ހިތުގެ ވިންދު - 12

(2 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރާމްއާއި އަންޖަލީގެ ކައިވެންޏަށް ތިންއަހަރު ފުރިއްޖެއެވެ. މިރެޔަކީ އެކަމުގެ އުފަލުގައި ބޭއްވޭ ޕާޓީއެއްގެ ރަސްމިއްޔާތު ބޭއްވޭ ރެޔެވެ. ޕާޓީބާއްވާ ޙަފުލާވަނީ ޒީނަތްތެރިކޮށް ، ކުލަބޮކި ދިއްލައި އަޅާފައެވެ. ޕާޓީއަށް މެހެމާނުން އައިސް ހަމަޖެހުނު ވަގުތު އެނައުންސްމަންޓެއްގެ އަޑު ، މުޅި ތަނަށް ފެތުރިގެންދިޔައެވެ. އެ އެނައުންސްމަންޓަކީ ، ރާމް އާއި އަންޖަލީގެ ކައިވެންޏަށް ތިންއަހަރު ފުރިއްޖެކަމުގެ ޢިއުލާނާއެކު ، މެހެމާނުންނަށް އެދެމަފިރިންގެ ފަރާތުން މަރުޙަބާކިޔުމަށް ކުރެވުނު އެނައުންސްމަންޓެކެވެ.

ކޭކު ފެޅުމަށްފަހު ، އެއްވެފައިތިބި އެންމެހައި މެހެމާނުންގެ ފަރާތުން ، އެ ލޯބި ދެމަފިރިންގެ ކިބައިން ކަމަކަށް އެދުނެވެ. އެއީ އެމީހުންގެ ލޯމަތީ އެދެމަފިރިންގެ ލޯބި ދައްކައި ލުމަށެވެ. ރާމްއާއި އަންޖަލީ އެކަކު އަނެކަކަށް ބައްދައިލައި ލޯބިކޮށްލިއެވެ. ރާމްއަށް އަންޖަލީގެ މޫނުން އޭނާގެ ކަޅި ނައްޓައެއް ނުލެވުނެވެ. އޭނާގެ މޫނުން ، ފެންނަނީ ކޮން އެއްޗެއްތޯ އަންޖަލީ ސުއާލު ކުރިއެވެ.

އަންޖަލީގެ ނަލަކަމާއި ފަރިކަމަށް އޭނާ ގެއްލުނީ ކަމުގައި ރާމް ބުންޏެވެ. އަމްދުން މިރޭ ، އަންޖަލީ ފެންނަނީ މާނަލަކޮށް ، ރީތިކޮށްކަމުގައި ރާމް ބުންޏެވެ. އެއީ އޭނާގެ މައްޗަށް ރާމްދެކޭ ނަޒަރިއްޔާކަމުގައި އަންޖަލީ ބުންޏެވެ. އެހެންއެއްވެސް ކަމެއް ނޫނެވެ. ވައިފީއަށް އުފާވެރި އެނިވަރސަރީއެކޭ ރާމް ބުންޏެވެ. އަދި ހަބީއަށް އުފާވެރި އެނިވަރސަރީއެކޭ އަންޖަލީ ބުންޏެވެ. ދެމީހުން އަލުން ބައްދައިލާން ގާތްވި ވަގުތު ، އެ ޙަފުލާ ތަޢާރުފްކުރާ މިސިޒް މަލްހޯތުރާ އެކަން ހުއްޓުވިއެވެ. އަދި އަލަތުކައިވެންޏެއްގެ ދެމަފިރިންގޮތަށް ، ލޯބީގެ އުދާސްތައް އަދިވެސް އެމީހުންގެ ކިބައިން ނުހުއްޓެނީކަމުގައިބުނެ ސަމާސާ ކޮށްލިއެވެ. މިސިޒް މަލްހޯތުރާގެ ރަޙުމަތްތެރިޔަކަށް އެ ޙަފުލާއަށް ވަނީ ދަޢުވަތު ދެވިފައެވެ. އޭނާ އަންނަނީ ލަންޑަނުންނެވެ. ޕާޓީ ނުފެށި ލަސްވަނީ އޭނާ ނައިސްގެންނެވެ. އެވަގުތު ، ރާމްގެ ރައްޓެއްސަކު އައިސް ، އަނބިމީހާ ދޫކޮށްލާފައި ރަޙުމަތްތެރިންނާ ބައްދަލުކޮށްލަން އަންނާށޭ ބުނެ ރާމް އެތަނުން ގެންދިޔައެވެ.

