(9 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޕްލީޒް! މުޙްތަރިމާ އަނާ! ކަލާ މާބޮޑަށް ފިކުރު ނުރައްވާ ސިކުނޑިއަށް މާބޮޑަށް ބާރުނުލައްވާ! އެހެން ހެއްދެވުން ވާނީ ކަލާއަށް ގެއްލުން ހުރި ކަމަކަށް ކަލާ އަމިއްލައަށް ކޮންޓްރޯލްކުރައްވާ.... އަދި ބުނުއްވާ ކަލާއަށް ޒަހަރު ދެނީ ކާކުތޯ؟ ކަލާގެ ދުޝްމަނަކީ ކާކުތޯ؟ އަޅުގަނޑު ގާތު ބުނުއްވާ އޭރުން އެމީހަކު ފުލުހުންނާ ޙަވާލުކުރާނަން... މީވަރަށް ސީރިއަސް ކޭހެއް... އެ މީހަކު މަސައްކަތް ކުރަނީ ކަލާ މަރާލުމަށް. އެ ކުށުގެ އަދަބުކަށްވާނީ ހަމައެކަނި މަރުކަން ކަލާއަށް އެނގިލައްވާނެ ކަންނޭނގެ."
"އަޅުގަނޑު ހަމައެކަނި ބޭނުންވަނީ ބޭސްކުރަން. އަޅުގަނޑަށް ޒަހަރުދެނީ ކާކުކަމެއް އަޅުގަނޑަކަށް ނޭނގެ."
"ކަލާ ކޮންމެވެސް ކަމެއް ސިއްރު ކުރައްވަނީ.... މުޙްތަރަމާ އަނާ!"
"ޕްލީޒް ޑޮކްޓަރ.... ވެ ލައްވަންޏާ އަޅުގަނޑަށް ބޭސްކޮށްދެއްވާ އަދި ވާންއޮތީއްޔާ އަޅުގަނޑު ސަލާމަތްކޮށްދެއްވާ. އަޅުގަނޑަށް ޒަހަރުދެނީ ކާކުކަން އަޅުގަނޑަކަށް ކަލާއަކަށް ނަމެއް ނުގަނެވޭނެ!"
"އެންމެ ރަނގަޅު... މުޙްތަރަމާ އަނާ އަޅުގަނޑަކީ ޑޮކްޓަރެއް ވީމާ ކަލާގެ ފުރާނަ ސަލާމަތް ކުރުމަކީ އަޅުގަނޑުގެ ވާޖިބެއް. ކަލާ ކިރުހިއްޕެވުން އިތުރުކޮށްލައްވާ އަދި އަޅުގަނޑު މި ދޭ ބޭސް އަމިއްލައަށް ބޭނުން ކުރައްވަމުން ގެންދަވާ! ހެނދުނާއި ހަވީރު ޖައްސަވަންޖެހޭ ދެ އިންޖެކްޝަނެއްވެސް އޮންނާނެ އަދި ކަލާއަށް ޒަހަރު ދެމުންދާ އެ ދުޝްމަނުންގެ ކިބައިން ރައްކައުތެރިވެ ލައްވައިގެން އުޅުއްވަން ޖެހިލައްވާނެ! ދެން މިހާރު މިތަނުން އެނދެއްގައި އޮންނަވާ ލައްވާ! އަޅުގަނޑު މިހާރު ކަލާއަށް ޑްރިޕެއް ދޭނަން...." އެހެންބުނެފައި ޑޮކްޓަރ ބޭރަށް ނުކުމެއްޖެއެވެ.
އަނާ އެއްވެސް ކަހަލަ ޙަރަކާތެއްނެތި ގޮނޑީގައި އިށީންދެލައިގެން އިނެވެ. ކުޑައިރުކޮޅެއްފަހުން ޑޮކްޓަރ ކޮޓަރިއަށް އައިސް އަނާއާ ދިމާއަށް ބުނެލިއެވެ.
