(5 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޢާޝީއަށް ރޮވޭ ގޮތް ވެއްޖެއެވެ. ޚާންއާޞިފް ސިއްސައިގެން ދިޔައެވެ. ހީވަނީ ޢާޝީ ހުރިކަން އޭނާއަށް ކުރިން ނޭނގެނީ ހެންނެވެ. އެކަމަކު މިހާރު އެނގިއްޖެއެވެ. އަދި އޭނާގެ ރުޅި ވަކިން އިތުރުވެއްޖެއެވެ. ހުޅުކޮޅެއް ކަހަލަ ލޮލަކުން ޢާޝީ އާދިމާއަށް ބަލާފައި ބުންޏެވެ.
"ކަލޭ ތިޔަ ކިޔަނީ ކީކޭތަ؟"
"އަޅުގަނޑު މި ބުނަނީ ކުށްވެރިއަކީ އަނާ ދައްތައެއް ނޫނޭ. މިއަދު މި ގޭގައި އެ ނުލަފާ ބިއްލާ ނެތްނަމަ ކަންތައްވީހީ ކިހިނެއްތޯއޭ؟ އެހެންނަމަ ކަންތައް ވާނޭގޮތް ބައްލަވަން ބައްޕައަށް ހުންނެވޭނެތޯ ނުވަތަ އެގޮތް ވާން ބައްޕަ އެދިލައްވާނެތޯ؟"
"ކަލޭ މި ކޮޓަރިން ނުކުމޭ އަދަބެއްނެތް ބަސްނާހާ ކުއްޖާ. ހަމަ މިހާރު މި ކޮޓަރިން ނުކުމެގެން ދޭ! ޚާން އާޞިފް ހަޅޭއްލަވައިގަތްލެއް ބާރުކަމުން އޭނާގެ އަޑުވެސް ހަލާކުވިކަހަލައެވެ. ޢާޝީ ބިރުން ހުރެ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ އެތަނުން ސީދާ ދިޔައީ އަނާ ކޮޓަރިއަށެވެ.
އަނާ ކައިރިއަށް ދިޔުމާއެކު ޢާޝީ އަޑުން އަޑުނަގާ ރޯން ފަށައިފިއެވެ.
"އޭ ބަލަ.. ބަލަ... ކީއްތަވީ!" އަނާ ކަންބޮޑުވެގެން އަހާލިއެވެ.
ނަމަވެސް....
ޢާޝީ ހަމަ ރޮނީއެވެ. އެތައް އިރަކު ރޮއިރޮއިފައި ބުންޏެވެ.
"ބައްޕަ އަޅުގަނޑާ ދިމާއަށް އެއްޗެތި ކިޔުއްވާފައި ކޮޓަރިން ބޭރަށް ލެއްވީ! ކީއްވެގެން؟" އަނާ ޙައިރާންވެފައި އަހާލިއެވެ.
ދެން ޢާޝީ ހުރިހާ ވާހަކައެއް އަނާއަށް ކިޔާދިނެވެ. އަދި ބުންޏެވެ. ބޭބެ ދައްތަ ދެން މި ގެއިން އިހަށް ދުރުވޭ. މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ދުރުވޭ. ބައްޕަ އުޅުއްވަނީ ދައްތައަށް ގެއްލުން ދެއްވަން. ބައްޕަ ހުންނެވީ ވަރަށް ރުޅި ދުރުވެފައި."
"ޤުދުރަތަކީ މާ މަތިވެރި ބާރެއް! އާޝީ! ކަންބޮޑުނުވޭ! ހުރިހާކަމެއް ރަނގަޅުވެދާނެ!" އަނާ ޢާޝީ ހިތްހަމަޖައްސާދޭން މަސައްކަތްކުރިއެވެ. ވިސްނާދެވޭތޯ ބެލިއެވެ.