އަންޖަލީއަށް މިސިޒް މަލްހޯތުރާ ޝުކުރު އަދާކުރިއެވެ. އެއީ ، ލަންޑަނުން އަންނަ އޭނާގެ ރަޙުމަތްތެރިޔަކީ ފުރަތަމަ ފަހަރަށް ދިއްލީއަށް އަންނަ މީހެކެވެ. ދިއްލީގެ ކަމުވޮށިވެގެންވާ އެންމެންނަށް ކަހަލަ ގޮތަކަށް އެޕާޓީއަށް ދަޢުވަތު ދެވިފައި އޮތެވެ. އެ ރަޙުމަތްތެރިޔާއަށް ދިއްލީގެ ވިޔަފާރި މާޙައުލު ދައްކައިލަން އެއީ ރަނގަޅު ފުރުޞަތެކެވެ. މިސިޒް މަލްހޯތުރާގެ ރަޙުމަތްތެރިޔާއަށް ދަޢުވަތު ދެވުނީ އަންޖަލީމެންގެ ހުއްދައާ އެކުގައެވެ. މިސިޒް މަލްހޯތުރާގެ މެހެމާނަކީ އަންޖަލީމެންގެވެސް މެހެމާނެއްކަމަށް އަންޖަލީ ބުންޏެވެ.

މިސިޒް މަލްހޯތުރާގެ މެހެމާން އައި ކާރު ކޮރިޑޯތެރެޔަށް ހުއްޓައިލިތަން ފެނުނެވެ. އެންމެންގެ ކަޅިވެސް ހުއްޓުނީ އެދިމާލަށެވެ. މިސިޒް މަލްހޯތުރާ ، އަންޖަލީއަށް އިޝާރާތްކޮށް އޭނާ އެއައީކަމަށް ބުންޏެވެ. އަންޖަލީވެސް ހުރީ އެދިމާލަށް ބަލަހައްޓައިގެންނެވެ. އެ ޚާއްޞަ މެހެމާނަކީ ކިހާވަރެއްގެ މީހެއްކަން ބަލައިލުމަށްޓަކައެވެ. އެއީ ، ދޭވް އެވެ. މިސިޒް މަލްހޯތުރާގެ އަނގައިން ، ދޭވް އެބަސް އިވުމާއެކު ، އަންޖަލީ ޙައިރާންވިއެވެ. އަދި އެއީ ، ކޮންފަދަ ދޭވް އެއްތޯ ބަލައިލުމުގެ ޝަޢުޤުވެރިކަން ބޮޑުވިއެވެ.

ދޭވް ކާރުން ފައިބަން އެޅި ފުރަތަމަ ފިޔަވަޅުގެ ޙަރަކާތަކަށްވީ ، ބިންމަތީ އޮތް ސިނގިރޭޓް ބުރިއެއް ނިއްވައިލަން މީހަކު ފައިންއަރާ ޗިސްކޮށްލާ ޙަރަކާތެވެ. ދޭވް ގެ އަނެއްފައި ކާރުން ބޭރަށް އެޅީ އެ ޙަރަކާތަށްފަހުގައެވެ. އެއީ ، އެއްކަލަ ދޭވް އެވެ. އޭނާހުރީ ބަދަލުވެފައެވެ. ލައިގެންހުރީ މޮޅު ، ކަޅު ކޯޓެކެވެ. އަރައިގެން ހުރީ އެންމެ ފަހުގެ ފެޝަނަބްލް ބޫޓަކަށެވެ. އަޅައިގެންހުރީ އަގުބޮޑު ޓައީއެކެވެ. އަތުގައިވަނީ އެންމެ ފަހުގެ ރޮލެކްސް ގަޑިއެކެވެ. ބޯހުރީ ރީތިކޮށް އޮމާންކޮށްލެވިފައެވެ. ތުނބުޅިމަތިމަސްވެސް ހުރީ ބާލައި އޮމާން ކޮށްލާފައެވެ. އަޅައިގެންހުރި ކަޅު އަވިއައިނު ލޮލުން ނެގުމަށްފަހު އަންޖަލީއާ ދިމާއަށް ދޭވް ބަލައިލިއެވެ. އޭނާގެ އެލޯބި އަންޖަލީގެ ލޯބިކަން އިޙްސާސް ކޮށްލިއެވެ.