"އަޅުގަނޑު މިއައީ ކަލާއަށް ޓަކައި ކޮޓަރިއެއް އިންތިޒާމްކޮށްފައި. މި ވަގުތު އެއްވެސް ރަނގަޅު ކޮޓަރިއެއް ހުސްކޮށެއް ނެތް. އެކަމަކު އަޅުގަނޑު މިއައީ ގޮތެއް ހަދާފައި. އަޅުގަނޑާއެކު ހިންގަވާ!" އަނާ ތެދުވެއްޖެއެވެ.
ނަމަވެސް.... އޭނާގެ ދެ ފައިގައި އޭނާ ހިފަހައްޓާހާ ބާރެއްނެތެވެ. އަރިއަޅާލާގޮތްވެއްޖެއެވެ. އަވަސް އަވަހަށް މޭޒުގައި ހިފަހައްޓައިފިއެވެ. އެހެން ނޫންނަމަ ވެއްޓުނީސް ކަންނޭނގެއެވެ. އޭނާގެ ސިކުނޑީގައި ހިނގަމުންދާ ތޫފާނުގެ ރާޅުތަކުން އޭނާއަށް ކެތްކުރެވޭ ވަރު ނުވަނީއެވެ.
"އޭނާއަށް ޒަހަރު ދެނީ ކާކު ހެއްޔެވެ.؟ ޚާންއާޞިފް ހެއްޔެވެ.؟ ނުވަތަ މާޖިދު ހެއްޔެވެ.؟ ދެ މީހުންކުރެ ކުއްވެރިޔަކީ ކާކުބާވައެވެ؟. ކުށްވެރިޔަކީ ދެ މީހުންކުރެ އެކެއް ބާވައެވެ." ނުވަތަ ދެ މީހުން ދެ ބަފައިން ބާވައެވެ.؟ އެ ދެ މީހުން ގުޅިގެން ހިންގާ ސްކީމެއް ބާވައެވެ.؟" އަނާ ވިސްނަމުން ގެންދިޔައެވެ.
އަނެއްކޮޅުން ޑޮކްޓަރ ސްޓްރެޗަރެއް ގެނެސްގެން އަނާ ގެންގޮސް އެނދުގައި ބާއްވައިފިއެވެ. ސްޓާފް ނަރުހުންގެ ދެ ކުދިން އަވަސް އަވަހަށް އޭނާ ކައިރިއަށް އަތުވެއްޖެއެވެ. ޑްރިޕެއް ގުޅައިލައިފިއެވެ. އެ ޑްރިޕްއަށް ޖެހީ ކިތައް ވައްތަރުގެ އަދި ކިތައް އިންޖެކްޝަން ކަމެއް ނޭނގެއެވެ. އަނާ ހިމޭންކަމާއެކު އެނދުގައި އޮތެވެ. ބޭރުގައި ކާރެއްގައި އޭނާގެ ކޮއްކޮ އިންނާނެ ވާހަކަޔާއި ދެ ގަޑި އިރެއްހާ އިރު ތެރޭގައި ހޮސްޕިޓަލުން ނިމިގެން ބޭރަށް ނުކުންނާނެ ވާހަކަ އޭނާއަށް އަންގާލަ ދިނުން އެދޭ ވާހަކަ އަނާ ޑޮކްޓަރުގާތު ބުންޏެވެ.
އަދި އެތާގެ މުވައްޒަފަކު މެދުވެރިކޮށްގެން ޑޮކްޓަރ އެ ވާހަކަ ބިއްލާއަށް އަންގާވެސް ލައިފިއެވެ.
