ހިތުގެ ވިންދު - 2

(28 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދޭވްގެ ހިތުގެ ވިންދު ، އިޙްސާސްވެގެންދިޔައީ ، ހަމައެކަނި އަންޖަލީގެ އަތަށް ، އެކަންޏެއްނޫނެވެ. އަންޖަލީގެ ހިތާއި ސިކުނޑިއަށްވެސް ، އެހިތުގެ ލޮޅުން އިޙްސާސްވެގެން ދިޔައެވެ. އަންޖަލީ އެކޮށްލި ސަމާސާއިން އަންޖަލީގެ މޫނުމައްޗަށް ވެރިވެގެންދިޔަ ހިނިތުންވުމުގެ އަސަރު ފިލައިގެންނެއް ނުދެއެވެ. އަންޖަލީ ބޭނުންވީ ، ދޭވްގެ ހިތް ތަޅުވައިލާށެވެ. އެހިތް ތެޅިގަންނަނީ ކިހާވަރަކަށްތޯ ބަލައިލާށެވެ. އަންޖަލީއަށް އެއީ ލޯބީގެ ސަމާސާ އެކެވެ. އެހާ އާދައިގެ މަޖާ ސަމާސާއެއް ، މާބޮޑުކަމަކަށް ހަދައިގެން ، ސީރިއަސްކޮށް ނުނެގުމަށް ދޭވްގެ ކިބައިން ، އަންޖަލީ އެދެއެވެ. އެއްދުވަހަކުން ، އެސަމާސާ އެއީ ޙަޤީޤަތަކަށް ވެއްޖިއްޔާ ވާނީ ކިހިނެއްތޯ ބުނެ ، ދޭވް އާ އަންޖަލީ ސުއާލުކޮށްލިއެވެ.

ދޭވްގެ ދުނިޔެ އަނދިރިވެގެން ދިޔައެވެ. އެހެން އެކަން ވެއްޖިއްޔާ ، ދުނިޔެ އެފުށް މިފުށަށް ޖަހައިލާނެކަމުގައި ، އަޑަށް ބާރުލާފައި ދޭވް ބުންޏެވެ.

ކާކުގެ ދުނިޔެއެއް ހެއްޔެވެ ؟ އަހަރެންގެ ދުނިޔެ ހެއްޔެވެ ؟ އަންޖަލީ ސުއާލުކުރިއެވެ.

އަންޖަލީގެ ވާހަކަ ނުނިމެނިސް ، އަވަސް އަވަހަށް ނޫނެކޭ ބުނެ އަންޖަލީގެ މޫނުގައި ދޭވްގެ ދެއަތްތިލައިން  ފިރުމަން ފެށިއެވެ. އޭނާ ، އެދުވަސް އަޔަކަ ނުދޭނެއެވެ. އެދުވަސް އައުމުގެކުރިން ، އަމިއްލަޔަށްވެސް މަރުވާނެކަމަށް ދޭވް ބުންޏެވެ. ލޯބިވާ ކަމުގެ ދަޢުވާކުރަމުން ، މަރުވުމުގެ ވާހަކަ ދައްކަނީހެއްޔޭ ބުނެ ، އަންޖަލީ ، ދޭވް އަށް މަލާމާތް ކޮށްލިއެވެ. ބުނާބަހުގެ އިތުބާރު ، އަމިއްލަ ނަފުސަށްވެސް ނެތީ ހެއްޔެވެ ؟

މަރުވާނީ ކިހިނެއް ހެއްޔެވެ ؟ އޭނާ އަންޖަލީއަށް ގޮވައިލިއެވެ.  މަރުވުމަށްފަހު ،  އަންޖަލީގެ ހިތުތެރޭ ، އަންޖަލީގެ ހަށިގަނޑުގައި އޭނާގެ ފުރާނަ ، ވަދެ އޮންނާނެކަމަށް ދޭވް ބުންޏެވެ. އަންޖަލީގެ ހިތުގެ ވިންދަށް ވެގެންނެވެ. އަންޖަލީ ދޭވްއަށް ގޮވައިލިއެވެ. އަހަރެންދެކެ ތިވަނީ ހާދަމަތިވެރި ލޯތްބެކޭ ބުނެ ، އަންޖަލީގެ ލޮލުގައިވާ މަސްތީ އަސަރުން ދޭވްގެ މޫނު އަލިކޮށްލަދިނެވެ. ދޭވްގެ ލޮލުގެ ތެރެޔަށް ވަދެ ، ލޯބީގެ މަސްތީ ޢާލަމަށް ގެއްލިގެންދިޔައެވެ.

