމަ ކަށަވަރުން ޢީސާގެފާނަކީ ﷲގެ އަޅާކަމަށާއި ރަސޫލާކަމަށާއި، އަދި އެކަލޭގެފާނު ޚަލްޤުވުމަށް އެންގެވި އަމުރުފުޅު مريم ގެފާނުގެ ހަށިކޮޅުގައި ލެއްވިކަމާއި، އަދި އެއީ އެކަލާނގެ ޙަޟްރަތުން ލެއްވި ރޫޙުފުޅެއްކަމާއި، ސުވަރުގެއާއި ނަރަކައަކީ ޙައްޤުތެދު ތަންތަންކަމަށް ހެކިވެއްޖެ މީހާ، އޭނާ ކޮށްފައިވާ ޢަމަލުތަކުގެމައްޗަށް، މާތްﷲ ސުވަރުގެ ވައްދަވާހުއްޓެވެ].
މިޙަދީޘުން ސާބިތުވާގޮތުގައި، عِيْسَى عَلَيْهِ السَّلاَمُ އަކީ، ﷲގެ އަޅެކެވެ. އަދި ރަސޫލެކެވެ. އަދިއެކަލޭގެފާނަކީ ﷲގެ ކަލިމަފުޅެވެ. (އެހެނީ އެކަލޭގެފާނު ހެއްދެވުމަށް އިރާދަކުރެއްވިހިނދު ﷲ ޥަހީކުރެއްވީ [كُنْ] މި ކަލިމަފުޅެވެ.) އަދި އެކަލޭގެފާނަކީ އެއިލާހުގެ ޙަޟްރަތުން ފޮނުއްވުނު ރޫޙެކެވެ. (އެހެނީ، އެކަލޭގެފާނަށް ރޫޙު އެޅުއްވުނީ، އެހެނިހެން އާދަމުގެ ދަރިން ގޮތަށް ނޫނެވެ.)
- عِيْسَى عَلَيْهِ السَّلاَمُ އަކީ، އިލާހެއްނޫނެވެ.
ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ޤަބޫލުކުރާގޮތުގައި، މަގުފުރެދިފައިވާ ނަޞާރާއިން ދަޢުވާކުރާ ގޮތަށް، عِيْسَى عَلَيْهِ السَّلاَمُ އަކީ، އިލާހެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ އެކަލޭގެފާނަކީ އާދަމުގެ ދަރިއެކެވެ. އަދި ޥަޙީ ބާވައިލެއްވޭ ރަސޫލެކެވެ. އެއީ، މާތް ﷲ، އަންނަނިވި އާޔަތުގާ އަންގަވާފައިވާ ފަދައިންނެވެ: ﴿مَّا الْمَسِيحُ ابْنُ مَرْيَمَ إِلاَّ رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ كَانَا يَأْكُلاَنِ الطَّعَامَ﴾ (٧٥: المائدة) މާނައީ: [ރަސޫލަކު ކަމުގައިމެނުވީ މަރްޔަމުގެފާނުންގެ ދަރިކަލުން الْمَسِيحُ ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ކުރިންވެސް ރަސޫލުން، އިސްވެގޮސްފައި ވެއެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ތެދުވެރި ބޭކަނބަލެކެވެ. އެދެމައިކަނބަލުން (އެހެނިހެން މީހުންފަދައިން) ކާތަކެތި ފަރިއްކުޅުއްވައި އުޅުއްވިއެވެ.] އަދިވެސް ކީރިތިޤުރްއާނުގާ، މާތްﷲ، ޥަޙީކުރައްވާފައި ވެއެވެ. ﴿إِنْ هُوَ إِلاَّ عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلاً لِّبَنِي إِسْرَائِيلَ﴾ (الزخرف: ٥٩) މާނައީ: [ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ނިޢުމަތް ދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި އިސްރާއީލުގެދަރިންނަށް ޢިބްރަތެއްކަމުގައި އެކަލޭގެފާނު ލެއްވީމެވެ.] މި ދެއާޔަތުން، މާތް ﷲ ވަނީ، عِيْسَى عَلَيْهِ السَّلاَمُ އަށް، އަޅުވަންތަކަމާއި ރަސޫލުކަމުގެ ނިޢްމަތް ދެއްވިކަން ސާބިތުކޮށްދެއްވާފައެވެ.
