(4 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަންޖަލީ ގެޔަށް ވަދެގެންދިޔައިރު ، އޭނާގެ ބައްޕަ ، ޖޯހާން ވާހަކަދައްކާ އަޑު އިވުނެވެ. އަންޖަލީއަށް ހުއްޓިލެވުނެވެ.
އަންޖަލީގެ ބައްޕަ ، ލަންޑަނަށްގޮސް ، އޫޓީއަށް އެއައީ މިއަދުއެވެ. ޖޯހާން އެއައީ ލަންޑަނުން އޫޓީއަށް އައި މަގުމަތީ ، ދިއްލީއަށްވެސް ޖައްސައިލާފައެވެ. ދިއްލީއަށްގޮސް އޫޓީއަށް އައުމުގެކުރިން ބައްޕަ ގުޅައިނުލީތީ އަންޖަލީ ޝަކުވާ ކުރިއެވެ. އެހެންނަމަ ، ބައްޕަބަލައި އެއަރޕޯޓަށް އޭނާއަށް ޖައްސައި ލެވުނީހެވެ. އެއަރޕޯޓަށް ދެވޭނީ އަންޖަލީއަށް ވަގުތެއް ވެގެން ނޫން ހެއްޔެވެ ؟ ހެނދުނު ގެއިން ނުކުމެގެން ދިޔަގޮތަށް ތިއުޅުނީ ކޮންތާކު ހެއްޔެވެ ؟ އަންޖަލީގެ މަންމަ ޗާނދަނީ ޝަކުވާކުރިއެވެ. ހަމައެއާއެކު ، އަންޖަލީވެސް ބައްޕަޔަށް ގޮވައިލުމަށްފަހު ، މަންމަ އޭނާއަށް ބަރޯސާވެ އިތުބާރު ނުކުރާކަމުގެ ޝަކުވާ ކުރިއެވެ. މަންމަ ދަރިފުޅަށް އިތުބާރު ކުރިޔަސް އަދި ނުކުރިޔަސް ބައްޕަ އޭނާގެ ދަރިފުޅަށް އިތުބާރު ކުރާވާހަކަ ބުނެ ޖޯހާން އަންޖަލީއާ ގާތަށް ޖެހި އިށީނެވެ.
އަހަރެމެންގެ ދަރިފުޅު ، އަހަރެމެންގެ މައްޗަށް ބަރޯސާވަނީ ކިހާވަރަކަށްތޯ ބަލައިލަމާ ހިނގާށޭ އަންޖަލީގެ ބައްޕަ ޖޯހާން ބުންޏެވެ. އެކަމާމެދު ޝައްކުވަނީތޯ އަންޖަލީ ސުއާލު ކުރިއެވެ. ނޫނެކެވެ. އަންޖަލީގެ ބައްޕަ ، އަންޖލީއަށް ފުރިހަމަޔަށް އިތުބާރު ކުރެއެވެ. އަންޖަލީގެ ޙަޔާތުގެ އެންމެ މުހިންމު ނިންމުން އަންޖަލީގާތު ނުބުނެ ، ނިންމައިގެން އެބައްޕަ އެއައީވެސް އެހެންވެގެންކަމުގައި ޖޯހާން ބުންޏެވެ. ކޮން ނިންމުމެއް ހެއްޔެވެ ؟ އަންޖަލީ ބުންޏެވެ. އެވާހަކަ ބުނަންވީތޯ ޖޯހާން އޭނާގެ އަންހެނުންކުރެން އެހިއެވެ. އަންޖަލީގެ މަންމަ ޗާނދަނީވެސް ، އެވާހަކަ ބުނާށޭ އޭނާގެ ފިރިމީހާގާތު ބުންޏެވެ. އެދެމަފިރިންގެ މޫނުމަތިން ހިނިތުންވުން ކެނޑިގެން ނުދެއެވެ.
