(3 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ އެ ދެ ބެއިން ގައިން ވަކި ކުރުމަށްފަހު މަޑުމަޑުން ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ޒާރާ ހެދުންތައް ފޮށްޓަކަށް އަޅަނީއެވެ. އޭނާވެސް އަނގައިން ނުބުނެ އޭނާގެ ހެދުންތައް ނަގާފައި ޒާރާގެ އަތަށް ދޭން ފަށައިފިއެވެ. އެއަށްފަހު ހަމަ ހިމޭން ކަމާއެކު ގެއިން ނުކުމެގެން ހިނގައްޖެއެވެ.
ޝެހެރޫޒް ޒާރާ ގޮވައިގެން ގޮސް ޒާރާގެ މަންމަގެއަށް ލާފައި ކޮންމެވެސް ތަނަކަށް ހިނގައްޖެއެވެ. ދިޔަ ތަނެއް ނުބުނެއެވެ. އެހެންވީމާ މަންމަގެ ސުވާލުތަކަށް ޖަވާބު ދޭން ޖެހުނީ އޭނާއަށެވެ.
"މަންމާ. އަހަރެން މިއުޅެނީ ކުޑަކޮށް ބަލިވެ. އެހެންވީމާ މި ގޭގައި ކުޑަދުވަސްކޮޅަކު މަޑުކޮށްލާނީ." އޭނާ މިހެން ބުނެގެން މަންމަގެ ހިތް ހަމަޖައްސައިލަދިނީއެވެ.
ޝެހެރޫޒް އައީ ހަވީރުއެވެ. އޭރު ހުރީ ވަރުބަލިވެފައެވެ. އޭނާ އައީމާ ދެ މީހުން ގޮސް ވަކި ކޮޓަރިއަކަށް ވަދެއްޖެއެވެ.
"މަންމަ ގާތު ބުނީ ކީކޭ؟" އޭނާ އަހައިލިއެވެ.
"އަހަރެން ބުނީ މިއުޅެނީ ބަލިވެއޭ... އެހެންވީމާ މި ގޭގައި ދުވަސްކޮޅަކު އުޅެން ބޭނުމޭ."
"އާނ... ޒާރާ މި ގޭގައި އުޅޭ. އަހަރެން ވަރަށް އަވަހަށް ގެއެއްގެ ކަންތައް އެބަ ހަމަޖައްސަން. ހަމަޖެހުނީމާ އަމިއްލަ ގެއަކަށް ދާނީ."
"ޝެހެރޫޒް އުޅެނީ ކޮންތަނެއްގައި؟"
"އަހަރެންގެ ފިކުރު ނުކުރޭ. އަހަރެން އުޅެނީ ހޮޓަލެއްގައި." އޭނާ ކުޑަކޮށް އަޅައިގަންނަމުން ބުނެލިއެވެ.
ޒާރާ ވިސްނައިލާފައި ބުންޏެވެ. "އެއްވެސް މީހެއް ގާތު އަދި އެއްވެސް ވާހަކައެއް ނުބުނާތި. އަހަރެން ކޮންމެ ދުވަހަކު ހަވީރު އަންނާން."
އޭނާ އެއް ހަފުތާ ވާންދެން މަންމަގެ ގޭގައި އުޅުނެވެ. ހަފުތާއެއްހައި ދުވަސް ވީތަނާ ޝެހެރޫޒް އައިސް އަމިއްލަ ގެއެއް ހޯދި ވާހަކަ ބުނެފިއެވެ. އޭނާ ގެއަށް ދަމުން މި ދަނީ އަމިއްލަ ގެއަކަށޭ މަންމަ ގާތު ބުންޏެވެ. އޭގެ ފަހުން ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއްނުދެއެވެ. މަންމަ ހުރީ ޙައިރާންވެފައެވެ.
ޝެހެރޫޒާއި އޭނާ ދިޔަ ޓެކްސީ ގޮސް މަޑުކޮށްލީ ވަރަށް ސާފުތާހިރު ހިސާބެއްގައި ހުރި ރީތި ގެއެއްގެ ދޮރުމައްޗަށެވެ.
