(27 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ނަވާރަވަނަ ބައި
މީހަކާ އިނދެގެން ކުރީ ކޮޅު އަރުޝަދުގެ ހާލަތު ކޮންމެވެސް ވަރަކަށް އަރުޝަދު ވަނީ ޒިޔާދަށް ކިޔައިދީފައެވެ. އެ ވާހަކަތަކުން ޒިޔާދު ނެގީ ކޮން މާނައެއް ކިހާވަރަކަށް ކަމެއް އަރުޝަދަކަށް ނޭނގެއެވެ.
''އާންނނނނ ! ......'' ކުޑަކޮށް މަޑު ޖައްސައިލަމުން ޒިޔާދު ވާހަކަ ދެއްކިއެވެ.
''އެނގޭތަ! އަރޫގެ ރަޙުމަތްތެރި ޒިވިޔާ އެބައޮތޭ މި ހޮސްޕިޓަލުގަ!'' ޒިޔާދުގެ ޖުމުލަ ނުނިމެނީސް އަރުޝަދު ހުރީ ފުންމައިގެން ތެދުވެއެވެ.
އަދި ދެލޯ ބޮޑުކޮށްގެން ޒިޔާދަށް ބަލަހައްޓައިގެން ހުއްޓެވެ. އަރުޝަދުގެ އަތުގައި ހިފާ އަލުން ގޮނޑީގައި ބޭންދުމުން ހިތްހަމަ ނުޖެހުމާއެކު އަރުޝަދު ބުނީ ސަމާސާއަށް ވެސް ދައްކަން ޖެހޭ ވާހަކައާ ނުދައްކާނެ ވާހަކަ ހުންނާނެ ކަމަށެވެ. އޭރު އަރުޝަދުގެ އަޑު ކުރެހި އެ އަޑަށް ހިތްހަމަ ނުޖެހުމުގެ އަސަރު ވެރިވެއްޖެއެވެ. އަރުޝަދަށް ކުރި އަސަރުން ޙައިރާންވެގެން ބަލަން އިން ޒިޔާދަށް ކުރިން ހީކުރެވިފައި އޮތީ ރަނގަޅު ހީއެއްކަމަށް ގަބޫލުކުރެވުނެވެ.
''އަރޫ ވައިފްއާ ގަޔާނުވާ ސަބަބަކީ އަނެއްކާ ޒިވިޔާބާ! އަރޫ ލޯބިވި އަންހެން ކުއްޖަކީ ޒިވިޔާބާ! ދެން ކީއްވެބާ މިހާ ދުވަސްވަންދެން ސިއްރެއްގެ ގޮތުގައި އެކަން ބޭއްވީ! އަހަންނަށް ވެސް!''
ޒިޔާދާށް ލިބުނީ ހައިރާން ކަމެކެވެ. ޒިޔާދު ކުޑަކޮށް ވިސްނާލުމަށްފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ.
''ތިބުނީ ރަނގަޅަށް! ..... އަހަރެން މި ކުރީ ސަމާސާ އެއްނޫން! ޒިވިޔާ އޮތް ރޫމްގައި އަހަރެން ހުއްޓާ އަރޫ ތި ގުޅީ ވެސް !.. އަހަރެންގެ މިހިރަ ދެ ލޮލުން ޒިވިޔާ ދެކެފިން....!''
ހީވި ހީވުން ޔަގީން ކުރަން ބޭނުންވާތީ މި ފަހަރު ޒިޔާދު ވާހަކަ ދެއްކީ ސީދާ އަރުޝަދުގެ މޫނަށް ބަލަން އިނދެގެންނެވެ.
ޒިޔާދުގެ އަޑުގައި ހުރި ޔަގީން ކަމުން އަރުޝަދަށް ވެސް އެއީ ތެދެއްކަން މިފަހަރު ގަބޫލު ކުރެވުނެވެ. އެމޫނުން ފެނުނީ އުފަލެވެ. ވިދުމެވެ. ހަމަ އެއާއެކު ހިތާމައެވެ. ޖެހިލުން ވުމެވެ. އިތުރަށް އަހާ ސުވާލުކުރަމުން ދިޔައީ ޒިވިޔާއާ ބެހޭ ކޮންމެ ކަމަކީ އަރުޝަދަށް ކިހާ މުހިންމު ކަމެއްކަން ކޮންމެ މީހަކަށްވެސް އެނގޭނޭ ފަދައިންނެވެ.
