އަނާ - 31

(22 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚާންއާޞިފް އަވަސް އަވަހަށް ތެދުވެގެން ކޮޓަރިން ނުކުމެގެން އަނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ދޮރުގައި ޓަކި ޖަހާލިއެވެ.

"ވަންނަވާ ޚާން ޞާޙަބު!"

އެތެރެއިން އަނާ ބުނިއަޑު އިވުނެވެ.

ދެން ޚާންއާޞިފް ވަރަށް ހަމަޖެހިފައި ހުރިގޮތްދައްކަމުން ކޮޓަރި ތެރެއަށް ވަދެއްޖެއެވެ.

"އެ އަންހެންމީހާ ގަނޑު ކަލާ ކައިރިއަށް ދާނެކަން އަޅުގަނޑަށް އެނގޭ!"

"އަނާ ދަރިފުޅާ! އަހަރެން މިއައީ އާދޭހެއްކުރަން. އެ އާދޭހަކީ އެމީހާއާ އަރާރުންނުވުމަށް ކުރާއާދޭސް. ނޯރމަލް މީހެއްނޫން. އަބަދުވެސް ތަޅާފޮޅާ އުޅޭގޮތް ހުންނަމީހެއް. ކުދިކުދި ކަންތަކާވެސް ޒުވާބުކޮށް ގަޔަށް އަރާގޮތް ހުންނަ މީހެއް. އެހެންވީމާ އޭނާގެ ސަބަބުން ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބޭކަށް ބައްޕައެއް ނޭދެން. އޭނާ ދެން އެ ފަރާތުގައި އުޅުނަދީ. އޭނާގެ ދަރިފުޅު އަތުން އެއްވެސް އެއްޗެއް ނާތުލެވޭނެ."

އަނާ ހީނލާފައި ބުންޏެވެ.

"އަޅުގަނޑުގެ ފައިސާ ކޮޅު މިހާރު ބޭކުން ނަންގަވައިފިންތޯ؟"

"މާދަމާ އެފައިސާ ލިބޭނެ. މިހާރު ޗެކް ފޮނުވައިފިން. ދަރިފުޅާ! ބައްޕަގެ މިކުޑަކުޑަ އާދޭސް ވެސް ޤަބޫލު ނުކުރަނީތަ؟"

"އަޅުގަނޑު ވަރަށް ހިތާމަކުރަން މިސްޓަރ ޚާން ޞާޙަބު އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ. ކަލާއަކީ ނުހަނު ބޮޑު މުއްސަންޖެއް ނޫންތޯ ވީމާ އޭނާއަށް އެހެން ގެއެއް ބައްލަވައިގެން ދެއްވަން ވީނޫންތޯ. އެހާބޮޑު ޢަދަދެއް ހޭދަކުރައްވަންވެސް އަޅުގަނޑު ހުރަހެއްނާޅާ ހުރެދާނަން!"

"އަހަރެން އޭނާޔާ ތިޔަގޮތަށްވެސް ވާހަކަ ދައްކައިފިން. ނަމަވެސް އޭނާ ޤަބޫލެއްނުކުރި. އޭނާ ބުނަނީ ޖޫޑޯއާއި ކަރާޓޭ ދަސްކޮށްފައި ހުރިވާހަކަ. އަދި އެ ކަންތައްތައް ދަސްކުރީ މި ދުވަހަށް ޓަކައި ކަމުގައި އޭނާ ދެކޭކަމަށް."

އަނާ އަނެއްކާވެސް ހީނލާފައި ބުންޏެވެ.

"ތިޔައީ އަދި މާރަނގަޅު ޚަބަރެއް. ކަލާގެ ޅީ ދަރިކަނބަލުން ޖޫޑޯއާއި ކަރޭޓޭވެސް ދަސްކުރައްވާފައި ވާކަން އެނގިއްޖެ. އަޅުގަނޑު އެކަމާބެހޭ ގޮތުންވެސް ތައްޔާރުވާނަން. އެކަން އަޅުގަނޑު އަމިއްލައަށް ހަމަޖެއްސޭނެ. އެކަމާބެހޭ އެއްވެސް ކަމެއް ކަލާއަކަށް ޖެހިއެއް ނުލައްވާނެ"

"ޕްލީޒް އަނާ! އަހަރެން...."

ޚާންއާޞިފް ވާހަކަދައްކަން އުޅުނެވެ.