ގެއަކީ ބޮޑު ގެއެއް ނޫނެވެ. އެހެން ނަމަވެސް ހަދާފައި ހުރިގޮތުން ފެންނަނީ ވަރަށް ބޮޑު ގެއެއްގެ ގޮތުގައެވެ. ނިދާ ކޮޓަރީގެ ދެ ކޮޓަރިއާއި ބޮޑު ކޮޓަރިއަކާއި ބަދިގެއާއި ކާގެ ވަކީން ހުއްޓެވެ. ގެ ހުރީ އޭނާއަށް ކަމުދާ ގޮތަށެވެ. އެކަމަކު މިވަގުތު ފަރުނީޗަރު ހުރީ އެންމެ ކޮޓަރިއެއްގައެވެ. އެހެން ހުރިހައި ތަނެއް ހުރީ ހުހަށެވެ.
"ޒާރާއަށް ކަމުދާ ކަހަލަ ފަރުނީޗަރު ގަނެގެން ގެ ޒީނަތްތެރި ކުރުމުގެ މަސައްކަތް އަމިއްލައަށް ކޮށްލާ." ޝެހެރޫޒް ބުނެލިއެވެ. އޭގެ ފަހުން ވޭތުވެގެން ދިޔަ އެތައް ދުވަހެއް އޭނާ ހޭދަކުރީ ގެ ޒީނަތްތެރި ކުރުމުގައެވެ. ބޭނުންވާ ގޮތަށް ގެ ޒީނަތްތެރިކޮށް ނިމުނު ދުވަހަކީ އޭނާ ހަމަޖެހުމުގެ ނޭވައެއް ލީ ދުވަހެވެ. އޭނާގެ އުފަލުގައި ބައިވެރިވެ އުފާވެރިކަން ފާޅުކުރުމަކީ ޝެހެރޫޒަށް މަޖުބޫރުވެފައިވާ ކަމެކެވެ. އެހެންނޫންނަމަ ޝެހެރޫޒްގެ ހިތުގައި އަބަދުވެސް އޮންނާނީ ނުބައި ކަމެއް ކުރެވިގެން އުޅޭކަމުގެ ޚިޔާލެވެ. އަދި މަންމަގެ ރުޅީގެ ސަބަބުންވެސް އޭނާގެ ބޮލުގައި ވަރަށް ބޮޑު ބުރައެއް އެޅިފައި އެބަ އޮތޭ ހީވެއެވެ. އެއިން އެއްވެސް ޚިޔާލަކުން އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. އެކަމަކު އެކަމެއް އޭނާ އެއްވެސް މީހަކަށް ނާންގައެވެ. ހިތުގައި ސިއްރު ކޮށްފައި ބާއްވަނީއެވެ. ޒާރާ އަބަދުވެސް އޭނާއަށް ވިސްނައި ދެނީ އޭނާ ކޮށްފައިވާ އެއްވެސް ކަމަކީ ނުބައި ކަމެއް ނޫން ކަމަށެވެ.
"އަހަރެމެންނަށް މި ކަހަލަ ގެއެއް ޢިމާރާތް ކުރެވުނީސްތަ؟" އޭނާ ބުނެއެވެ. "މުޅި އުމުރު ދުވަހު މަސައްކަތް ކުރިޔަސް ފޫޓެއްހައި ބިންކޮޅެއްވެސް ގަނެއެއްނުލެވޭނެ. މަންމަގެ ރުޅިއަކީ ވަގުތީ ރުޅިއެއް. ގޭގެ ޙާލަތު އޮންނަ ގޮތް ޝެހެރޫޒަށް އެނގޭނެ. އެ ޙާލަތާ ކުރިމަތިލައިގެން ތާއަބަދު އުޅުމަކީ މަންމައަކަށް ކުރެވޭނޭ ކަމެއް ނޫން. އެންމެ ފަހުން ފައިސާގެ ބޭނުންތެރިކަން މަންމައަށްވެސް ވިސްނޭނެ. އަދި ޝެހެރޫޒް ވަޒީފާ އަދާ ކޮށްގެން ހުރިހައި މައްސަލައެއް ޙައްލު ނުކުރެވޭނެކަންވެސް އެނގޭނެ."
