ހިތުގެ ވިންދު - 13

(4 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަންޖަލީ މަޑުމަޑުން ހިނގާލާފައި އައިސް ، 801 ނަންބަރު ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިލިއެވެ. އެއީ ޕްރެޒިޑެންޝަލް ސުއިޓެކެވެ. ދޭވްއަށް ޚާއްޞަ ކުރެވިފައިހުރި ކޮޓަރިއެކެވެ. ބޭރުގައިހުރި ބެލްއަށް ފިތާލަން އަންޖަލީގެ އަތް ޙަރަކާތްކޮށްލިތަނުން ، ދޮރުހުޅުވުނެވެ. އެއަށް ފިތާލާކަށް ނުޖެހުނެވެ. ދޮރުމަތީ އެހުރީ ދޭވްއެވެ. ކޮޓަރިތެރެޔަށް ވަނުމަށް އަންޖަލީގެ ކިބައިން ދޭވް އެދުނެވެ. އަންޖަލީ ބާރަށް ހިނގާފައިގޮސް ކޮޓަރިޔަށް ވަނެވެ. މީހަކަށް ފެނިދާނެތީ ބިރުން ހުރެއެވެ. އަންޖަލީ ވަނުމާއެކު ، އެކޮޓަރީގެ ދޮރު ލައްޕައިލީ ދޭވް އެވެ. އަންޖަލީ އިށީނުމަށް ބުނެ ، ދޭވް ސޯފާއެއް ދައްކައިލިއެވެ. އަންޖަލީ އެސޯފާގައި އިށީނުމާއެކު ދޭވް އައިސް އަންޖަލީގެ ކުރިމަތީ ، ދޫލަމަތީ އިށީނދެލިއެވެ. އެތާ ދޫލަމަތީ ދޭވް އެއިށީނީ ކީޢްވެބާވައެވެ. އަންޖަލީގެ ހިތަށް އެރިއެވެ. ދޭވް ޤަބޫލުކުރާ ގޮތުގައި އެއީ އަންޖަލީގެ ކުރިމަތީގައި އޭނާގެ ދަރަޖައެވެ.

ދޭވް ، ގުދުވެލައި އަންޖަލީގެ އުނގުގައި ބޯއަޅައިލަން އުޅުނެވެ. އެހެންނަމަވެސް އެކަން އަންޖަލީ މަނާކުރިއެވެ.

މަންމަ ކިހިނެއް ހެއްޔެވެ ؟ އަންޖަލީ ސުއާލުކުރިއެވެ. ދޭވްގެ މޫނުމަތި މިލައިގެންދިޔައެވެ. މަންމަ ހެއްޔެވެ ؟ މަންމަ ނިޔާވެއްޖެއެވެ. އަންޖަލީއަށް ކުއްލި ސިހުމެއް ލިބުނެވެ.

އަންޖަލީ އޭނާ ދޫކޮށްލުމުން ދޭވްގެ ދުނިޔެ ބަރުބާދު ވިއެވެ. މަންމަ ނިޔާވިއެވެ.

މަންމަ ނިޔާވީ ހެއްޔެވެ ؟ އަންޖަލީއަށް އަހައިލެވުނެވެ. އާއެނކެވެ. މަންމަ ނިޔާވީއެވެ. މަންމަ ދިޔައީ ، މަންމަޔާއެކު މަންމަގެ ހުވަފެންތައް ހިފައިގެންނެވެ. އެކަމަކު ، ދޭވް ދުނިޔޭގައި ހުރީއެވެ. ކޮންމެ ނޭވާއެއް އަދި ކޮންމެ ވިންދެއްގައިވެސް އަންޖަލީގެ ހަނދާންތަކުގައި ހުރެއެވެ.

