ހިތުގެ ވިންދު - 10

(25 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

(ދިމާވީ ސަބަބަކާއެކު މި ވާހަކައިގެ އިއްޔެގެ ބައި މި ގެނެސްދެވުނީ މިއަދުއެވެ. ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެވެ.)


ރާމް ފަހަތަށް އެނބުރިލީމަ ، މަލާމާތްކޮށް ހީ ، ނަގައެވެ. އެމީހުން ދެކެނީ ރާމްއަކީ މޮޔައެއް ކަމަށެވެ. ރާމްއަށް އަންގައިވެސްނުލާ ޙީލަތާއި މަކަރު ހަދަމުން ގެންދެއެވެ. އެކަން އެނގޭ ހެއްޔެވެ ؟ އަންޖަލީ ، މަލާމާތުގެ ބަސްތަކުން ރާމްއާ މުޚާތަބުކުރަމުން ގެންދިޔައިރު ، އަނގައިންވެސް ނުބުނެ ، ރާމް ހުރީ ހިމޭނުންނެވެ. ހިނިތުންވެލައިގެންނެވެ. އޭނާގެ އެ ހިނިތުންވުމުން އަންޖަލީގެ ރުޅިވެރިކަން ހައްތާ ދިޔައީ ގަދަވަމުންނެވެ. އޭނާއަށް އެ ވާހަކަ ދެއްކެނީ ، އަޞްލުވެސް މޮޔައަކާހެން އަންޖަލީގެ ހިތަށްވެސް އެރިއެވެ. ފިރިމީހާ ނަމަވެސް އެވަރުވީމަ އެކަހަލަ އެއްޗެތި ހިތަށްނާރައެއް ނުހުންނާނެއެވެ.

ރާމްގެ ހިތަކަށް ، އަންޖަލީގެ ބަސްތަކުން އެއްވެސް އަސަރެއް ނުކުރެއެވެ. އަންޖަލީގެ ލޮލަށް ބަލަހައްޓައިގެން ، އޭނާ އެކިޔާ ގޮވެލިފައްޗެއް އަޑުއަހަން ހިނިތުންވެލައިގެން ހުއްޓެވެ.

" އެނގެއެވެ. ތިހުރިހާކަމެއްވެސް އެނގެއެވެ. ހުރިހާކަމެއްވެސް އަހަރެންނަށް އެނގެއެވެ. " އަންޖަލީގެ ލޮލަށް ބަލަހައްޓައިގެން ހުރެ ، ރާމްގެ އެބުނި ޖުމްލައިން ، އަންޖަލީ އެއްފަހަރުން ގަނޑުވިއެވެ. އޭނާގެ ދެލޯ ބޮޑުވެ ، ރާމްއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ ؟ މީނާ ހައްދަވާފައި މިހުރީ މަށިން ބާވައެވެ ؟ ނުވަތަ ހިލައިން ބާވައެވެ.

ރާމްއަށް ހުރިހާކަމެއްވެސް އެނގެއެވެ. އެކަމަކު ، މޮޔަވާ ވަރަށް އެމީހުންދެކެ އޭނާ ލޯބި ވެއެވެ.

" އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ ؟ ނަފުރަތުގެ މައްޗަށް ގަދަވެވޭނީ ހަމައެކަނި ލޯތްބަށެވެ. ނަފުރަތަކީ މީހާއަށް މަގު އޮޅުވާލަދޭ އިޙްސާސެކެވެ. އެއިޙްސާސް ހިތުން ފިލުވައިލެވޭނީ ލޯބިދީގެންނެވެ. ހަމައެކަނި ލޯބިންނެވެ. އެހާބޮޑަށް އެމީހުންދެކެ ލޯބިވާން އަހަރެން ބޭނުމެވެ. އަހަރެންގެ ލޯބިން ، ހުރިހާމީހުންނަށްވެސް އަހަރެންދެކެ ލޯބިވާން މަޖުބޫރުވާ ވަރަށެވެ. އަހަރެންގެ އުޞޫލަކީ އެއީއެވެ. އަދި އެއީ އަހަރެން ޤަބޫލުކުރާ ގޮތެވެ. ގޯސް ކަންކަން ނެތިކޮށްލެވޭނީ ރަނގަޅު ޢަމަލުންނެވެ. ފިރިމީހާ ޙާޞިލްކުރެވޭނީ ތެދުވެރިކަމުންނެވެ. ހިތުގެ ކަންބޮޑުވުން ނެތިކޮށްލެވޭނީ ހަމަހިމޭންކަމުންނެވެ. އަހަރެމެން ދިރިމިއުޅެނީ އިންސާނުން ދިރިއުޅޭ ބިމުގައެވެ. އެބިމުގައި ދިރިއުޅެވޭނީ އިންސާނަކަށް ވެގެންނެވެ. ޖަނަވާރަކަށް ވެގެންނެއް ނޫނެވެ. " ރާމް އޭނާގެ ގޮތް އަންޖަލީއަށް ކިޔައިދެމުން ގެންދިޔައެވެ.