އަންޖަލީއަށް ލިބުނު ޙައިރާންކަމުގައި ދެތިންފިޔަވަޅު ފަހަތަށް އެޅުނެވެ. އަންޖަލީގެ ހަނދާނަށް އައީ ، ދޭވް އޭނާއާ އެންމެފަހުން ބައްދަލުވި އިރު ، ދޭވް އޭނާއަށް ދީފައިވާ އިންޒާރެވެ. އަންޖަލީގެ ދިރިއުޅުން ބަރުބާދުކޮށްލުމަށްޓަކައި އެނބުރި އަންނާނެކަމަށް ވީ ވަޢުދެވެ.

މިސިޒް މަލްހޯތުރާ ، ދޭވް ގޮވައިގެން އައިސް ، އަންޖަލީއަށާއި ރާމްއަށް ދޭވް ތަޢާރުފް ކޮށްދިނެވެ. ދޭވްގެ ކަޅި އަންޖަލީގެ މޫނުން ނައްޓައެއް ނުލައެވެ. އަންޖަލީހުރީ ހަދާނެގޮތް ބޮޑުވެ ، ހިތްބިރުގެންފައެވެ. ރާމްއަށް އެދެމީހުންގެ މެދުގައި އެ ހިނގާ އިޙްސާސްތަކުގެ އެއްވެސް ހިލަމެއް ނުވެއެވެ. ޕާޓީ ނިމިގެންދިޔައީ ، މާބޮޑު ހަމަނުޖެހުމެއް ނެތިއެވެ. އަދި އަންޖަލީވެސް ކަންބޮޑުވާން ޖެހޭކަހަލަ އެއްވެސް ކަމެއް ނުހިނގައެވެ. ލިބިފައި އޮތީ ހިތަށް އުނދަގުވާ ކަހަލަ ހާސްކަމެކެވެ. އެކަން ރާމަށް ނުދައްކާވޭތޯ އަންޖަލީ މަސައްކަތްކުރަމުން ގެންދިޔައެވެ.

ހެނދުނު ފެންވަރާލައިގެން އަންޖަލީ ހުރީ ބޯހިއްކާށެވެ. އަންޖަލީގެ ހިތުގައި އެރޭ އުފެދުނު ހާސްކަން އަދިވެސް ފިލައިގެންނެއް ނުދެއެވެ. ރާމްއިނީ ، ކުރީރޭ ، ޕާޓީންލިބުނު ހަދިޔާތައް ކަނޑާށެވެ. ހަދިޔާ ނުގެންނާށޭ ކިތަންމެ ވަރަކަށް ބުންޏަސް އެމީހުން ހަދިޔާ ގެންނާނެކަމަށް ރާމް ބުންޏެވެ. އެއީ އެމީހުންގެ ހިތުގައި އޮންނަ ލޯބި ބަޔާންކޮށްދިނުމަށް ކުރާ ކަމެކެވެ.

" މީ ހާދަ އަގުބޮޑު ހަދިޔާއެކެވެ. މިހަދިޔާ ދިނީ ކާކުބާވައެވެ. ދޭވް ގެ ހެޔޮއެދުންތަކާއެކު ... " މޮޅެތި ޖަވާހިރުން އަތްކަން ކުރެވިފައިވާ އަގުހުރި ހާރެއް ނަގަމުން ދޭވް ބުންޏެވެ.

ދޭވްގެ ނަން ، އިވުމާއެކު އަންޖަލީގެ ޙަރަކާތަށް ހުއްޓުން އައެވެ. އަދި ރާމްއާ ދިމާއަށް ބަލައި ލެވުނެވެ.