ބައްޕަ ދިއްލީއަށް މިދިޔައީ ކީއްކުރަންކަން އަންޖަލީއަށް އެނގޭ ހެއްޔެވެ ؟ ޖޯހާން ސުއާލު ކުރިއެވެ. އެއީ ކީއްކުރަންތޯ އަންޖަލީ ސުއާލު ކުރިއެވެ.
" އެއީ ދަރިފުޅުގެ ކައިވެނީގެ ކަންތަކުގައެވެ. " އުފަލުން ފޮޅިފައި އިނދެ ، ޖޯހާން ބުންޏެވެ.
އެވަގުތު ، އަންޖަލީގެ މޫނަށްވެގެން ދިޔަގޮތް ، އޭނާގެ މަންމައާއި ބައްޕަޔަކަށް އިޙްސާސެއް ނުކުރެވެއެވެ. އެދެމަފިރިންތިބީ ނުހަނު އުފަލުން އަންޖަލީގެގައިގާ ދެފަރާތުން ބައްދާލައިގެންނެވެ. ޖޯހާން އޭނާގެ ދަރިފުޅަށް ދޮނެއް ދިނެވެ. އެހެނަސް ، ބައްޕަ އާއި މަންމަގެ އަތްދަށުން ވީއްލިގެން އަންޖަލީ އައިސް ، ދުރުގާހުރި ގޮނޑީގައި ޖައްސައިލިއެވެ.
ދަރިފުޅު ލަދުގަތީއެވެ. ޗާނދަނީއަށް އެނގޭ ހެއްޔެވެ ؟ ފިރިހެންކުއްޖާއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އެހާމެ ރީއްޗެވެ. ރަނގަޅު ޢާއިލާއެކެވެ. މުއްސަނދި ބަޔެކެވެ. އެއީ ވަރަށް ރަނގަޅު ކުއްޖެކެވެ. ޖޯހާން އުފަލުން އިނދެ ޗާނދަނީއަށް ކިޔައިދެމުން ގެންދިޔައެވެ. ޗާނދަނީވެސް ޖޯހާންއާ ބައިވެރިވެ ، އެއުފަލުގައި ބައިވެރިވަމުން ގެންދިޔައެވެ.
" ބައްޕާއެވެ ! އަހަރެންނަށް ތިކައިވެނި ކުރެވޭކަށް ނެތެވެ. ބައްޕާއެވެ ! " އަންޖަލީގެ ޖުމްލައިން މުޅިތަން ހަމަހިމޭން ވިއެވެ. އެދެމަފިރިންގެ މޫނުމަތީގައި ވިދަމުން ދިޔަ އުފާވެރިކަމުގެ ކުލަތައް ފިލައި ދިޔައެވެ.
ދަރިފުޅާއެވެ ! އެއީ ކީއްވެ ހެއްޔެވެ ؟ ޖޯހާން އޭނާގެ ދަރިފުޅާ ސުއާލު ކުރިއެވެ. އަޑަށް ބާރުލާފައެވެ.
" އެއީ ، އަހަރެންނަށް އެހެންމީހަކަށް އެކަމަށް ވަޢުދު ވެވިއްޖެއެވެ. " އަންޖަލީ ، ޖެހިލުންވެ އިނދެ ބައްޕަ ގާތު ބުންޏެވެ.
އަންޖަލީގެ އެ ޖަވާބުން ، ޖޯހާންގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ދިޔައެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވެގެންދިޔައެވެ. އެހެނީ ، ޖޯހާން ، އަބަދުވެސް ބަލަމުން ގެންދިޔައީ އޭނާގެ ދަރިފުޅާ ކޮންމެ ކޮންމެ މީހަކަށް ކައިރި ނުވެވޭނެ ކަމުގައެވެ. މިހާތަނަށްވެސް އޭނާ އައީ އެ އިތުބާރު އަންޖލީއަށް ދެމުންނެވެ. ވީ އެންމެ އަވަހަކަށް ، އެއީ ކާކުތޯބަލަން ޖޯހާން ބޭނުންވިއެވެ. ޗާނދަނީއަށްވެސް ލިބުނީ ޙައިރާންކަމެކެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުން އެހާ ހިސާބަށް ގެންދިޔައިރުވެސް އެ މަންމައަކަށް ރޭކައެއް ނުލައެވެ. އަންޖަލީގެ ހުޝިޔާރުކަންވެސް ވަކި ކުޑައެއް ނޫންތާއެވެ.