އަންޖަލީ އޭނާގެ އަމިއްލަ ހިތުގެ ވިންދާ އެ ސުއާލުކޮށްލުމަށް ދޭވް ބުންޏެވެ. ދޭވް އޭނާދެކެ ލޯބިވާވަރު ، އެހިތް ބުނެދޭނެއެވެ. އަންޖަލީގެ ހިތުގެ ކޮންމެ ވިންދެއް ބުނާނީ ކީކޭކަން އެނގޭ ހެއްޔެވެ. ބުނާނީ ކީކޭ ހެއްޔެވެ ؟ އަންޖަލީ ސުއާލު ކުރިއެވެ. އަންޖަލީއަށް ދޭވް ޖަވާބުދިނީ ، ޝާޢިރާނާ ޚިޔާލީ ދުނިޔެއަކަށް ގެންގޮސް ، އޭނާގެ ހިތުގައިވާ ލޯބީގެ ފޮނި އިޙްސާސްތަކުންނެވެ.

އަންޖަލީވަނީ ދޭވްގެ ހިތުގެ ވިންދުގައި ރައްކައު ކުރެވިފައެވެ. އަބަދުގެ އަބަދަށް އޮންނާނެއެވެ. އަހަރެންގެ ހަށިގަނޑުން މިލާ ނޭވާ ، އެވާހަކަ އެބަ ބުނެއެވެ. އަހަރެންގެ މުށުތެރެޔަށް އައިސް ވަދެ ، ހުވަފެނެއްގެ ތެރެޔަށް ގެއްލި ހިނގައިދާށެވެ !

" އެންމެ ރަނގަޅެވެ. ދޭވް އެވެ ! ތިބުނަނީ އަހަރެންދެކެ ލޯބިވާ ވާހަކައެވެ. އަހަރެންދެކެ ދޭވް ކިހާވަރަކަށް ލޯބިވަން ހެއްޔެވެ ؟ ބުނެބަލާށެވެ !  " އަންޖަލީ ސުއާލު ކުރިއެވެ.

      ދީވާނާވެ އާވާރާ ވެގެންގޮސް މޮޔަވެފައިވާ އިންސާނެއްފަދައިން އަހަރެންނަށް އަންޖަލީދެކެ ލޯބި ވެވިއްޖެއެވެ. މަޑުމަޑުން އަންޖަލީ އަހަރެންގެ ގާތަށް އައެވެ. ހަނުހުންނަމުންގޮސް އަންޖަލީ އަހަރެންގެ ލޯތްބަށް އިޢުތިރާފް ވިއެވެ. މިހާރު އަހަރެން އެއްވެސް މީހަކު ދެކެ ބިރެއް ނުގަންނަމެވެ. އުފަލާއި އަރާމުގައި ދިރިއުޅެމުންގޮސް ދެން އޮންނާނީ މަރުވުމެވެ.

      އެހިސާބުން ދޭވްއަށް އަންޖަލީ ގެއްލުނެވެ. ހަ ފަރާތްބަލައި ހޯދިއިރުވެސް އޭނާއަކަށް އަންޖަލީއެއް ނުފެނުނެވެ. ކަންބޮޑުވެފައިހުރެ ، އަންޖަލީއަށް ގޮވަމުން ދޭވް ދުއްވައިގަތެވެ. ރޮމުންރޮމުން ، އެ ބަގީޗާގެ އެތަން މިތަން ހޯދަމުން އަންޖަލީއަށް ގޮވަމުން ގެންދިޔައެވެ. ބޮލުރޮދި ކެނޑިފައިވާ ރާރާގުޑިއެއްގޮތަށް ، މުޅި ތަނުގައި ހޫރިގަތެވެ.