" އެނގޭ ހެއްޔެވެ ؟ އަހަރެން ދޫކޮށްލާފައި އަންޖަލީ ދިޔައިރު އަހަރެންގެ ޖީބުގައި ފަންސާސް ރުފިޔާވެސް ނެތެވެ. އެކަމަކު މިއަދު އަހަރެންގެ އަތުގައި ފަސްސަތޭކަ މިލިއަން ރުފިޔާ އެބަހުއްޓެވެ. ފަންސާސް ރުފިޔާއިން ފަސްސަތޭކަ މިލިއަން ރުފިޔާ ހޯދަން އަހަރެން ކުރިދަތުރު ދިޔައީ ކިހިނެއްކަން އެނގޭ ހެއްޔެވެ ؟ އަންޖަލީގެ ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ކޮންމެ ދުވަހަކުވެސް އަހަރެން ބުރަ މަސައްކަތުގައި އުޅުނީމެވެ. މަސައްކަތް ކޮށްކޮށް ވަރުބަލިވަންދެނެވެ. ވެއްޓެއެވެ. އަނެއްކާވެސް ތެދުވަމެވެ. އިރުކޮޅަކުން ވެއްޓޭއިރަށް އަނެއްކާވެސް ތެދުވަމެވެ. އަންޖަލީގެ އަޑު ، އަހަރެންގެ ކަންފަތުގައި ޖެހެއެވެ. އަންޖަލީ ބުނެއެވެ. ތެދުވާށެވެ ! ދޭވް އެވެ. ތެދުވާށެވެ ! އަދި އެއްފިޔަވަޅު ކުރިޔަށް އަޅާށެވެ ! ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް އަޅަމުންގޮސް ، ފަންސާސް ރުފިޔާއިން ފެށި ދަތުރު ފަސްސަތޭކަ މިލިއަން ރުފިޔާއަށް ބަދަލުކޮށްލީމެވެ. އެކަމަކު ، އަންޖަލީއެވެ ! ވާހަކައެއް ބުނަން ހެއްޔެވެ ؟ މި މުއްސަނދިކަމުގެ އެއްވެސް އަގެއް ނެތެވެ. މިއީ ހަމަ ވަސްވާހެކެވެ. އަންޖަލީ ނެތިއްޔާ އެއްވެސް އެއްޗެއް ނެތެވެ. " ދޭވް ، އޭނާގެ ވާހަކަ އަންޖަލީއަށް ކިޔައިދެމުން ގެންދިޔައެވެ.

އަންޖަލީއަށް މާނޭވާއެއް ލެވުނެވެ. ދޭވް އަށް އަންޖަލީ ދެން ނުލިބޭނެކަމަށް އަންޖަލީ ބުންޏެވެ. އޭނާއަކީ އެހެން މީހެއްގެ ޙައްޤެކެވެ. އަންޖަލީގެ ކައިވެނި ކުރެވުނީ ގަދަކަމުންކަން ހަނދާން ކުރާށެވެ. އަންޖަލީގެ ހިތުން ރުހުމެއްގައެއް ނޫނެވެ. އަންޖަލީގެ ކައިވެނި ކުރެވުނީ ، އޭނާގެ މުއްސަނދިކަމާއެވެ. އޭނާއަށް ލިބިފައި އޮތް ޢިއްޒަތަކާއި އެއްކޮށްފައިހުރި ރުފިޔާއާއެވެ. މިއަދު ދޭވްއަކީ އޭނާއަށްވުރެ މާ މުއްސަނދި ، މުދާވެރި އަދި ޤަދަރުވެރި މީހެކެވެ. އެހެންވިއްޔާ އަންޖަލީވާނީ ދޭވްގެ ޙައްޤަކަށް ނޫން ހެއްޔެވެ ؟

" ދޭވް އެވެ ! އަހަރެންނަކަށް އަހަރެންގެ ކައިވެނި ކުރެވުނީ ކާކާކަމެއް ނޭނގެއެވެ. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ، އަހަރެންގެ ކައިވެނިކުރެވުނު އިންސާނަކީ ، އަހަރެންގެ ފިރިމީހާކަމެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ ބައިވެރިޔާއެވެ. އަހަރެންގެ ކޮންމެ ނޭވާއެއްގައި ، ހިތުގައި ޖަހާ ކޮންމެ ވިންދެއްގައި ވަނީ ރާމް އެވެ.

