(18 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދޭވް އާއި ޝީތަލްގެ ލޯ ، ދޮރާދިމާނޫން އެހެންދިމާލަކަށް ކައްސާލައިގެންނެއް ނުދެއެވެ. އެމީހުންގެ އުއްމީދުގައި ދިރުމެއް ނެތެވެ. އަންޖަލީ އަންނާނެވާހަކަ ބުނިނަމަވެސް ، އަންޖަލީގެ އެންމެފަހުގެ ބައްދަލުވުމުގައި އަންޖަލީގެ ފަރާތުން އިވުނު ބަސްތަކުން ، ދޭވްގެ އުއްމީދުތަކުގައި އެއްވެސް ދިރުމެއްނެތެވެ. ޝީތަލް އަށް އެއިވުނު އަޑުތަކުން ، އަންޖަލީއަކީ ، ދޭވް އާ ދުވަހަކުވެސް ދެން އެކީގައިވާނެ މީހެއްނޫންކަމުގައި ޝީތަލް އޮތީ ނިންމާފައެވެ. އެހެނަސް ، ޝީތަލްއަށްވުރެ ބޮޑަށް އަންޖަލީގެ ގޮތް ދޭވް އަށް އެނގެއެވެ. އަންނާނަމޭ ބުނެފިނަމަ ، އަންޖަލީ އަންނާނެކަމުގައި ދޭވް އަށް ޤަބޫލުކުރެވެއެވެ.
ދޭވް އާއިޝީތަލްގެ ދެލޯ އަމާޒުއެވީ ، ދޮރުންވަދެގެން މަޑުމަޑު ހިނގުމެއްގައި ގޭތެރެޔަށް ވަންނަމުން އައި އަންޖަލީއަށެވެ. އިއްޔެ އެއީ އޭނާއާއި ރާމް ގެ ގެޔެވެ. ލޯބި ދިރިއުޅުމެއްގައި އެދެމަފިރިން އާބާދުކުރަމުން އައި ގެޔެވެ. އެހެނަސް ، މިއަދު ، ދޭވްވަނީ ، އެމީހުންގެ އަތުން އެގެ އަތުލާފައެވެ. އަންޖަލީ މިހާރު ވަދެގެން އެއަންނަނީ ދޭވްގެ ގެޔަށެވެ.
އަންޖަލީ ފެނުމާއެކު ، އަނގަ ހުޅުވިފައިހުރެ ، ދޭވް އަންޖަލީގާތަށް ދިޔައެވެ. އަދި އަންޖަލީގެ ލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. ޝީތަލް ހުރީ ދެންވެދާނެ ގޮތަކާމެދު ކަންބޮޑުވެފައެވެ. އަންޖަލީވެސް ހުރީ ދޭވްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.
" ދޭވް އެވެ ! އަހަރެން މިއައީ ދޭވްގާތު ވާހަކައެއް ބުނަންވެގެންނެވެ. " އަންޖަލީ އޭނާގެ ވާހަކަ ފެއްޓިއެވެ.
އަންޖަލީގެ ވާހަކަ ، ދޭވް ހުއްޓުވިއެވެ. އިތުރު އެއްވެސް ވާހަކައެއް އަންޖަލީ ނުބުނުމަށް ، ދޭވްގެ ހިތުގެ ވިންދު އެބަ ބުނާކަމަށް ބުނެއެވެ. އެއްވެސް ވާހަކައެއް ނުބުނެ ހިމޭނުން ހުންނާށެވެ. ދޭވްގެ ފުރާނައިގެ ދިރުން އެނބުރި އަތުވެއްޖެކަމުގައި ޝީތަލްގާތު ދޭވް ބުނަމުން ގެންދިޔައެވެ. ދޭވްގެ ދޮލުގައި ކަރުނައިގެ ކޯރެއް އުފެދި ބަންޑުންވާން ފެށިއެވެ. އޭނާ ދެލޯ ފުހެލިއެވެ. އަންޖަލީއާ ނުލައި ، ދޭވް ހޭދަކުރި ދުވަސްތައް ވޭތުވެދިޔައީ ކިހިނެއްތޯ އަހައިލަބަލާށޭ އަންޖަލީގާތު ދޭވް ބުންޏެވެ. އޭނާގެ އަތުތެރެޔަށް ވަދެގެން އައިސް ހުވަފެނުގެ ތެރެޔަށް ގެއްލި ދިއުމަށް ދޭވް އެދެމުން ދިޔައެވެ. އޭނާގެ ހިތުގެ ވިންދަކީ އަންޖަލީ ފިޔަވާ އެހެން މީހެއްނޫންކަމުގައި ދޭވް ބަޔާންކުރަމުން ގެންދިޔައެވެ. ދޭވްގެ ހިތުގެ އިޙްސާސްތަކާއެކު ، އަންޖަލީއާ ގާތަށް އޭނާ ޖެހިލިއެވެ. އެހެނަސް ، އަންޖަލީ ދިޔައީ ދޭވްއާ ދުރަށެވެ. ދޭވްގެ ޙާލަތު ފެނިފައި ، ޝީތަލްއަށްވެސް ހުރީ ރޮވިފައެވެ. އަންޖަލީގެ ލޮލުންވެސް ހުރީ ކަރުނަ ފާއްދާލާފައެވެ.