އަންޖަލީހުރީ ބިޔަގަހެއްގެ ނިޔަލަށްވަދެ ، ދޭވްއަށް ފިލައެވެ. ހެމުން ހެމުން އޭނާ ، ދޭވްއާ ސަމާސާ ކޮށްލަނީއެވެ. އެތަންމިތަން ހޯދިއިރުވެސް ދޭވްއަކަށް އަންޖަލީއެއް ނުފެނުނެވެ. ހުއްޓުމެއްނެތި ، އަންޖަލީއަށް ގޮވަމުން ދޭވްގެ ގައިގާ ހުރިބާރެއްލާފައި ދުވަމުން ގެންދިޔައެވެ. ދޭވްއަށް ރޮވޭގޮތްވިއެވެ. އަންޖަލީ ހޯދުމަށްޓަކައި ދޭވް އެދުވިދުވުމާއި ވެފައިހުރި ކަންބޮޑުވުމުން އަންޖަލީގެ ހިތަށް އަސަރުކުރިއެވެ. ކަންބޮޑުވިއެވެ. އެންމެ ސިކުންތަކަށްވެސް ދޭވްއަށް ފިލައި ހުންނާކަށް އަންޖަލީގެ ހިތް ހުއްދައެއް ނުދިނެވެ. ފިލައިހުރިތަނުން ނުކުމެ ، ދުވަމުން ދުވަމުންގޮސް ފަހަތުން ، ދޭވްގައިގާ ބައްދައިލިއެވެ. ދޭވްގެ އެ އިޙުސާސްތައް  އެއީ ، އަންޖަލީގެ މައްޗަށް ދޭވްގެ ހިތުގައި ބިންވަޅުނެގިފައިވާ ލޯބީގެ އިޙްސާސެވެ. ދޭވްފަދަ ނިކަމެއްޗަކަށް ، އަންޖަލީފަދަ މުއްސަންޖެއްގެ ކަންފަތަށް ، އެފަދަ އަޑުތަކެއް އިއްވައިލަ ދެވުނުކަންވެސް އެއީ ދޭވްގެ ނަސީބެވެ.

" ދޭވް އެވެ ! އަހަރެންދެކެ ތިހާވަރަށް ލޯބި ނުވާށެވެ ! އޭގެ ގެއްލުން ވަރަށް ބޮޑުވެދާނެއެވެ. އެއްވެސް ކަމަކާނުލައި ތަކުލީފުތަކެއް އުފުއްލަން ޖެހިދާނެއެވެ. ތިހާ ލޯބިވާން ، އަހަރެންގައި ހުރީ އެފަދަ ކޮން އެއްޗެއް ހެއްޔެވެ ؟ އަހަރެންގައިހުރީ ކޮންކަމެއް ހެއްޔެވެ ؟ " އަންޖަލީ ބުންޏެވެ.

      ދޭވް އިސްދަށަށް ޖަހައިލިއެވެ. މުޅިދުނިޔެވެސް ދޭވް ބަލައެއް ނުގަތެވެ. އެހެންނަމަވެސް ، އޭނާ ބަލައިގަތީ ހަމައެކަނި އަންޖަލީއެވެ.  އެންމެންވެގެން ހަލާކުކޮށްލި އޭނާގެ ހިތުން ، ހާސްކަން ފިލައި ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބުނެވެ.  ދޭވްގެ ހުވަފެނެއް އޮވެއެވެ. އަންޖަލީއަކީ އޭނާގެ އަމިއްލަ މީހަކަށްވެފައި އޮތުމުގެ ހުވަފެނެވެ. އެހުވަފެނުގެ ތެރެޔަށް ގެއްލިގެންދަމާ ހިނގާށެވެ ! އަންޖަލީއަކީ ދޭވްގެ ހިތުގެ ވިންދެވެ. އެކަން އެގޮތަށް އޮންނާނެއެވެ. އަންޖަލީ ، އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހިނދު ، ދޭވް ، އަންޖަލީގެ އަތަށް ދަމައިލިއެވެ. އަދި ހުރިހާ ވާހަކައެއް ދައްކަންވީ އޭނާތޯ ސުއާލުކުރިއެވެ. އަންޖަލީ އެއްވެސް އެއްޗެކޭ ނުބުނާނަން ހެއްޔެވެ ؟ ނޫނެކެވެ. އަންޖަލީވެސް އެއްޗެކޭ ބުނާނެއެވެ.

