
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތި އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން ވިދާޅުވީ އެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވަނީ މި މަހުގެ 23 ވާ އާދީއްތަ ދުވަހު ކަމަށެވެ.
މިއަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހު ހުޅުވާލާއިރު ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕެއިން ހަރަކާތްތައް ފަށާފައެވެ.
މިގޮތުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިން ހަރަކާތްތައް ފޯރިއާއި އެކު ކުރިއަށް ދާއިރު އިދިކޮޅު ޕީޕީއެމް އިން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ވާދަކުރާނެކަމަށް ބުނަމުންނެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާއިރު އެ ޕާޓިން އަންނަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު އާއި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ނާޒިމްގެ ކެމްޕެއިންވެސް ވަނީ ފަށާފައެވެ.