ދޭވް އެވެ ! އަހަރެންގެ ދިރިއުޅުމުގައި ތިއީ އެއްވެސް މީހެއްނޫނެވެ. އެއްވެސް މީހެއްނޫނެވެ. އަހަރެންގެ މަތިން ހަނދާން ނައްތައިލާށެވެ ! ހުރިހާކަމެއް ހަނދާން ނައްތައިލާށެވެ ! " އަންޖަލީ ބުންޏެވެ.

އަންޖަލީ ބުނަންބޭނުންވި ވާހަކަ ބުނުމަށްފަހު އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޭވް ، ރުޅިއައިސް ރަތްވެފައިހުރެ ، އަންޖަލީއަށް ގޮވައިލިއެވެ. އަދި ބުންޏެވެ. އޭނާއަށް ، އަންޖަލީ ހަނދާން ނައްތައިލުމަކީ ވާނެކަމެއްނޫނެވެ. އަދި ، އަންޖަލީ ، ދޭވްގެ މަތިން ހަނދާން ނައްތައިލިޔަކަވެސް ނުދޭނެއެވެ. މިދުނިޔޭގައި އަންޖަލީ ލިބެންވާނީ އަހަރެންނަށެވެ.

" އެހެންކަމަށްވަންޏާ ، ދޭވްވެސް އަޑުއަހާށެވެ ! މިދުނިޔޭގައި ކީއްކުރަން ހެއްޔެވެ ؟ ދެދުނިޔޭގައިވެސް އަހަރެންނަކީ ރާމްގެ ޙައްޤެކެވެ. ހަމައެކަނި އޭނާގެ އެވެ. " އަންޖަލީ ދޭވްއާ ދިމާއަށް ބުންޏެވެ.

އަންޖަލީ ކޮޓަރިން ނުކުމެގެން ދިޔައިރު ، ކޮޓަރީގެ ބޭރުގައި ޝީތަލް ހުއްޓެވެ. އޭނާ ބޭރުގައި ހުރިކަމެއް އަންޖަލީއަކަށްވެސް އަދި ދޭވް އަކަށްވެސް ނޭނގެއެވެ. އެމީހުން ދެއްކި ހުރިހާ ވާހަކައެއް ޝީތަލްއަށް އިވުނެވެ. އެއިވުނު ވާހަކަތަކުން ޝީތަލް ހުރީ ޙައިރާންވެފައެވެ. ދޭވް އަށް ދެންވާނެގޮތަކާމެދު ކަންބޮޑުވެފައެވެ.

އެރެޔަށްފަހު ، ދޭވްގެ މަސައްކަތަކަށްވީ ، ރާމްގެ ވިޔަފާރި ބަނގުރޫޓުކޮށްލައި ، އަންޖަލީގެ ދިރިއުޅުން ބަރުބާދު ކޮށްލުމެވެ. ދޭވްއާއި އޭނާގެ ވިޔަފާރީގެ މަޢުލޫމާތާއި ، ދޭވްއާ ގުޅިފައިވާ އިންވެސްޓަރުންނާއި އެވިޔަފާރީގެ ބައިވެރިންގެ މަޢުލޫމާތު ހޯދިއެވެ. އަދި އެމަސައްކަތް ފެއްޓިއެވެ. އެންމެ ފުރަތަމަވެސް ، ދޭވް މަސައްކަތްފެށީ ، ރާމްގެ އެއްބަފާ ދެކޮއްކޮ ، ނިކީއާއި ބޮބީއާ ހިސާބުންނެވެ. އެ ދެބެންނަކީ ، ރާމް އާ ދެކޮޅުވެރި ބައެއްކަން ދެނެގަތެވެ. އަދި ، ނިކީއާއި ބޮބީއާ އެކަނިވެރި މާޙައުލެއްގައި ބައްދަލުކުރިއެވެ.