ޑްރިޕް ތިކި މަޑުމަޑުން އަނާގެ ލޭގެ ސިސްޓަމްގެ ތެރެއަށް ތަޙްލީލްވަމުން ދަނީއެވެ. ކައިރީގައި ހުރި ނަރުސް ނުހަނު ހިމޭންކަމާއެކު އަނާއާ ދިމާއަށް ބަލަމުން ގެންދެއެވެ. އަނާގެ ރީތިކަމުން އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
އެކަމަކު މި ރީތި އަންހެންމީހާ ހޮސްޕިޓަލްގެ އެނދެއްގައި އޮންނަން ޖެހިފައިމިވަނީ ކޮންކަހަލަ ކޭހެއްގައި ބާވައެވެ. އޭނާ އެއޮންނަނީ ދެ ލޯ މަރައިގެން އެއްވެސް މީހަކާ ވާހަކަ ނުދައްކައެވެ. އޭނާއަށް ދެވޭ ޑްރިޕަށް ޑޮކްޓަރު އެއްކުރީ ކޮންކަހަލަ އިންޖެކްޝަންތަކެއްބާވައެވެ. މި ކޭސް ހޮސްޕިޓަލްގައި ލިޔެފައިވަނީ ޑޮކްޓަރގެ ޕާރސަނަލް ކޭސްއެއްގެ ގޮތުގައެވެ. އޭނާއަށްދޭ ހުރިހާ ބޭހެއްވެސް ދޭނީ ހަމަ ސީދާ ޑޮކްޓަރެވެ. އަދި އެ ނަރުސް ކުއްޖާ މި ތާނގައި ބަހައްޓާފައި އެ ވަނީވެސް ހަމަ ޚުދް ޑޮކްޓަރެވެ. ސްޕެޝަލް ޑިއުޓީ ނަރުހެއްގެ ގޮތުގައެވެ. ނަމަވެސް ނަރުސް ހުރީ ވަރަށް ކަން ބޮޑުވެފައެވެ. ބައިގަޑިއެއްހާއިރު ވީއިރުވެސް ބަލިމީހާ އެއްވެސް އެއްޗެއް ނުބުނާތީއެވެ. ފަހަރެއްގައި ކުޑައިރުކޮޅަކަށް ލޯ ހުޅުވާލި ނަމަވެސް ހަމައެކަނި މަތި ބަލަހައްޓައިގެން އޮންނާތީއެވެ. އަދި އިރުކޮޅަކުން ފޫހިވެގެންނޭ ހީވާގޮތަކަށް ލޯމަރާލާތީއެވެ.
އޭރު އަނާ ވިސްނަމުންދަނީއެވެ.
"އަހަރެންގެ ދަރިފުޅު ޙިނާއަށް ވެސް ޒަހަރުދީގެން މަރާލީހެއްޔެވެ؟"
މީ ވަރަށް މުހިއްމު ސުވާލެކެވެ. އެސުވާލަކާމެދު ވިސްނަމުން ގެންދިޔަވަރަކަށް އޭނާއަށް އެކަން ދިޔައީ ޔަޤީން ވަމުންނެވެ. އޭނާގެ ދަރިފުޅު ޙިނާވެސް މަރާލީއެވެ. ހަމަ އެގޮތަށް ސްލޯވ ޕޮއިޒަން...ލަސްލަހުން ވިހަ ދީގެން މަރާލީއެވެ. އަދި އެގޮތުން ޙިނާގެ މަރުވުންވެސް ހިތް ހުއްޓިގެން މަރުވުމެއްގެ ގޮތުގައި ދެއްކީއެވެ. އޭނާގެ ހިތަށް ޔަޤީން ކަމަށް ބަދަލުވުމުން އަދި އެ ޔަޤީންކަން އީމާނުގެ ފެންވަރަށް ދިޔުމުން އޭނާއަކަށް ނޯވެވުނެވެ.
ކުއްލިއަކަށް އެނދުމައްޗަށް ތެދުވެވިއްޖެއެވެ. ނަރުސް ކަންބޮޑުވެލާފައި އޭނާއާ ދިމާއަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ޢަޖައިބުވާ ފަދަ އަސަރެކެވެ.
"އެއްވެސް ކަމެއް ބޭނުންވެލައްވަނީތޯ މެޑަމް!" ނާރސް ވަރަށް އަދަބުވެރިކަމާއެކު އަހާލިއެވެ.
"ނޫން.."
