ހިތުގެ ވިންދު - 9

(20 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބޮބީ އަދިވެސް ތައްޔާރުނުވެ ތިއިނީ ކީއްވެތޯ ނިކީވެސް ސުއާލުކުރިއެވެ. އޮފީހުގައި ހިނގާ ހުރިހާކަމެއްގެ ޚަބަރު އެމީހުން ބަލަންޖެހޭނެކަމަށްވެސް އޭނާ ބުންޏެވެ. އެއީ ރަނގަޅު ވާހަކައެއްކަމަށް ބޮބީވެސް އެއްބަހެވެ. އެކަމަކު އަބަދު ، ރާމްގެ ފަސްފަހަތުން ހިނގުމަކީ މުހިނމު ކަމެއްތޯ އޭނާ ސުއާލުކުރިއެވެ. ބުއްދިވެރިގޮތަކީ ، ފުރުޞަތު ތަނަވަސްވާ ވަގުތު ، އެކަމަކަށް ފިޔަވަޅުއެޅުންކަމުގައި މަންމަ ބުންޏެވެ. އަދި ، ދުޝްމަނުން ބަލިވާހިނދު ވަގުތުގެ ބޭނުން ހިފުމެވެ.

އެމީހުންގެ ވަގުތު އަންނާނީ ކޮން އިރަކުންތޯ ނުކީ އޭނާގެ މަންމައާ ސުއާލުކުރިއެވެ. ނިކީ ކެތްތެރިވުމަށް މަންމަ ބުންޏެވެ.

އަންޖަލީ އެވަގުތު އެތަނުން ކުރިކެނޑިތަން މަންމައަށް ފެނުނެވެ. ޅީދަރިފުޅޭ ބުނެ ތެދުވިއެވެ. އަދި އަންޖަލީއަށް ގޮވައިލުމަށްފަހު އެމީހުންގާތަށް އައުމަށް އަންޖަލީގާތު ބުންޏެވެ. އަންޖަލީ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑު ހިނގުމެއްގައި އަންޖަލީގޮސް ދޮންމަންމަ ގާތުގައި ހުއްޓިލިއެވެ.

ޅީދަރިފުޅުގެ ހުޅުވިފައިވާ އިސްތަށިގަނޑު އެމަންމައަށް ހާދަރީތިކަމުގައި ދޮންމަންމަ ބުންޏެވެ.

ރޭގެ ހާސްކަމުގެ ވާހަކަ އޭނާގެ ހެނދުނުން އެބަ ބުނެދޭކަމަށް ނިކީ ބުންޏެވެ. ނިކީގެ އެވާހަކަޔާ އަންޖަލީ ގަޔާވާގޮތެއް ނުވިއެވެ.

އަންޖަލީ އަޅައިގެންހުރި ސާޅީގެ ރީތިކަމުގެ ވާހަކައިން ދޮންމަންމަ ތަޢުރީފް ކުރިއެވެ. އަދި އޭނާ އެއައީ އެކަހަލަ ރީތި ކިހާ ސާޅިއަކާއި ގަހަނާއެއް ހިފައިގެންތޯ އެހިއެވެ. އަދި އެހުރިހާ ގަހަނާއެއް ދޮންމަންމަ އާ ޙަވާލުކުރުމަށް ބުންޏެވެ. އަންޖަލީ ބޭނުންވީމާ ދޮންމަންމަ އަތުން ނަގާނީއެވެ.

އަންޖަލީގެ ގަހަނާތައް ، ދޮންމަންމައަތަށް ދޭންޖެހެނީ ކީއްވެތޯ އަންޖަލީ ސުއާލުކުރިއެވެ. އޭނާއަތުގައިހުރި އެ އެއްޗެތި ރަނގަޅަށް ބަލަހައްޓަން އޭނާއަށްވެސް އެނގޭނެއެވެ.

" ތިއީ އަލަށް މިގެޔަށް އައި ދަރިއެއްނޫންހެއްޔެވެ ؟ އަދި ނޭނގެނީއެވެ. މިގޭގެ ހުރިހާ ކަމަކަށް އަމުރުކޮށް ގޮތްނިންމާނީ އަހަރެންނެވެ. " ދޮންމަންމަ ބުންޏެވެ.