ނަމަވެސް އެ ވާހަކަ ހުއްޓުވާލާފައި އަތްއުފުލާލާފައި އަނާ ބުނަން ފެއްޓިއެވެ. "ހުރިހާ ގޮތަކުންވެސް ކަލާއާ ގުޅިގެން ކަލާއަށް އެހީތެރިވެގެން މަސައްކަތް ކުރުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް. އަދި އަބަދުވެސް ބައްޕައެއްގެ ގޮތަށް އަޅުގަނޑު ޢިއްޒަތްތެރިކޮށް ދެކޭނަން. ކަލާ އަޅުގަނޑާމެދު ޝަކްވާއެއް ކުރައްވާނެ ކަމެއްވެސް އަޅުގަނޑު ނުކުރާނަން. މާތް ޅީދަރިއެއްފަދައިން، އަދި ލޯބިވާ އުފަންދަރިއެއް ފަދައިން އަޅުގަނޑު ކަލާއަށް އިޙްތިރާމް ކުރާނަން. އެކަމަކު އެ އަންހެންމީހާ މި ގޭގައި އިނުން އެއީ އަޅުގަނޑަށް ޤަބޫލު ކުރެވޭނެ ކަމެއްނޫން... ދުނިޔޭގެ އެއްވެސް އަންހެނަކު އޭނާގެ ފިރިމީހާގެ ލޯބި ބައިބައި އަޅާކަށް ނުހުރެވޭނެ. އަދި އެކަން ބަރުދާސްތު ކުރާނެ އަންހެނަކު ދުނިޔޭގައެއް ނޫޅޭނެ. އަޅުގަނޑަށްވެސް އެކަން ޤަބޫލެއް ނުކުރެވޭނެ. އޭނާ ކަލާގެ ވާހަކަ ޤަބޫލު  ނުކުރާ ކަމަށްވާނަމަ އެކަމާ އަޅާނުލައްވާ..... އަޅުގަނޑަށް އަމުރުކުރަން ވެސް އެނގޭ....އަދި އޭނާ ލައްވާ އެކަން ޤަބޫލު ކުރުވަންވެސް އަޅުގަނޑަށް އެނގޭ. ދެން މިހާރު ބައްޕަ ދުރުވޭ. އަޅުގަނޑު އޭނާއަށް ޖޫޑޯއާއި ކަރާޓޭގެ އިތުރު ފިލާވަޅުތައް ދަސްކޮށްދީފާނަން"

އަނާ އަގައިން ޚާންއާޞިފަށް ޢިއްޒަތްތެރިކޮށްހިތާ ވާހަކައާއި އިޙުތިރާމްކުރާނެ ވާހަކަ އިވުމުން ޚާން ޞާޙަބު ވަރަށް އުފާވިއެވެ.

"ދަރިފުޅާ. އުފަލުންހުރޭ.  ރަނގަޅު ލޭ ހުންނަމީހުންގެ ކަންތައް ހުންނާނީ ތިޔަހެން. ދަރިފުޅާމެދު ބައްޕަމެންނަށް ކަންތައް ކުރެވުނު ގޮތާމެދު މިހާރު ތިޔަ މާފުކުރީ. އެއީ އަހަރެމެންގެ ހެވާއި ނަޞީބު. އެހެންނޫންނަމަ އަހަރެމެންނަކީ ވަރަށް ބޮޑެތި ކުށްކޮށްފައިވާ މީހުން. ދެން އޮތީ ޒުމައްރަދުގެ މައްސަލަ.... އަހަރެން މިދަނީ އޭނާގެ ބައްޕައަށް ފޯނުކުރަން. އޭރުން އޭނާ ބައްޕަ އައިސް އޭނާ ގޮވައިގެން ހިނގައިދާނެ"

"ވަރަށް ރަނގަޅު..އެކަމަކު އެކަންތައް ކުރިޔަށް އޮތް ދެ ގަޑިއިރު ތެރޭގައި ވާންވާނެ. އެހެންނޫނީ ކަލާއަށް ކާފަކިޔާ ފިރިހެން ދަރިފުޅު ކަލާއަށް ގެއްލެން ދިމާވެދާނެ!"

"ނޫން....ދަރިފުޅާ.... ދަރިފުޅު އެއްވެސް ކަހަލަ ގޯސްފިޔަވަޅެއް އަޅައިގެންނުވާނެ...އަހަރެން އަމިއްލައަށް އެ މައްސަލަ ހަމަޖައްސާނަން."