"ޒާރާއަކަށް މަންމަގެ ގޮތެއް ނޭނގޭނެ." އޭނާއަށް ބުނެވުނީ ހަމައެކަނި މިހެންނެވެ.
"ޝެހެރޫޒް ކޮންމެ އެއްޗެކޭ ބުންޏަސް ކާނޭ އެއްޗެއް ނުލިބުނީމާ ހުރިހައި ޢިއްޒަތަކާއި، އަމިއްލަވަންތަކަމެއް ނެތިގެން ހިނގައިދާނެ." ޒާރާ ބުންޏެވެ. "އަހަރެމެންގެ ނަސީބުގައި ހުރި އެއްޗެއްވިއްޔާ އަހަރެމެންނަށް ލިބޭނެ. އެކަމަކު އަތްއުރައިލައިގެން ތިއްބައެއް ނުލިބޭނެ. ނަސީބަކީ ކުރިއަށް ޖެހި ލިބިގަތީމާ ލިބޭ އެއްޗެއް. މި ދުވަސްވަރަކީ އަމިއްލަ ނަސީބުގައި ލައްވާފައިވާ އެއްޗަކުން ނުފުދިގެން އެހެން މީހުންގެ އެއްޗެހި ޖަހައިގަންނަ ޒަމާނެއް. ކާމިޔާބު ލިބޭނީ ޖަހައިގަތުމުގައި އިސްނަގާ މީހަކަށް." ޒާރާ އޭނާގެ އަތުގައި ހިފައިލިއެވެ. އެ ވަގުތު އޭނާ އާދަޔާ ޚިލާފަށް ޒާރާގެ މައްޗަށް ލެނބެމުންދާ ކަމުގައި އިޙްސާސް ކުރެވުނެވެ.
ގެ ޒީނަތްތެރިކޮށް ބޭނުންވާ އެއްޗެހި ހޯދައި ނިމުނުއިރު އަތުގައި ހުރި ފައިސާ ހުސްވުމަކާ ގާތަށް ހިނގައްޖެއެވެ. މަހުގެ މުސާރަ އޭނާގެ އަތަށް އެރީމާ އަނބުރައި ނުގަތީ ކިރިޔާއެވެ. ގެއެއްގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އޭނާގެ ބޮލުގައި މި އެޅުނީ އަދި ކިރިޔާއެވެ. މަންމަމެން ކައިރީގައި އުޅުނުއިރު ހުރިހައި ޒިންމާއެއް އުފުލަނީ މަންމަމެންނެވެ. ޝެހެރޫޒްމެން ގެއަށް ދިޔައީމާ ހުރިހައި ކަމެއް އޮތީ އެ ގޭގެ މީހުންގެ އަތްމަތީގައެވެ. ޝެހެރޫޒްގެ ގޭގައި ވަރަށް ގިނަ މީހުން އުޅެއެވެ. އެންމެންގެ ޚަރަދުބަރަދު ބަލަހައްޓަނީ ޝެހެރޫޒަށް ލިބޭ އެއްޗަކުންނެވެ. އެކަމަކު އެންމެންވެސް ތިބެނީ ހަމަޖެހިގެންނެވެ. މި ގޭގައި ޝެހެރޫޒްގެ މުސާރަ އަތަށް ލިބުނީމާ އެއީ ވަރަށް ކުޑަ ފައިސާކޮޅެކޭ އޭނާގެ ހިތަށް އެރިއެވެ.
"ޝެހެރޫޒް... ކޮންމެވެސް ވިޔަފާރިއެއް ކުރަންވީއެއްނު؟" ކިތަންމެ ބޮޑު ވާހަކައެއްވެސް އާދައިގެ ގޮތަކަށް ބުނެލުމަކީ ޒާރާއަކަށް އެއްވެސް ކަމެއް ނޫނެވެ.