"މި ޑްރިޕް އަދި ކިހާއިރެއް ވަންދެން ހުންނާނެތަ؟"
"ގާތްގަނޑަކަށް ބައިގަޑިއިރު ހުންނާނެ..." ނާރސް ޑްރިޕްއަށް ބަލާލާފައި ބުންޏެވެ. އަނާ އަނެއްކާވެސް ލޯ މަރާލިއެވެ. އަދި އޮށޯވެލައިފިއެވެ.
ޑްރިޕް މުޅިން ހުސްވުމުން އަނާ ތެދުވެއްޖެއެވެ. އެ ތަންވަޅު ޑޮކްޓަރަށް އެކަން އެންގުމަށްޓަކައި ނަރުސް ވެސް ހިނގައްޖެއެވެ. ނަމަވެސް އަނާ ޑޮކްޓަރަށް އިންތިޒާރު ކުރަން ކޮޓަރީގައި އިނުމުގެ ބަދަލުގައި ޑޮކްޓަރ ކައިރިއަށް އައީއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ ޑޮކްޓަރ ސާހަބު.. ކަލާ ލިޔެދެއްވާފައިވާ ބޭސް އަޅުގަނޑު މިއަދު ހޯދާނަން. އަދި ރައްކާތެރިކަމާއެކު ބޭނުންކުރަމުން ގެންދާނަން. ދެން އިތުރު ޑްރިޕެއް ދޭކަށް ނުޖެހޭނެ ދޮގެއްތޯ؟"
"ފަހަރެއްގައި އިތުރު ޑްރިޕެއްވެސް ދޭންޖެހިދާނެ. ތިންދުވަސް ފަހުން އަލުން ލޭ ޓެސްޓްކޮށްލަންވާނެ. އަޅުގަނޑު އިތުރު އެއްޗެއް ބުނެވޭނީ އޭގެފަހުން...."
"ޝުކުރިއްޔާ ޑޮކްޓަރ! ކަލާގެ ފީއަކީ؟"
"ކަލާއަށް މުޅިން ފަސޭހަ ވީމާ އަޅުގަނޑުމެން ފީއެކުގައި ނަގާފާނަން..."
"އަދިވެސް ޝުކުރިއްޔާ!" އަނާ ބުނެލިއެވެ. އަދި މަޑުމަޑުން ނުކުމެގެން ހިނގައްޖެއެވެ. ބިއްލާއަށް އަނާ ފެނުމާއެކު ބުންޏެވެ. "މައިބާޕް! އަޅުގަނޑު މީނީ ކަންބޮޑުވެގެން ހަދާނެގޮތެއް ނޭނގިފައި. ކަލާ އެހާ ގިނައިރުވީ ކީއްވެގެންތޯ؟"
"ޑްރިޕެއްދިނީމަ ލަސްވީ އެހެންވީމާ." އަނާ ކާރަށް އަރަމުން ބުންޏެވެ.
"ޑޮކްޓަރ ބުނީ ކީކޭތޯ؟"
"މަސައްކަތް ބޮޑުކަމުން ހުރިހާ ކަމެއްވެސް ވަނީއޭ" އަނާ ކަނޑައެޅިގެން ދޮގެއް ހެދިއެވެ.
އެހެން އޭނާ ހެދީ، ބިއްލާ ކައިރީގައި ސާފުކޮށް މައްސަލަ އޮތްގޮތް ބުނެފިނަމަ ޚާން އާޞިފްގެ މުޅި އާއިލާއެކުގައި ބަޑިޖަހާ ދުއްވާލާނޭކަން އޭނާއަށް އެނގޭތީއެވެ. ބިއްލާގެ މިޒާޖް އޭނާއަށް ރަނގަޅަށް އެނގެއެވެ. އަދި ބިއްލާ އޭނާ ދެކެ ލޯބިވާ ވަރާއި އޭނާއަށް ޤަދަރު ކުރާ ވަރުވެސް އޭނާއަށް ވަޒަން ކުރެވެއެވެ. އަނާ އަދިވެސް ވަރަށް ގިނަ ކަންތައްތަކާމެދު ވިސްނަން ބޭނުންވެއެވެ. އެހެން ކަމުން އޭނާ އަނެއްކާވެސް ދިޔައީ އޮފީހަށެވެ.
