ގެޓާފޭއާ އެއްވަރުވުމުން ބާސެލޯނާގެ ކޯޗު ހިތްހަމަ ނުޖެހިއްޖެ

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ގެޓާފޭއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުން ބާސެލޯނާގެ ކޯޗު އެނަސްޓޭ ވަލްވާޑޭ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ބާސެލޯނާގެ ފަރާތުން ވަރަށްދަށް ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގެޓާފޭއިންވަނީ ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ ތާވަލުގެ އެއްވަނައިގައި އޮތްނަމަވެސް ލީގް ޗެމްޕިއަންކަން ޔަގީން ނުވާކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތް ވަރަށްގިނަ ކަމަށެވެ.

"މިކަހަލަ މެޗުތަކުން ޕޮއިންޓް ގެއްލޭނެމަ ލީގް ޗެމްޕިއަންކަން ހޯދުމަށް ވަރަށް ބޮޑަށް އުނދަގޫވާނެ. އުނދަގޫ ވަރަށްގިނަ މެޗުތައް ކުރިއަށް އެބަހުރި" މިސީޒަނުގައި ބާސާގެ ކޯޗްކަމާ ހަވާލުވި ވަލްވާޑޭ ބުންޏެވެ.

މިމެޗުން އެއްވަރުވިނަމަވެސް 59 ޕޮއިންޓާއެކު ބާސާ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 52 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި 43 ޕޮއިންޓާއެކު އޮތީ ވެލެންސިޔާއެވެ.

އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ތާވަލުގެ ހަތަރު ވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއިއެކު ރެއާލް ސޮސިއެޑާޑް އަތުން 2-5 އިން މޮޅުވެ 42 ޕޮއިންޓެއެކުއެވެ.

ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ މިނެޓުގައި ރެއާލްއަށް ލީޑް ނަގައިދިނީ ރޮނާލްޑޯ ދިން ބޯޅައަކުން ލޫކަސް ވަޒްކޭޒްއެވެ. ރެއާލްގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ރޮނާލްޑޯއެވެ.

ތާވަލްގެ ދެވަނައިގައި އުޅޭ އެތުލެޓިކޯ މެޑްރިޑް ރޭ ރަށުންބޭރުގައި މަލަގާއާއި ދެކޮޅަށްކުޅުނު މެޗު 0-1 އިން ކާމިޔާބުކޮށް ބާސެލޯނާއާއި ދެމެދުއޮތް ފަރަގު 6 ޕޮއިންޓަށް ކުޑަކުރިއިރު އެޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. އޭނާ މިލަނޑުޖަހާފައިވަނީ މެޗުފެށިތާ ގާތްގަނޑަކަށް 40 ވަރަކަށް ސިކުންތުގެތެރޭގައެވެ. މިލަނޑަށްފަހު ދެޓީމަށްވެސް ލަނޑުޖަހާނެ އިތުރު ފުރުސަތުތައް ލިބިފައިވީނަމަވެސް އެއިން އެއްވެސް ފުރުސަތެއް ބޭނުންކުރެވިފައެއްނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.