"މިހާރު ކުރާނީ ކޮން ވިޔަފާރިއެއް؟ ފައިސާކޮޅު އެކުގައި ޚަރަދުކޮށް ނިމިއްޖެއެއްނު؟"
"އެހެންވެއްޖެއްޔާ އަދި އެއް ދަތުރު ކޮށްލާ. އޭގެ ފަހުން ހަމަޖެހިލައިގެން އުޅެވިދާނެ."
"ނޫނޭ... ޒާރާ... ދެނެއް ނުވާނެ." އޭނާ ބޯ ހޫރައިލިއެވެ.
"ވިސްނާލާ. މިހާރު އަހަރެމެން މިތިބީ ދެ މީހުންގެ ގޮތުގައި. އެކަމަކު ޚަރަދުބަރަދު ހަމަޖެއްސެނީ ހަމަ ކިރިޔާ. ތިން މީހުން ވެއްޖެއްޔާ އުޅޭނީ ކިހިނެއް؟"
"ޒާރާ." އޭނާ ބުނެލިއެވެ. "މަންމަވެސް ފުއްދައިގެން އުޅުނީ ހަމަ މި މުސާރައިން."
"އެ ގޭގައި ކުރަން ޖެހެނީ ކޮން ޚަރަދެއް. ކާން ކުރަން ޖެހޭ ޚަރަދެއް ނޫން އެހެން ޚަރަދެއް ނޯވޭ. އެ ގޭގައި އޮންނަނީ އެންމެ ދެ ބޮކި. މި ގޭގައި ޓީވީއާއި އައިސްއަލަމާރި އެބަހުރި. އޭގެ އިތުރަށް ފޯނުބިލާއި ގޭގެ އެހެނިހެން ޚަރަދުތައް ހުންނާނެ އެ ގެއާއި މި ގެއާ ވަރަށް ބޮޑަށް ތަފާތު."
"އެހެންވިޔަސް ދެން ދާ ހިތެއް ނެތް. އެކަހަލަ ކަމެއް ކުރާ ހިތެއް ނެތް."
"އެއީ ކީއްވެގެން؟"
"މަންމަގެ ރުޅީގެ ސަބަބުން އަހަރެންގެ ސިކުނޑީގައި އޮތް ބުރަ އެއްގޮތަކަށްވެސް ލުޔެއް ނުވޭ. އޭގެ އިތުރަށް އަހަރެން ކުރީ ރަނގަޅު ކަމެއް ނޫނޭވެސް މާ ގިނައިން ހިތަށް އަރަނީ." ޝެހެރޫޒް ތެދުވެއްޖެއެވެ.
އެ ދުވަހުން ފެށިގެން ޒާރާ އެހެން މަޝްރޫޢަކަށް ޢަމަލު ކުރާން ފަށައިފިއެވެ. އެއީ ގޭގެ ޚަރަދު ބޮޑު ވާނޭގޮތް ހޯދަހޯދައިގެން އެގޮތަށް ކަންތައް ކުރާން ފެށުމެވެ.
"ގޭގެ ހުރިހައި ކަމެއް މިހާރު އަހަރެން އެކަނި ކުރެވޭ ވަރެއް ނުވޭ. ނޯކަރަކު ގެނެސްދީ."
"ޒާރާ. ނޯކަރަށް މުސާރަވެސް ދޭން ޖެހޭނެ. އަހަންނަކަށް އެހައި ވަރަކަށް އާމްދަނީއެއް ނުލިބޭ."
"ދެން އަހަރެން ހަދާނީ ކިހިނެއް؟ އަހަރެން އުޅޭ ޙާލު ޝެހެރޫޒަކަށް ނުފެނޭތަ؟"
"އަހަރެން ޒާރާއަށް އެހީތެރިވެދޭނަން... ހިނގާ."
"ދުވާލު ހަތަރުދަމު ޝެހެރޫޒް އުޅެނީ އޮފީހުގައި. އަހަންނާ އެހީވާނީ ކޮންއިރަކު؟"
އޭނާއަކަށް ދޭނެ ޖަވާބެއް ނޭނގެއެވެ.
މިއީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެކެވޭ ވާހަކައަކަށް ވެއްޖެއެވެ. އެންމެ ފަހުން ޝެހެރޫޒަށް ޖެހުނީ އަދި އެއް ދަތުރު ކުރަން އެއްބަސްވާށެވެ. އެނޫން އެހެން މަގެއް އޭނާއަށްވެސް ފެންނާން ނެތީމައެވެ.
އެ ދުވަހު އޮފީހަށް ދަމުން އޭނާ ދިޔައީ އަންނަ މަގުމަތީގައި ޚާވަރާ ބައްދަލުކުރާނޭ ކަމަށް ބުނެފައެވެ. އެދުވަހު ޒާރާ ހުރީ އުފަލުންނެވެ. ޝެހެރޫޒް އަންނާނޭ ވަގުތަކަށް އިންތިޒާރު ކުރީ އުފަލާއެކުގައެވެ. އެހެންނަމަވެސް ޝެހެރޫޒް އަވަހަށް ނާންނާނެކަން އެނގޭތީ މަންމަ ގެއަށް ދިޔައީއެވެ. އެ ގެއަށް ދިޔައީމާ އެންމެ ފުރަތަމަވެސް ފެނުނީ ސެހެރެވެ. އޭނާ ޙައިރާންވިއެވެ.
"ސެހެރް އައީ ކޮންއިރަކު؟" އޭނާ އަހައިލިއެވެ.
"އިއްޔެ."
"އަޙްސަންވެސް އައިތަ؟"
"ނާދޭ... އަހަރެން އައީ ބޮޑުބޭބެއާ އެކީގައި. އެކަމަކު ވަރަށް އަވަހަށް އަޙްސަންވެސް އަންނާނެ. ސަރުކާރުން އޭނާ މި ރަށަށް ބަދަލު ކުރައްވައިފި."
"ވަރަށް ރަނގަޅު. އެހެންވެއްޖެއްޔާ ދެން ސެހެރްވެސް އުޅޭނީ މި ރަށުގައިތާ؟"
"ދައްތަ އަމިއްލަ ގެއަކަށް ދިޔަ ވާހަކަ މަންމަ ބުނި."
"އާނ އެއީ ތެދެއް. އެ ގެއަށްވެސް އަންނަންވާނެ."
"އަންނާނަން. އެކަމަކު އަންނާނީ އަޙްސަން އައީމާ."
ބޭނުންވާ ދިރިއުޅުމެއް ހޯދާން އޭނާއަށް މާގިނަ ދުވަހު އިންތިޒާރު ކުރަން ނުޖެހުނޭ އަޙްސަން ގާތު ބުނާނަމޭ އެވަގުތު އޭނާ ހިތަށް އެރިއެވެ. މިހެން ހިތަށް އެރުމާއެކު ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.
ދުވާލު މަންމަގެ ގޭގައި ހުރުމަށްފަހު ޝެހެރޫޒް އޮފީހުން އައުމުގެ ކުރީން އޭނާ ގެއަށް އަތުވެއްޖެއެވެ. ގެއަށް ވަދެވުމާއެކު ޝެހެރޫޒް އަންނާނީ ޚާވަރާ ބައްދަލުކޮށްފައޭ ބުނި ހަނދާންވެއްޖެއެވެ. އެޔާއެކު އަނެއްކާވެސް އޭނާ ޚިޔާލީ ދުނިޔެއަށް ގެއްލިއްޖެއެވެ.
ޝެހެރޫޒް ގެއަށް އައީ އޭނާ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންދައެވެ. އޭނާ ފެނުމާއެކު ޚާވަރާ ބައްދަލު ކުރީމާ ވީ ކިހިނެއް ހެއްޔޭ އަހައިފާނަމޭ ހިތަށް އެރިއެވެ. އެކަމަކު އޭނާ އެކަމުގައި ކެތްތެރިކަން ކުޑަވެފައި ހުރިވަރު ޝެހެރޫޒަށް ވަޒަން ކުރެވިދާނެތީ ސުވާލު ނުކުރީއެވެ.