އެއީ ކާކު ހެއްޔެވެ ؟ އަނެއްކާވެސް ޖޯހާން ކޮންމެވެސް ވަރެއްގެ ހަރުކަށިކަމަކާއެކު އޭނާގެ ދަރިފުޅާ ސުއާލު ކުރިއެވެ.
ދޭވްގެ ގާތަށް އައީކީ އަމަށަކު ހިންޏެއްނޫނެވެ. ބިނދިބިނދިފައި އޭނާ ހެމުން ގެންދިޔައެވެ. މޮޔައެއްހެން ދޭވް ހެމުންގެންދާތީ ، އަންޖަލީ ހިތްހަމައެއް ނުޖެހުނެވެ. މޮޔއިންހެން ދޭވް ހެމުން އެގެންދަނީ ކީއްވެތޯ ސުއާލުކުރިއެވެ. އަންޖަލީ އެކުރަނީ ސަމާސާއެއްނޫނެވެ. އޭނާ އެހަދަނީ ތެދެވެ. އަންޖަލީގެ ބައްޕަގާތު އޭނާ އެއައީ ހުރިހާ ވާހަކައެއް ކިޔައިދީފައެވެ. އަދި ، މިއަދުން މިއަދަށް ، ދޭވްއާ ބައްދަލުކުރަން ބައްޕަ ބޭނުންވާކަމުގައި ބުންޏެވެ.
" އަންޖަލީގެ ބައްޕަ އަހަރެންނާ ބައްދަލު ކުރުމަށްފަހު ކުރާނީ ކީއްކަން އެނގޭ ހެއްޔެވެ ؟ ދޭވް ސުއާލުކުރިއެވެ. ބައްޕަ ކުރާނީ ކޮންކަމެއް ހެއްޔެވެ ؟ އަންޖަލީ ސުއާލު ކުރިއެވެ.
އޭނާއާ ބައްދަލުކުރުމަށްފަހު ، ތަޅައިމަރައިފާ އޭނާ ، އެގަނޑުވަރުން ބޭރުކޮށްލާނީކަމުގައި ދޭވް ބުންޏެވެ. އަންޖަލީގެ ބައްޕަޔަކީ ، ޖަންގަލީގެ ޖަނަވާރެއްނޫންކަމުގައި ، ދޭވްއާ ދިމާއަށް އިނގިލި ދިއްކޮށްގެންހުރެ އަންޖަލީ ބުންޏެވެ. އަދި ދޭވްވެސް ، ޖަންގަލީގެ ޖަނަވާރަކަށް ވެގެން ވަށްވަށް ޖަހަމުން އޭނާގެ ގެޔަށް ނައުމަށް އަންޖަލީ އެދުނެވެ. ދޭވް އެގެޔަށް އަންނަންވާނީ ، ރީތިކޮށް ހެދުން އިސްތިރިކޮށްގެން ސާފު ހެދުމުގައެވެ. ތުބުޅިމަތިމަސްވެސް ބާލަން ވާނެއެވެ. ދޭވް އަރައިގެން އެހުރި ބާ ފައިވާންގަނޑުގައި ، އަމްދުން އައިސްގެން ނުވާނެއެވެ. އަންނަންވާނީ އަނގައިގާ ޓޭޕް އަޅައިގެންނެވެ. އަދަބު އިޙްތިރާމާއެކު ، އޭނާގެ ކައިވެންޏަށް ބައްޕަގެ ފަރާތުން އެދޭށެވެ. އަންޖަލީ ދޭވްއަށް އަމުރު ކުރިއެވެ.