" މުށުތެރެޔަށް އަންނާށެވެ ! ހުވަފެނުގެ ތެރެޔަށް ޣަރަޤުވެގެން ދަމާހިނގާށެވެ ! " ހެމުން ނަށަމުން ، ދޭވް އާ ދިމާއަށް އޭނާގެ ދެއަތް ފުޅާކޮށް ދިއްކޮށްލަމުން ، އަންޖަލީ އޭނާގެ އިޙްސާސްތައް ހާމަ ކޮށްލިއެވެ.

      ދެން ހުއްޓައިލާށެވެ ! އޭނާއަށް އެހާވަރަށް ތަޢުރީފުކުރުން ހުއްޓައިލުމަށް އަންޖަލީ ، ދޭވްގެ ކިބައިން އެދުނެވެ. އޭރުވެސް ދޭވް ބުނަމުން ގެންދަނީ ، ދޭވްގެ ހިތުގެ ވިންދުގައި އޮންނާނީ ހަމައެކަނި އަންޖަލީކަމުގައެވެ. އެހެން އެއްވެސް އިންސާނަކަށް އެހިތުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމުގައެވެ.

ލަނޑަޔާ ވާނީ ލަނޑަޔާއެވެ. ޒުވާންކަމާއި މުއްސަނދިކަން އަދި ޢިލްމާއި ޙިލްމު ކިރައި އުޅެނީ އެއްވަރެއްގެ އެއްޗެތި ، ތަރާދުގެ ދެކޮޅަށް ލައިގެންނެވެ. ދޭވްގެ ތަރާދުން އެ ކިރެނީ ، މުއްސަނދިކަމާއި ފަޤީރުކަން އެ ތަރާދުގެ ދެކޮޅަށް ލައިގެންނެވެ. މުއްސަނދިކަން އޮތް ކޮޅަށް ބަރުވެ ، ފަޤީރުކަން އަރާ އޮންނަނީ މަތީގައެވެ. އެހެނަސް ، އެ ފަޤީރުކަން އަންޖަލީގެ ހިތުގައި އޮތް ލޯބީގެ ބަރުދަނުން ދޭވް އާ އެއްވަރުކޮށްދެއެވެ. ދޭވް އާ އެއްވަރުކުރުމަށް އަންޖަލީ އެވާ ޤުރުބާނީ ދެމިއޮންނާނީ ކިހާ ދުވަހަކުކަމެއް ނޭނގެއެވެ. މީޒާން އެއްވަރު ކުރުމަށް އަތްއަޅައި އޮބަހައްޓައިގެން އަންޖަލީއަށް ހުރެވޭނީ ކިހާއިރަކު ހެއްޔެވެ ؟ ތަރާދުން ، އަންޖަލީގެ އަތް ދޫކޮށްލާއިރަށް ، ސުމަކާ ހާހަކާ ދެމެދުގެ ތަފާތުން އަންޖަލީގެ ކޮޅަށް ބަރުވެއެވެ. އެ ތަފާތު ނައްތައިލުމަށްޓަކައި ދޭވް އަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އޭނާގެ ފަޤީރުކަން އެކަމަށް ތަޞައްރުފެއް ނުފުދެއެވެ. ހަމައެކަނި އޮތް ގޮތަކީ އަންޖަލީގެ ލޯތްބަށް ބަރޯސާ ވުމެވެ. އެބަރޯސާއަށް ދުނިޔެ އޮތީ ހިނިތުންވެގެން ހެއްޔެވެ ؟ ތަޤްދީރު އޮތީ ދޭވްގެ ކޮޅަށް ހެއްޔެވެ ؟ މިހިރީ ހައްތާވެސް ، ދޭވްގެ ހިތް ނުތަނަވަސްކުރާ ސުއާލެވެ.