އަދިވެސް އެހެން އާޔަތެއްގައި މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. ﴿لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ قُلْ فَمَن يَمْلِكُ مِنَ اللَّهِ شَيْئًا إِنْ أَرَادَ أَن يُهْلِكَ الْمَسِيحَ ابْنَ مَرْيَمَ وَأُمَّهُ وَمَن فِي الْأَرْضِ جَمِيعًا﴾ (١٧:المائدة). މާނައީ: [ހަމަކަށަވަރުން، ﷲއީ، މަރްޔަމުގެފާނުންގެ ދަރިކަލުން الْمَسِيحُ (عِيْسَىގެފާނު) ކަމަށް ބުނިމީހުން ކާފިރުވެއްޖެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، މަރްޔަމުގެފާނުގެ ދަރިކަލުން الْمَسِيحُ (عِيْسَىގެފާނު) އާއި، އެކަލޭގެފާނުގެ މައިކަނބަލުންނާއި، ބިމުގައި ވާހައި ބަޔަކު ނެތިކުރެއްވުމަށް ﷲ އިރާދަކުރައްވައިފިނަމަ، ﷲގެ އިރާދަފުޅާ ދެކޮޅަށް ކަމެއް ކުރުމަށް އެއްވެސް ބާރެއް ލިބިގެންވަނީ ކާކަށްހެއްޔެވެ؟]
- عِيْسَى عَلَيْهِ السَّلاَمُ، އެކަލޭގެފާނަށާއި މަންމާފުޅަށް އަޅުކަންކުޅައުމަށް، މީސްތަކުންނަށް ގޮވައެއްނުލައްވައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِن دُونِ اللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلاَ أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنتَ عَلاَّمُ الْغُيُوبِ * مَا قُلْتُ لَهُمْ إِلاَّ مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ﴾ (المائدة :١١٦-١١٧). މާނައީ: [ﷲ ވަޙީކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ، މަރްޔަމުގެފާނުގެ ދަރިކަލުން عِيسَى ގެފާނެވެ! ﷲ ފިޔަވައި، ތިމަންނާއާއި، ތިމަންގެ މައިކަނބަލުންނީ، ދެ އިލާހުން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ބުނުމުގެ ޙައްޤު މިއަޅާޔަށް ލިބިގެންނުވާ ބަހެއް ބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސް ބުނިނަމަ، އިބަރަސްކަލާނގެ އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގައިވާ ކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ވަންހަނާގައި ވާހައިކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ، މިއަޅާއަށް އަމުރުކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެވެރި، އަދި ތިޔަބައިމީހުންގެވެސް ވެރި،ﷲ އަށް ތިޔަބައިމީހުން އަޅުކަންކުރާށޭއެވެ. އެއުރެންގެތެރޭގައި، މިއަޅާ ހުރިހައިހިނދަކު، އެއުރެންގެ މައްޗަށް ހެކިވެރިޔަކުކަމުގައި ވީމެވެ. ދެން އިބަރަސްކަލާނގެ، މިއަޅާ ގެންދެވިހިނދު، އެއުރެންގެމައްޗަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި، އިބަރަސްކަލާނގެ ވޮޑިގެންވީމުއެވެ. އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ].
- عِيْسَى عَلَيْهِ السَّلاَمُ އަކީ ﷲ ކަމުގައި، ނުވަތަ، އެއީ ﷲގެ ދަރިކަލެއްކަމުގައި، ނުވަތަ އެއީ ތިން އިލާހުންކުރެ އެއް އިލާހުކަމުގައި ދަޢުވާކޮށްފި ކޮންމެ މީހަކު ކާފިރުވާނެއެވެ.