އެހެން ބުނެފައި ޚާން އާޞިފް ޒުމައްރަދުގެ ބައްޕަ އަސްރާރުލް ޙައްޤާ ފޯނުން ވާހަކަ ދައްކަނީއެވެ. އެވާހަކައިގައި އަސްރާރުލް ޙައްޤަށް މަޖުބޫރު ކުރަމުންދަނީ ވީހާއަވަހަކަށް އައިސް އޭނާގެ ދަރިފުޅު ކުޑަދުވަސް ކޮޅަކަށް އެ ގެއިން ގެންދިޔުމަށެވެ.

އަސްރާރުލް ޙައްޤަށް މައްސަލަ އޮޅުންފިލުވައި ދިނުމުގެ ގޮތުން ޚާންއާޞިފަށް ދިމާވެފައިވާ މަޖްބޫރީ ޙާލަތު އޭނާ ފޯނުން ކިޔައިވެސް ދީފިއެވެ.

ގަޑިން ނުވަގަޑި ބައިވީތަނާ ވަރަށް އަގުބޮޑު ކާރެއް ޚާންއާޞިފްގެ ގެއަށް އަތުވެއްޖެއެވެ. އެއީ އަސްރާރުލް ޙައްޤުގެ ކާރެވެ. ޒުމައްރަދުގެ ބައްޕަގެ ކާރެވެ.

އޭނާ ސީދާ ދިޔައީ ޒުމައްރަދުގެ ކޮޓަރިއަށެވެ. އޭނާގެ ބައްޕަ ކޮޓަރިއަށެވެ. އޭނާގެ ބައްޕަ އެކޮޓަރިއަށް ވަންތަން ފެނިފައި ޒުމައްރަދު ވަރަށްބޮޑަށް ޙައިރާންވިއެވެ.

"ބައްޕާ ކޮން ޙާލެއްތޯ؟" ހުރިހާ ކަމެއް ރަނގަޅު ދޮގެއްތޯ... ކުއްލިއަކަށް ތިޔަ ދުރުވީ އަނެއްކާ ކީއްވީތޯ؟"

"ދިހަ މިނެޓްތެރޭގައި ތައްޔާރުވޭ... ކުޑަދުވަސް ކޮޅެއްވަންދެން ދަރިފުޅު ބައްޕަމެން ކައިރިއަށްދާންވީ!".

 "ތިޔަ ކަމެއް ނުވާނެ... ކަނޑައެޅިގެން ތިޔަކަމެއް ނުވާނެ!"

ޒުމައްރަދު ހަޅޭއްލަވައިގަތެވެ.

"ތިޔަކަމެއް ނުވާނެ...އަޅުގަނޑަކީ ފިނޑިއެއް ނޫން...މިއީ އަޅުގަނޑުގެ ފިރިމީހާގެ ގެ.  އަޅުގަނޑު މި ގެއިން ދާނީ އަޅުގަނޑުގެ ފިރިމީހާ ގޮވައިގެން"

"މި ގެއަކީ ދަރިފުޅުގެ ފިރިމީހާގެ ގެ. އެކަމާމެދު އެއްވެސް ޝައްކެއްނެތް. ނަމަވެސް މިހާރު ކަންތައްތައް ދިމާވެފައި އޮތްގޮތުން މިކަން މިގޮތަށް ކުރަން ޚާންޞާޙަބަށް މަޖުބޫރުވެލައްވަނީ. އަބަދުވެސް ބައްޕަ ދަރިފުޅާމެދު ފަޚުރުވެރިވަން. މިފަހަރުވެސް ބައްޕަމެން އެދޭގޮތަށް ދަރިފުޅު ކަންތައް ކުރާނެކަމުގެ ޔަޤީންކަން ބައްޕައަށް އެބައޮތް. ހިނގާ ގެއަށް ގޮސްލަން...މިއީ ކުޑަދުވަސްކޮޅެއްގެ ކަމެއް އިތުރުވާހަކަތައް. ގެއަށްދިއައިމާ ބުނެދޭނަން...ދަރިފުޅާ...!"