ދޭވް އަނެއްކާވެސް އެ ވިސްނަނީ ގޯސްކޮށްކަމުގައި އަންޖަލީ ބުންޏެވެ. މިހާރުވެސް އަދި ކުރިންވެސް ގޯސްކޮށް ވިސްނަނީ އަންޖަލީކަމުގައި ދޭވް ބުންޏެވެ. އަންޖަލީ އަބަދުވެސް ލޯބިވވަނީ ދޭވް ދެކެއެވެ. އަންޖަލީ އެނބުރި އެއައީ އެހެންވެގެންކަމުގައި ދޭވް ބުންޏެވެ.
" ނޫނެކެވެ ! ދޭވް އެވެ ! އަހަރެން ދޭވްގާތަށް އެނބުރި އައީކީ ނޫނެވެ. ދެން ދުވަހަކުވެސް ނުވެސް އަންނާނެއެވެ. އަހަރެން ހަމައެކަނި ބުނެލަން މިއައީ ، އަހަރެންގެ އެންމެގާތް އެކުވެރިޔާކަމުގައި ބަލަމުންއައި އިންސާނާގެ ދަރިއަކަށް އަހަރެން ބަލިވެއިން ވާހަކައެވެ. އަހަރެން ، ދޭވްގެ މަތިން ހަނދާން ނައްތައިލައިފިކަމުގައި ދެން މިހިސާބުންވެސް ބަލާށެވެ ! މިހިސާބުން އަހަރެންގެ މަތިން ހަނދާން ނައްތައިލާށެވެ ! ދޭވްގެނަން އަބަދުވެސް އަހަރެންގެ ހިތުގައި އޮންނާނެއެވެ. އެކަމަކު ، އަހަރެންގެ ދިރިއުޅުމަކު އެނަމެއް ނޯންނާނެއެވެ. އަހަރެންގެ ދިރިއުޅުމުގައި ލިޔެފައިވަނީ ހަމައެކަނި ރާމްގެ ނަމެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ ! އަހަރެން ލޯބިވަނީ ހަމައެކަނި ރާމް ދެކެއެވެ. ރާމްދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އަހަރެންގެ ދިރިއުޅުން ބަރުބާދު ނުކުރާށެވެ ! އަހަރެމެންގެ ދިރިއުޅުމާ ދުރަށްދާށެވެ ! އަހަރެމެންނަށް ހަމަނޭވާލައިގެން ދުނިޔޭގައި އުޅުމަށް ފުރުޞަތު ދޭށެވެ. އަހަރެމެންގެ ދިރިއުޅުމާ ދުރަށްދާށެވެ ! " ދޭވްގާތު ބުނަން ބޭނުންވި ވާހަކަތައް ބުނުމަށްފަހު ، މަޑުނުކޮށް އަންޖަލީ ނުކުމެގެން ދިޔައެވެ.