ނޫނެކެވެ. އެކަން އެހެން ނުވާނެކަމަށް އަންޖަލީ ބުންޏެވެ. އަންޖަލީގެ ކަންކަމުގައި ގޮތް ނިންމާނީ ޚުދު އަންޖަލީއެވެ. އެހެން އެއްވެސްމީހެއްނޫނެވެ. އަންޖަލީ އެހެން ބުނުމަށްފަހު ، ކޮޓަރިޔާދިމާއަށް ހިނގައިގަތްތަނާ އޭނާގެ ކޮނޑުގައި ހިފައި ، ދޮންމަންމަ އަންޖަލީ ހުއްޓުވިއެވެ. އަދި އަންޖަލީއާ ދިމާއަށް ނުރުހުމާއެކު އެއްޗެތި ކިޔަން ފެއްޓިއެވެ.

" މީނާއަކީ އަނގައެއްވެސް އޮތްމީހެކެވެ. " ދޮންމަންމަ ހިތްހަމައެއް ނުޖެހުނެވެ. އެއީ ވަރަށް ގޮތްކުޑަ އަންހެނެއްކަމުގައި ނިކީ އިތުރަށް ބުންޏެވެ. ނިކީ އެހެންބުނުމުން ، އަންޖަލީގާތަށް ރުޅިއައެވެ. އެއީ އޭނާއާ މުޚާތަބުކޮށް މީހަކު ބުނި ބަހެއްނޫނެވެ. ރުޅިއައިސްގެންވެސް އޭނާއާ ދިމާއަށް އެފަދަ ވާހަކައެއް ، މީހަކު ބުނެފައެއް ނުވެއެވެ.

އަހަރެންނާ ދިމާއަށް ތިބުނީ ކީކޭ ހެއްޔެވެ ؟ އަންޖަލީ ނުރުހުންވެހުރެ ނިކީއާ ދިމާއަށް ބުންޏެވެ.

އަހަރެން ބުނީއޭ ކިޔާފައި ދޮންމަންމަ ވާހަކަ ދައްކަންފެށިތަނާ ، އެތަނަށް ރާމް އަންނަތަން ފެނުމުން ދޮންމަންމަގެ ވާހަކަ މެދުކަނޑައިލިއެވެ. އަދި ކުއްލިޔަކަށް ވާހަކަ ބަދަލުކޮށްލައި އަންޖަލީއާ މުޚާތަބުކޮށް ، ދޮންމަންމަގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" ދަރިފުޅާއެވެ ! އަހަރެން ބުނާނީ ކީކޭ ހެއްޔެވެ ؟ އަހަރެންނަކީވެސް މަންމައެކެވެ. އެކަމަކު މިލިބުނީ ހަމަ ، ދޮންމަންމައެއްގެ ދަރަޖައެވެ. ހަރުއަޑުން އެއްޗެއް ބުނަންޖެހުމުގެ ކުރިން އަހަރެން މަރުނުވީ ކީއްވެ ހެއްޔެވެ ؟ " ދޮންމަންމަ ، ރާމް އަށް އަޑު އިއްވުމމަށްޓަކައި ބުނަމުން ގެންދިޔައެވެ.

ދޮންމަންމައަށް ގޮވާލައި ، ކިހިނެއްވީތޯ ރާމް ސުއާލުކުރިއެވެ. ވެގެންއުޅެނީ ކީއްތޯ އެހިއެވެ.

ރާމް އަށް ގޮވައިލުމަށްފަހު ، ދޮންމަންމަ ބުނަމުން ގެންދިޔައެވެ. އޭނާއަކީ އެގޭގެ ނޯކަރަކަށް ވެއްޖެއެވެ. އަންޖަލީގާތު ، މަންމަ ބުނީ އޭނާއަތުގައިހުރި ގަހަނާތައް މަންމައަތަށް ދޭށޭކަމަށް ދޮންމަންމަ ބުންޏެވެ. އެއިން އެއްޗެއް ގެއްލިއްޖިއްޔާ ކިހާދެރަ ހެއްޔެވެ. ގޭގަ އުޅޭ ނޯކަރުންނަށް އޮތީ ކޮން އިތުބާރެއް ހެއްޔެވެ ؟ މަންމަ އަންޖަލީއަށް އެކަމުގެ ލަފާދިނީމަ އަންޖަލީ ރުޅިއައީކަމަށް މަންމަ ބުންޏެވެ. އޭނާގެ އަމިއްލަ ދަރިންވެސް އޭނާއާ ދިމާއަށް އެހާ އަޑުގަދަކޮށް ވާހަކަދައްކާ ނުހަދާކަމަށް ދޮންމަންމަ ބުންޏެވެ.

