ތީ ފުރާނައިގެ ދިރުމޭ މަގޭ... - 3

(2 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތިންވަނަ ބައި

ޑޮކުޓަރގެ ގެ ކައިރީ ދިރިއުޅޭ ނަރުސް މުއީޒާއާ ކުލިނިކަލް އެސިސްޓެންޓް ޒިވިޔާ ރޭގަނޑު ޑިއުޓީ އެއްކޮށް ހަމަ ޖައްސާ ކަމާ އެއީ އެ ދެ ކުދިންނަށް ފަސޭހައަކަށް ހަދާފަ އޮންނަ ގޮތެއްކަމާ މީގެ ފަހުން ޑޮކުޓަރ އަރުޝަދު ރޭގަނޑުގެ ޑިއުޓީއަށް ލާއިރު އެދެކުދިންގެ ވެސް ޑިއުޓީ ވާނީ އެއް ޑިއުޓީ އަކަށް ކަމަށް ބުންޏެވެ. އޭރުން އަރުޝަދު ޑިއުޓީއަށް އަންނަ އިރު ނުވަތަ ދަންވަރު ޑިއުޓީ ނިންމާފަ ދާއިރު އެ ދެކުދިންނާ އެކު ދިއުން އެދޭ ކަމަށާ ކުރިން މި ގަޑިތަކުގައި އެކުދިން ބަލާ އަބަދުވެސް ދާނީ ހޮސްޕިޓަލުގެ ކޮންމެ ވެސް ފިރިހެން މުއައްޒަފެއްކަމަށް އޮޅުން ފިލުވައިދިނެވެ. މިހެން ހެދުމުން ހުރިހާ ފަރާތަކަށް ވެސް ފަސޭހަ ވެފައި ރައްކާތެރިވާނެ ކަމަށް އަސްލަމު ބުނެލީ ކުޑަކޮށް ހީނލަމުންނެވެ.

''ތިހެން ތިކަން އޮތުމުން ރަށުތެރޭ އަޅުގަނޑާ ދޭތެރޭ މީހުން ދެކޭ ގޮތް ކިހިނެއްވާނެ!''

ކުޑަކޮށް ވިސްނާލުމަށްފަހު ކަންބޮޑުވުން އެކުލެވިފައިވާ އަޑަކުން ޑޮކުޓަރު އަރުޝަދު ސުވާލުކުރިއެވެ. ސަބަބަކީ ދެ އަންހެން ސްޓާފުންނާއެކު ރޭގަނޑު ދަންވަރު ޑިއުޓީއަށް އައުން ނުވަތަ ޑިއުޓީ ނިންމާފައި ދިއުން އެއީ އެހާ އަރުޝަދު ހިތްހަމަ ޖެހޭކަމަކަށް ނުވާތީއެވެ.

''ތިބޭފުޅާގެ އުޅުން ރަނގަޅިއްޔާ މިކަމުގައި ޖެހޭނެ އެއްވެސް މައްސަލައެއް ނޯންނާނެ.'' އަސްލަމު ޔަގީން ކަމާއެކު ބުންޏެވެ.

''އޯކޭ! މައްސަލައެއް ނެތް!'' އެއްބަސް ވުން ނޫން ގޮތެއް އަރުޝަދަކަށް ނެތެވެ. އެހެންކަމުން އިރުކޮޅަކަށް މަޑުކޮށްލުމަށްފަހު ނިތުގައި އިނގިލި ހިންގައިލަމުން އަރުޝަދު އެއްބަސްވީއެވެ.

ޖެހިގެން އައި ހަފުތާއިން ފެށިގެން ރޭގަނޑު ނިމޭ ޑިއުޓީ ތަކުގައްޔާއި ފެށޭ ޑިއުޓީތަކަށް އަރުޝަދާއެކު ޒިވިޔާ އާއި މުއީޒާ ހޮސްޕިޓަލަށް އަންނާނީ ނުވަތަ ނިމިގެން ގެއަށް ދާނީ އެކު އެކީގައެވެ. އެ ގޮތުން ފުރަތަމަ ދާން ޖެހުނު ރެއެވެ. ފުރަތަމަ ޖެހޭނީ މުއީޒާގެ ގެއާއެވެ. މުއީޒާ ގެއަށް ވަނުމުން ދެން ޖެހޭނީ އަރުޝަދުގެ ގެއާ ކަމަށްވިއަސް އަރުޝަދުގެ ގެއާ ތިން ގެ ދުރުގައި ހުރި ޒިވިޔާގެ ގެއަށް ޒިވިޔާ އެކަނި ފޮނުވާކަށް އަރުޝަދަކަށް ނުކެރުނެވެ.