އަންޖަލީ ނުކުމެގެންދާތަން ބަލަން ދޭވްއަށް ހުރެވެނީކީ ނޫނެވެ. އޭނާގެ ލޯވަނީ ކަރުނައިން ފުރިފައެވެ. ދޭވްގެ އަތުން އަންޖަލީ އެހުރީ މިހާރު ދޫވެފައެވެ. އެންމެންވެސް އެބުނަނީ އެވާހަކައެވެ. ދުވަހަކުވެސް ، ދޭވްއަކަށް އަންޖަލީއެއް ނުލިބޭނެއެވެ. ދޭވްއަކީ އަންޖަލީއާ އެކަށީގެންވާމީހެއްނޫނެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކުގެ ތެރެއިން ، ޝީތަލްއަށް ބަލައިލުމަށްފަހު ، ދޭވްގޮސް ސޯފާގައި އިށީނދެލިއެވެ. އަދި ، އޭނާގެ ބަލި ޤަބޫލުކޮށް ، އަންޖަލީ ޙާޞިލްކުރުމަށްޓަކައި ކުރަމުންގެންދިޔަ ބުރަ މަސައްކަތް ނާކާމިޔާބުވީކަމުގައި އިޢުތިރާފްވާން މިހާރު އެއޮތީ މަޖުބޫރުވެފައެވެ.
އިންސާނަކުދެކެ އިންތިހާއަށް ލޯބިވާހިނދު ، އެމީހަކަށް ހިތާމައާއި ތަކުލީފުނޫން އެއްޗެއް ނުލިބުން އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ ؟ ދޭވްނޫން އެހެންމީހަކުދެކެ އަންޖަލީ ލޯބިވެދާނެކަމަށް ދޭވްއަށް ޤަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ ؟ ދޭވް އޭނާގެ އަމިއްލަ ނަފުސަށް އޮޅުވައިލަނީ ކީއްވެހެއްޔެވެ ؟ ހިތް ނޭދުނަސް ހިތްއެދޭކަމަށް އޭނާގެ އަމިއްލަ ނަފުސަށް ދޭވް އެ ވިސްނައިދެނީ ކީއްކުރަން ހެއްޔެވެ ؟ ކާމިޔާބާ ހަމަޔަށް ވާޞިލުވުމަށްފަހުވެސް ދޭވް އަށް ނާކާމިޔާބު އެވީ ކީއްވެ ހެއްޔެވެ ؟ އެކަމަކު ރާމް އަށް ނާކާމިޔާބު ވެފައި އޮވެމެ ، ކާމިޔާބު އެވީ ކީއްވެހެއްޔެވެ ؟ ދޭވްގެ ކޮނޑުމަތީ މީހެއްގެ އަތްބާއްވައިލެވުނެވެ. ސިއްސައިގެންގޮސް އެމީހަކާ ދިމާއަށް ދޭވް އަށް ބަލައިލެވުނެވެ. އެއީ ރާމް އެވެ. ރާމްހުރީ ހިނިތުންވެފައެވެ. ދޭވްއަށް ލިބުނު ޙައިރާންކަމުގައި ރާމްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަހަތް ބަލައިލިއިރު ، ވަކިން ބޮޑަށް އެޙައިރާންކަން އިތުރުވިއެވެ. ފަހަތުގައި އެހުރީ އަންޖަލީއެވެ. ދޭވް ، ޝީތަލްއަށް ބަލައިލިއެވެ. ވެގެން އެއުޅޭގޮތަކާމެދު އޭނާގެ ހިތާ ސުއާލުކުރެވޭވަރަށްވުރެބޮޑަށް ދޭވްގެ ހިތުގެ ތަކުލީފުތައް މާބޮޑެވެ.
އެހަމަހިމޭން މާޙައުލުގެ ހިމޭންކަން ކަނޑުވައިލީ ރާމްއެވެ.