ކީކޭ ހެއްޔެވެ ؟ ދޭވް އަންޖަލީގެ އަތުގައި ހިފައި ދަމައިގެންފައި ، ބުންޏެވެ. މީހެއްގެ ފަރާތުން އޭނާ އަންޖަލީ ހޯދަން އެދެންވީ ކީއްވެތޯ ދޭވް ސުއާލުކުރިއެވެ. އޭނާ ބޭނުންކަމަށްވަންޏާ ، ގަދަކަމުން އަތުލައިގެން ، އަންޖަލީ ގެންގޮސްފާނަންކަމުގައި ދޭވް ބުންޏެވެ.
އަންޖަލީއަކީ ދޭވް އެހީކުރާކަހަލަ ލަޓޯފަޓޯ މީހެއްނޫންކަމަށް އަންޖަލީ ބުންޏެވެ. ދޭވްއަށް ޖެހޭނީ ، އަންޖަލީގެ ގެޔަށް އައިސް ، އާދަކާދައިގެމަތިން އޭނާގެ ކައިވެންޏަށް އެދޭށެވެ. އަންޖަލީއަށް މިހާރުވެސް މާ ލަސްވެއްޖެއެވެ. ލަހުން އައިސްގެން ނުވާނެކަމަށްބުނެ ، ބަރާބަރު 12 ޖަހާއިރަށް އަންޖަލީމެންގެޔަށް އަންނަންވާނެކަމަށް ބުންޏެވެ. ލަސްވެއްޖިއްޔާ ބައްޕަ ވަރަށް ފޫހިވާނެއެވެ. ލަސް ނުކުރައްޗެވެ. ބައްޕަ ހިތްހަމައެއް ނުޖެހޭނެއެވެ. އަންޖަލީ ވާހަކަ ދައްކަމުން ގެންދިޔައިރު ، ދޭވް ހުރީ އިސްޖަހައިގެން އާއެނކޭ ބުނުމަށް ބޯހޫރާލަ ހޫރާލައެވެ. ވަގުތަށް އަންނަންވާނެކަމަށް ބުނެ ، އެހެންނޫނީ ވަގުތު ފާއިތުވެގެން ހިނަގައިދާނެކަމަށްވެސް ބުނަމުން ، ދޭވްގެ ދަތްދޮޅީގައި ކޮއްޓާލުމަށްފަހު ، އަންޖަލީ ނައްޓާލިއެވެ.
" އުއްމީދުން ފުރިގެންވާ މުހުތާދު މިއޮތީ އަހަރެންގެ ހިތުތެރޭގައެވެ. މިއީ ކިހާވަރެއްގެ ކަމެއްތޯ ބަލައިލަމާ ހިނގާށެވެ ! " ދޭވް އޭނާގެ އަމިއްލަ ނަފުސަށް ބުނެލިއެވެ.
ގޭތެރެޔަށް ވެރިވެފައިއޮތީ ހަމަހިމޭންކަމެވެ. އަޑެއްބަޑެއް ނީވެއެވެ. ޖޯހާން ، ގޭގެމަތީބުރިން ފައިބައިގެން އައީ ކަޅިޖަހައިނުލާ ދޭވްއާ ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ. އެއައިގޮތަށް އައިސް އެންމެންގެ ކުރިމަތީ ހުއްޓުނެވެ. އަންޖަލީގެ މަންމަ ޗާނދަނީއާއި އަންޖަލީ އަދި ދޭވްވެސް އެތާ ކޮޅަށް ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފާޅުވަމުން ދަނީ ނުތަނަވަސް ކަމެވެ. އަންޖަލީ ހުރީ ހިތްބިރުގެންފައެވެ. ބައްޕަ އައުމާއެކު ، ބައްޕައަށް ދޭވް އަދި ދޭވް އަށް އޭނާގެ ބައްޕަ ، އަންޖަލީ ތަޢާރުފް ކޮށްދިނެވެ.