ކޮންމެ ގެއެއްގެ ގޯތި ފުރިފައި އޮންނަނީ ބޮޑެތި ބަނބުކެޔޮ ގަސްތަކާ މިދިލި ގަސްތައްފަދަ ގަސްތަކުން ކަމަށް ވުމުން ކަޅުފޮއެ ރޭރޭ  މަގުމަތި ފެންނަލެއް ބިރުވެރިއެވެ. މަގުމަތީގައި މަގުބައްތި ޖަހާފައި ނެތުމުން މަގުތައް ފެންނަނީ ވަރަށް އަނދިރިކޮށެވެ. ގެތައް އަޅާފައި ހުންނަ ގޮތުން ގޭގޭގައި ހުންނަ ބޮކިތަކުގެ އަލި ބައެއް ހިސާބުތަކުން އެއްވެސް ވަރަކަށް މަގުމައްޗަކަށް ނުފޯރައެވެ.

އެހެން ކަމުން އަރުޝަދު ގަސްދުކުރީ ޒިވިޔާގެ ގެއާ ހިސާބަށް އަރުޝަދު ގޮސް ޒިވިޔާ ގެއަށްވަނުމުން އެނބުރި އައުމަށެވެ. މި ގޮތަށް ވިސްނުމަށް ފަހު ގެއަށް ނުވަނދެ ކުރިއަށް ހިނގާފައި ދާން ފެށުމުން ''އަޅުގަނޑަށް އެކަނި ދެވޭނެ'' އޭ ޒިވިޔާ ބުންޏެވެ.

އަރުޝަދު ހިނގުން ކުޑަކޮށް މަޑުކޮށްލާ ޒިވިޔާ އައިސް އަރާ ހަމަ ވުމުން މަޑުމަޑުން ބުންޏެވެ.

''ތި ކުއްޖާ އެކަނި ފޮނުވާލާފަ އަހަރެން ގެއަށް ވަންނަންވީ؟'' ސުވާލުގެ ނަޒަރަކުން ޒިވިޔާއާ ވީ ފަރާތަށް މޫނު އަނބުރާލަމުން އަރުޝަދު އެއްސެވެ.

ޒިވިޔާ އެއްވެސް ޖަވާބެއް ނުދިނެވެ. އަދި ކުރިއަށްވުރެ ބާރަށް ހިނގާފައި ގޮސް ގޭގެ ފާރުން އެތެރެއަށް ދެމިގެންފިއެވެ. އެންމެ ފަހަރަކު ވެސް ފަހަތް ބަލާނުލާ ގޮސް ދަބަހުން ތަޅުދަނޑި ނަގާ ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތެވެ. ހީވީ އަރުޝަދު އޭނަގެ ފަހަތުން އަންނާތީ އަވަސް ވެގަތީ ހެންނެވެ. މަގުމަތީ ފާރުގެ ގެއަށް ވަންނަ ދޮރަށް ވުރެން ވެސް ފަހަތުގައި ހުއްޓި ހުރި އަރުޝަދަށް ޒިވިޔާ އުޅުނު ގޮތް ފެނުމުން ދެއަތަކަށް ބޯ ހޫރާ ލެވުނެވެ. އަދި މަޑުމަޑުން ބުނެވުނެވެ. ''އަހަރެން މިއީ އަރައި ކާ އެއްޗަކީތަ!'' އަރުޝަދަށް އެހެން ބުނެވުނީ ޒިވިޔާ ހޮސްޕިޓަލުގައި ވެސް އަރުޝަދާ ބަހައްޓާ ދުރުކަމަކުންނެވެ.