ދޭވް ، އެއީ އަހަރެމެންގެ ކޮން ރަޙުމަތްތެރިއެއްބާވައޭ ރާމްގެ ހިތަށް އެރިއެވެ. އެމީހުން ދަންނަ އެނަންކިޔާ މީހަކަށް ދަޢުވަތުދިންކަމެއް ރާމް ، ހަނދާނެއް ނެތެވެ. އަންޖަލީ ރާމްގާތަށް ދިޔައެވެ. އަދި ، އެއީ މިސިޒް މަލްހޯތުރާގެ ރަޙުމަތްތެރިޔާ ކަމުގައި ރާމް އަށް ހަނދާން ކޮށްދިނެވެ.

ލަންޑަނުން އައި މީހާދޯއެވެ ؟ އެކަމަކު ، އެހާ އަގުބޮޑު ހަދިޔާއެއް ދޭންވީ ކީއްކުރަން ހެއްޔެވެ. ރާމްގެ ހިތުގައި ސުއާލު އުފެދުނެވެ. މިހަދިޔާ އަނބުރާ އޭނާއަށް ފޮނުވާނީއެވެ. އަންޖަލީ ބުންޏެވެ.

ނޫނެކެވެ. އެހާލޯބިން ދިން ހަދިޔާއެއް އަނބުރާ ފޮނުވާކަށް ނުވާނެއެވެ. ކޮންމެވެސް އެހެން ގޮތަކުން ، މިއާ އެކަށީގެންވާ ވަރުގެ ހަދިޔާއެއް ، އަހަރެމެން އޭނާއަށް ދޭނީއެވެ. އެވަގުތު ފޯނު ރަނގަބީލުވިއެވެ. އަންޖަލީ ފޯނުނަގަން ހިނގައިގަތްތަނާ އޭނާ އެފޯނު ނަގާނެ ކަމަށާ އަންޖަލީ މަޑުކޮށްލުމަށް ބުންޏެވެ. ފޯނުކުރީ ، މިސިޒް މަލްހޯތުރާއެވެ. އޭނާ ފޯނުކުރީ މާދަމާރޭ ދޭވް ދޭ ޕާޓީއަކަށް ރާމްގެ ދެމަފިރިންނަށް ދަޢުވަތު ދިނުމަށެވެ. ރާމް ، އޭނާގެ އަންހެނުންގާތު ނުއަހާ އެނިންމުން ނިންމާކަށް ބޭނުމެއް ނުވިއެވެ.

ރާމް ، އަންޖަލީގާތު އެކަމާބެހޭގޮތުން ހަދާނެގޮތުގެ ލަފަޔަކަށް އެހިއެވެ. އަންޖަލީ ބުނީ ، ރާމްއަށް އެންމެ ރަނގަޅުކަމަށް ފެންނަ ގޮތަކަށް ނިންމުމަށެވެ. އެހެންވިއްޔާ ދާނީދޯއޭ ބުނެ ، އަންޖަލީގެ މޫނުގައި ބޮސް ދިނުމަށްފަހު ، އެދެމަފިރިން އެޕާޓީއަށް ދާނެކަމަށް މިސިޒް މަލްހޯތުރާގާތު ބުންޏެވެ.

" އެކަން ހަމަޖެހިއްޖެއެވެ. އެމީހުން އަންނާނެއެވެ. " މިސިޒް މަލްހޯތުރާ ، ދޭވް އަށް އެއުފާވެރި ޚަބަރު ދިނެވެ.

މިސިޒް މަލްހޯތުރާއަށް ދޭވް ޝުކުރު އަދާކުރިއެވެ. އެއީ މިސިޒް މަލްހޯތުރާއަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. އެޕާޓީ ވާންޖެހޭނީ ދިއްލީގައި ބޭއްވޭ އެންމެ ފުރިހަމަ ޕާޓީއަށެވެ. އެކަން ފުރިހަމަ ކުރާނީ ދޭވްގެ ވިޔަފާރީގެ ބައިވެރިޔާ ޝީތަލް އެވެ. އެއީ ވިޔަފާރިއާއި ދޭވްގެ އެހެން ހުރިހާކަމެއްގައިވެސް އެއްވަރަކަށް ޙިއްޞާވާ މީހެކެވެ. ދޭވް ، ޝީތަލްއަށް ޢިޝާރާތް ކުރަމުން ބުންޏެވެ.