ދޭވް އޭނާގެ އަތް ޖޯހާންއާ ދިމާއަށް ސަލާމްކޮށްލުމަށްޓަކައި ދިއްކޮށްލިއެވެ. އެހެނަސް ޖޯހާން ހުރީ ދޭވްގެ އަތުގާ ހިފާ ގޮތަކަށްނޫނެވެ. ދޭވް އޭނާގެ އަތް ތިރިކޮށްލިއެވެ. އެ މާޙައުލު ހޫނުވަމުން ހިނގައިދާނެކަމުގެ އިޙްސާސް ކުރެވި ، އެންމެން އިށީންނަމާހޭ ބުނެ ޗާނދަނީ އަންޖަލީގޮވައިގެންގޮސް ސޯފާގައި އިށީނެވެ. ދޭވް އިށީންނަންވީ ތަން ދެއްކީ އަންޖަލީއެވެ. ދޭވް ބޭންދިފައި އިނީ ޖޯހާން އާ ކުރިމަތިވާ ގޮތަށްހުރި ގޮނޑިއެއްގައެވެ.
ދޭވް އިށީނދެއިނީ އެއްފައި މައްޗަށް އަނެއްފައި ނަގައި ، އަދަބު ކުޑަގޮތަކަށް ، އޭނާގެ ފައިވާނުގެ ދަށްފުށް އެންމެންނަށް ފެންނާނެ ހެންނެވެ. އެތަން ފެނިފައި އަންޖަލީ ކަންބޮޑުވިއެވެ. އަދި ، ފައިތިރިކޮށްލަން އޭނާގެ ޢިޝާރާތުން ދޭވްއަށް އެންގިއެވެ. ޗާނދަނީވެސް އިނީ އެކަމާ ވަރަށްބޮޑަށް ހާސްވެފައެވެ. މިއީ ކޮންކަހަލަ މީހެއްބާވައޭ ހިތަށް އަރައަރައެވެ. ޗާނދަނީ އޭނާގެ ފިރިމީހާއާ ދިމާއަށް ބަލައިލިއެވެ. ޖޯހާންގެ މޫނުމަތިން ފެންނަނީ ކޮން އަސަރެއްތޯ ބަލައިލުމަށެވެ. ވާހަކަ ދައްކަން ފެއްޓީ ދޭވް އެވެ. އަދަބު ކުޑަ ގޮތަކަށެވެ.
" ފަހަރެއްގައި ތި ބަލަނީ އަހަރެންގެ ފައިވާނަށްކަމަށް ވެދާނެއެވެ. ނުފެނިދާނެއެވެ. މި ފައިވާންކިބައިގެ މެދުގައި ލޯވަޅެއްވެސް އެބަހުއްޓެވެ. " ދޭވް އޭނާގެ ފައިވާން ނަގައި ދޭވްގެ ބައްޕަޔަށް ދައްކައިލަމުން ބުންޏެވެ.
އެކަން މަނާކުރަން އަންޖަލީ އުޅުމުންވެސް ދޭވް ހުއްޓައެއް ނުލައެވެ. މި ނިކަމެތި މީހާ ހިނގަމުން ހިނގަމުންގޮސް ފައިވާނުގައި ލޯވަޅު އެޅުނީއެވެ. ދޭވް ، ޖޯހާންއާ މުޚާޠަބުކޮށް ބުންޏެވެ. އަންޖަލީ ދޭވްއަށް ގޮވާލައި ، ދޭވްގެ އެ އަދަބެއް ސަދަބެއްނެތް ޢަމަލުތައް ހުއްޓުވަން އުޅުނެވެ. އެކަމަކު ދޭވްއަކަށް އެއަޑެއް ނީވުނެވެ.