އާދައިގެ މަތިން ހޮސްޕިޓަލުގެ ކަންކަން ކުރިއަށް ދެއެވެ. އަރުޝަދު އެރަށުގެ ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ ދެވަނަ މަހެވެ. ރޭގަނޑު ޑިއުޓީ ކުރާ ކޮންމެ ރެއަކު ޒިވިޔާ އަމަލު ކުރަމުން އައީ ފުރަތަމަ ރެއެކޭ އެއްގޮތަށެވެ.

ޒިވިޔާގެ އަމަލު ހުންނަ ގޮތުން އެކަމާ މެދު ނުވިސްނަން ބޭނުން ވިޔަސް އަރުޝަދަކަށް ނުހުރެވެއެވެ. ޒިވިޔާ އެގޮތަށް ކަންތައް ކުރާ ސަބަބު އެނގެން އަރުޝަދު ބޭނުމެވެ. ޔަގީނުން ވެސް އަރުޝަދަކީ ގޯސް މީހެއް ނޫނެވެ. އަނެއްކާ އަރުޝަދޭ ކިޔައިގެން މީހަކު ގޯސް އެއްޗެކޭ ބުނީ ބާވައެވެ. ވިސްނި ވަރަކަށް އަރުޝަދާ ދުރުވާން ޒިވިޔާ އުޅޭ ވަރު ސިކުނޑިއަށް ނަގައިގަނެވެމުން ދިއައެވެ. ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން އެންމެންނާ ޚިލާފަށް ޒިވިޔާ ދުވަހަކު ވެސް އިސްވެ އޭނާއަކާ ވާހަކައެއް ނުދައްކައެވެ. އަރުޝަދު ވާހަކަ ދެއްކިއަސް ''އާން ހޫނ'' އަކުން ނިންމާލެވޭތޯ ބަލައެވެ. އެކަމަކު އެތާގައި ތިބޭ އެހެން މުވައްޒަފުން ޚާއްސަކޮށް އަންހެން ކުދިން ބަލަނީ ވީހައި ވެސް ގިނަ ވާހަކަ ތަކެއް އަރުޝަދާ ދެއްކޭތޯއެވެ. އަރުޝަދާއެކު އިތުރަށް ސިކުންތެއް ވިޔަސް ހޭދަ ކުރެވޭތޯއެވެ. އެހެންނަމަވެސް ޒިވިޔާގެ ފަރާތުން މިއިން އެއްވެސް ކަމަކަށް ޝައުގެއް ހުންނަތަނެއް އަރުޝަދަކަށް ނުފެނެއެވެ.

''އަނެއްކާ ޒިވިޔާގެ ބޯއި ފުރެންޑް އަރުޝަދާ ވާހަކަ ދައްކަން ނުރުހެނީބާ!'' ކުއްލިއަކަށް އަރުޝަދު ސިކުނޑިއަށް ނަގައިގަނެވުނު އެންމެ ގާތް ގޮތް ހިތް ގަބޫލުކުރިއެވެ.

ޖެހިގެން އައި ހަފުތާއަކީ އަނެއްކާ ވެސް ދުވާލު ޑިއުޓީ އޮތް ހަފުތާއެކެވެ. އެއް ދުވަހެވެ. އަރުޝަދު ޑިއުޓީ ނިންމާފައި ގެއަށް ދާން ނިކުތް އިރު ޒިވިޔާ ވެސް ގެއަށްދާން ބައިސްކަލަށް އަރަނީއެވެ. އަރުޝަދު ގޮސް ޒިވިޔާއާ އަރާ ހަމަވުމުން އަރުޝަދަށް ބަލާލުމަށްފަހު ކުޑަކޮށް ހީނލިއެވެ. އެ ހީނލުމުގައި ވަކި ތަފާތު ކަމެއް ނެތެވެ. އެއީ ޑޮކުޓަރެއްވީމާ އިހުތިރާމް ކުރުމުގެ ގޮތުން ޒިވިޔާ އަބަދުވެސް އަމަލު ކުރާގޮތެވެ. އެހެން ސްޓާފުންނާ ވެސް އެ ގޮތަށް ހީނލައެވެ. ޒިވިޔާގެ ހީނލުން ފެނުމުން މިއަދު އިރު އެރީ ކޮންފަރާތަކުންހޭ އަހާލަފާނަމޭ އަރުޝަދު ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ޖުމުލަ ބޭއްވީ ހިތުގައެވެ. އެހީނލުމުން އެކަނި ވެސް އަރުޝަދުގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ތަފާތު ފިނިކަމެއް ލިބޭކަން އަމިއްލައަށް ވެސް އިހުސާސްވި މިއީ ފުރަތަމަ ފަހަރެވެ.