އަދި، ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ޤަބޫލުކުރާގޮތުގައި، عِيْسَى عَلَيْهِ السَّلاَمُ އަކީ ﷲ ކަމުގައި، ނުވަތަ، އެއީ ﷲގެ ދަރިކަލެއްކަމުގައި، ނުވަތަ އެއީ ތިން އިލާހުންކުރެ އެއް އިލާހުކަމުގައި ދަޢުވާކޮށްފި ކޮންމެ މީހަކު ކާފިރުވާނެއެވެ. މީގެދަލީލަކީ ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތްތަކެވެ.
﴿لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ﴾ (١٧:المائدة). މާނައީ: [ހަމަކަށަވަރުން،ﷲ އީ، މަރްޔަމުގެފާނުންގެ ދަރިކަލުން الْمَسِيحُ (عِيْسَى ގެފާނު) ކަމަށްބުނިމީހުން ކާފިރުވެއްޖެކަން ކަށަވަރެވެ.] އަދި އެމީހުންގެ އެ ދަޢްވާއަށް ރައްދު ދެއްވަމުން ޥަޙީކުރައްވާފައި ވެއެވެ. ﴿وَقَالَ الْمَسِيحُ يَابَنِي إِسْرَائِيلَ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ﴾ (٧٢:المائدة). މާނައީ: [އަދި الْمَسِيحُ ވިދާޅުވިއެވެ. އޭ އިސްރާއީލުގެ ދަރިންނޭވެ! އަހުރެންގެ ވެރިރަސްކަލާނގެ، އަދި ތިޔަބައިމީހުންގެ ވެސް ވެރި ރަސްކަލާނގެ ކަމުގައިވާ ﷲއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ!] އަދި ތިންކައުވަންތަކަން ނަފީކުރައްވަމުން މާތް ﷲ ޥަޙީކުރައްވާފައި ވެއެވެ. ﴿لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ ثَالِثُ ثَلاَثَةٍ﴾ (المائدة:٧٣). މާނައީ: [ހަމަކަށަވަރުން، ﷲ އީ،ތިން އިލާހުންކުރެ އިލާހެކޭ ބުނި މީހުން ކާފިރުވެއްޖެކަން ކަށަވަރެވެ]. އަދި އެމީހުންގެ އެ ދަޢްވާއަށް ރައްދު ދެއްވަމުން ޥަޙީކުރައްވާފައިވެއެވެ. ﴿وَمَامِنْ إِلَـٰهٍ إِلاَّ إِلَـٰهٌ وَاحِدٌ وَإِن لَّمْ يَنْتَهُوا عَمَّايَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ﴾ (المائدة:٧٣). މާނައީ: [އެއްކައުވަންތަ އިލާހު މެނުވީ، އެހެން އިލާހަކު ނުވެއެވެ. އެއުރެން އެބުނާ ބުނުން ހުއްޓާނުލިނަމަ، ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ކާފިރުވި މީހުންނަށް ވޭންދެނިވި ޢަޛާބު ލިބޭނެކަން ކަށަވަރެވެ."
- عِيْسَى عَلَيْهِ السَّلاَمُ ޞަލީބަކަށް ނޭރުވެއެވެ. އަދި ޤަތުލެއްވެސް ނުމެވޭމެއެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅާ ހަށިކޮޅާއެކު މާތްﷲ، އެކަލޭގެފާނު، އުޑަށް އުފުއްލެވީއެވެ.