އޭނާގެ ކޮޓަރިއަށް ދިޔުމަށްފަހު އިންޓަރކަމުން ޙަޔާމްއާ ގުޅާލިއެވެ.
"ކިހިނެއްތަވީ..."މިސްޓަރ ހަޔާމް؟"
"ގެއެއް ބަލައިފިން...މެޑަމް...ކުޑަކުޑަ އެކަމަކު ވަރަށް ރީތި ގެއެއް. ގޭގެ އަގު ނިމުނީ ފަސްލައްކަ ފަންސާސް ހާހަށް."
"ޗެކް މި ފޮނުވަނީ. ގޭގެ މިލްކުވެރިކަން ލިބިގަނޭ. އަހަރެން ހަމަ މާދަމާ އެ ގެއަށް ބަދަލުވާން ބޭނުންވޭ."
"އޯކޭ.... މެޑަމް."
އަނާ ޗެކްލިޔެފައި ހަޔާމް އަތަށް ގެންދިޔުމަށް ޖޫލީއާ ހަވާލުކޮށްފިއެވެ.
އަދި އެ ގެއަށްގޮސް ގޭތެރެ ޒީނަތްތެރިކޮށް ޑެކަރޭޓްކޮށް ހެދުމަށް އޭނާގެ މީހުންނަށް އަންގައިފިއެވެ. އެ ދުވަހުގެ މަސައްކަތް ތަކުން ނިމިގެން އަނާ ދިޔައީ ހޮޓެލް ޑިޕްރާންސްއަށެވެ. ބިއްލާވެސް ގޮވައިގެންނެވެ. ހޮޓެލް ޑައިނިންގ ހޯލްގެ މޭޒެއް ކައިރީގައި އިށީންދެލާފައި އަނާ ބުންޏެވެ.
"ބިއްލާ ކޮއްކޯ."
"ލައްބަ މައިބާޕް."
"މިއަދު އަހަރެމެން ދެ މީހުން ގެއިން އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއްވެސް ބޭނުންކޮށްގެން ނުވާނެ."
"ކީއްވެގެންތޯ؟" ބިއްލާ ސިއްސައިގެން ގޮސްފައި އަހާލިއެވެ.
"ރައްކައުތެރިވުމުގެ ގޮތުން ފެންފޮދެއް ހިސާބުވެސް ގެއިން ބޭނުންކޮށްގެން ނުވާނެ. ޚާއްޞަގޮތެއްގައި ގޭގައިއުޅޭ ނޯކަރުން އަތުން އެއްޗެއް ބޭނުންކޮށްގެން ނުވާނެ. ކޮންމެހެން ފެން ފޮދެއް ބޭނުންވެއްޖެނަމަ ކަލޭ އަމިއްލައަށް އިސްކުރުން ނަގައިގެން ބޭނުންކުރާތި!"
"އެކަމަކު...."
"އަޑުއަހަންއިނދޭ! މިއީ އެންމެ ދެތިން ދުވަހެއްގެ ކަމެއް. ގިނަވެގެންވާނީ ތިން ދުވަސް..އެހާތަނަށް އެހެން ގެއަކަށް ބަދަލުވާނަން... މި ދުވަސްކޮޅު އަހަރުމެންގެ ހެނދުނު ސަޔާއި މެންދުރު ކެއުމާއި އަދި ރޭގަނޑުގެ ކެއުން އަހަރެމެން ބޭނުންކުރާނީ ކޮންމެވެސް ހޮޓަލަކުން އެނގިއްޖެތަ! އަދި މިކަމާބެހޭގޮތުން ދެން އަހަރެންނާ އިތުރުވާހަކަ ނުދައްކާތި!" އަނާ ވާހަކަ ނިންމާލިއެވެ.
"އެންމެ ރަނގަޅު މައިބާޕް!"
"ކަލާގެ ޙުކުމް ކުރެއްވި ގޮތަކަށް!" ބިއްލާ ބޯޖަހާލާފައި ބުންޏެވެ.
(ނުނިމޭ)
haadha reechey shukuran