''އެކަނިތަ ދަނީ! ކޮބާ މުއީޒާ މިއަދު!'' އަރުޝަދު ބޭނުންވީ ޒިވިޔާ ލައްވާ ވާހަކަ ދައްކުވާށެވެ. މުއިޒާގެ ނަން ގެނައީ ގަސްދުގައެވެ. ކޮންމެހެން މުއީޒާ ވީތަނެއް ބަލާކަށް ނޫނެވެ.

ޑޮކުޓަރުގެ ސުވާލު އަޑު އިވުމުން އެތާ އެހެންމީހަކު ވެސް ނެތުމުން ޖަވާބުނުދީ ދާކަށް ޒިވިޔާ އަކަށް ނުކެރުނެވެ. އެހެންކަމުން ބައިސިކަލަށް އަރަން ފަހި ކޮށްލާފައި ވެސް ކުޑަކޮށް މަޑު ޖައްސާލަމުން ޑޮކުޓަރާ ވީފަރާތަށް އެނބުރި ''ނޭނގެ'' އޭ ބުނީ ޑޮކުޓަރަށް ބަލާލުމަށް ފަހު އިސްޖަހާލަމުންނެވެ. އެވަގުތު ޒިވިޔާގެ ލޮލުގެ އެހެރަ ރީތިކަމާ އަސަރު ފުރަތަމަ ފަހަރަށް ޑޮކުޓަރ އަރުޝަދަށް ފާހަގަ ކުރެވުނެވެ.

''މާޝާ ﷲ'' އޭ ބޭ އިޚުތިޔާރުގައި އަރުޝަދަށް ބުނެލެވުނެވެ. އަރުޝަދު ބުނި އެއްޗެއްގެ އަޑު ޒިވިޔާއަށް އިވުނެވެ. އެހެންނަމަވެސް ދޭހަ ނުވުމުން އަނެއްކާ ވެސް ޒިވިޔާ ފަސް އެނބުރި ބަލައިލިއެވެ. މި ފަހަރު އަރުޝަދު އެއްވެސް އެއްޗެކޭ ބުނާކަށް ގަސްދެއް ނުކުރިއެވެ. ފަރުވާ ކުޑަގޮތަކަށް ކޮނޑު އަރުވައިލީއެވެ. އަދި ޒިވިޔާގެ ކުރިއަށް އަރައިގެން ބައިސިކަލް ދުއްވައިލިއެވެ.

އަރުޝަދުގެ ފަރާތުން މި ފެނުނު ފަރުވާ ކުޑަކަމަކުން ޒިވިޔާ ވަރަށް ރުޅި އަންނަގޮތް ވިއެވެ. ޖަވާބު ނުދީ ކޮނޑު އަރުވަން ޖެހޭ ކަމެއް މަކުރިންހެއްޔެވެ! އެހެން މީހުން އުޅޭ ހެން ނޫޅެވިގެން މަ އެބަ އުޅެންހެއްޔެވެ! އައިރުޅިން ހާދަ ފޮނި ފިރިހެނެކޭ ވެސް ހިތަށް އެރިއެވެ.