އާނއެކެވެ ! އެހާދުރުން ، ލަންޑަނުން ފެށިގެން އައިސް މިހުރީ ދޭވްއާ އެކީގައެވެ. އެންމެ ފަހު ނޭވާއާ ހަމަޔަށް ދޭވްއާއެކީގައި ހުންނާނެކަމަށް ޝީތަލް ބުންޏެވެ. ޝީތަލްއާ ސަމާސާ ކޮށްލުމަށްފަހު ، މިސިޒް މަލްހޯތުރާ ނުކުމެގެން ދިޔައެވެ.

އެތައްޒަމާނެއްކޮށްފަ އެވަގުތު މިއައީއެވެ. ދޭވް ބުންޏެވެ. ދޭވްގެ ވަގުތު ހުއްޓުވޭނީ ކާކަށްތޯ ޝީތަލް ސުއާލުކުރިއެވެ. ވަގުތަކީ ވަގުތެވެ. އިއްޔެ ދޭވްހުރީ އެކަންޏެވެ. މިހާރު ޒަމާން މިއޮތީ ދޭވްއާ އެކީގައެވެ. ދޭވް އެހާބޮޑަށް އުފާވެފައިހުރިތަން ފެނުނީމަ ޝީތަލްވެސް އުފާވާކަމަށް ބުންޏެވެ. ދޭވް ތިހުރީ ވަރަށް އުފާވެފައި ދޯއެވެ. ޝީތަލް އިތުރަށް ބުންޏެވެ.

ދޭވްހުރީ އިންތިހާއަށް އުފާވެފައެވެ. ދުވަހަކުވެސް އުފާނުވާހާ ބޮޑަށް އުފާވެފައެވެ. ދޭވް ، ޝީތަލް އަށް ގޮވައލިއެވެ. މިހާތަނަށް ޝީތަލް އަށް އިވިފައި އޮންނާނީ އޭނާގެ ނަމެވެ. އޭނާގެ ވާހަކައެވެ. އޭނާއަށްޓަކައި ހޭބުއްދި ފިލާވަރަށް ، ފުރާނަދޭން ދޭވް ތައްޔާރަށް އެހުންނަނީ ކީއްވެގެންކަން އެނގޭނީ ޝީތަލް އަށް އޭނާ ފެނުނީމައެވެ. ދޭވް ، ދިރި އެހުރީ އެހަށިގަނޑުގައި ފުރާނަނެތިއެވެ. ޝީތަލްއާ އޭނާއާ ދިމާވީމަ ނޫނީ އެއިންކަމެއް ނުވިސްނޭނެއެވެ.

ބައްދަލުކުރާނަމެވެ. އަހަރެން އޭނާއާ ބައްދަލުކުރާނަމެވެ. ޝީތަލް ބުންޏެވެ.

ދޭވްގެ ޕާޓީ އޮތީ ޒީނަތްތެރިކަމުން ފުރިފައެވެ. ދިއްލީގެ ކަމުވޮށިވެގެންވާ އެންމެންނާ ނަންހިނގާ ވިޔަފާރިވެރިންނަށް އެޕާޓީއަށް އޮތީ ދަޢުވަތުދީފައެވެ. ރާމްގެ ދޮންމަންމައާއި އޭނާގެ ދެކުދިންވެސް ޕާޓީއަށް އައިސް މަޖާކުރަމުން ގެންދެއެވެ. އެޕާޓީގެ ފުރިހަމަކަމުން ، އެންމެންގެ ސަމާލުކަން ހުއްޓިފައި އޮތީ ދޭވްގެ މައްޗަށެވެ. އެކަކު އަނެކަކަށް ދޭވްއާ ބެހޭގޮތުން ސުއާލުކުރަމުން ގެންދެއެވެ. މުއްސަނދި މަހުޖަނެއްކަމުގައި އެއްބަޔަކު ބުނާނެއެވެ. ކޮމްޕިއުޓަރުގެ ވިޔަފާރީގައި އަރާހުރި މީހެކޭ އަނެއްބަޔަކު ބުނާނެއެވެ. އަދި ، ކޮންމެވެސް ސިޔާސީ މީހެއްގެ ތިމާގެ މީހެކޭވެސް އެއްބަޔަކު ބުނާނެއެވެ. އޭގެ ތެރެއިން ބައެއްމީހުން ޕާޓީއަށް އައުމުގެ ބޭނުމަކީ ކައި ބޮއެ ނަށާ ، މަޖާކޮށްފައި ދިއުމެވެ. އޭގެ ތެރޭގައި ރާމްގެ ދޮންމަންމަގެ ތިންމައިންވެސް ހިމެނެއެވެ. އެތިންމީހުންވެސް ތިބީ މޭޒުމަތީ ތަށިތައް އަތުރާލައިގެން ، އަތުގައި ސިނގިރޭޓެއް ޖަހައިލައިގެންނެވެ.