އަދި ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ޤަބޫލުކުރާގޮތުގައި عِيْسَى عَلَيْهِ السَّلاَمُ ޞަލީބަކަށް ނޭރުވެއެވެ. އަދި ޤަތުލެއްވެސް ނުމެވޭމެއެވެ. އަދި ކީއްހެއްޔެވެ. އެމީހުން އެކަލޭގެފާނު ޞަލީބަށް އަރުވަން އުޅެގަތްހިނދު، މާތް ﷲ، އެކަލޭގެފާނުގެ ސޫރައަށް އެމީހުންގެ ތެރެއިން ޔަހޫދީއަކު ބަދަލުކުރައްވައި، އެކަލޭގެފާނު ރައްކާތެރި ކުރެއްވެވިއެވެ. އެހެންވެ، އެކަލޭގެފާނު ކަމަށް ހީކޮށް، އެމީހުންނަށް ޞަލީބަށް އެރުވި ޤަތުލުކުރެވުނީ އެ ޔަހޫދީ ކަލޭގެއެވެ.
އެހެންކަމުން، ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ، عِيْسَى عَلَيْهِ السَّلاَمُ ޞަލީބަކަށް ނޭރުވެއެވެ. އަދި ޤަތުލެއްވެސް ނުވެއެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅާ ހަށިކޮޅާއެކު މާތްﷲ، އެކަލޭގެފާނު، އުޑަށް އުފުއްލެވީއެވެ. އަދި ހަމަ އެހެންމެ އަދިއަދަށްދާނދެންވެސް އުޑުގައި އެކަލޭގެފާނު ދިރި އެބަހުންނެވިއެވެ. ފަހުޒަމާނުގައި ބިމަށް ފައިބައިވަޑައިގަތުމުން މެނުވީ އެކަލޭގެފާނު އަވަހާރައެއް ނުވާނެއެވެ. މިކަމަށް އިޝާރާތްކުރައްވައި މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. ﴿وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ وَمَا قَتَلُوهُ يَقِينًا بَل رَّفَعَهُ اللَّهُ إِلَيْهِ وَكَانَ اللَّهُ عَزِيزًا حَكِيمًا﴾ (النساء:١٥7-١٥8). މާނައީ: [އަދި، ހަމަކަށަވަރުން، ތިމަންމެން ﷲގެ ރަސޫލާ، މަރްޔަމުގެފާނުންގެ ދަރިކަލުން الْمَسِيحُ عِيْسَى ގެފާނު، ޤަތުލުކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު ޤަތުލެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު ޞަލީބަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން ޤަތުލުކޮށް ޞަލީބަށް އެރުވީ އެހެން މީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު ޚިލާފުވީމީހުން ވަނީ، އެކަމާމެދު ޝައްކެއްގައިކަން ކަށަވަރެވެ. ހީޔަކަށް ތަބާވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދިހަމަ ޔަޤީނުން، އެއުރެން އެކަލޭގެފާނު ޤަތުލެއް ނުކުރެއެވެ. އަދިކިއެއްތަ! ﷲ، އެކަލާނގެ ޙަޟްރަތަށް އެކަލޭގެފާނު އުފުއްލެވީއެވެ. ޢަޒީޒުވަންތަ، ޙަކީމުވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ].
- عِيْسَى عَلَيْهِ السَّلاَمُ ފަހުޒަމާނުގައި ބިމަށް ފައިބައިވަޑައިގެން، މިއުއްމަތުގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެންނަވާފައިވާ، ޝަރީޢަތާ އެއްގޮތަށް، މި ބިންމަތީގައި ޢަދުލުވެރިކަން ޤާއިމުކުރައްވާނެއެވެ.
ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ޤަބޫލުކުރާ ގޮތުގައި، ފަހުޒަމާނުގައި عِيْسَى عَلَيْهِ السَّلاَمُ ބިމަށް ފައިބައިވަޑައިގެން، މިއުއްމަތުގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެންނަވާފައިވާ، ޝަރީޢަތާ އެއްގޮތަށް، މި ބިންމަތީގައި ޢަދުލުވެރިކަން ޤާއިމުކުރައްވާނެއެވެ. މިގޮތުން، ޞަލީބުތައް ނައްތަވައިލައްވާނެއެވެ. އަދި އޫރުތައް ޤަތުލުކުރައްވާނެއެވެ. އަދި ޖިޒްޔަ ކަނޑުއްވާލައްވާނެއެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއް، މީސްތަކުންގެ ކިބައިން، ޤަބޫލުނުކުރައްވާނެއެވެ.