ހަވީރަށް ޑިއުޓީ ބަދަލުވެ ދަންވަރު ޑިއުޓީ ނިމުނު ރެއެކެވެ. މުއީޒާ ގެއަށް ވަނުމުން އާދައިގެ މަތިން ޒިވިޔާ ގެއަށް ދިއުމަށް ހިނގުން އަވަސް ކޮށްލައިފިއެވެ. އަރުޝަދު ހުރީ މިރޭ ރަނގަޅަށް ޒިވިޔާއާ ވާހަކަ ދައްކަން މާކުރިން ނިންމައި ގެންނެވެ. އެހެންކަމުން ޒިވިޔާގެ ގޭގެ އިންފާރާ ހަމަ ވުމުގެ ކުރިން ބާރަކަށް ގޮސް ޒިވިޔާގެ އަތުގައި ހިފާ އަރުޝަދާ ވީ ފަރާތަށް އަނބުރާލުމުން ޒިވިޔާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑު ނިކުމެ ފަޒާގެ ތެރެއަށް އޮބިގެން ހިނގައްޖެއެވެ. އަރުޝަދުގެ މި ޙަރަކާތުން ލިބުނު ހައިރާން ކަމަކުން ޒިވިޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނގަ ތައްމިނަށް ހުޅުވި ދެލޯ ބޮޑުކޮށްގެން ޒިވިޔާ ހުއްޓެވެ. ވާނުވާ ނޭނގިފައެވެ.

ޒިވިޔާގެ އަތުގައި ހިފަހައްޓައިގެން މާގިނައިރަކު ހުންނާކަށް އަރުޝަދު ބޭނުމެއް ނުވިއެވެ. ޒިވިޔާ އޭނާއާ ވީފަރާތަށް އަނބުރާލުމަށްފަހު އެ އަތުން ދޫކޮށްލިއެވެ. ޒިވިޔާއަށް ވީ ގޮތަކީ އަރުޝަދުގެ މި ކުއްލި ޙަރަކާތުން ސިހުނުވަރުން މޭގައި އަތް އަޅައިގެން ހުރެ ދެލޯ ބޮޑުކޮށްގެން އަރުޝަދާ ދިމާއަށް ބަލަން ހުރެވުނީއެވެ.

ޒިވިޔާ ބިރުގަތްވަރު ފެނުމުން އަރުޝަދު ވެސް ދެރަވެއްޖެއެވެ. އެއްވެސް އެއްޗެކޭ ބުނާކަށް ނުވެސް ކެރުނެވެ. ފަހަތަށް ފިޔަވަޅެއް އެޅުމަށްފަހު ހުރި ގޮތަށް ހުރެވުނީއެވެ. އަރުޝަދުގެ ފަރާތުން އިތުރު ހަރަކާތެއް ނުފެނި އަދި ބަހެއް ވެސް ނުބުނުމުން ޒިވިޔާ ދުއްވައިގަތީ ގެއާ ދިމާއަށެވެ. އޭރު ޒިވިޔާގެ މަންމަ ޒިވިޔާގެ ފިޔަވަޅުގެ އަޑުހެން ހީވެގެން އައިސް ގޭގެ ދޮރު ހުޅުވަނީއެވެ.

އެރޭ ގެއަށް ގޮސް އުޅެއުޅެ އަރުޝަދަކަށް ނުނިދުނެވެ. ލޮލުގެ ކުރިމަތީ ސިފަވަނީ ޒިވިޔާގެ ބިރުގެންފައިވާ ދެލޮލެވެ. ހާސްވެފައިވާ އެ މައުސޫމު މޫނެވެ. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އަރުޝަދަށް ވިސްނައިގަނެވުނީ ދެނެވެ. އޭނާ އެއްގޮތަކަށް ވެސް ޒިވިޔާގެ ގައިގާ އަތް ޖައްސައިގެން ނުވާނެއެވެ. އެހާ ދުރު ދުރުން އުޅެ އުޅެ ހުރި ކުއްޖެއްގެ ގައިގާ ބީހިލާނީ ވެސް ވަރަށް ގޮތެއް ނެތް މީހެކެވެ. އެވަރު އޭނަގެ ވިސްނުމަށް އެވަގުތު ނައީތީ އަރުޝަދު ހައިރާން ވިއެވެ. މިހާ ދަށު ދަރަޖައަކަށް އޭނާ މި ވެއްޓިގަތީ ކޮންކަމަކާ ހެއްޔެވެ! ޒިވިޔާ އޭނާޔާ ދުރުން އުޅުނިއްޔާ އޭނާއަށް ވަކި މަދުވާނީ އަދި އުނިވާނީ ވެސް ކޯއްޗެއް ހެއްޔެވެ!