އަންޖަލީ ހުރީ ތަންމިނަށް އަނގަހުޅުވި ޙައިރާން ވެފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެއީ ކެތްތެރިކަމުގެ އިންތިހާއެވެ. އެއީ އިންސާނުންނަށް އެކަށީގެންވާ ކަމެއްނޫނެވެ. ކޮންމެ ކޮންމެ މީހެއްގައި އެފަދަ ކެތްތެރިކަމެއް ނުހުންނާނެއެވެ. މިއީ އާދަޔާ ޚިލާފު އިންސާނެކެވެ. އެހެން އެންމެންނާ ވިސްނުން ތަފާތެވެ. ޢަމަލުތައް ހަރުދަނާއެވެ. ބަސްމަގު ރީތިވެފައި މަޑުމައިތިރިއެވެ. އަބަދުވެސް ރާމް ހުންނަނީ ހިނިތުން ވެފައެވެ. އެއްވެސް ވަރަކަށް ރުޅިއެއް ނާދެއެވެ. އެހެންނަމަވެސް ، މިފަދަ މީހުންގާތަށް ރުޅިއައިއްސިއްޔާ ދުނިޔެ އެކޮޅުކޮޅުން ޖަހާލާނެއެވެ. ރުޅިއަންނާނީ ވަރަށް ވަރުވެގެންނެވެ.

ރާމްގެ  އަސަރުގަދަ ބަސްތަކުން ، އަންޖަލީގެ ހިތް ތިރިވިއެވެ. ރުޅިގަނޑު ފިލައިދިޔައެވެ. އޭނާއަށް ހަމަހިމޭންކަން ލިބުނެވެ. ރާމް ބުނާގޮތް ހެދުމަށް ، ވަރަށް އަދަބު އިޙްތިރާމާއެކު އަންޖަލީގެ  ކިބައިން ރާމް އެދުނެވެ.

ދާށެވެ ! ގޮސް ، ހުރިހާ ގަހަނާތަކެއް މަންމައަތަށް ދޭށެވެ ! މަންމަޔަށް އިޙްތިރާމްކޮށް ޤަދަރުކޮށްގެން ، އަންޖަލީއަތުން ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ. އަންޖަލީގެ ޤަދަރާއި ޢިއްޒަތަށް އުނިކަމެއް ނާންނާނެއެވެ. ދާށެވެ !

ރާމްގެ ނަޞޭޙަތުގެ ބަސްތަކުން އަންޖަލީގެ ހިތް ބަލިކޮށްލިއެވެ. އޭނާގެ ގޮތް ދޫކުރުމަށް މަޖުބޫރު ވިއެވެ. އޭނާގެ ހިތާ ދެކޮޅަށް ، ހުރިހާ ގަހަނާތަކެއް ހިފައިގެން އައިސް ދޮންމަންމައާ ޙަވާލުކުރިއެވެ. އަންޖަލީ ، އެ ގަހަނާތައް ހިފައިގެން ދޮންމަންމައާ ޙަވާލުކުރަން ދިޔައީ ރާމްއާ އެކުގައެވެ.

ދޮންމަންމަ އާއި އޭނާގެ ދެދަރިން އިށީނދެލައިގެން ތިއްބެވެ. އެމީހުން ތިބިގޮތުން ހީވަނީ އެމީހުންގެ އެއްޗެއް އަނބުރާ ގެނެސްދިނީމަ ޙަވާލުވާން ތައްޔާރުވެގެން ތިބިހެންނެވެ. އެތިންމީހުންގެ މޫނުމަތިންވެސް ، ބޮޑާކަމާއި ގޮތްދޫނުކުރުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަންޖަލީ މަޑު ހިނގުމެއްގައި ގޮސް ، ގަހަނާތައް ދޮންމަންމަ އަތަށްދީފައި މަޑުނުކޮށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

ރާމްގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. އަންޖަލީއަކީ އޭނާ ހިތްއެދޭފަދަ އަނތްބަކަށް ހެދޭނެކަން ރާމްއަށް ކަށަވަރުވިއެވެ. ނުރުހުމާއި ނަފުރަތަކީ އަބަދުވެސް ލޯބިން ނައްތައިލާނެ އެއްޗެއްކަން އޭނާއަށް ސާބިތުކޮށް ދެވިއްޖެއެވެ. ރާމްގެ ހިތުގައި އަންޖަލީގެ މައްޗަށް އިތުރު އިތުބާރާއި ޔަޤީންކަން އުފެދުނެވެ. އަދި އަންޖަލީގެ ލޯތްބަކީވެސް ، މާ ގިނަދުވަސްތަކެއްނުވެ ، އޭނާއަށް ލިބޭނެ އެއްޗެއްކަން އެނގުނެވެ. ރާމް އެހުރިގޮތަށް ހިނިތުންވެހުރެ  ، އޭނާގެ އެ އުއްމީދު ހުވަފެނަކުން ބަލަމުން ގެންދިޔައެވެ. އެހުވަފެނުގެ ފީތާތައް ފަހަރަކު މަންޒަރަކުން ނިއުޅެމުންގޮސް އޭނާގެ ކުރިމައްޗަށް ހުށަހެޅެމުން ދިޔައެވެ.

އަހަރެންގެ ހިތް ކަލާގެ ހިތަށް އެބަ ބުނެއެވެ. އަހަރެންނަށް ކަލާދެކެ ލޯބި ވެވިއްޖެއެވެ. އަހަރެންގެ ޙަޔާތާއި ފުރާނައާއެވެ ! އަހަރެންނަށް އިތުބާރު ކުރާށެވެ. އަހަރެން މިވަނީ އެވަރަށް ވަރުބަލިވެ ، ބޭޤަރާރުވެފައެވެ. ކަލާވެސް އެމިންވަރަށް ބޭޤަރާރު ވެލާށެވެ. އަހަރެންގެ ހިތުގެ ވިންދު ދެނެގަނެ . އިޙްސާސްކޮށްލާށެވެ. ކަލާވެސް އަހަރެންދެކެ ލޯބިވާށެވެ.

ރާމް ، ރަތް ފިނިފެންމަލެއް ހިފައިގެން އައިސް ވަރަށް ލޯބިން އަންޖަލީގެ ކުރިމައްޗަށް އަރާ ދިއްކޮށްލިއެވެ. ހިފަން ނުހިފަން ހުރެފައި އެ ފިނިފެންމަލުގައި އަންޖަލީއަށް ހިފުނެވެ. ގަސްތަކު ނޫނެވެ. ހިތް ނޭދުނަސް ، ރާމްގެ ދެކޮޅުހެދެންނެތް ، އަދާތަކުންނާއި ނިޔަނެތި ޢަމަލާއި މަތިވެރިއަޚުލާޤުން ، އެކަމަށް އޭނާގެ ނަފުސު މަޖުބޫރު ކުރަނީއެވެ.

ކަލާ ބުނެފިއްޔާ އުޑުގައިވާ ހަނދާއި ތަރިތައްވެސް ބިމަށް ބާލައިދީފާނަމެވެ. މިޖެހޭ ވައިރޯޅިއާއި އުޑުގައިވާ ވިލާތަށް ކަލާގެކޮޅަށް ލަންބުވައިލާނަމެވެ.

އަންޖަލީ ކަންބޮޑުވިއެވެ. މިވާގޮތެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ހިތުގެ ކޮންޓްރޯލް ގެއްލިގެންދާކަމުގެ އިޙްސާސް އޭނާއަށް އެބަ ކުރެވެއެވެ. ހަދާނީ ކިހިނެއް ހެއްޔެވެ ؟

އަހަރެންގެ ލޯމައްޗަށް މިފެންނަނީ ކޮންފަދަ މަންޒަރެއް ހެއްޔެވެ ؟ މި ކުރެވެނީ ކޮންފަދަ އިޙްސާސެއް ހެއްޔެވެ ؟ މާސިންގާ ކަނޑު މިއެވަނީ އަހަރެންނާ ގާތުގައެވެ. ބިޔަ ފަރުބަދަތައް އެވަނީ އަހަރެންނާ ދުރުގައެވެ. އެކަމަކުވެސް ،  އަހަރެން މިވަނީ ފެންބޮވައިގެންފައެވެ.