އެހެންކަމުން ޑޮކުޓަރ ޒިޔާދު، ޒިވިޔާގެ ބަލީގެ ވާހަކަ ވެސް ވަރަށް ތަފުސީލުކޮށް އަރުޝަދަށް ކިޔައިދިނެވެ. ޒިވިޔާ އޮތް ރޫމް ނަމްބަރު ވެސް ބުނެދިނެވެ. އަރުޝަދު ބޭނުންވީ ވަގުތުން ޒިވިޔާ ގާތަށް ދާށެވެ. އެ މައުސޫމު މޫނު ދެކޭށެވެ. ޒިވިޔާގެ ހާލު ޒިވިޔާގެ ދުލުން އޮޅުން ފިލުވާށެވެ. އެހެންނަމަވެސް ޒިޔާދު އެ ގޮތަކަށް ގަބޫލެއް ނުވިއެވެ.
ދެ ރަޙުމަތްތެރިންގެ ދެމެދު ބަދަލުކުރެވުނު ވާހަކަތަކަށްފަހު އަރުޝަދު ނިންމީ ދެންވެސް ރަޙުމަތްތެރިޔާއަށް ސިއްރު ނުކޮށް ޒިވިޔާ އެއީ އަރުޝަދުގެ ހަޔާތުގައި ކިހާ މުހިންމު މީހެއްކަން އެކުވެރިޔާއަށް އެންގުމަށެވެ. އެހެންކަމުން އެންމެ ފަހުން އަރުޝަދު ނިންމީ އެދެމީހުންގެ ލޯބީގެ ސަފުޙާތައް ޒިޔާދުގެ ކުރިމަތީ ހުޅުވާލާށެވެ.
އެންމެ ގާތް އެކުވެރިޔާއަށް ޒިޔާދު ވާއިރު އަރުޝަދުގެ ލޯބީގެ ފަސާނާ އެކުވެރިޔާ ގާތުގައި މި ގޮތަށް ދެއްކި މިއީ ފުރަތަމަ ފަހަރެވެ. މި ފަހަރު އެއްވެސް ކަމެއް ފޮރުވުމެއް ނެތި ޒިވިޔާ އަރުޝަދުގެ ހަޔާތުން ގެއްލިގެން ދިޔަގޮތް ކިޔައިދިނެވެ. ޒިވިޔާ ދެކެ ލޯބިވާވަރާ އެދެމެދަށް އެޅުނު ހުރަހެވެ. އެ ހިސާބަށް ވާހަކަ ދިޔައިރު އަރުޝަދުގެ އަޑު ކުރެހި ދެލޯ ވަނީ ފެންކަޅިވެފައެވެ.
ރަޙުމަތްތެރިޔާގެ ވާހަކަތައް އަޑުއިވުމުން ޒިޔާދުގެ ހިތުގައި ހިލަ ބެހެއްޓުމަށްފަހު ޒިޔާދު ނިންމީ ރަޙުމަތްތެރިޔާއަށް ވެވެން އޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ދެ ލޯބިވެރިންނަށް އެމީހުން ދެކެމުން އައި ހުވަފެނުގައި ކުލަ ޖައްސައިދިނުމަށް ޒިޔާދަށް ކުރެވުނު ކަމެއް ކޮށްދިނުމަށެވެ.
އެހެންކަމުން ކަންތައް ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށްފަހު ދެމީހުން ހިނގައިގަތީ ޒިވިޔާ އޮތް ރޫމާ ދިމާއަށެވެ.
ރޫމްގައި ޓަކި ޖަހާލުމަށްފަހު ޑޮކުޓަރ ޒިޔާދު ދެވަނަ ފަހަރަށް ކޮޓަރިއަށް ވަނުމުން ޒިވިޔާ ހައިރާން ވިއެވެ. އަދި އަންނާނެ ކަމަށް ބުނެފައި ދިއަޔަސް މިހާ އަވަހަށް ޒިޔާދު އަތުވެދާނެކަމަކަށް ޒިވިޔާ އުންމީދެއް ނުކުރެއެވެ.