އަންޖަލީގެ މުއްސަނދި ދިރިއުޅުމުގައި ، ދޭވްއަށް ޚާއްޞަ ކޮށްގެން ބައްދަލުކޮށްލަން ހޯދެނީ ، އެކަށީގެންވާ ވަރަށްވުރެ ކުޑަ ވަގުތު ކޮޅެކެވެ. ގިނަ ދުވަސްދުވަހަށް އާދެވެނީ ހަވީރު ކޮޅުއެވެ. އިރުކޮޅަކުން އިރު އޮއްސޭނެއެވެ. އެހިސާބުން އެދެމީހުން ވަކިވާން އޮންނަނީ މަޖުބޫރުވެފައެވެ. އަންޖަލީ އެކުރާކަމެއް އެކުރަނީ ، އޭނާގެ މައިންބަފައިންނަށް ނޭނގިއެވެ. ދޭވްގެ ނަން ، އޭނާގެ މައިންބަފައިންގާތު ދައްކާނެގޮތެއް ނުވެސް އެނގެއެވެ. އަދަބު އިޙްތިރާމް ކުރުމަކީ ދޭވް ދަންނަކަމެއް ނޫނެވެ. ޚުލްޤު ހެޔޮ އިންސާނެއްގެ އެއްވެސް ސިފައެއް ، އޭނާ ބޮޑުވި މާޙައުލުން ،  ދޭވްއަށް ދަސްވެފައެއް ނެތެވެ. ދޭވްއަކީ ، ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން އަންޖަލީއަށް އެނގެއެވެ. ދޭވްގެ ފެންވަރުން ، ކަމަކާ ޖެހިއްޖިއްޔާ ވާނެގޮތްވެސް އޭނާއަށް އެނގެއެވެ. ދޭވް ޢަމަލުކުރާނެ ގޮތާއި ދައްކާނެވާހަކަ އެނގެއެވެ. އޭނާގެ މައިންބަފައިންނާ ދޭވް އާ ބައްދަލު ކުރުވަން ޖެހޭނީ ދޭވް އެކަމަށް ތައްޔާރު ކުރުވައިގެންނެވެ. ވިސްނުމާއި ފިކުރު އަދި ދޭވްގެ ޢަމަލާއި ބަސްމަގު ބަދަލުކޮށްގެންނެވެ. އަންޖަލީ މިހާރު އެކުރާ މަސައްކަތަކީ އެއީއެވެ. އަންޖަލީއާއެކު ދިރިއުޅުމަށް ، އޭނާގެ މައިންބަފައިންނަށް ކަމުދާނެ މީހަކަށް ދޭވް ބަދަލުކުރުމުގެ މަސައްކަތެވެ. އެހެނަސް އެއީ އުނދަގޫ ކަމެކެވެ.

ލިބޭ ހުސްވަގުތު މަދުނަމަވެސް ، ލިބޭ ވަގުތެއްވިއްޔާ އަންޖަލީ ހޭދަކުރަނީ ދޭވް އާ އެކުގައެވެ. ބައްދަލު ކުރެވޭ ވަގުތުކޮޅު މަދުނަމަވެސް ، އެކަމަށްވެސް ، ދޭވް ގެ ހިތުގައި ، އެއްވެސް ހިތްބަރުކަމެއް ނުވެއެވެ. އެއްވެސް ވަރަކަށް ޝަކުވާއެއް ނުކުރެއެވެ. ދޭވްގެ ލޯތްބަކީ އޭނާގެ ހިތުގެ ވިންދެވެ. އަދި އަންޖަލީގެ ހިތުގެ ވިންދަކީ ، ދޭވްކަން ދޭވްއަށްވެސް ކަށަވަރު ވެއެވެ. އެދުވަހުގެ ވަގުތުކޮޅުވެސް ނޭނގިހުއްޓާ ، ނިމިއްޖެއެވެ. ހިތްއެދުނު ނަމަވެސް ، އިތުރަށް ، ވަގުތު ދިގުކުރެވޭކަށް ނެތެވެ. އިރުވެސް އޭގެ ވާޖިބު އަދާކޮށްފައި އޮއްސިގެންގޮސް ދުނިޔެއާ ނިވާވަނީއެވެ. އެދެލޯބިވެރިންގެ ލޯބީގެ ހެކި ސާބިތުކޮށް ، ކަށަވަރު ކޮށްދެމުންނެވެ.