އަހަރެންގެ ، މިބަސްތައް ކަލާގެ ފައިތިލައިގެ މައްޗަށް ގެންނާނަމެވެ. އަހަރެންގެ ލޮލަށް ބަލައިލަ ބަލާށެވެ. ދެލޯ މިވަނީ ކިހާވަރަކަށް ވަރުބަލިވެފައި ހެއްޔެވެ ؟ ކަލާގެ ލޯވެސް ހަމަ އެވަރަށް ވަރުބަލިކޮށްލާށެވެ. އަހަރެންގެ ހިތުގެ ވިންދު ދެނެގަނެ އިޙްސާސް ކޮށްލާށެވެ. ކަލާވެސް އަހަރެންދެކެ ލޯބިވާށެވެ. އަހަރެންގެ ހިތް ކަލާގެ ހިތަށް ބުންޏެވެ. އަހަރެންނަށް ކަލާދެކެ ލޯބި ވެވިއްޖެއެވެ.

އަންޖަލީއަށް އޭނާގެ އިޙްސާސްތަކަށް ޖަވާބެއްނުދީ ހުރުމަކީ އުނދަގޫ ކަމަކަށް ވެއްޖެއެވެ. ކުރިން އެލިބުނު ލޯތްބެއްގެ މަސްތީ އަސަރުތައް އޭނާގެ ހިތުން އަދި ފިލައިގެންނެއް ނުދެއެވެ. އެ އިޙްސާސްތަކާ ދެކޮޅަށް ހަނގުރާމަ ކުރެވޭފަދަ ހިތްވަރެއް އެހިތަކު ނެތެވެ.

ދޭވްގެ އަޑު އަންޖަލީގެ ކަންފަތުގައި ޖެހުނެވެ. ދުރުން ، މާދުރުދުރުންނެވެ. އަންޖަލީ އޭނާގެ ވަށައިގެންވާ ހަފަރާތަށް ބަލައިލިއެވެ. ދޭވް އެއް ނުފެނެއެވެ. އެކަމަކު އެއީ އޭނާގެ އަޑެވެ. އެ އަޑު އިވެމުން އަންނަ ދިމާއަށް އަންޖަލީއަށް ބާރަށް ދުއްވައި ގަނެވުނެވެ.

އަހަރެންގެ ހަނދާންތަކާއި އެ އިޙްސާސްތަކުގައި ކޮންމެ ދުވަހަކުވެސް އަހަރެންގެ ކުރިމައްޗަށް ކަލާ އާދެއެވެ. ހަމަ އެގޮތުގައެވެ. ލޯބިވާއެވެ ! އަހަރެންނަށް އުނދަގޫ ތިކުރަނީ ކީއްވެ ހެއްޔެވެ ؟ ކަލާގެ މަގުން ކަލާގެ އަތުތެރެއިން އަހަރެން ނުކުމެގެންދާކަށް ބޭނުމެއް ނޫނެވެ. އަހަރެން އެނބުރި އަންނާނަމެވެ.

މިދުނިޔެއިން ވަގަށްނަގައި އަހަރެން ، ކަލާ ޙާޞިލް ކުރާނަމެވެ. ކުޑަ ހިނދުކޮޅަކަށް އިންތިޒާރު ކޮށްލާށެވެ. އަހަރެން މިވަނީ އެވަރަށް ވަރުބަލިވެ ބޭޤަރާރު ވެފައެވެ. ކަލާވެސް އެވަރަށް ވަރުބަލި ވެލާށެވެ. އަހަރެންގެ ހިތުގެ ވިންދު ދެނެގަނެ އިޙްސާސް ކޮށްލާށެވެ. ކަލާވެސް އަހަރެންދެކެ ލޯބިވާށެވެ. ލޯބީގެ ފޮނި އިޙްސާސްތަކެއް އިއްވުމަށްފަހު ، ދޭވް މާދުރަށްގޮސް ގެއްލުނެވެ.

ކަލާގެ ލޮލުން އަހަރެން ބަލާނީ ކިހިނެއް  ހެއްޔެވެ ؟ ކަލާއަށް އަހަރެން ބަރޯސާވާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންގެ ހިތުގައި ވިންދު ޖައްސާނީ ކިހިނެއް ހެއްޔެވެ ؟ ހާދަ ވަރުބައްޔެއް ވެއްޖެއެވެ. އަހަރެންގެ ހިތް ކަލާއަށް ދޭނީ ކިހިނެއް ހެއްޔެވެ ؟ އަހަރެން ކަލާދެކެ ލޯބިވާނީ ކިހިނެއް ހެއްޔެވެ ؟ އަންޖަލީއަށް މާނޭވާއެއް ލެވުނެވެ. އޭނާ އެނބުރިލިވަގުތު ކުރިމަތީހުރި އިންސާނާގެ މޭގައި ބޯއަޅާއިލެވުނެވެ. ބޭއިޚުތިޔާރުގައެވެ. އިސްއުފުލައި ބަލައިލިއިރު އެއީ ރާމް އެވެ. އަންޖަލީއަށް އެކުރެވުނު ކަމަކާމެދު ޖެހިލުންވެ ކުއްލިޔަކަށް ރާމްއާ ދުރަށް ޖެހިލިއެވެ. އަނެއްކާވެސް ރާމް ބުނަމުން ގެންދިޔައެވެ.