ދޮންމަންމަ ހަދަމުން އެގެންދާ ދޮގުތައް އަޑުއަހަން މަޑުކޮށްގެން އަންޖަލީއަކަށް ނުހުރެވުނެވެ. އަޑުގަދަކޮށް ވާހަކަ ދެއްކީ އޭނާތޯ ނޫނީ ، އަންޖަލީއަށް އެއްޗެތިގޮވާ އަޑުގަދަކުރީ ދޮންމަންމަތޯ ، އަންޖަލީ ސުއާލުކުރިއެވެ. ދޮގުހަދައިގެން އެގޮތަށް ވާހަކަ ދައްކަނީ ކީއްވެތޯ ، ދޮންމަންމަކުރެން އަންޖަލީ އެހިއެވެ.

" ހުއްޓާލާށެވެ ! މަންމަގެ ކިބައިން މާފަށް އެދޭށެވެ ! " ރާމް ވަރަށް މަޑުމައިތިރިކަމާއެކު އަންޖަލީއަށް އަމުރު ކުރިއެވެ.

ރާމްއަށް އެކަން ހިނގައިދިޔަގޮތް ނޭނގި އޮއްވާވެސް އެބުނަނީ ދޮންމަންމަގެ ކިބައިން މާފަށް އެދެންތޯ އަންޖަލީ ސުއާލު ކުރިއެވެ.

" އަހަރެން މިބުނަނީ ނޫންހެއްޔެވެ ؟ މަންމަގެ ކިބައިން މާފަށް އެދޭށެވެ ! " ރާމް އަނެއްކާވެސް އަންޖަލީއަށް އަމުރު ކުރިއެވެ.

އަންޖަލީ އަޑުގެ ނެތްތަނަށް ނޫނެކޭ ބުނެ ، ކޮޓަރިޔަށް ގޮސް ވަނެވެ. ފަހަތުން ރާމްވެސް ކޮޓަރިޔަށް ދިޔައެވެ. އަދި އަންޖަލީއަށް ގޮވައިލިއެވެ.

އަންޖަލީ ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނާލައްވާ ގަދަކަމުން އެއްވެސްމީހަކަށް އެއްވެސްކަމެއް ނުކުރެވޭނެ ވާހަކަ ކުރިންވެސް ބުނެފައި އޮންނާނެކަން ރާމްއަށް ހަނދާން ކޮށްދިނެވެ.

މަންމަ ހަމައެކަނި އެދުނީ ގަހަނާތައް ދޭން ނޫންހެއްޔެވެ ؟ ގޮސް މަންމައަށް އެ ގަހަނާތައް ދޭށެވެ.

އަންޖަލީހުރީ އެ ގަހަނާތައް އެހެންމީހެއްގެ އަތަށް ދޭގޮތަކަށްނޫނެވެ. ދުވަހަކުވެސް ނުދޭނެއެވެ. އޭނާގެ ގަހަނާތައް އެމީހުން އަތަށް ދޭންވީ ކީއްކުރަން ހެއްޔެވެ ؟ އެއީ ، އޭނާގެ މައިންބަފައިން އޭނާއަށް ހޯދައިދީފައިހުރި ތަކެއްޗެވެ. އަންޖަލީގެ ކަންބޮޑުވުމަކީ ، ގަހަނާތައް ދިނުމެއްނޫނެވެ. އޭނާގެ މައްސަލަޔަކީ ، އެމީހުން އޭނާއަށް އެގޮތަށް އަމުރު ކުރުމެވެ.

ރާމްވެސް އެބުނަނީ އެވާހަކައެވެ. މައްސަލަޔަކީ ގަހަނާއެއްނޫނެވެ. މައްސަލަޔަކީ ، ބޮޑެތިމީހުންނަށް އިޙްތިރާމް ކުރުމެވެ. އެއަށްވުރެ މމާ އަގުބޮޑު ގަހަނާތައް ، އޭނާ އަންޖަލީއަށް ހޯދައިދޭނނެކަމަށް ރާމް ބުންޏެވެ. މަންމަ އެ އަމުރުކުރީއެވެ. އެއަމުރަށް ކިޔަމަންވާން ރާމް ، އަންޖަލީގެ ކިބައިން އެދުނެވެ. ދާށެވެ ! ގޮސް އެގަހަނާތައް މަންމަޔާ ޙަވާލުކުރާށެވެ ! އަނެއްކާވެސް ރާމް ބުންޏެވެ.