ވަކިވުމުގެ ވަގުތު ޖެހުނީއެވެ. ފުދޭވަރެއް ނުވެއެވެ. އެކަމަކު ، މިއަދަށް އެހިސާބުން އެ ނިމުނީއެވެ. ދެން އަނެއްކާވެސް ދިމާވާނީ މާދަމާއެވެ. އެހެނަސް ދެމީހުންގެވެސް ޢަޒުމެއް އޮވެއެވެ. ހަމަ ، ކޮންމެ ދުވަހަކުވެސް ، އަންނަންކިޔާ ގަޑިޔަށް އެ ތާކަށް އައުމެވެ. ހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި ދެމީހުންވެސް އެކަން ކުރާނެއެވެ. ބައްޔެއްވިޔަސް ފިރުކެމުންނަމަވެސް ނައިހެއް ނުހުންނާނެއެވެ. ދޭވްގެ ފަގީރުކަމުން ދުއްވާނެ އުޅަނދެއްގެ ނަސީބު މިންވަރުކުރައްވާފައި ނެތަސް ، އަންޖަލީގެ އަމިއްލަ ކާރެއް އޮވެއެވެ. އެމީހުންގެ ބައްދަލުވުމުގައި އެކާރުގައި އެތަނަށް އަންނާކަށް ދޭވް ބޭނުމެއް ނުވެއެވެ. އަންޖަލީއާ ބައްދަލު ކުރުމަށް އޭނާ އަންނާނީ އޭނާގެ ފަޤީރު ޙާލަތުގައެވެ. އޭނާގެ އަތުގައި ދަބަރުޖަހާފައިހުރި ބައިސްކަލްގަނޑެއްހާ ހިސާބުވެސް ނެތެވެ. ބައްދަލުކުރާ ތަނަށް އޭނާ އެއަންނަނީ ރޭލާއި ބަސް ބޭނުންކޮށްގެން ޕަބްލިކް ޓްރާންސްޕޯޓުގައެވެ. ދޭވް އަންނަނީ އޭނާގެ ފެންވަރުންނެވެ. ބައްދަލުވުން ނިމޭއިރު ، އިރުއޮއްސި އަނދިރިވެފައި އޮންނާތީ ، ދޭވް ދޫކޮށްލާފައި ދާކަށް އަންޖަލީގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ގެޔަށްދަނީ އަންޖަލީއާއެކުގައި އޭނާގެ ކާރުގައެވެ. މެންދުރު ބައްދަލުވެއްޖިއްޔާ ، އަންޖަލީ އޮފީހަށްދަނީ ދޭވް ގެންގޮސް ގެޔަށްލާފައެވެ.

އަންޖަލީގެ ކާރު ، ބާރު ދުވެލީގައި އައިސް ، ދޭވްގެ ގޭގެކުރިމައްޗަށް ހުއްޓައިލިއެވެ. ދެމީހުންގެ ލޮލުން ފައުޅުވާ ، ލޯބީގެ މުތީތަކެއްފަދަ ވަދާޢުގެ ސަލާމުން ލޯ ސީދާވެ ، ދެމީހުންގެލޯ އެއްފަހަރާ މަރައިލެވުނެވެ. ދޭވް އަކަށް ، އެވަރަކުންނެއް ނުފުދުނެވެ. މާދަމާ 12 ޖަހާއިރަށް ބައްދަލުވާނެކަމަށް ބުންޏެވެ. އޭނާއަށް އިތުރަށް އިންތިޒާރުކުރަން ނުޖެއްސުމަށްވެސް ދޭވް އެދުނެވެ.

އަންޖަލީ ދޭވްއަށް ގޮވައިލިއެވެ. އަދި މިއަދުވެސް ދޮރޯށިކައިރިން އޭނާ ފޮނުވާލަނީތޯއާއި މަންމައާ ބައްދަލު ނުކުރެވޭނެތޯ ސުއާލުކުރިއެވެ. ދޭވްގެ މޫނުމަތިން ފެނުނު ހާސްކަން އަންޖަލީ ބަލައެއް ނުގަތެވެ. މަންމައާ ބައްދަލު ކުރުވާނެކަމަށް ދޭވް ބުންޏެވެ. އެހެން ދުވަހަކުންނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.