"ބައްޕަމެން އެންމެން އެ އަންހެންމީހާ ގަނޑުދެކެ ތިޔަހާ ބޮޑަށް ތިޔަ ބިރުގަންނަނީ އޭނާގައި އަނެއްކާ ކޮންފަދަ ބާރެއް ހުރެގެންތޯ؟ ތިޔަހާ ކަންބޮޑުވެގެން ތިޔަ އުޅުއްވަނީ އޭނާއަތުގައި ކޮންމެވެސް ލިޔުންތަކެއް ހުރެގެން ނޫންތޯ؟ ހީކުރާގޮތް ދޯ. ތަޅާތަޅާ ބަލިކޮށްލާފައި ބޭރަށް އެއްލާލާފާނަން. ނިކަން އަޅުގަނޑާ ޙަވާލުކޮށްލައްވަބައްލަވާ. މިނެޓެއްގެ ތެރޭގައި އެ ލިޔުންތައްވެސް އަތުލެވިދާނެ..."

"ޙާލަތުގެ ސީރިއަސްކަން ދަރިފުޅަކަށް އެއްގޮތަކަށްވެސް ނުވިސްނޭ..ހިނގާ ގެއަށްދާން ގެއަށްގޮސް ވާހަކަ ދައްކާނީ.."

"ޕްލީޒް ބައްޕާ!" ޒުމައްރަދުގެ އަޑުގައިވަނީ އިޙުތިޖާޖް ކުރުމުގެ އަސަރެވެ.

"ރަނގަޅު ކުދީން ބޮޑެތި މީހުންގެ ބަސްއަހާނެ. ދަރިފުޅު ތިޔައީ ބައްޕަގެ ބަސްއަހާކުއްޖެއްނު. ހިނގާ ގެއަށްދާން ގެއަށްދިޔައީމާ ބައްޕަ މި ހުރިހާ ވާހަކައެއް ތަފްޞީލްކޮށް ދަރިފުޅަށް ކިޔާދޭނަން. ޚާންއާޞިފަށް ވެގެން އުޅޭގޮތް ވެސް އޮޅުން ފިލުވާ ދޭނަން. އޭނާގެ ހުރިހާ ޢިއްޒަތަކާއި ޤަދަރެއް އަދީ ކީއް! އޭނާގެ ފުރާނަވެސް މިހާރުވަނީ އެ އަންހެންމީހާގެ އަތުގައި.  މިވަގުތު އޭނާވަނީ ހުރިހާ ގޮތަކުން ބަރުބާދުވެފައި"

"ބައްޕާ އަޅެ އަޅުގަނޑަށް ކިޔައިދެއްވަ ބައްލަވާ. އަންނަން މިއުޅެނީ ކޮންކަހަލަ ޤިޔާމަތެއްތޯ؟" ޒުމައްރަދު އަނެއްކާވެސް ބުންޏެވެ.

"ގެއަށްގޮސްފައި...މިތާކުނޫން...." އަސްރާރުލް ޙައްޤު ބުންޏެވެ. ޒުމައްރަދު އޭނާގެ ސާމާނު ފޮށްޓަކަށް އަޅާލައިގެން ދާން ތައްޔާރުވެއްޖެއެވެ. އަދި އޭނާގެ ބައްޕައާއެކު ގެއަށް ދިއުމަށްޓަކައި ކޮޓަރީން ނުކުމެއްޖެއެވެ.

އަސްރާރުލް ޙައްޤު ހުރީ އޭނާގެ ކާފަދަރިފުޅު އުރާލައިގެންނެވެ.

އޭރު އަނާ ކޮޓަރީ ދޮރުމަތީގައި އެމީހުންނާ ދިމާއަށް ބަލަން ހުއްޓެވެ. އޭނާގެ ތުންފަތްމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެވެ.

ޒުމައްރަދު އޭނާގެ ބައްޕައާއެކު ކުރިއަށްދަމުން ދަމުންގޮސް ކުއްލިއަކަށް ހުއްޓިއްޖެއެވެ.

އަދި.....

އާނާއާ ދިމާއަށް ލޯބޮޑުކޮށްލާފައި ބުންޏެވެ.

"ބައްޕަ މަޖްބޫރު ކުރެއްވީ އެހެންނޫންނަމަ ނިކަން ކުޅިދައްކާލީމުސް"

އަނާ ހީނލާފައި ބުންޏެވެ.

"ކަލޭގެ ބައްޕައަށް ކަލެއަށްވުރެ ބޮޑަށް ވިސްނޭ. އަދި ކަލޭގެ ބައްޕައަކީ ދުރުވިސްނާ މީހެއް"

"ކަލެއަށް ފެންނަނީ އަހަރެންނަކީ ނުވިސްނޭ މީހެއް ކަމަށްދޯ!"