ދޮންމަންމަގެ ތިންމައިންނަށް ، ރާމްގެ ކުންފުނިން ލިބިފައި އޮންނަނީ އެންމެ ފަންސަވީސް އިންސައްތަ ޙިއްޞާއެވެ. އެއީ އެމީހުންނަށް ޙައްޤު މިންވަރެއްނޫންކަން ، އެދެބެންނަށް ދޭވް ވިސްނައިދިނެވެ. އެމީހުންގެ މައްޗަށް ކުރެވިފައިވާ ބޭއިންސާފެއްކަމަށް ބުނެދިނެވެ. އަދި އެ މިންވަރު ބޮޑުކުރެވިދާނެ ގޮތްތައް އެބަހުރިކަން އަންގައިދިނެވެ.

އެމީހުންނާމެދު އިންސާފުން އެކަން ކުރެވިފައި އޮތްކަމަކަށް އެއްފަހަރުވެސް ނުބުނެއެވެ. ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި އެމީހުން ، އެކަމުގެ އަގު އަދާކޮށް އެގެއްލުން ބޮލުއަޅަންޖެހޭކަމުގައި ބޮބީ ބުންޏެވެ. އެގެއްލުން އެމީހުން ބޮލުއަޅަން ޖެހެނީ ކީއްވެތޯއާއި ، ރާމް އެ ގުޅުމުގެ އަގު އަދާކުރަން ނުޖެހެނީ ކީއްވެތޯ ސުއާލުކޮށް ، އެދެބެންގެ ބޯ ކައިލުމަށް ދޭވް ، މަސައްކަތް ކުރަމުން ގެންދިޔައެވެ. އެކަމުގައި ހެދޭނެގޮތް ކިޔައިދިނެވެ. ދެބައިކުޅަ އެއްބައި ޙިއްޞާދާރުންނަށް އެމީހުންނަށް ވެވިދާނެ ގޮތް ދޭވްގެ ސިކުނޑީގައި އެބަ އޮތެވެ. އެހިސާބުން ، އެއީ ކޮންގޮތަކުންތޯ ނިކީއާއި ބޮބީއަށް އެއްފަހަރާ އަހައިލެވުނެވެ.

ދޭވް އާ ގުޅެންވީއެވެ. މިވަގުތު އެމީހުންގެ އަތުގައި އޮތީ ޙިއްޞާގެ ހަތަރުބައިކޮށްފަ އެންމެ ބަޔެކެވެ. ރާމްގެ އަތުގައި އޮތީ ހަތަރުބައިކޮށްފަ ތިންބަޔެވެ. ދޭވް އާ އެމީހުން ގުޅިއްޖެނަމަ ، ރާމްގެ ޙިއްޞާއާއި އެމީހުންގެ ޙިއްޞާ އެއްވަރު ކުރެވިދާނެކަމަށް ދޭވް ބުންޏެވެ.

އެއީ ޑީލެކެވެ. އެމީހުންގެ ވިޔަފާރިއަށް ދޭވް އެހާ މުހިންމުކަމެއްދީ ، އެ ވިޔަފާރިއާ ގުޅެން ވިސްނުމުގައި އޮތީ ކޮން ސިއްރެއްތޯ ބޮބީ ސުއާލު ކުރިއެވެ.

އެއީ ވިޔަފާރީގެ ވާދަވެރިކަމެވެ. ކުރިމަތި ލުމެވެ. ރާމް އޭނާގެ ވިޔަފާރީގައި ހޯދާފައިވާ ކާމިޔާބީއާ ދެކޮޅަށް ތެދުވެވޭނީ އެންމެ މީހަކަށެވެ. އެ އުސްމިންތަކަށް އެހެން މީހަކަށް ނުތެދުވެވޭނެއެވެ. އެއީ ދޭވް އަށް ކަމުގައި އޭނާ ބުންޏެވެ.

ދޭވްގެ ވާހަކަތަކަށް ނިކީއާއި ބޮބީ ވަރަށް ފަސޭހައިން ހެއްލުނެވެ. ދޭވްއަކީ މާލީ އެއްވެސް މައްސަލައެއް ކުރިމަތިވާވަރަށްވުރެ ބޮޑު މުއްސަންޖެކެވެ. އެމީހުން އެތިބީ ދޭވް އާ ގުޅެން ތައްޔާރަށެވެ.