- عِيْسَى عَلَيْهِ السَّلاَمُ އަވަހާރަވުމުގެ ކުރިން، ޔަހޫދީންނާއި ނަޞާރާއިން އެކަލޭގެފާނަށް އީމާންވާނެއެވެ.
އަދި عِيْسَى عَلَيْهِ السَّلاَمُ އަވަހާރަވުމުގެ ކުރިން، ޔަހޫދީންނާއި ނަޞާރާއިން އެކަލޭގެފާނަށް އީމާންވާނެއެވެ. މިކަން އަންގަވައި ކީރިތި ޤުރްއާނުގައި މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. ﴿وَإِن مِّنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا﴾. (النساء:١٥٩) މާނައީ: [އެމީހަކު މަރުވުމުގެ ކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް އީމާންވާނެ މީހަކުކަމުގައިމެނުވީ، ފޮތުގެ އަހުލުވެރިންގެ ތެރެއިން އެކަކުވެސްނުވެތެވެ. އަދި، ޤިޔާމަތްދުވަހުން އެއުރެންގެ މައްޗަށް ހެކިވަނިވި ބޭކަލަކުކަމުގައި އެކަލޭގެފާނު ވާނެތެވެ].
- عِيْسَى عَلَيْهِ السَّلاَمُ އުޑަށް އުފުއްލެވުނުކަމާއި، ފަހުޒަމާނުގައި އެކަލޭގެފާނު ބިމަށް ފައިބައިވަޑައިގަންނަވާނެކަން ސާބިތުވާ އެތަކެއް ޙަދީޘެއް، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައި ވެއެވެ. އޭގެތެރޭގައި އަންނަނިވި ޙަދީޘްތައް ހިމެނެއެވެ.
عَنْ أَبِيْ هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: [ وَ الَّذِيْ نَفْسِيْ بِيَدِهِ لَيُوْشِكَنَّ أَنْ يَنْزِلَ فِيْكُمْ ابْنُ مَرْيَمَ حَكَماً مُقْسِطاً فَيُكَسِّرُ الصَّلِيْبَ ، وَ يَقْتُلُ الْخِنْزِيْرَ ، وَ يَضَعُ الْجِزْيَةَ ، وَيُفِيْضُ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ] قَالَ أَبُوْ هُرَيْرَة : اقْرَءُوا إِنْ شِئْتُمْ: ( وَإِنْ مِنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ) الآية. (صحيح البخاري) މާނައީ: އަބޫހުރައިރާ رَضِيَ اللَّهُ عَنْهُ ގެ އަރިއަހުން ރިވާވެގެންވެއެވެ. ހަމަ ކަށަވަރުން ، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. [ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވަމެވެ. މަރްޔަމުގެފާނުގެ ދަރިކަލުން، ޢަދުލުވެރި ޙާކިމެއްގެގޮތުގައި ތިޔަބައިމީހުންގެ ތެރެއަށް ފައިބައިވަޑައިގަންނަވާ ޒަމާން ކައިރިވެއްޖެއެވެ. ފަހެ، އެކަލޭގެފާނު ފައިބައިވަޑައިގެން، ޞަލީބު ނައްތަވާލައްވައި، އޫރު ޤަތުލުކުރައްވާނެއެވެ. އަދި ޖިޒްޔަ ކަނޑުއްވައިލައްވާނެއެވެ. އަދި އެއްވެސް މީހަކު މުދަލަށް ބޭނުންނުވާހާ މިންވަރަށް، މުދާގިނަވާނެއެވެ]. ބޫހުރައިރާ ވިދާޅުވިއެވެ. [ތިޔަބައިމީހުން ބޭނުންނަމަ މި އާޔަތް ކިޔަވާށެވެ. (وَإِنْ مِنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ) الآية. (މިއާޔަތުގެ މާނައީ: "އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން، އެކަލޭގެފާނަށް އީމާންނުވާނެ އެކަކުވެސް އަހުލުކިތާބީންގެތެރެއަކު ނުވެއެވެ.)