އަހަރެންގެ ހިތް ކަލާގެ ހިތަށް އެބަ ބުނެއެވެ. އަހަރެންނަށް ކަލާދެކެ ލޯބި ވެވިއްޖެއެވެ. އަހަރެންގެ ޙަޔާތާއި ފުރާނައާއެވެ ! އަހަރެންނަށް އިތުބާރު ކުރާށެވެ. އަހަރެން މިވަނީ އެވަރަށް ވަރުބަލިވެ ، ބޭޤަރާރުވެފައެވެ. ކަލާވެސް އެމިންވަރަށް ބޭޤަރާރު ވެލާށެވެ. އަހަރެންގެ ހިތުގެ ވިންދު ދެނެގަނެ . އިޙްސާސްކޮށްލާށެވެ. ކަލާވެސް އަހަރެންދެކެ ލޯބިވާށެވެ.

ރާމް އަށް ހޭލާހުއްޓައި އެފެނުނު ހުވަފެނުން އޭނާއަށް ނުކުމެވުނީ އެ ހުވަފެނުގެ އެންމެ ފަހުފީތާ ފުރޮޅިލިތަނުންނެވެ. އެފީތާގައި ތަކުރާރުކޮށް އޭނާއަށް ގޮވެމުން ދިޔައީ ، ކަލާވެސް އަހަރެންދެކެ ލޯބިވާށޭ އެވެ. ހިނިތުންވެލައިގެން ހުރި ރާމް ، އޭނާގެ ހުވަފެން ޙަޤީޤަތަކަށް ހަދާނެކަމަށް ، އޭނާގެ އަމިއްލަ ނަފުސަށް ވަޢުދު ވިއެވެ. އަންޖަލީގެ މޫނުގައި ރާމުގެ ދެއަތުން ހިފަހައްޓާލައިގެން ހުރެ ބޮސްދެމުން ގެންދިޔައެވެ. އަންޖަލީ ، ރާމްއާ ދުރަށް ޖެހިލިއެވެ. އަދި ، ރުޅިވެރިކަމާއެކު އަންޖަލީ ބުނަމުންގެންދިޔަ ބަސްތަކުން ރާމް ސިއްސައިގެން ގޮސް ، ހޭވެރިކަން ވިއެވެ.

" ތިކަންކުރަން ރާމްގެ ހިތަށްއެރީ ކިހިނެއް ހެއްޔެވެ ؟ ޚަބަރުދާރެވެ ! އަހަރެންނާ ލޯބިކުރަން އުޅެފިއްޔާ ، އަހަރެން މަރުވާނަމެވެ. އަހަރެންގެ ގައިގާ ތިއަތްލީ ކޮން ޙައްޤެއް އޮވެގެންހެއްޔެވެ ؟ ރާމްގެ އެއްވެސް ޙައްޤެއް އަހަރެންގެ މައްޗަކަށް ނެތެވެ. އިރުއިރުކޮޅުން އަހަރެންނާ ގާތްވާން ތި މަސައްކަތްކުރަނީ ކީއްވެ ހެއްޔެވެ ؟ އަހަރެންނާ ދުރުގައި ހުންނާށެވެ ! " އަންޖަލީ ހިތްހަމަ ނުޖެހިފައިހުރެ ރާމްއާ ދިމާއަށް ބުނަމުން ގެންދިޔައެވެ. އަދި ފަސް އެނބުރި ގައިގާހުރި ބާރެއްލާފައި  ދުއްވައިގަތެވެ.