ބޭބެ އެވިޔަފާރިކުރާގޮތް ނިކަން ދެކިބަލާށޭ ބޮބީ ބުންޏެވެ. އެހާ ގިނަ ޢަދަދެއްގެ ލޯނު އެކި ބޭންކުތަކުން ނަގައި ، އިންވެސްޓަރުންގެ އަތުން އެހާ ގިނަ ފައިސާ ނަގާފައި އެބަހުއްޓެވެ. ގެވެސް ހުރީ ރަހުނަށް ބަހައްޓާފައެވެ. ޕްރޮޖެކްޓްތައް ހިންގަން ވެގެންނެވެ.

މިފަހަރުވެސް އަދި ކޮންމެ ފަހަރަކުވެސް ކާމިޔާބު ކުރަނީ ބޭބެނޫންހޭ ބުނެ ނިކީ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

އެއީ ނޭނގުމުގެ ތެރޭގައިވާ ކަމެކެވެ. ދޭވް ބުންޏެވެ. މިދުނިޔޭގައި ކީއްކުރަން ހެއްޔެވެ ؟ އާޚިރަތުގައިވެސް ރާމް އަކަށް ކާމިޔާބެއް ނުލިބޭނެއެވެ. އެއީ ވާނެކަމެއްނޫނެވެ.

ރާމް އޮފީހުގައި އަވަދިނެތި މަސައްކަތެއްގައި އިންދާ ، މީހަކު އައިސް އޭނާގެ ކުރިމައްޗަށް ފައިލެއްޖެހިއެވެ. އިސްއުފުލާ ބަލައިލިއިރު ، އެއީ ރާމްގެ ވިޔާފާރީގެ އިންވެސްޓަރު މރ. ޗޯޕްރާ އެވެ. ފައިލާ ދިމާއަށް ބަލައިލުމަށްފަހު އެއީ ކޮން އެއްޗެއްތޯ ރާމް ސުއާލުކުރިއެވެ.

މރ. ޗޯޕްރާ ބޭނުންވީ އޭނާ ރާމްމެންގެ ކުންފުންޏަށް އިންވެސްޓްކޮށްފައިވާ ހުރިހާ ފައިސާއެއް ، އަނބުރާ ވަގުތުން ދޭށެވެ. އެއީ ކީއްވެތޯ ރާމް ސުއާލުކުރިއެވެ. މރ. ޗޯޕްރާ އެއައީ އޭނާ އިންވެސްޓްކުރި ފައިސާ ބޭނުންވެގެންނެވެ. އެހެން ނޫނަސް ، ރާމްގެ ޕްރޮޖެކްޓަށް ، ޗޯޕްރާގެ މާބޮޑު ޝަޢުޤުވެރިކަމެއް މިހާރަކު ނެތެވެ.

މރ. ޗޯޕްރާ އެދައްކާ ވާހަކައެއް ރާމްއަކަށް ނުވިސްނުނެވެ. އެ ޕްރޮޖެކްޓަކީ ، ޗޯޕްރާ އޭނާއަށް ހޯދައިދިން ޕްރޮޖެކްޓެކެވެ. ޗޯޕްރާއަށް އިތުބާރުކޮށްފައި ، ރާމް އަތުގައިހުރިއްޔާ ހުރި ފައިސާއެއްވަނީ އެޕްރޮޖެކްޓަށް ޚަރަދު ކޮށްފައެވެ. މިހާރުދެން އެ ޕްރޮޖެކްޓުން ޗޯޕްރާ ވަކިވާނީ ކިހިނެއްތޯ ރާމް ސުއާލުކުރިއެވެ. ޗޯޕްރާހުރީ އެކަމާބެހޭގޮތުން އިތުރަށް ވާހަކަދައްކާ ގޮތަކަށްނޫނެވެ. އޭނާ ބޭނުންވަނީ އޭނާ ރާމްއަށް ދިން ފައިސާ އަނބުރާ ހޯދާށެވެ. ޗޯޕްރާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. އެނޫންގޮތެއް އޭނާ ޤަބޫލުނުކުރާނެކަން ރާމްއަށް އެންގުމަށްޓަކައެވެ.