އެއްވެސް ޙާލެއްގައި އޭނާ އެކަން ނުކުރާނެކަމަށް އަންޖަލީ ބުންޏެވެ.

ރާމް ހަމަޖެހިލިއެވެ. އަދި ، އަންޖަލީ މިވަގުތު އެހުރީ ވަރަށް ރުޅިއައިސްކަމުގައި ، ހިނިތުންވެލާފައި އަންޖަލީގާތު ބުންޏެވެ. އަންޖަލީގެ ރުޅިގަނޑު މައިތިރިވީމަ ، ރަނގަޅުގޮތް އަންޖަލީ އިޚުތިޔާރުކުރާނެކަމުގެ ޔަޤީންކަން ރާމްއަށް އޮތްކަމުގައި ބުންޏެވެ. އަންޖަލީގެ މައްޗަށް ފުރިހަމަ ޔަޤީންކަން އެބައޮތޭ ބުނަމުން ރާމް ، އޮފީހަށްދާން ނުކުތެވެ.

ރާމް ނުކުމެގެންދާން ފެށީމަ ، އޭނާ އެކަން ނުކުރާނެކަމަށް ބުނެ ހަޅޭއްލަވައިގަތެވެ. އަދި ރުޅިގަނޑު މައިތިރި ނުވެގެންގޮސް ހަމައިން ނެއްޓިއެވެ. ކޮޓަރީގެ ދޮރުޖެހުމަށްފަހު ، އަލަމާރި ހުޅުވައި އޭނާގެ ހެދުންތައް ފޮށްޓަށް އަޅަން ފެށިތަނާ އެތަނަށް މާރިއާ އައެވެ. އަދި  ، ސާހިބުކަމަނާ ތިކުރަނީ ކީއްތޯ ސުއާލު ކުރިއެވެ. އަދި އޭނާދާން އެއުޅެނީ ކޮންތާކަށްތޯ އެހިއެވެ.

އަންޖަލީ ބުނީ އޭނާ އެއުޅެނީ އޭނާގެ ގެޔަށް ދާންކަމުގައެވެ. އަންޖަލީގެ ގެޔަކީ އެއީ ކަމުގައި މާރިއާ ބުންޏެވެ. އެހެންނަމަވެސް އެއީ އޭނާގެ ގެ ނޫންކަމަށް އަންޖަލީ ބުންޏެވެ. އެމީހުންގެ މަޅީގައި ޖެހި ، ސާހިބުކަމަނާ އެކުރަނީ ކީއްތޯ މާރިއާ އެހިއެވެ. އެމީހުން ބޭނުންވަނީ އަންޖަލީގެ ގެ ބަރުބާދުވުން ކަމުގައި މާރިއާ ބުންޏެވެ. އަދި އަންޖަލީ އެގެއިން ނުކުމެގެން ދިޔައިމަ ކާމިޔާބު އެލިބެނީ އެމީހުންނަށްކަމުގައި މާރިއާ ބުންޏެވެ.

މާރިއާގެ ވާހަކައިން އަންޖަލީ ޙައިރާންވިއެވެ. މާރިއާ އެބުނަނީ ތެދެއްކަމުގައި މާރިއާ ބުންޏެވެ. އަދި އޭނާއާއެކީ އައުމަށް އަންޖަލީގެ ކިބައިން އެދުނެވެ. އަންޖަލީގެ މުލައްދަނޑީގައި ހިފައިން ނެރެ މައިގޭތެރެޔަށް ގެންދިޔައެވެ.  އަދި ދޮންމަންމައާއި ނިކީ ދައްކަމުން ގެންދިޔަ ވާހަކަ އަޑުއިވޭ ހިސާބުގައި ދުރުގައި މަޑުކޮށްލައި އެމީހުން  އެދައްކާ ވާހަކަ އަޑުއެހުމަށް އިޝާރާތް ކުރިއެވެ.