" އަޞްލުގައި ، އަންޖަލީ ބޭނުންވީ ، ސާފު ރީތި ހެދުމެއްގައި އަހަރެން މިގެޔަށް އަންނާށެވެ. ތުނބުޅިމަތިމަސްވެސް ބާލައިގެން ، އަނގައިގާ ޓޭޕްވެސް އަޅައިގެން އަންނާށެވެ. އަހަރެންނާމެދު މިގޭމީހުން ވިސްނާނީ ކޮންގޮތަކަށް ކަމާމެދު އަންޖަލީ ބިރުގަތީއެވެ. އަހަރެންނާމެދު ވިސްނަނީ ކޮންގޮތަކަށް ހެއްޔެވެ ؟ އަހަރެން މިހުރީ އަހަރެންގެ ހުރި ފެންވަރުގައެވެ. " ދޭވް ބުނަމުން ގެންދިޔައެވެ. ދޭވްގެ ވާހަކަތަކުން އަންޖަލީވެސް އަދި ޗާނދަނީވެސް ކަންބޮޑުވިއެވެ. އެދެމައިންތިބީ ، ބުނާނެ އެއްޗެއްވެސް ނޭނގި އާގަމަ ވެފައވެ. އަދި ދޭވް ހުއްޓުވާނެގޮތެއްވެސް ނެތިފައެވެ. ދޭވް އެއުޅެނީކީ އެންމެ ރަނގަޅަކަށް ނޫނެވެ. އެއްވެސް އަދަބެއް އިޙްތިރާމެއް ނެތް ހުތުރު ގޮތަކަށެވެ.
" އެހެންވިއްޔާ ބުނެބަލާށެވެ ! ތީ ކާކު ހެއްޔެވެ ؟ " ޖޯހާން ، އެހިސާބުން ދޭވްއާ ސުއާލުކުރިއެވެ.
ދޭވްއަކީ ، ވަކި ޚާއްޞަކަމެއްހުރި މީހެއް ނޫނެވެ. ވަރަށް އާދައިގެ އިންސާނެކެވެ. މޮޔައެއްފަދައިން ، ފުރާނަދޭވަރަށް އަންޖަލީދެކެ ލޯބިވާ މީހެކެވެ. އެކަމަކު ، އަންޖަލީ ލޯބިވާމީހަކީ އާދައިގެމީހަކަށް ނުވާނެ ދޯއެވެ ؟ އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. ރަނގަޅު ޢާއިލާއެއް ނެތެވެ. މުދަލާއި ފައިސާއެއް ނެތެވެ. އެކަމަކު އެކައްޗެއް އެބަ އޮތެވެ. އެ އޮތީ އަންޖަލީގެ ބައްޕަ އަތުގައެވެ. އޭނާ އެއައީ އެ ބަލައެވެ. އެއީ އަންޖަލީއެވެ.
" ތިބުނާ އެއްޗެއް އަހަރެން ނުދީފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ ؟ " ޖޯހާން ދޭވްއާ ސުއާލުކުރިއެވެ.
" އަތުލައިގެން ގަދަކަމުން ގެންދާނަމެވެ. " ދޭވް ، ކަކަކަކަ އަޅާފައި ހެމުން ޖަވާބު ދިނެވެ. އަންޖަލީ ، ކަންބޮޑުވެގެންގޮސް ، ދޭވްއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެއީ ދޭވް ، އަންޖަލީގެ ބައްޕަޔާ ވާހަކަ ދައްކަންވީ ގޮތެއްނޫނެވެ. އެއްވެސް މިންވަރެއްގެ އަދަބެއް އިޙްތިރާމެއް ނެތެވެ. އެއްވެސް ގޮތެއް ފޮތެއްވެސް ނެތެވެ.
(ނުނިމޭ)
varahves reethi shukuran