"ކާން ހަދަންތަ؟" އޭނާ ތެދުވަމުން އަހައިލިއެވެ. ޝެހެރޫޒް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމުން އޭނާ ބަދިގެއާ ދިމާއަށް ހިނގައިގެންފިއެވެ. ކެއުމުގެ ތެރޭގައި އޭނާ ފުރަތަމަ ދެއްކީ މަންމަގެ ގެއަށް ދިޔަ ވާހަކަ އާއި އެ ގެއިން ސެހެރާ ބައްދަލުވީ ވާހަކައެވެ.
ކައި ނިމިގެން އައިސް ޓީވީ ދޮށުގައި އިށީނުމަށްފަހު ފުރަތަމަ ވާހަކަ ދައްކާން ފެށީ ޝެހެރޫޒެވެ.
"ޚާވަރާ ބައްދަލުކުރަން ދިޔައިން."
އެ ވަގުތު ޒާރާގެ ސަމާލުކަން އެ ވާހަކައިގެ މައްޗަށް ހުއްޓިއްޖެއެވެ.
"އަހަރެން ހުއްޓާ ޚާވަރު ކޮންމެވެސް ތަނަކަށް ފޯނު ކޮށްގެން ވާހަކަ ދެއްކި... ދަތުރު އޮތީ ފަނަރަ ދުވަސް ފަހުން."
"ކޮން ތަނަކަށް؟"
"ލަންޑަނަށް."
"އަހަރެންގެ ބަނޑު ބޮޑު ނޫންނަމަ ޝެހެރޫޒާއެކީގައި ދިޔައީމުސް. އަހަރެން ވަރަށް ބޮޑަށް ލަންޑަނަށް ދާހިތްވޭ."
"ޒާރާ ގޮވައިގެން ދިޔުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވާނެ. އެކަމަކު ފަހުން ޒާރާ ގޮވައިގެން ލަންޑަން ބަލައިލާން ދާނަން."
"ޔަޤީންތަ؟" އޭނާގެ އުފަލުގެ ކޮޅެއް ނެތެވެ.
* * *
އެއީ ޝެހެރޫޒް ދިޔަތާ ދެވަނައަށްވީ ދުވަހެވެ. ކުއްލިއަކަށް އޭނާ ވަރުބަލިވެ ބަނޑުގައި ރިއްސާގޮތް ވާން ފަށައިފިއެވެ. އޭނާ އަވަސް އަވަހަށް ދިޔައީ މަންމަގެ ގެއަށެވެ. އެ ގެއިން ދިޔައީ ހަސްފަތާލަށެވެ. އެއީ އޭނާގެ ފިރިހެން ދަރިފުޅު ދުނިޔެއަށް އައި ދުވަހެވެ. އޭނާ އޮތީ ވަރަށް ބޮޑަށް އުފާވެފައެވެ.
ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން އޮތް އިރު ހިތަށް އަރައެވެ. ޝެހެރޫޒް އޭނާއަށް ދޭން ހަދިޔާ ހިފައިގެން އައީމާ އޭގެ ބަދަލުގައި އޭނާ ދޭނެ ހަދިޔާއަކީ މިއީއެވެ. ހަސްފަތާލުން ދޫކޮށްލީމާ ޝެހެރޫޒް ލަންޑަނުން އަންނަންދެން އެގޭގައި އިންނާން ދާންވީ ނޫންހޭ މަންމަ އެއްސެވެ. އެހެންނަމަވެސް ޒާރާ އެގޮތަކަށް އެއްބަހެއް ނުވިއެވެ. އޭނާ ބޭނުންވަނީ އަމިއްލަ ގެއަށް ދާށެވެ. އެއްދުވަހަކު ހަވީރު ދަރިފުޅުގެ ކަންތަކުން އަވަދި ވެގެން ޓީވީގެ ދޮށުގައި ޖައްސާލިތަނާ އަޙްސަނާއި، ސެހެރާ ދެ މީހުން އަތުވެއްޖެއެވެ.
"އަހަރެން މިއައީ ޒާރާ ހައްޔަރުކުރަންވެގެން." ޒާރާ ފެނުމާއެކު އަޙްސަން ބުނެލިއެވެ.
(ނުނިމޭ)
varah varahves reethi shukuran