"ނޫން..ނޫން...ހަމައެކަނި ނުވިސްނޭ މީހެއް ކަމަކަށްވެސް ނޫން އަދި ކީއް. އެއްވަނަ ދަރަޖައިގެ މޮޔައެއްކަމަށް. އަމިއްލައެދުން ބޮޑު ތަންދޮރު ނޭނގޭ މީހެއް ކަމަށް ޒުމައްރަދު ރޭސްވާގޮތްވެއްޖެއެވެ.

އޭނާގެ ކަރުގެ ތެރެއިން ހަޅޭކުގެ އަޑު ނުކުމެގެން ދިޔައެވެ. އަދި  ފުންމައިގެން ދިޔަކަހަލަ ގޮތަކަށް އަނާއާދިމާއަށް ޖެހިގެންފިއެވެ.

"ކަލޭ ދޫކޮށެއް ނުލާނަން"

އޭނާ އަނާގެ ގައިމައްޗަށް ޖެހިގެންފިއެވެ.

ނަމަވެސް.....

ދެން އިވުނީ ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑެވެ. އޭނާގެ ބަނޑުގައި އަނާ ޖެހިލެއް ބާރުކަމުން ޒުމަރަދު ކޮލެޖުގައި އުޅުނު ދުވަސްވަރު ދަސްކޮށްފައި ހުރިހާ ޖޫޑޯއަކާއި ކަރާޓޭ ހަނދާން ނެތުނީ ކަހަލައެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ޒުމައްރަދު ބިންމައްޗަށް ވެއްޓިއްޖެއެވެ.

އަސްރާރުލް ޙައްޤަށްވެސް ހަޅޭއްލަވައި ގަނެވިއްޖެއެވެ.

އަނެއްކޮޅުން ޚާން އާޞިފް ވެސް ދުވަމުން ދުވަމުން އަތުވެއްޖެއެވެ. ދަރުދަނާ ބޭގަމްއާއި ޢާޝީވެސް ކޮޓަރިން ނުކުމެއްޖެއެވެ. މަންޡަރަކީ ޢަޖައިބުވާފަދަ މަންޡަރެކެވެ.

ޒުމައްރަދު ބިންމަތީގައި އޮވެގެން ކުކުރަނީއެވެ. އަސްރާރުލްޙައްޤު އެއްއަތުން ކާފަދަރިފުޅު ހިފަހައްޓައިގެން ހުރެ އަނެއްއަތުން އޭނާގެ ދަރިފުޅު ނެގޭތޯ މަސައްކަތް ކުރަނީއެވެ. ދަރުދަނާ ބޭގަމްއާއި ޢާޝީ ދުވަމުން ކަހަލަ ގޮތަކަށް އެ މީހުން ކައިރިއަށް އަންނަނީއެވެ. ޢާޝީއަށް އެހިސާބަށް އާދެވުމާއެކު ހުއްޓެވިއްޖެއެވެ. ދަރުދަނާ ބޭގަމް ޒުމައްރަދު ގައިގައި ހިފަހައްޓައިގެން އޭނާ ނަގައިފިއެވެ.

އަސްރާރުލް ޙައްޤު އަނާއާ ދިމާއަށް ކަޅިއަޅަމުން ބަލަމުން ގެންދިޔައެވެ. އަނާ ހިމޭންކަމާއެކު އޭނާގެ ކޮޓަރީގެ ދޮރުމަތީގައި ޒުމައްރަދާ ދިމާއަށް ބަލަން ހުއްޓެވެ.

"ކަލޭ... ނުލަފާ....އަންހެނާ..ކަލޭގެ ނުބައިކަން.....މީ ޚާން އާޞިފްގެ ދަރިއެއްނޫން...މިއީ އަސްރާރުލް ޙައްޤުގެ ދަރިއެއް އަހަރެންގެ ދަރިއެއް..ކަލެއަށް ޓަކައި ދިރިއުޅުމަކީ ހަރާން އެއްޗެއް ކަމަށް އަހަރެން ހަދާފާނަން. ނުބައި. ނުލަފާ..."