" ދޭވް ނާކާމިޔާބު ކަމުގައި ބުނީ ކާކު ހެއްޔެވެ ؟ ރާމްއަށް ކާމިޔާބު ލިބިއްޖޭ ބުނީ ކާކު ހެއްޔެވެ ؟ ދެއިންސާނެއްގެ ދެމެދުގައި އޮންނަންވީ ހަމައެކަނި އެގުޅުން ހެއްޔެވެ ؟ އެކަކު ބަލިވެފައި އަނެކަކު ގަދަވުން އެކަނި ހެއްޔެވެ ؟ އޮންނަންވީ ހަމައެކަނި ، ރުޅިވެރިކަމާއި ޖަދަލުކޮށް ދިމާކުރުން އެކަނި ހެއްޔެވެ ؟ އަހަރެންނަކީ ދޭވްގެ މުޝްމަނެއްކަމަށް ތިބަލަނީ ކީއްވެ ހެއްޔެވެ ؟ އަހަރެންނަކީ ދުޝްމަނެއްކަމަށް އަމިއްލަޔަށް ތި ނިންމަނީ ކީއްވެ ހެއްޔެވެ ؟ " ރާމް ، ދޭވްއާ ވާހަކަ ދައްކަމުންގޮސް އަންޖަލީއާ ގާތަށް ޖެހިލިއެވެ. އަންޖަލީގެ އަތުގައި ހިފާލައިގެން ހުރެ ، ރާމް ، އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
" އަންޖަލީއަށް ދޭވްއާ ދިމާވަނީއެވެ. ދޭވްއަށް އަންޖަލީއާ ދިމާވަނީއެވެ. ދެމީހުންގެ މެދުގައި ރަޙުމަތްތެރިކަން އުފެދި ގާތް ވަނީއެވެ. އެ ގުޅުމުގައި އުފާވެރިއެތައް ހުވަފެނެއް ފެނުނެވެ. އެހެނަސް ތަޤްދީރުގައި އެފޮނި ހުވަފެންތައް ބިލާހަކަށް ހަދައިފިއެވެ. ދޭވްގެ މައްޗަށް ކުޑަވެސް ރަޙުމެއް ނުބެހެއްޓިއެވެ. ދޭވްގެ މައްޗަށް ، އެއްވެސް ވަރެއްގެ ހަމްދަރުދީއެއް ކުލުނެއް ނުބެހެއްޓިއެވެ. އަހަރެން ދޭވްއަށް ނަފުރަތުކުރާނީ ކިހިނެއް ހެއްޔެވެ ؟ ދޭވްއަކީ ދުޝްމަނެއްކަމަށް އަހަރެން ބަލާނީ ކިހިނެއް ހެއްޔެވެ ؟ ދޭވްގެ ކުށަކީ ކޮބައި ހެއްޔެވެ ؟ ހަމައެކަނި ކުރެވުނު ކުށަކީ ދޭވްއަށް މީހަކުދެކެ ލޯބިވެވުން ނޫން ހެއްޔެވެ ؟ ލޯބިވީ ނޫން ހެއްޔެވެ ؟ އެއީ ކުށެއްނޫނެއް ނޫންހެއްޔެވެ ؟ ފާފައެއް ނޫނެއް ނޫންހެއްޔެވެ ؟ " ރާމް އޭނާގެ ވާހަކަތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔައިރު ، އެވާގޮތެއް ނޭނގި ދޭވްހުރީ އަނގަހުޅުވިފައި ރާމްގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ވާހަކައެއް ބުނަން ހެއްޔެވެ ؟ މިދުނިޔޭގައި ދިރިއުޅެނީ ކިތައް އިންސާނުންކަމެއް ނޭނގެއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އޭނާ ދިރިއުޅޭނެގޮތް އޭނާ ބޭނުންވާގޮތަކަށް އަމިއްލަޔަށް ލިޔާށެވެ. އެކަމަކު ، އެއީ އެއްވެސް މީހެއްގެ ބާރުގެދަށުގައިވާ ކަމެއްނޫނެވެ. އެހެނީ ، ތަޤްދީރަކީ އިންސާނުން އަމިއްލަޔަށް ލިޔުމަށް އޮންނަ އެއްޗެއްނޫނެވެ. ތަޤްދީރު ލިޔުއްވަނީ ކަލާނގެއެވެ. އިންސާނުންނަކަށް ތަޤްދީރެއް ނުލިޔެވޭނެއެވެ. އެއީ ، ކަލާނގެ ނިންމަވާގޮތެއްގެމަތިން ލިޔެވޭ އެއްޗެކެވެ. އެއީ އޭނާގެ މަންޒިލް މަޤްޞޫދެވެ. އެއީ އޭނާގެ ނަޞީބެވެ. " ރާމް ، ވާހަކަ ދައްކަމުން ގެންދިޔައިރު ، އެވާހަކަތައް ދޭވް ހުރީ ކަނުލައި އަޑުއަހާށެވެ.