މަންމައަކީ ނޫނޭ ކުޅަދާނަމީހެކޭ ނިކީ ބުންޏެވެ. ޑްރާމާކުޅެން އެވަރުގެ ކުޅަދާނަމީހަކު އޭނާ ނުދެކެއެވެ. މަންމަޔަށް ހަމަ ، ބެސްޓް އެކްޓްރެސްގެ އެވޯރޑް ޙައްޤެވެ. އެ ރާމަށް މަންމަ އޮޅުވާލިލެއް މޮޅުކަމުން ނިކީ އޭނާގެ މަންމަޔަށް ތަޢުރީފު ކުރިއެވެ.

އެ އަންހެންކުއްޖާގެ ހިތްވަރު ނިކަން ދެކިބަލާށެވެ ! އެދިމާކުރީ މަށާ ޒުވާބުކޮށް ޖަދަލު ކުރާށެވެ. ދޮންމަންމަ ބުންޏެވެ.

އެއީ ވަރެއްގެ އަންހެނެކެވެ. އޭނާ މަންމަގެ ކިބައިން މާފަކަށްވެސް ނޭދުނެވެ. ގަހަނާތަކެއްވެސް ގެނެހެއް ނުދިނެވެ. ނިކީ ބުންޏެވެ.

އެގަހަނާތައް ގެންނާނެއެވެ. ނިކަން ބަލަން ހުންނާށެވެ. ދޮންމަންމަ ބުންޏެވެ. ރާމް އާ މަންމައާ ދުރެއް ނުކުރެވޭނެއެވެ. ރާމް އާ އޭނާއާ ދުރުކޮށް ނުލާނެގޮތެއް އެއީ ނެތް ގޮތެކެވެ. ބޮޑާކަންމަތީ ދޮންމަންމަ ބުންޏެވެ.

ރާމްއަކީ ބޮޑު މޮޔައެއްކަމަށް ނިކީ ބުންޏެވެ. އެމީހުން ރާމްއަށް ކުރާ ނަފުރަތުވެސް ނޭނގޭވަރުގެ މޮޔައެއްކަމަށް ނިކީ ބުންޏެވެ. އަހަރެމެންގެ ހިތުގައި ރާމްގެ މައްޗަށް މިއޮންނަނީ ކިހާބޮޑު ނަފުރަތެއް ހެއްޔެވެ ؟ އެއީ ހާދަބޮޑު މޮޔައެކެވެ. އަހަރެމެން ރާމްގެ ލޮލުގައި އަނދުންއަޅުވައިގެން މިގެންގުޅޭ ގޮތުގެ ހިލަމެއްވެސް އެފަކީރަކަށް ނުވެއެވެ.

ދޮންމަންމައާއި އޭނާގެ ދަރިފުޅުގެ ވާހަކަ އިވިފައި އަންޖަލީހުރީ ޢާގަމަވެފައެވެ. މާރިއާއަށް އެއީ އާކަމެއްނޫނެވެ. އެއީ ، އެގޭތެރެއިން އޭނާއަށް ކޮންމެ ދުވަހަކުވެސް އެގޭތެރެއިން ފެންނަ މަންޒަރެކެވެ. އިވޭ އަޑުތަކެކެވެ. އެކަމަކު އަންޖަލީއަކަށް ، އޭނާގެ މުޅި ޙަޔާތުގައިވެސް ، އެކަހަލަކަމެއް ފެނިފައެއް ނެތެވެ.

ހާސްވެގެންގޮސް ، އަންޖަލީއަށް ހަދާނެގޮތް ބޮޑުވިއެވެ. ރާމް އެބުނިގޮތަށް ، އެގަހަނާތައް އެއަންހެނާއާ ޙަވާލުކުރާނީ ހެއްޔެވެ ؟ ނޫނީ ، ގޮތްދޫނުކޮށް ، އަންޖަލީގެ ގޮތުގައި ހުންނާނީ ހެއްޔެވެ ؟ އެމީހުންނަކީ ރާމްގެ ދިރިއުޅުން ބަރުބާދުކުރަމުން ގެންދާ ބަޔެކެވެ. ރާމްއަކަށް އެކަމެއް ނޭނގެއެވެ. އޭނާ އެތަކެތި ނުދީފިނަމަ ، ރާމް ހިތްހަމައެއް ނުޖެހޭނެއެވެ. ދެމަފިރިންގެ ގުޅުން ގޯހުންގޯހަށް ބަދަލުވާނެއެވެ. ގަހަނާތައްދީފިނަމަ ، އެމީހުންގެ އެއް މަޤްޞަދު އެޙާޞިލްވީއެވެ. އެކަމަކު އަންޖަލީގެ ކައިވެނި ސަލާމަތް ކުރެވޭނެއެވެ. އަލަށް ތަޖުރިބާކުރަން ޖެހުނުކަމެއްވީމަ ހަދާނެ އެއްވެސްގޮތެއް އަންޖަލީއަކަށް ނުވިސްނުނެވެ. ބައްޕަމެންގާތު އެވާހަކަ ބުނެފިއްޔާ ބައްޕަމެން ކަންބޮޑުވާނެއެވެ. ދެން އިތުރަށް އެވާހަކަ ދައްކާލާނެ މީހަކު ނެތެވެ.