ޒިޔާދު ފެނުމުން މިފަހަރު ޒިވިޔާ ތެދުވަން އުޅުނެވެ.
''މިހާ އަވަހަށް ....ދެވަނަ ފަހަރު އައީމަ ހައިރާން ވެއްޖެ ދޯ!'' ކުޑަކޮށް ހީނލަމުން ޒިޔާދު އެހެން ބުނުމުން ޒިވިޔާގެ މޫނުމަތިން ލަދުވެތިކަން ފާޅުވިތަން ޒިޔާދު ދުއްޓެވެ. އަދި އަތުގެ އިޝާރާތުން އޮށޯވެ އޮންނަން ޒިޔާދު ބުންޏެވެ.
''ނޫން! ރަނގަޅުވާނެ!''
މަޑުމަޑުން ޒިވިޔާ ޖަވާބު ދިނުމުން ޒިޔާދު ބުނީ މިއައީ ޒިވިޔާއަށް ހަދިޔާއެއް ހިފައިގެން ކަމަށެވެ.
"މިހަދިޔާ ބަލައިގަންނާނެކަމަށް އުންމީދުކުރަން!''
ޒިޔާދުގެ ވާހަކަ ނިންމާލުމަށްފަހު ޒިވިޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ރޫމުން ނިކުމެއްޖެއެވެ. ޒިވިޔާ އޮތީ ވާނުވާ ނޭނގި ޒިޔާދު ނިކުތް ދޮރަށް ބަލަހައްޓާއިގެންނެވެ.
އެ ވަގުތު ޒިވިޔާގެ ހަނދާނަށް އައީ އަރުޝަދެވެ. އަރުޝަދުގެ ހެޔޮކަމެވެ. ހަމަ އެއާއެކު އަރުޝަދުގެ ފަރާތުން ލިބުނު އަނިޔާއެވެ. އަރުޝަދުގެ ހުރި ބޭވަފާތެރިކަމެވެ. ލޯބިވާ މަންމަ މިދުނިޔެއާ ވަކިވެގެން ދިޔަ ހިތްދަތި ހަނދާންތަކެވެ. އަދި އަދަށް ދާންދެން ވެސް އެ ބޭވަފާތެރިޔާގެ އެއްވެސް ޚަބަރެއް ނުވާތީ އެ ޝަކުވާ ތަކެވެ.
ޒިވިޔާ ޚިޔާލީ ދުނިޔެއިން ހޭލައްވާލީ އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. ނިދާ ބޮކީގެ ފަނޑުއަލިކަމުގެ ތެރެއިން ޒިވިޔާއަށް ސިފަވީ އަރުޝަދުގެ ސޫރައެވެ. އެހެންނަމަވެސް އަރުޝަދު ފެންނާނެ ކަމަށް އުންމީދު ވެސް ކޮށްގެން ނެތް ޒިވިޔާއަށް އެނދުގެ މެދަށް ފުންމައިގެން ތެދުވެވުނީ އެއީ އަރުޝަދުކަން ގާތްގަނޑަކަށް ޔަގީން ވުމުންނެވެ.