ނަޞީބު ދޯއެވެ. ދޭވްއަށް ބުނެލެވުނެވެ. ހެއްދެވި ފަރާތާއި ނަޞީބަކީ ދޭވްއަށް ދުވަހަކުވެސް ޤަބޫލުކުރެވުނު އެއްޗެއްނޫނެވެ. ދޭވްއަކީ ، ދުނިޔޭގެ އިންސާނުންކުރެ ، އޭނާގެ ބާރަކީ ހުރިހާ އެއްޗެއްކަމަށް ދެކެމުން އަންނަ އިންސާނުންގެ ތެރެއިންވާ މީހެކެވެ. އެހެންނަމަވެސް ، ކަލާނގެ ވޮޑިގެންވާ ކަމާއި ތަޤްދީރަކީ މިންވަރުފުޅުކަމާ އަދި ނަޞީބަކީ ، ހެއްދެވިފަރާތުން ދެއްވާ ނިޢުމަތެއްކަމުގައި ދޭވްއަށް މިއަދު ޤަބޫލު ކުރެވިއްޖެއެވެ.
" އަހަރެން އަންޖަލީ ދެކެވީ ލޯބި އެހެން އެއްވެސް އިންސާނަކަށް އަންޖަލީދެކެ ވުމަކީ ވާނެކަމެއްނޫނެވެ. ފަހަރެއްގައި ރާމްއަށްވެސް އަހަރެން އަންޖަލީދެކެ ލޯބިވީވަރަށް ލޯތްބެއް ނުވެވޭނެއެވެ. އެހެނަސް ، ރާމްގެ ނަޞީބުގައި ލިޔެވިފައިވާ އެއްޗަކީ އަހަރެންގެ އަތުގައި ލިޔެވިފައިވާ އެއްޗެއްނޫނެވެ. ރާމްއަށް ދެއްވަން މިންވަރުކުރައްވާފައިވާ އެއްޗަކީ އަހަރެންނަށް މިންވަރުކުރައްވާފައިވާ އެއްޗެއްނޫނެވެ. އެހެންކަމަށްވާއިރު ، އަހަރެން ، ރާމް ބަރުބާދު ކުރާނީ ކިހިނެއް ހެއްޔެވެ ؟ ރާމް އެވެ ! ރާމް ބަރުބާދު ކުރަމުން ކުރަމުންގޮސް އަހަރެން އަމިއްލަޔަށް މިހިރަ ބަރުބާދުވަނީއެވެ. ރާމްއަކީ ފުރިހަމަ އިންސާނެކެވެ. އިންސާނުންގެ ތެރޭގައި އިންސާނަކަށްވެގެން ދިރިއުޅުމަށް ރާމްއަށް އެނގެއެވެ. އަހަރެންނަށް މިދިރިއުޅެވުނީ ، އިންސާނުންގެ ތެރޭގައި ޖަނަވާރަކަށް ވެގެންނެވެ. އަހަރެން ބަރުބާދުވުމަށް މެދުވެރިވާނެ ސަބަބަކީ އެއީއެވެ. ރާމްއަށް ކާމިޔާބު ނުލިބޭނީ ކިހިނެއް ހެއްޔެވެ ؟ " ދޭވް ބުނަމުން ގެންދިޔައެވެ.
ރާމްގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ. އޭނާގެ މިޒާޖާއި ތަބީޢަތާ ގުޅިގެން ، އަޙުލާޤީ މާތްސިފަތަކުން ، ދޭވްގެ ކުރިމަތީގައިހުރެ ، އަންޖަލީގެ ޙާޟިރުގައި ދައްކަމުން ގެންދިޔަ ޢިބްރަތްތެރި ބަސްތަކުގެ ހެޔޮ އަސަރު ދޭވްގެ ހިތުގެ އެންމެ ފުންމިނަށް ހިނގައްޖެއެވެ. އެއީ ދުވަހަކުވެސް ، ދޭވްގާތުގައި އިންސާނަކު ދައްކާފައިވާފަދަ ވާހަކަތަކެއް ނޫނެވެ. ނަޞޭޙަތުގެ އެފަދަ ބަސްތަކެއް އެއީ އެއްވެސް މީހެއްގެ ފަރާތުން ދޭވްގެ ކަންފަތަށް އިއްވާފައިވާ ބަސްތަކެއްނޫނެވެ. އެހެންނަމަވެސް ރާމްއަށް އެކަން ކުރެވިއްޖެއެވެ. އަދި އޭގެ ހެޔޮ އަސަރުވެސް ދޭވްއަށް ކޮށްފިއެވެ.