ނަމަވެސް ޢާޝީ ބުނަމުން ދިޔައީ ވަގުތީގޮތުން ނަމަވެސް އަނާ ކޮންމެވެސް އެހެންތާކަށް ދިޔުން ރަނގަޅުކަމަށެވެ. ބިއްލާ އެނބުރި އަތުވެއްޖެއެވެ. އަދި އަނާގެ ކިބައިން ހުއްދަ ލިބިގެން ކޮޓަރިއަށް ވަދެއްޖެއެވެ.
"މިހާގިނައިރުވީ ކޮންތާކަށް އެ މީހުން ގެންދިޔައީ؟"
"ޓެކްސީ ދުއްވާ މީހަކާ ސަތޭކަ ރުފިޔާގެ ނޫޓަކާއެކު، އެ ދެ މީހުން ޙަވާލުކޮށްފައި. ކައިރި ކޮންމެވެސް ހޮސްޕިޓަލަކަށް ގެންދަން ބުނީ. އެއީ ކޮންބައެއްތަ؟ މައިބާޕް!"
އެއީ އަހަރެންގެ ފިރިމީހާ އިނދެގެން އުޅޭ އަނެއް އަނބިމީހާގެ ބޭބެ! ހޫނ...". ބިއްލާ ބޯ ހޫރުވާލާފައި އެނބުރި ދާން ހިނގައިގަންނަމުން ބުންޏެވެ.
"އަޅުގަނޑު މި ދަނީ. އަޅުގަނޑުގެ ކޮޓަރިއަށް ކަމެއް ބޭނުންވެއްޖެނަމަ ގޮވާލައްވާ!"
އޭނާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ވަނީ ހިމޭންކަމެވެ. ނަމަވެސް އެ ހިމޭންކަން މާގިނަ އިރަކު ދެމިއެއް ނޯތެވެ. ވަރަށް ވާރަށް ހިނގާފައި އަންނަ ބަޔަކު ކޮޓަރިއާ ދިމާއަށް އަންނަ އަޑުއިވިއްޖެއެވެ.
"އަނެއްކާ އެއީ ކޮން ބައެއްބާ!" ޢާޝީ ބިރުގެންފައި އަހާލިއެވެ. އަނާ ހަމައެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. އެއާއެކު އޭނާގެ ޙިއްޞުތައް އަންނަން މިއުޅޭ ކަންތަކާމެދު ހޭލައްވަމުން ގެންދިޔައެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އަދި ދޮރު ހުޅުވާލުމާއެކު އެސް.ޕީއާއި އެހެން ސަބްއިންސްޕެކްޓަރެއް ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އަދި އެ މީހުންގެ ފަހަތުންއައި ފުލުހުންގެ އިތުރު ދެ މީހަކު ކޮޓަރިން ބޭރުގައި ދޮރުމަތީގައި ހުއްޓިއްޖެއެވެ.
އެސް.ޕީ އަނާއާއި ދިމާއަށް ކަޅިއަޅާލާފައި ބަލަމުން ގެންދިޔައެވެ. އަނާވެސް ހަމަ އެގޮތަށް އެސް.ޕީއާ ދިމާއަށް ބަލަނީއެވެ. ޢާޝީ ބިރުން އެއްފަރާތަކަށް ޖެހިލައިގެން ހުއްޓެވެ. އިރުކޮޅެއްވެފައި އެސް.ޕީ ވާހަކަ ދައްކަން ފެއްޓިއެވެ.
"ކަލެއާއި ކަލޭގެ އެކުވެރިޔާ މިގޭގައި ދެމީހަކު މަރާލަންވެގެން މަސައްކަތް ކޮށްފީމެއްނު؟ މި ތަނުގައި މިހިރީ ކަލޭ އެކަނި މިހާރު ކަލޭގެ އެކުވެރިޔާވީ ކޮންތާކު؟" އަނާ ފުން ނޭވާއެއްލިއެވެ. ޚާންއާޞިފް ރާވާފައި މި އޮތީ އޭނާ ވެސް ބައްދާލާގޮތަކަށް ކަން އޭނާ އަށް ވިސްނިއްޖެއެވެ. އެހެންކަމާއެކު ވަރަށް ހަމަޖެހިލާފައިވާ ގޮތެއްގައި އަނާ ބުނެލިއެވެ.