عِيْسَى عَلَيْهِ السَّلاَمُ ފައިބައިވަޑައިގަންނަވާނީ ދިމިޝްޤުގެ އިރުމަތީފަރާތުގައިވާ، ހުދު މުންނާރުގެ ކައިރިއަށެވެ.
މިކަން ސާބިތުވަނީ، އަންނަނިވި ޙަދީޘުންނެވެ. قال رسول الله صلى الله عليه وسلم: [يَنْزِلُ عِيْسَى ابْنُ مَرْيَمَ عِنْدَ الْمَنَارَةِ الْبَيْضَاءَ شَرْقَيْ دِمِشْقَ]. (صحيح مسلم) މާނައީ: رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "عِيْسَى ابْنُ مَرْيَمَ ފައިބައިވަޑައިގަންނަވާނީ، ދިމިޝްޤުގެ އިރުމަތީގައިވާ، ހުދު މުންނާރުގެ ކައިރިއަށެވެ].
عِيْسَى عَلَيْهِ السَّلاَمُ ފައިބައިވަޑައިގެން، ދައްޖާލު ޤަތުލުކުރައްވައި، ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުންގެ ނުބައިކަމުން، މީސްތަކުން ސަލާމަތްކޮށްދެއްވާނެއެވެ.
ޙަދީޘްތަކުން ސާބިތުވާގޮތުން، عِيْسَى عَلَيْهِ السَّلاَمُ ފައިބައިވަޑައިގަންނަވާނީ، ދައްޖާލާ ހަނގުރާމަކުރުމަށް، މުސްލިމުންގެ ލަޝްކަރު ނިކުމެ ފަތިސް ނަމާދަށް ސަފުތައް ރުކުރުވާލާ ވަގުތުގައެވެ. ދެން އެކަލޭގެފާނު އެޖަމާޢަތުގައި ނަމާދުކުރައްވައި އެލަޝްކަރާއެކު ނިކުމެވަޑައިގެން ދައްޖާލު ޤަތުލުކުރައްވައި އޭނާއާ އެކުގައިވާ ޔަހުދީންގެ ލަޝްކަރު ބަލިކުރައްވާނެއެވެ. އަދި އެ ދުވަސްކޮޅުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނިކުމެ ބިންމަތީގައި ލޭ އޮހޮރުވައި ފަސާދަ ހިންގަން ފަށާނެއެވެ. އެހިނދު عِيْسَى عَلَيْهِ السَّلاَمُ އެމީހުން ހަލާކުކުރެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދެންނެވުމުން އެ އެންމެން މަރުވެގެން ހިނގައިދާނެއެވެ.
عِيْسَى عَلَيْهِ السَّلاَمُ، ފަހުޒަމާނުގާ ބިމަށް ފައިބައިވަޑައިގެން 40 އަހަރު ދުނިޔޭގައި ހުންނަވާނެކަން، އަންނަނިވި ޙަދީޘުން ސާބިތުވެއެވެ.
[فَيَمْكُثُ فِيْ الأَرْضِ أَرْبَعِيْنَ سَنَةً، ثُمَّ يُتَوَفَّى، وَيُصَلِّي عَلَيْهِ الْمُسْلِمُوْنَ] (صحيح الجامع). މާނައީ: [ދެންފަހެ، ސާޅީސް އަހަރު، އެކަލޭގެފާނު، ބިމުގައި ހުންނަވާނެއެވެ. އެއަށްފަހު، އަވަހާރަވެދާނެއެވެ. އަދި މުސްލިމުން، އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރާނެއެވެ].
******
vvv.rangalhu liyumeh shukuran