ރާމްއާއި ދޭވް ކޮނޑާ ކޮނޑުޖައްސައި ސަލާމްކޮށްލިއެވެ. އެމީހުން އެތިބީ ދިއްލީގެ އެއަރޕޯޓްގައެވެ. އެދުވަހު ދިއްލީން ލަންޑަނަށް ފުރާ ބްރިޓިޝް އެއަރވޭސްގެ ފްލައިޓުން ދޭވް އާއި ޝީތަލް ، އެނބުރި އެދަނީ ލަންޑަނަށެވެ. މިއަދުން ފެށިގެން ރާމްއަކަށް އަދި އަންޖަލީއަކަށްވެސް ދޭވްގެ ފަރާތުން އެއްވެސް ތަކުލީފެއް ކުރިމައްޗެއް ނުވާނެއެވެ.
ދޭވް ހިނިތުންވެލާފައި ހިތްހެޔޮކޮށްލާށޭ ބުނެ ރާމް އަށް އަލްވަދާޢު ކިޔެވެ. އެހެންނަމަވެސް ، އެގޮތަށް އަލްވަދާޢު ނުކިޔައި ފަހުން އަދި ބައްދަލުވާނޭ ބުނުމަށް ރާމް އެދުނެވެ.
ޝީތަލް އޭނާގެ ބައްޕަޔަށް ފޯނުކޮށް ، މިއަދުގެ ފްލައިޓުން އޭނާ ލަންޑަނަށް އަންނަ ވާހަކަ ބުންޏެވެ. އަދި އެމީހުން ބަލައި އެއަރޕޯޓަށް އައުމަށް ބައްޕަގެ ކިބައިން ޝީތަލް އެދުނެވެ. ޝީތަލް އަށް ލިބިފައިވާ އުފާވެރިކަން އޭނާގެ އަޑުން ބައްޕަޔަށް އިޙްސާސް ވިއެވެ. އަދި ދިރިއުޅުމުގެ ބައިވެރިޔަކު ލިބިގެން އުފާވާފަދަ އިޙްސާސެއް ، ޝީތަލްގެ އަޑުން އޭނާގެ ބައްޕަޔަށް ލިބުނުކަމަށް ބުންޏެވެ. ޝީތަލް އެކަމަށް އެއްބަސް ވިއެވެ. އެއީ ކާކުކަމެއް ބައްޕަޔަކަށް ނޭނގެއެވެ. އެހެނަސް އެމީހަކު އެއީ ބައްޕަޔަށްވެސް އެނގޭނެ މީހެއްކަމުގައި ޝީތަލް ބުންޏެވެ. އޭނާ އެހޯދި ބައިވެރިޔާއަކީ ކާކުކަން ނޭނގުނުނަމަވެސް ، އެއީ އަނެއްކާ ދޭވްތޯ ޝީތަލްގެ ބައްޕަ ސުއާލުކުރިއެވެ. ޝީތަލް އެކަމަށް އެއްބަސްވެ ، އެއީ ދޭވްކަމުގައި ޝީތަލް ބުންޏެވެ.
ދޭވް ، އޭނާގެ ދަރިފުޅުގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރު ކުރި ވާހަކަ ޝީތަލްގެ ބައްޕަ އެހީ އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. ދޭވްއަކީ ކާކުކަން އެބައްޕަޔަށް ރަނގަޅަށް އެނގެއެވެ.
ޝީތަލްއަށް ލިބިފައިވާ އުފާވެރިކަމުގައި އެނބުރެމުންގޮސް ދޭވް ހިފައިގެން އައި ޓްރޮލީގައި އަޅައިގަތެވެ. ދޭވްއާ ބައްދަލުކުރުމަށްޓަކައި އޭނާގެ ބައްޕަ އެއަރޕޯޓަށް އަންނާނެވާހަކަ ޝީތަލް ބުންޏެވެ. ދޭވްއަށް ކޮންމެވެސް ވަރެއްގެ ޙައިރާންކަމެއް ޝީތަލްގެ ވާހަކައިން ލިބުނެވެ. އެހެންނަމަވެސް ޝީތަލް ފަހުން އެދެއްކި ވާހަކައިން ވާން އެއުޅެނީ ކީއްކަން ދޭވް ވިސްނައިގަތެވެ.