ހަދާނެގޮތެއް ނުވިސްނިގެން ، ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަހިނގާ އަންޖަލީ ހުއްޓެވެ. އޭނާ އިންތިޒާރު ކުރަމުން އެގެންދަނީ ރާމް އަންނާނެ ވަގުތަކަށެވެ. ކަންވީގޮތާއި ރާމްއާ ދޭތެރޭ އެމީހުން ކަންކުރަމުންގެންދާގޮތް ، އަންޖަލީ ރާމްއަށް ކިޔައިދޭނެއެވެ.

އޮފީސް ނިންމާފައި ރާމް ގެޔަށް އައިސް ކޮޓަރިތެރެޔަށް ވަތްއިރު ، އަންޖަލީހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ރާމްގާތަށް ހިނިއައެވެ. އެކަމަކު އަންޖަލީހުރީ ރުޅިއައިސް ރަތްވެފައެވެ. ހެނދުނުއްސުރެ ފެށިގެން ރޭވަންދެން އޭނާއަށް އެހުރީ އެރުޅިގަނޑު ދުއްވައި ނުލެވިފައެވެ. ކޮޓަރިތެރޭހުރި ސޯފާގައި އަންޖަލީ އިށީނދެލިއެވެ. ރާމް ، ކޮޓަރިޔަށްވަދެ ހަރަމް ބަނދެލައިގެން އަންޖަލީކުރިމަތީ ހުއްޓިލިއެވެ.

އަދިވެސް އެ ގަހަނާތައް އަންޖަލީ ނުދެނީދޯއެވެ. ރާމް ސުއާލުކުރިއެވެ. މަންމަގެ ޙުކުމަށް އިޙްތިރާމެއް ނުކުރެވުނު ދޯއެވެ.

" މަންމަ ! ދެ ކޮއްކޮ ! އެމީހުންދެކެ ވަރަށް ލޯބިވޭ ދޯއެވެ ؟ އެމީހުންނާ ސުއާލުކުރާނީއެވެ. ސުއާލުކުރީމާ ބުނާގޮތެއް ހަދާނީއެވެ. އެމީހުންނަށް ހާދަ އިތުބާރެއް ކުރަން ދޯއެވެ ؟ އެކަމަކު ، އެމީހުން ރާމްއާ ދޭތެރޭ ދެކެނީ ކޮންގޮތަކަށްތޯ ، އެއްފަހަރުވެސް ވިސްނައިލިން ހެއްޔެވެ ؟ އެމީހުންގެ ހިތް ރާމްގެ މައްޗަށް އޮތީ ކޮންގޮތަކަށްކަން އެނގޭ ހެއްޔެވެ ؟ އަންޖަލީ ސުއާލުކުރިއެވެ.

" ބުނެބަލާށެވެ ! އެމީހުންގެ ހިތް އަހަރެންގެ މައްޗަށް އޮތީ ކޮންގޮތަކަށް ހެއްޔެވެ ؟ " ރާމްވެސް އަންޖަލީއާ ސުއާލު ކުރިއެވެ.

އަޑު އަހާނެ ހިތްވަރު އެބަހުރިހޭ އަންޖަލީ ، ރާމްކުރެން އެހިއެވެ. އެހެންކަމަށް ވަންޏާ އަޑުއަހާށެވެ ! އެމީހުންގެ ހިތް ރާމްގެ މައްޗަށް އޮތީ ނަފުރަތުން ފުރިފައެވެ. އެންމެންވެސް ރާމްދެކެ ރުޅިއާދެއެވެ. ފޫހި ވެއެވެ. އަންޖަލީ ބުނަމުން ގެންދިޔައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.