ދޮރުން ވަން އަރުޝަދު އެތެރެއަށް އެޅި ފިޔަވަޅު ގަނޑުވީ ޒިވިޔާގެ ހަށގަނޑަށް އައިސްފައިވާ ބަދަލު ފެނުމުންނެވެ. ހުރިގޮތަށް ހުރެ ފާރުގައި އަތް ކާއްތާލުމަށްފަހު ކޮޓަރީގެ ބޮކި ދިއްލާލުމުން އަރުޝަދުގެ ހިތަށް ބާރަކަށް ފިތާލިކަމުގެ ވޭން އިހުސާސްވިއެވެ. އެ ޅަނދޮޅު ރީތި އަންހެންކުއްޖާއަށް އައިސްފައިމިވަނީ ދުވަހަކުވެސް އަރުޝަދު ހީ ނުކުރާކަހަލަ ބަދަލެކެވެ. ދެލޯވަނީ ވަޅުވަނދެފައެވެ. ހަށިގަނޑުވަނީ ހިކިފައެވެ. ދެ ތުންފަތުގައި އޭރު ކުޅެމުންދިޔަ ހިތްގައިމު ހިނިތުންވުން އަމުދުން ވެސް ނެތެވެ. އޭރު ކޮނޑާހަމައަށް ކޮށާލެވިފައިވާ އިސްތަށިގަނޑު މިހާރުވަނީ ދިގުވުމުގެ ސަބަބުން ބޮލުގެ މެދަށް ހުޅިއަކަށް ޖަހާފައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު އަރުޝަދަށް ފެނުނީ ވީރާނާވަމުން ދިޔަ ހަޔާތެއްގެ ފަހު މަންޒަރެވެ. ނިވެމުން ދިޔަ ބައްތި އެއްގެ ފަނޑު އަލިކޮޅެވެ. ކަނިވަމުން ދިޔަ އެ ހުޅުކޮޅުގެ އަސްލަކީ އަރުޝަދުބާވައެވެ.
ޒިވިޔާ އޮތް އެނދާ ދިމާއަށް ހިނގައިގަންނަން ވެސް އަރުޝަދު ހަނދާންވީ ޒިވިޔާ ގިސްލާއަޑު އިވުމުންނެވެ. ކުރިއަށް ހިނގައިގަތް އަރުޝަދު ޒިވިޔާއާ ގާތަށް ޖެހިލިއިރު ފެނުނީ މޫނުގައި އަޅާފައި އޮތް ދެއަތުގެ އިނގިލިތަކުގެ ތެރެއިން ފޫދެމުން ފައިބާ ކަރުނައެވެ. ނުރޯން ޒިވިޔާ ކުރަމުން ދިޔަ މަސައްކަތެވެ. ގިސްލުމުގެ ސަބަބުން އެ ބަލިކަށިވެފައިވާ ހަށިގަނޑަށް އަންނަމުން ދިޔަ ލޮޅުންތަކެވެ!
މަޑުމަޑުން ޒިވިޔާގެ އަތުގެ އިނގިލިތަކުގައި ހިފާ ފިތާލަމުން އިނގިލިތައް މޫނާ ދުރުކުރަމުން ކައިރިވެލާ ޒިވިޔާގެ ނިތްކުރީގައި އަރުޝަދު ބޮސްދިނެވެ.
''ފައިނަލީ، ވީ މީޓް އެގެއިން! އަލްޙަމްދު ﷲ!''
އަރުޝަދުގެ އަޑު އިވުމުން ވެސް ޒިވިޔާ އިސްއުފުލައެއް ނުލިއެވެ. ބޭނުންވީ އަރުޝަދު ކޮއްޕާ ދުރު ކޮށްލާށެވެ! ވީހާވެސް ދުރަކަށެވެ! އައި ތަނަކަށެވެ. އަހަރެންގެ ހަޔާތް ބަރުބާދު ކޮށްލުމަށްފަހު ދިޔަތަނެއްގައި އުޅެން އަދިވެސް ދާށޭ ބުނަންށެވެ. އަރުޝަދު ޒިވިޔާ ގައިގާ ބީހިލާކަށްވެސް އިޒުނައެއް ނެތޭ ބުނުމަށެވެ. އަތުގެ އިނގިއްޔެއްގައި ވިޔަސް ވެހެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް ކުރެވޭހާ ހިތްވަރަކާ ހަކަތައެއް ޒިވިޔާ ގަޔަކު މިހާރަކު ނެތެވެ.
''ޒިވީ، އަހަންނަށް ހީވަނީ މި ފާއިތުވެގެންދިޔަ ދިގު މުއްދަތަކީ އަހަރެމެންގެ ލޯތްބަށް ކުރިމަތިވި އިމްތިޙާނެއްހެން! އަހަންނަށް ހީވަނީ އަހަރެންގެ ހަޔާތުގައި ދިމާވި ހިތްދަތި ހާދިސާ އެއީ އަހަރެމެން މިހާ ދުރުގައި ތިބެން މިންވަރު ކުރެއްވި ގޮތްހެން!''