ބައްޕައާ ބައްދަލުވާއިރު ދޭވްގެ ތަޞައްވުރު ގޯސްވާކަށް ޝީތަލް އެއް ނޭދެއެވެ. އެހެންކަމުން ، ބައްޕަޔާ ވާހަކަ ދައްކާއިރު ވިސްނައިގެން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކުމަށް ދޭވްގެ ކިބައިން ޝީތަލް އެދުނެވެ. ރުޅިއައިސްގެން ނުވާނެއެވެ. ރުންކުރުވެގެން ނުވާނެއެވެ. އެއީ ބައްޕަ އެހާ ޤާބޫލު ސިފަތަކެއްނޫނެވެ.
" ހިތުގައި ބޭނުންވެގެން އުފެދިފައިވާ އިޙްސާސްތައް މިއޮތީ އަހަރެމެންގެ ހިތުތެރޭގައެވެ. ކިހާވަރަކުން ދާނެކަމެއްކަމަށް ބަލަމާ ހިނގާށެވެ. " ޝީތަލް އެތަނުން ދިޔަވަގުތު ، ދޭވް އޭނާގެ އަމިއްލަ ނަފުސަށް ބުނެލިއެވެ.
ރާމް އާއި އަންޖަލީ ބައްބަންމިއާގެ ގެއިން ނުކުމެ އެމީހުންގެ އަމިއްލަގެޔަށް ދިއުމަށްޓަކައި ނުކުތެވެ. ބައްބަންމިއާ އަންޖަލީއަށް ދޮރުހުޅުވައިލަ ދިނެވެ. އެވަގުތު އެމީހުންގެ ބޯމަތިން ދަތުރުކުރި މަތިންދާބޯޓަކަށް ދެމީހުންގެ ވެސް ލޯ ސީދާވިއެވެ. އެއީ ދޭވް އާ ޝީތަލް ލަންޑަނަށް ދާން ދަތުރުކުރާ ފްލައިޓެވެ. އެ ފްލައިޓް މާދުރަށްގޮސް ލޮލުކޮޅަށް އޮބާލަންދެން ރާމްވެސް އަދި އަންޖަލީވެސް ހުރީ އެ ފްލައިޓަށް ބަލަހައްޓައިގެންނެވެ.
އެދެމަފިރިންގެ ޙަޔާތަށް ކުރިމަތިވި ތޫފާނުން އެވަނީ ސަލާމަތް ވެފައެވެ. ސާފުސީދާ ރާސްތާއަކުން ހުރިހާ މަގެއްވަނީ އަމާން ވެފައެވެ. ރާމްގެ މޫނުމައްޗަށް ވެރިވި އުފާވެރިކަމުގެ ހިނިތުންވުންވުމަށް ، ކަޅިޖަހައިނުލާ އަންޖަލީ ބަލަހައްޓައިގެން ހުއްޓެވެ. އިސް ތިރިކޮށްލައި އޭނާގެ ބަނޑުގައި އަތުން ފިރުމާލައި ، ބަނޑުގައި ގަރުބަ ގަންނަމުން އެދާ އެދެމީހުންގެ ލޯބި ދަރިފުޅުގެ ވިންދު އިޙްސާސްކޮށްލައި މާނޭވާއެއްލުމަށްފަހު ، ދެލޯ މަރައިލިއެވެ. ކުރިމަގުގެ ފޮނި އުއްމީދުތަކުން އަންޖަލީގެ ހިތުގެ ވިންދަށް ދިރުމާއި ތާޒާކަން ގެނެސް އެއްކޮށްލިއެވެ. އަންޖަލީގެ ހިތުގެ ވިންދަކީ ، ލިބެން އެއުޅޭ އޭނާގެ ލޯބި ދަރިފުޅެވެ. އަންޖަލީ ، ރާމް އާ ގާތަށް ޖެހިލިއެވެ. ރާމް ، އޭނާގެ ލޯބިވާ އަންހެނުން ގާތްކޮށްލައި ވަރަށްލޯބިން ބައްދައިލާ އަންޖަލީގެ މޫނުގައި ބޮސްދިނެވެ. އެ ދެހިތުގެ ވިންދު ، އަބަދަށްޓަކައި އެއްކޮށްލި ފަދައެވެ.
(ނިމުނީ)
varah varah reethi shukuran