ރާމްއަށް ލިބުނު ޙައިރާންކަމުގައި ހަދާނެގޮތެއް ނޭނގި ހުރެވުނެވެ. އެއީ އޭނާގެ އަނބިމީހާއެވެ. އޭނާއަކީވެސް ޅަ ޒުވާނެކެވެ. އަންބިމީހާއާ ގާތްވެލައި ލޯބިކޮށްލަން އެ އަނބިމީހާ ނުރުހުމަކީ ، ޒުވާން ޅަ ހިތަކަށް ލިބޭނެ އެންމެ ބޮޑު ތަކުލީފެވެ. އަންޖަލީ ދުވެފައިގޮސް އޮބާލަންދެން ، އަންޖަލީއާ ދިމާއަށް ބަލަހައްޓައިގެން ރާމަށް ހުރެވުނެވެ.

ކަލާވެސް އަހަރެންދެކެ ލޯބިވާށެވެ ! ރާމްގެ އެންމެ ފަހު ބަހަކަށްވިއެވެ. އަންޖަލީއަކަށް އެއަޑެއް ނީވޭނެއެވެ. އަންޖަލީ އޭރުވަނީ އެއަޑުއިވޭވަރަށްވުރެ މާ ދުރަށް ގޮއްސައެވެ. ދުވަމުން ދުވަމުންގޮސް ރާމްގެ ލޯމަތިން ގެއްލިފައެވެ.

ރާމް ، ތަންކޮޅެއްބާރަށް ހިނގާފައި ކޮޓަރި ތެރެއިން ނުކުމެގެންދާތަން އަންޖަލީއަށް ފެނުނެވެ. އޭނާގެ އަތުގައި އޮތީ އޮފީހަށް ގެންދާ ދަބަހަށްވުރެ ބޮޑު ދަބަހެކެވެ. ރާމް އެދަނީ ކޮންތާކަށްތޯ އަންޖަލީ ސުއާލު ކުރިއެވެ. ރާމް ، ޖަވާބެއް ނުދިނުމުން އަންޖަލީ އަނެއްކާވެސް ހަމަ އެސުއާލު ކުރިއެވެ. އަންޖަލީގެ ސުއާލަށް ރާމް ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި ، ރާމް ކުރިޔަށް ހިނގައިގަތެވެ. ދޮރުމަތިން މާރިއާ ފެނުމާއެކު އޭނާ އެދަނީ  ކުޑަދުވަސްކޮޅަކަށް ބޭރަށްކަމުގައި މާރިއާގާތު ބުންޏެވެ. އަނެއްކާވެސް ސުއާލުކުރީ އަންޖަލީއެވެ. އެނބުރި އަންނާނީ ކޮންއިރަކުންތޯ ރާމް ކުރެން އެހިއެވެ. އެކަމާބެހޭގޮތުން ވަކި އެއްޗެއް ބުނަން  ނޭނގޭކަމުގައި ރާމް ބުންޏެވެ.

އޭނާ އެކަނި ގޭގައި ހުންނަންވީތޯ އަންޖަލީ ސުއާލު ކުރިއެވެ. އެސުއާލަށް ރާމް ޖަވާބު ދިނެވެ. މުޅި ގެ އެއޮތީ އަންޖަލީގެ ހިތަކަށެވެ. ގޭގައި އެހެން މީހުންވެސް އެބަ އުޅެއެވެ. އެހެން ނޫނަސް އަންޖަލީ ބޭނުންވަނީ އެކަނި އުޅެން ނޫން ހެއްޔެވެ.

އަންޖަލީ އެއްޗަކަށް ބޭނުންވެއްޖިއްޔާ ހަދާނީ ކިހިނެއްތޯ ސުއާލުކުރިއެވެ. އެއްވެސް އެއްޗަކަށް އަންޖަލީ ބޭނުމެއް ނުވާނެއެވެ. އެހެންނޫނަސް ، ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ކަންކަން އަމިއްލަޔަށް ފުރިހަމަކުރަން އެނގެން ޖެހޭނެއެވެ.

ރާމް އެދަނީ ކޮންތާކަށް އަދި ކީއްކުރަންކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ރާމްގެ ހިތުގައިވާ ނުތަނަވަސްކަމާއި އުދާސްތައް އެއީ އެހެންމީހަކަށް އެނގޭނެ އެއްޗެއްނޫނެވެ. އެހެން ކޮންމެ ކަމަކަށް ކެތްކުރިޔަސް ، އޭނާގެ އަނބިމީހާގެ ފަރާތުން އެއިވުނު އިހާނެތި ބަސްތަކަށް ކެތްކުރާކަށް އޭނާއަކަށް ނޭނގުނެވެ. އިތުރު ވާހަކަ ދައްކަން މަޑުނުކޮށް ، އޭނާ ގެއިން ނުކުމެގެން ދިޔައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.