މި ހުންނެވި ރަނގަޅު އިންސާނާ..ކަލޭގެ ދަރިފުޅު އަހަރެންނާ ހަމަލާދޭން އުޅުނީ. އަދި އަހަރެންގެ ގަޔަށް އެރީ..އެހުރިހާކަމެއް ހަމަ ކަލޭގެ ދެ ލޮލުންވެސް ދެކޭނެ. މިހާރު ދެން އަހަރެން ކުށްވެރި ކުރަން ތިޔައުޅުވަނީ ކީއްވެގެން؟"

އަނާ މިހެންބުނީ ވަރަށް ފިނި ގޮތެއްގައެވެ.

"ބަލަން ހުރޭ...ހަމަޔަޤީނުންވެސް އަހަރެން ކަލޭ ދެކޭނަން...ޚާން އާޞިފް ކަލޭ ދެކެ ބިރުގަތަސް އަހަރެން ކަލޭ ދެކެބިރެއް ނުގަންނަން.. އޭނާއަށް ޓަކައި ކަލެއަކީ މަރުކަމުގައި ވިޔަސް އަހަރެންނަށް ކަލެއަކީ ހަމައެކައްޗެއްވެސް ނޫން...އަހަރެންގެ ދަރިފުޅަކީ ވަރަށް ވަހްޝީ ކުއްޖެއް...އޭނާ ކަލޭ އަތުން ބަދަލު ހިފާނެ  ...ކަލޭ މި ގެއިން ނެރެގެން ނުގެންދިޔައްޔާ އަހަރެންގެ ނަމަކީ އަސްރާރުލް ޙައްޤެއް ނޫން.."

އެހާތަނަށް ދިޔައިރު ޚާންއާޞިފް އެތަނަށް އަތުވެއްޖެއެވެ. އަދި ބުނަން ފެއްޓިއެވެ. "އަސްރާރުލް ޙައްޤު! ކުށްކުރީ ޒުމައްރަދު އަހަރެންވެސް ހުރީ ދޮރުމަތީގައި. ކަން ހިނގިގޮތް އަހަރެންވެސް ދުށިން. ވީމާ އަރާރުންވާނެ ތަނެއްނެތް. ދެން އޮތީ ކަލޭގެ ދަރިފުޅުގެ ވަޙްޝީކަން. ޚާންއާޞިފަކީ އެހާ ދަށުދަރަޖައިގެ މީހެއްނޫން..އެހެންމީހަކު އޭނާގެ ޅީދަރިފުޅުގެ ގަޔަށް އަރާކަށް ތަނެއް ނުދޭނެ. ދެން މިހާރު ވީހާ އަވަހަށް ކަލޭގެ ދަރިފުޅުގޮވައިގެން ކަލޭ މިތަނުންދޭ! އަހަރުމެން އުޅުނީ މާތްމީހުންގެ ގޮތުގައި މިކަންތައް ނިންމާލެވޭތޯ. ނަމަވެސް ކަލޭގެ ދަރިފުޅުގެ ވަޙްޝީކަމުން އެކަންތައް އެހެންވެސް ނުނިންމުނީ."

"ކަ..ކަ...ކަލާ ތިޔަ ބުނުއްވަނީ ކީކޭތޯ ޚާން އާޞިފް" އަސްރާރުލް ޙައްޤަށް ހަޅޭއްލަވައިގަނެވުނު ކަހަލައެވެ. އޭނާއަށް އިވެމުންދިޔަ ވާހަކަތައް ޤަބޫލު ނުކުރެވެނީ ކަހަލައެވެ.

 "އާނ! މިހެން މިބުނަނީ އަހަރެން އަދި އަހަރެން މިބުނަނީ ހަމަރަނގަޅަށް. ކަލޭ މިހާރު ކަލޭގެ މި ބަލާވެރިކަން ގޮވައިގެން މި ގެއިން ދޭ .އަދި ދެން އޭނާ މި ގެއަށް ފޮނުވަން އެއްގޮތަކަށް ވެސް އުޅެގެނ ްނުވާނެ..ވިސްނިއްޖެތަ!"

"ޚާން އާޞިފް!" އަސްރާރުލް ޙައްޤުވެސް ވަރަށް ބާރަށް ގޮވާލިއެވެ. ހަޅޭއްލަވައިގަތް ހެންނެވެ.

(ނުނިމޭ)

ނޯޓު: މި ވާހަކަ މިއަދުން ފެށިގެން ޖަހަމުން ގެންދާނީ ކޮންމެ ހޯމަ، ބުދަ، ހުކުރު ދުވަހަކުއެވެ.

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.