"ޢާޝީ! ބިއްލާ ގޮވައިގެން އައިސްބަލަ!"
އަނާ އެހެން ބުނުމުން ޢާޝީ އަވަސް އަވަހަށް އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ދެން ... އަނާ އިތުރު އެއްޗެއް ނުބުނެއެވެ.
އެސް.ޕީ އަނާއާ ދިމާއަށް ކަޅިއަޅާލާފައި އަނެއްކާވެސް ބުންޏެވެ.
"ކަލޭގެ މައްޗަށް މީހަކު މަރަން ރޭވުމުގެ ކުށް ތުހުމަތުކުރެވޭ. އެހެންވީމާ އަހަރެމެން ކަލޭ މި ހައްޔަރު ކުރަނީ..."
"އަޅުގަނޑާއެކު އަޅުގަނޑުގެ އެކުވެރިޔާވެސް ހައްޔަރު ކުރައްވާ!"
"އާނ... އޭނާވެސް މިހާރުވަނީ އަހަރެމެންގެ ބެލުމުގެ ދަށުގައި.." އެސް.ޕީ އަނާ ބުނިއެއްޗެއް ރަނގަޅަށް ނޭނގި ވަރަށް ބާރަށް ބުންޏެވެ. އެ ވަގުތު ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވާލާފައި ބިއްލާ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އަދި އޭނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަނާ އޭނާއާ ވަހަކަ ދައްކަން ފެއްޓިއެވެ.
"ބިއްލާ! މި ތިއްބެވި ޤާނޫނު ރައްކައުތެރި ކުރައްވާ ދެ ބޭކަލުން ދުރުވެ މިތިއްބެވީ މީހަކު މަރާލަން ރޭވިކަމުގެ ކުށުގައި އަހަރެމެން ދެ މީހުން ހައްޔަރުކުރައްވަން.... އަދި އަހަރެން ބޭނުންވަނީ އެ މީހުން ލައްވާ ހައްޔަރު ވެވިގެން ދާން ..އެކަމަކު އޭގެކުރިން އަހަރެން އެދޭ ކަމެއް އެބައޮތް... އެއީ އެއްވެސް އަންހެނެއްގެ ކޮޓަރިއަށް އަމުރު ނުހޯދާ ވަނުމަކީ ކޮށްގެންވާނޭ ކަމެއްކަން އެ ދެ މީހުންނަށް އަންގާލަދިނުން....."
އެކޮޅުން އަނާގެ ވާހަކަ ކޮޅު ނިމުނު އިރު މި ކޮޅުން ބިއްލާ ޙަރަކާތްތެރި ވެއްޖެއެވެ. ހަމަ އެ ވަގުތު ކުއްލިއަކަށް އެސް.ޕީގެ ކަމަރުގައި ވާހޮލްސްޓަރުގައި ހުރި ރިވޮލްވަރު އެ ހޮލްސްޓަރުން ވަކިވެގެން ގޮސް އޮތީ ބިއްލާގެ އަތުގައެވެ. އަދި އެރިވޮލްވަރުގައި އެސްޕީއާ ދިމާއަށް ދިއްކޮށްލެވިފައެވެ. މި އަވަސް ޙަރަކާތް ބިއްލާ ހިންގިގޮތެއް އެސް.ޕީ އަކަށްވެސް ނޭނގުނެވެ. އޭނާ އެކަމާ ޙައިރާންވެފައި ހުއްޓާ ބިއްލާ ބުންޏެވެ.
"މަޑުންތިބޭ...ހަޅޭއް ނުލަވާ! އާނ އަދި ބުނަން. ސަބްއިންސްޕެކްޓަރު ވެސް ކަލޭގެ ރިވޮލްވަރު އަހަރެންނާ ދިމާއަށް އެއްލާ. އެހެންނޫނީ ކަލޭގެ ވެރިމީހާގެ ގަޔަށް އުންޑައެއް ފޮނުވާލަފާނަން..... އަހަރެންގެ ނަމަކީ ބިއްލާ. ނުލަފާ ބިއްލާ. މީހުން މަރާ ބިއްލާ."