އަރުޝަދުގެ ވާހަކަ އަޑުއިވުމުން ވެސް އެއްވެސް ޙަރަކާތެއް ނުކޮށް އިން ޒިވިޔާ އަރުޝަދުގެ މޫނަށް ބަލައިލީ އިރުކޮޅަކު އެހެން އިނުމަށްފަހު ސުވާލުގެ ނަޒަރަކުންނެވެ. އަރުޝަދު އިތުރަށް ޒިވިޔާއާ ކައިރިވެލާ އެ ވަރުދެރަ ހަށިގަނޑު އަރުޝަދުގެ ގައިގާ ލައްކޮށްލިއެވެ. ޒިވިޔާ ބޭނުންވީ އެ ގާތްކަމާ ދެކޮޅު ހަދާށެވެ. އަރުޝަދަށް ފުރަގަސްދޭށެވެ. ޒިވިޔާގެ ދެލޮލަށް ނުފެންނަ ހިސާބަށް ދާން ބުނާށެވެ. އަދި އަޑުގެ ކޮޅަށް ހަޅެއްލަވައި ގަންނާށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ޒިވިޔާއަކަށް ނުކުރެވުނެވެ. ހަށިގަނޑުގެ ބާރު އަރުޝަދުގެ އެ ހޫނު ހަށިގަނޑަށް ދޫކޮށްލުން ނޫން ކަމެއް ނުކުރެވުނެވެ. ހިތް ބުނަނީއެވެ. އަރުޝަދުގެ ކުށެއް ނެތެވެ. އަރުޝަދު ޒިވިޔާއަކަށް އޮޅުވައެއް ނުލައެވެ. އެއީ މަކަރުވެރިއެއް ނޫނެވެ. އެއީ ހަމަ ކުރިންވެސް ޒިވިޔާ ދެކެ ލޯބިވި އެ އަރުޝަދެވެ. އެކަމަކު ޒިވިޔާ ތަޖުރިބާކުރި ހުރިހާ ކަމެއް އެއީ ހުވަފެނެއް ހެއްޔެވެ! ދެން މިއަދު .... ހަމަ ކުއްލިއަކަށް މިއަދު......... ޒިވިޔާއަށް ހިފެހެއްޓުނީ ދެއަތުން ބޮލުގައެވެ.
''ޒިވީ އަހަންނާ ވާހަކަ ދައްކަބަލަ! އަހާބަލަ ނިކަން އަހަރެންގެ ޚަބަރެއް ނުވި ސަބަބު! އަހަރެން އުޅުނު ތަނަކާ އަހަރެންގެ ހާލާ ބެހޭގޮތުން ނައަހާނަންތަ!''
އަރުޝަދުގެ އަޑުގައިވަނީ ވަރުގަދަ ހިތެއްވެސް ބަލި ކޮށްލާފަދަ ވޭނެކެވެ. ދެންވެސް ޒިވިޔާ އިނީއެވެ. ދުލުގައި ބަހެއް ނެތް ފަދައިންނެވެ. ދުނިޔެ މި ކުޅެނީ ކޮންކަހަލަ ކުޅިވަރެއްހެއްޔެވެ! މި ކުޅިވަރުގައި ޒިވިޔާ ބައިވެރިވާން މަޖުބޫރުވަނީ ކީއްވެހެއްޔެވެ!
ހިއްސުތައް ހަމައަކަށް އެޅެން ދެން ޒިވިޔާ މަޑުކުރިއެވެ. ދެން ދެއަތުން އަރުޝަދުގެ ކަނާތުގެ އިނގިލި ތަކުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. ހިތް ބުނަނީއެވެ. އަރުޝަދު އެބުނަނީ ތެދެކެވެ.