ރާމްގެ ދެމަފިރިން ހޯލަށް ވަނުމާއެކު ، މިސިޒް މަލްހޯތުރާގޮސް އެދެމަފިރިންނަށް މަރުޙަބާ ކިޔެވެ. ރާމް އާއި އަންޖަލީ ވަދެގެން އައުމާއެކު ، ދޭވްވެސް އޭނާއެހުރިތަނަކުން ނުކުމެ އަނެއްކޮޅުން ހޯލުތެރެޔަށް ވަނެވެ. ރާމްއަށް ދޭވް ތަޢާރުފް ކޮށްދިނީ މިސިޒް މަލްހޯތުރާއެވެ. ރާމްއާ ދޭވް ސަލާންވެސްކޮށްނުލަނިސް ، ޝީތަލް އެދެމެދަށް ވަނެވެ. އަންޖަލީގެ މޫނަށް ބަލައިލުމަށްފަހު ، ދޭވްއަށް ބަލައިލިއެވެ.

އަންޖަލީ ފެނުމާއެކު ، ދޭވްގެ މޫނުމަތި އުފާވެރިކަމުން އަލިވެގެން ދިޔައެވެ. އެކުއްޖެއްގެ ވާހަކަ ދޭވްގެ ދުލުން އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ، ޝީތަލް އަށް ކިޔައިދެމުން އައި ރީތި ކުއްޖާއަކީ ، ފުރާނަނެތް މަސްގަނޑެއްގައި ދޭވް ދިރިހުރެ ، އެފުރާނަ ޤުރުބާންކުރަން ޙައްޤު ކުއްޖެއްކަން ޝީތަލް އަށް ކަށަވަރުވިއެވެ. އަންޖަލީއާ ބެހޭގޮތުން ދޭވް ދައްކާފައިހުރި ވާހަކަތަކުންނާއި ދޭވްގެ އުޅުމުން އެނގުނު އެއްޗަކާ ، އަންޖަލީގެ ތަޞައްވުރު ގުޅުވައިލީމަ ، ޝީތަލްގެ ކުރިމަތީ ނިއުޅެމުންދިޔަ މަންޒަރުތައް އޭނާގެ ޝާޢިރާނާ ޚިޔާލުތަކުން ކުރަހާލަ ދިނެވެ.

މިދުނިޔެއަކީ ، ނުދަންނަ މީހުން ދޭތެރެ ދޭތެރެއިން ، ބައްދަލުވާ ތަނެކެވެ. އެމީހުން ކަތިމަގުތަކުން ހިނގައި ދިއުމުގައި މަގުއޮޅި ގެއްލި ދެއެވެ. އެކަމަކު އަހަރެމެންގެ ހިތުގައި އެމީހުންގެ ހަނދާންތައް ހަރުލައި ހުރެއެވެ.

އެމީހުން އެކަކު އަނެކަކަށް ވާހަކަ ދައްކައިއުޅެނީ ލޮލުގެ އިޝާރާތުންނެވެ. އެމީހުންގެ ހިތުގެ ވިންދު ޖަހަނީ އެކުއެކީގައެވެ. އެމީހުން ލޮލުގެ ޢިޝާރާތުން އެދައްކާ ލޯބީގެ ވާހަކަތައް އެކަކަށްވެސް ދޭހައެއް ނުވާނެއެވެ. މަޑުމަޑުންގޮސް އެމީހުން އަހަރެމެންގެ ހިތުން ޖާގަ ހޯދާނެއެވެ. ސިއްރު ސިއްރުން އަހަރެމެންގެ ހިތް އަތުލާނެއެވެ. އަދި އެއްދުވަހަކުން ، އެމީހުން އެކަކު އަނެކަކާ ވަކިވާނެއެވެ.