އެހާގިނަފައިސާ އެއްފަހަރާ ރާމްއަށް ހޯދުމަކީ މިވަގުތު ނުވާނެ ކަމެކެވެ. އޭނާއަތުގައިހުރި ހުރިހާ ފައިސާއެއް އެ ޕްރޮޖެކްޓަށް ޚަރަދުކުރިކަން ޗޯޕްރާއަށްވެސް އެނގޭނެއެވެ. އެކަން ވިސްނައިދެވޭތޯ ރާމް ވަރަށް މަސައްކަތް ކުރިއެވެ.

ޗޯޕްރާގެ އެންމެފަހު ނިންމުން ނިންމިއެވެ. ރާމްއަށް އެފައިސާ ދެވެންނެތިއްޔާ ، އޭނާގެ ޙިއްޞާގެ ބަދަލުގައި އެފައިސާ ދޭން ތައްޔާރަށް އެހެން މީހަކު އެބަހުއްޓެވެ. އޭނާއާ ރާމްވާހަކަ ދެއްކުމަށް ލަފާދިނުމަށްފަހު ޗޯޕްރާ ހިނގައިގަތެވެ.

ރާމް ، ޗޯޕްރާއަށް ގޮވައިލިއެވެ. އަދި ފައިސާދޭން ތައްޔާރަށްހުރީ ކާކުތޯ ޗޯޕްރާ ކުރެން އެހިއެވެ. އޭނާގެ ނަމަކީ މރ. ދޭވްކަމަށް ބުނުމަށްފަހު ޗޯޕްރާ އެތަނުން ނުކުމެގެން ދިޔައެވެ.

ދޭވްއާ ވާހަކަ ދައްކާނީތޯ ނުވަތަ އެހެންގޮތެއް ހޯދާނީތޯ ރާމް ވިސްނަމުން ގެންދިޔައެވެ. އޭނާގެޔަށްގޮސް ވަނުމަށްފަހުވެސް ފައިސާގެ އިންތިޒާމް ހަމަޖެހޭތޯ އެކިމީހުންނާ ގުޅަމުން ގެންދިޔައެވެ. ރާމްއާ ވަރަށް ގާތުން މަސައްކަތްކުރާ އެކުވެރިންވެސް އޭގެތެރޭގައި ހިމެނެއެވެ. އޭގެތެރެއިން އެކަކީ ދީވާން ސާހަބެވެ. ދީވާން ސާހަބަށް ފައިސާގެ ދަތިކަން ކުރިމަތިވި ހިނދު ރާމްވަނީ އޭނާއަށް ފައިސާދީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ދޭވްއާ ރާމްއަށް ވާހަކަ ދެއްކޭގޮތެއްވެސް ނުވިއެވެ. ރާމްއާ ވާހަކަ ދައްކާކަށް ދޭވް ބޭނުމެއް ނުވެއެވެ. ރާމްގެ ފޯނަށް ޖަވާބެއްވެސް ނުދެއެވެ. ރާމްއަށް އެނގެނީ ހަމައެކަނި އެމީހެއްގެ ނަމެވެ. އެނާގެ ނަމަކީ ދޭވް އެވެ.

ރާމްގެ ވާހަކައިގެތެރޭގައި ދޭވްގެ ނަން އައުމުން އަންޖަލީ ކަންބޮޑުވިއެވެ. އޭނާ އެހުންނަނީ ރާމް ދައްކާ ވާހަކަ އަޑުއަހާށެވެ.

އޭގެ ފަހުދުވަހު ، ރާމް އޮފީހަށްގޮސް އޭނާގެ ކޮޓަރި ހުޅުވައިލުމާއެކު ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ގޮނޑީގައި އިށީނދެ އެއިނީ ބޮބީއެވެ. އެއްވެސް އަދަބެއް ނެތި ބޮބީ ، އޭނާގެ ބޭބެ ، ރާމްއަށް ސަލާމް ގޮވައިލިއެވެ. އޭނާގެ ގޮނޑީގައި ބޮބީ އިށީނދެ އެއިނީ ކީއްވެތޯ ރާމް ސުއާލުކުރިއެވެ.