ކޮންމެ ގޮތެއްވިޔަސް މިހާރު މިއޮތީ މި ގޯސް ހެދިފައެވެ. އޮތް ހިސާބަކުން ދެންވެސް މިކަން ރަނގަޅު ކުރަން އުޅުން ނޫން ގޮތެއް ނެތެވެ. މަޑުން ހުންނަންޏާ އިތުރަށް ވާނީ ގޯހެވެ.

ވަރަށް ވިސްނުމަށްފަހު އަރުޝަދު ނިންމީ ޒިވިޔާ ގާތުން މައާފަށް އެދޭށެވެ. އެފަދަ ކަމެއް ދުވަހަކު ވެސް ތަކުރާރު ނުކުރަން އޭނާ  ހުވާ ކުރާނެއެވެ. މި ވިސްނުމުގައި އޮވެ ފޯނުނަގައި ހޮސްޕިޓަލުގެ ވައިބަރ ގުރޫޕުން ޒިވިޔާގެ ނަން އޮތް ނަންބަރ ހޯދުމަށްފަހު ޒިވިޔާ އިނީ އޮންލައިންގައިތޯ ޔަގީން ކޮށްލިއެވެ. އެންމެ ފަހުން އޮންލައިން ވެފައި އޮތީ ޑިއުޓީގައި އުޅެމުންކަން އެނގުމުން އިތުރަށް ހިތްވަރު އެލުނެވެ.

ކޮންމެ ގޮތެއްވިޔަސް މެސެޖް ފޮނުވީމައި ކޮންމެވެސް އެއްގަޑިއެއްގައި މެސެޖް ފެންނާނެތީ ވަރަށް ވިސްނުމަށް ފަހު ޒިވިޔާއަށް އޭނާ މެސެޖް ލިޔެ ފޮނުވައިލިއެވެ.

ކުރިއަށް އޮތީ އޮފް ދުވަހަށް ވާތީ ފަތިސްނަމާދު ކޮށްލައިގެން ވެސް ޒިވިޔާ އޮށޯތީއެވެ. ކުރީ ރޭ ހިނގި ކަންތަކުގެ ސަބަބުން ރަނގަޅަށް ނިދުނީ އެތައްއިރެއް ފަހުނެވެ. އެހެންކަމުން އިތުރަށް ނިދާލަން ބޭނުންވާތީ ފޯނުން ގަޑި ބަލާލުމަށް ފަހު އަނެއްކާ ވެސް ޒިވިޔާ ލޯ މަރާ ބާރު ކޮށްލިއެވެ. އަދި ހަށިގަނޑު ތެދުކޮށްލާ މޯޅިއަކަށް ދެމިލިއެވެ. ކައިރީގައި އޮތް ބާލީހުގައި ރަނގަޅަށް ބައްދާލުމަށްފަހު ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކޮޓަރީގެ މާހައުލު ފުދޭވަރަކަށް ފިނިކޮށް އޮތުމުން ގިނައިރެއްނުވެ ނިދީގެ މީރުކަމުގެ ތެރެއަށް ޒިވިޔާއަށް އަނެއްކާވެސް ގެނބި ނިމިއްޖެއެވެ.

އަރުޝަދުގެ ހަޔާތުގައި އަންހެން ކުއްޖެއްގެ ފަރާތުން ހިތުގައި ޖެހުނު އެންމެ ބޮޑު ރެއަށް އެރޭ ވުމުގެ ސަބަބުން ނިދުނީ ފަތިސްވާން ގާތްވީ ފަހުންނެވެ. މިހެންވުމުން ފަތިސްނަމާދަށް ވެސް ހޭނުލެވުނެވެ. ކާން ދިނުމުގެ ކަންތަކާ ހަވާލުވެ ހުންނަ ހަލީމަތު އޭނަގެ އާދައިގެ މަތިން ކޮފީ ހަދައިގެން އައިސް ދޮރުގައި ޓަކިދޭ އަޑަށް އަރުޝަދަށް ހޭ ލެވިއްޖެއެވެ. ދޮރު ހުޅުވަން އެނދުން ތެދުވަމުން ފޯނު ނަގައި ގަޑި ބަލާލިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.