ހިތް އެދި ގޮވަނީ ތެދުވެރި ލޯތްބަކަށެވެ. އެލޯބި ހޯދޭނީ ކޮންތަނަކުންކަން އެނގޭނީ ކާކަށް ހެއްޔެވެ ؟ މިފަދަ ރޭރޭ ، ލޯބިވެރިން ، ބައްދަލުކުރާނެއެވެ. އެހެންއެއްވެސް މީހަކަށް ހިލަމެއްނުވާ ގޮތަށެވެ.

ރާމް އަށް ދޮންމަންމަ ފެނުމާއެކު ، އަންޖަލީގާތު ބުނުމަށްފަހު ދޮންމަންމަމެންތިބި މޭޒުދޮށަށް ދިޔައެވެ. ބޮބީއާއި ނިކީ ވަގުތުން އެތަނުން ތެދުވެގެން ދިޔައެވެ. އެހެންނަމަވެސް ދޮންމަންމަ އިނެވެ. ދޮންމަންމަގާތު ރާމް މަޑުކޮށްލިއެވެ. އަންޖަލީ އެކަނި އިންތަން ފެނި ، ދޭވް އަންޖަލީއާ ކައިރީގައިހުރި މޭޒަކަށް ބަދަލުވިއެވެ. އަދި ތެދުވެގެން އައިސް ، އެއްވެސް މީހަކަށް ނުފެންނަގޮތަށް އަންޖަލީ އިންމޭޒުމަތީ ކަރުދާސްކޮޅެއް ބޭއްވިއެވެ. އަންޖަލީ ހުޅުވައިލިއިރު އެކަރުދާސްކޮޅުގައި ޖަހާފައި އޮތީ 801 އެވެ. އެއީ ދޭވްގެ ކޮޓަރީގެ ނަންބަރެވެ. އެންމެން ޕާޓީގެ މާޙައުލަށް ގެއްލިފައި ތިއްބާ ، ދޭވް ތެދުވެގެން ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ. ޝީތަލް ގެންދިޔައީ އެދެމީހުންގެ ޙަރަކާތްތައް ބަލަމުންނެވެ. އަންޖަލީވެސް ރާމްއާ ދިމާއަށް ބަލައިލުމަށްފަހު ، މަޑުމަޑުން ތެދުވެ 801 ނަންބަރު ކޮޓަރިޔާ ދިމާއަށް މިސްރާބު ޖެހިއެވެ. އަންޖަލީ ހުރީ ވަރަށް ބިރުންނެވެ. އޭނާގެ ދިރިއުޅުމުގައި އުފާވެރި ، ލޯބި ދުވަސްތަކެއް ފެށި ކުރިޔަށް ހިނގައިގަތް ވަގުތު ، ދޭވް އެގޮތަށް އޭނާގެ ކުރިމައްޗަށް އަތުވެދާނެކަމަކަށް އަންޖަލީ ޚިޔާލުކޮށްލާފައިވެސް ނެތެވެ. އެހެންނަމަވެސް ، އެންމެ ފަހު ފަހަރަށް ، ދޭވްއާ ބައްދަލުކޮށް ، އެހިސާބުން އެކަން ނިންމަން އަންޖަލީ ގަސްތު ކުރިއެވެ. އަންޖަލީ ތެދުވެގެން ދިޔަތަންވެސް ޝީތަލްހުރީ ބަލަހައްޓައިގެންނެވެ. ޝީތަލް އޭނާގެ އިޙުސާސްތަކުގައި ، އިތުރަށް ބުނަމުން ގެންދިޔައެވެ.

މިފަދަ ރޭރޭ އެމީހުން ބައްދަލުވާނެއެވެ. އެމީހުންގެ ލޯ އަމާޒުވާނެއެވެ. އެމީހުންގެ ހިތުގެ ވިންދު ތެޅޭނެއެވެ. އެއަށްފަހު ، ލޯބީގެ ވާހަކަތައް ފައްޓާނެއެވެ. އެކަމަކު ، އެކަކުއަނެކަކާ ވަކިވާން ފަޅިސިކުންތެއްވެސް ނުނަގާނެއެވެ. އެއީ ލޯބިވެރިންގެ ހިތުގެ ވިންދާ ގުޅިފައި އޮވެޔޭ އެކިޔާ ، ލޯބީގެ ދުނިޔެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.