އެއީ ޒިވިޔާގެ ފަރާތުން ލިބުނު ފެހި ސިގުނަލެއްކަމަށް ބަލައި އަރުޝަދު އޭނާއަށް ދިމާވި ހިތްދަތި ހާދިސާ ކިޔައިދިނެވެ. ހުއްޓަމުން މަޑު ޖައްސަމުންނެވެ. މި ފުރުސަތު އަނެއްކާވެސް ގެއްލިދާނެކަމުގެ ބިރުވެސް އޮތުމުންނެވެ.
''ޒިވީމެންގެ ރަށުން ފުރައިގެން އަހަރެން އައީ އަހަރެން ފޮނުވި މެސެޖުގައި އޮތް ފަދައިން މާލެ އައިސް ވަޒީފާގެ ކަންތައް ހަމައަކަށް އެޅުމުން ވީހާވެސް އަވަހަކަށް ޒިވީ އަހަރެންގެ މިލްކަކަށް ހަދަން ނިންމައިގެން! އަހަންނަށް އެނގޭ ޒިވީ އެވަގުތު އަހަރެންދެކެ ރުޅިއައިއްސަ ހުއްޓަސް ޒިވީ އަހަރެން ދެކެ ކިހާ ލޯބިވާކަން! އޭރު މަންމަ ވެސް އެދެމުން ދިޔައީ ލަސްނުކޮށް މީހަކާ އިންނަން! ޒިވީއަށް އެނގޭތަ، ޒިވީ ނުފެނިހުރެ ފުރައިގެން އުމުން އަހަރެން ދެރަވެފައި ހުރި ވަރު....... އަހަރެން ރުއިވަރު...... މިހާރުވެސް ރޭ ހިނގި ކަމެއްހެން އެ ހަނދާން އާވޭ! ........ ތިރަށުން އަހަރެން ފުރި ދުވަހުގެ ކުރީ ރޭ އެންމެ ހިނދުކޮޅަކަށް ވެސް އަހަރެން ނުނިދަން! ތެދު ތެދަށް ބުނަންޏާ އަހަރެން މޮޔަ ނުވީ ކިރިޔާ... !''
އަރުޝަދު ވާހަކަ ހުއްޓާލީ ކުރިއަށް ގެންދަން އުނދަގޫ ވުމުންނެވެ. އަޑު ކުރެހިގެންނެވެ.
އަރުޝަދު ވާހަކަ ހުއްޓާލުމުން ޒިވިޔާ އަރުޝަދުގެ މޭގައި ބޮނޑިވެލިއެވެ. އަދި އިސް އުފުލާ އަރުޝަދަށް ބަލައިލިއެވެ. ތި ވާހަކަ ގަބޫލުކުރަމޭ ބުނާ ފަދައަކުންނެވެ. ކުރިއަށް ގެންދާށޭ ބުނާފަދައިންނެވެ. ޒިވިޔާގެ އިޝާރާތް ވިސްނުމުން ކުޑަކޮށް މޫނުމައްޗަށް ހިނިތުންވުން ގެންނަމުން އަރުޝަދު ބޯ ޖަހާލިއެވެ.
"ފްލައިޓުން ފޭބުމަށްފަހު ހިތަށްއެރި ފޯނު ހުޅުވާލާނީ ގެއަށް ގޮހޭ. އެހެންވެ އަވަސްވެގަތީ ގެއަށް ދިއުމަށް! އަހަންނަށް އެނގޭ ޒިވީ އަހަރެންގެ މެސެޖަށް ރިޕްލައި ނުކުރާނެކަން.... އެހެންވެ އެ ވަގުތު ފޯނު ހުޅުވާލަން ބޭނުން ނުވީ ވެސް! ....... އަހަރެންގެ މުޅިދުނިޔެ އެފުށް މިފުށަށް ޖަހައިލި ކާރު އެކްސިޑެންޓް ހިނގީ އަހަންނާ އަހަރެންގެ އެކުވެރިޔާ ދަތުރު ކުރަމުންދިޔަ ޕްރައިވެޓް ކާރު ބުރިޖު މައްޗަށް އެރިތަނާ! ދެން ވީގޮތެއް އަހަންނަކަށް ވެސް ނޭނގެ!"
(ނުނިމޭ)
varah varah reethi