އެއްވެސް އަދަބުވެރިކަމެއްނެތި ، ބޮޑާކަމާއެކު ، ބޮބީ އަޑުހަރުކޮށް ހީގަތެވެ. އެގޮނޑި އެއީ ބޭބެގެ ގޮނޑިއެއްގެ ގޮތުގައި ހުރިނަމަ ނޫންހޭ ބުނެ ބޮބީ އޭނާގެ ބޭބެއަށް މަލާމާތް ކޮއްގަތެވެ. ބޭބެޔަކީ ، ހަތްދިހަ ފަސް އިންސައްތަ ޙިއްޞާއޮތް މީހެކެވެ. އެއީ އިއްޔެ އެވެ. އަހަރެމެންގެ އަތުގައި އޮތީ އެންމެ ފަންސަވީސް އިންސައްތަ ޙިއްޞާއެވެ. މިއަދު ، އެމީހުންނަކީ ، ފަންސާސް އިންސައްތަ ޙިއްޞާ އޮތްބައެއްކަމުގައި ބޮބީ ބުންޏެވެ. ބޮބީ އެގޮނޑީގައި އެއިނީ ، ބާކީއޮތް ފަންސާސް އިންސައްތައިގެ ވެރިޔާގެ ހުއްދަ ލިބިގެންކަމުގައި ބޮބީ ބުންޏެވެ. ބޮބީ އޭނާގެ ދެފައި ، ނަގައި މޭޒުމަތީ ބާއްވައި ގޮނޑިޔަށް ފެތިލިއެވެ. އަދި މޭޒުމަތީ އޭނާގެ ބޫޓުން ތަޅަމުން ގެންދިޔައެވެ.

ރާމް ފުން ނޭވާއެއްލައި ހަމަޖެހިލައި ބޮބީއާ ގާތަށް ޖެހިލިއެވެ. އަދި ބޮބީ އިށީނދެއިން ގޮނޑި ތެދުކޮށްލިއެވެ. ރާމް ، އެގޮނޑި އަނބުރައިލިލެއް ބާރުކަމުން ، ބޮބީގެ ދެފައި މޭޒުން ބޭރުވިއެވެ. އޭނާ އުއްމީދު ކުރި ދުވަހަކީ އެއީކަމުގައި ބުންޏެވެ. އަހަރެންގެ ކޮއްކޯއެވެ ! މިހާރުދެން ތި ގޮނޑީގައި ތި އިށީނދެވުނީއެވެ. ގޮނޑިއަށް ޙައްޤު ޢިއްޒަތްދީގެން ގޮނޑީގައި އިށީނދެ އިންނަން ދަސްކުރާށެވެ ! އުފަލުގައި ހުންނާށެވެ ! ރާމް ބޮބީއަށް ނަޞޭޙަތްލައިދިނުމަށްފަހު ، އޭނާގެ ބޮލުގައި ފިރުމައިލުމަށްފަހު އޮފީހުން ނުކުތެވެ.

ލިބުނު ހާސްކަމުގައި އޭނާގެ ކޮޓަރިން ނުކުމެ ، ބޭރުގައި ރާމް މަޑުކޮށްލިއެވެ. އެވަގުތު އޭނާއަށް އިވުނީ ބޮބީ ދޭވްއަށް ފޯނުކޮށްފައި ، އެކަން އޭނާ ނިންމައިފިވާހަކަ ބުނި އަޑެވެ. ރާމް ބޭރުކޮށްލައިފީމޭ ބުނެ ހެމުން ނަށަމުން ބޮބީ ، ދޭވް އާ ވާހަކަދައްކަން އިންތަން ދޮރުކުޑަކޮށް ހުޅުވާލައިފާ ރާމް ބަލައިލިއެވެ. އެމީހުންގެ ޕާރޓްނަރޝިޕް އަދި އެފެށުނީކަމަށާއި ، ފަހުން ހިނގާނެ ކަންކަން ދެކެން ދޭވް ހުންނާށޭ ބުނިއަޑުވެސް ރާމްއަށް އިވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.