ބިއްލާގެ ވާހަކަތައް ވަރަށް ބިރުވެރިއެވެ. އެހެންކަމުން ހިތާ ދެކޮޅަށް ނަމަވެސް ސަބް އިންސްޕެކްޓަރަށް ޖެހުނީ އޭނާގެ ރިވޮލްވަރު ވެސް ހޮލްސްޓަރުގެ ނަގާފައި ދޫލަމައްޗަށް އެއްލާލާށެވެ.
އެސް.ޕީ ވެސް ކުރާނެކަމެއް ނެތިގެން ހިމޭނުން ހުރީއެވެ.
ބިއްލާ ކުރިއަށް ޖެހިލާފައި އަނެއް ރިވޮލްވަރުވެސް އަތަށް ނެގުމަށްފަހު ބުންޏެވެ.
"މިހާރު ދެން ތިޔަބޭކަލުން އިށީންނަވަން ވީނޫންތޯ؟ ދެން ވާހަކަ ވެސް ދައްކާލެވިދާނެ..."
އެސް.ޕީ ވަރަށް ރުޅި އައިސްފައިވާގޮތެއްގައި ބިއްލާއާ ދިމާއަށް ބަލާލާފައި މަޑުމަޑުން އެ ތާނގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ކަލޭވެސް އިށީނދޭ...ސަބްއިސްޕެކްޓަރ!" ބިއްލާ ރިވޮލްވަރު ދިއްކޮށްލާފައި ބުންޏެވެ.
ދެން އޭނާވެސް އެސް.ޕީ އާތަންކޮޅެއް ދުރުގައި އިށީންދެއްޖެއެވެ. ބިއްލާ ނުލާހިކު ބޮޑަށް ހަމަޖެހިލައިގެންހުރެ ކޮޓަރީގެ ދޮރު އެތެރެއިން ތަނޑުއަޅުވާ ބަންދުކޮށްލައިފިއެވެ. އެހެން މީހަކަށް އެކަން އިޙްސާސްވެސް ނުކުރޭ ކަހަލަ ގޮތަކަށެވެ. އެއަށްފަހު އޭނާ އަތުގައި އޮތް ދެ ރިވޮލްވަރުން އެކަތި އަނާ އަތަށް ދީފައި ބުންޏެވެ.
އަނާ ރިވޮލްވަރު ހިފައިގެން ޢާޝީއާއެކު ޖެހިގެން ހުރި ކޮޓަރިއަށް ހިނގައްޖެއެވެ.
"ލައްބަ...މިސްޓަރ އެސް.ޕީ.... އެންމެ ފުރަތަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ވާހަކައެއް ކިޔާދޭނަން. އަޅުގަނޑު އުއްމީދު ކުރަނީ އެއަށްފަހު ރަޙްމަތްތެރި އެކުވެރި މާޙްވްލެއްގައި އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވިދާނެކަމަށް......މިހެން ބުނެފައި ބިއްލާ އޭނާގެ އަތުގައި އޮތް ރިވޮލްވަރ ޙަރަކާތްކޮށްލިއެވެ. އަދި އޭނާގެ ވާހަކަ ކުރިއަށްގެންދިޔައެވެ.
"އަޅުގަނޑުގެ ނަމަކީ ބިއްލާ! އަޅުގަނޑު ރާބޮއި، ޖުވާކުޅެ ހަދައިގެން އެންމެފުރަތަމަ ފަހަރު އަޅުގަނޑު ޖަލަށް ލެވުނު ތިންމަސް ދުވަހަށް، އެފަހަރު އަޅުގަނޑަށް ޤާނޫނުގެ މުހިއްމުބައެއް ދަސްވި. އެ ދަސްވިބަޔަކީ ފުލުހުންގެ މީހުންނަށް ދޭންޖެހޭ ޙިއްޞާދީގެން އަޅުގަނޑުގެ ކަންތައްތައް ކުރަމުން ކުރިއަށް ގެންދެވިދާނެކަން.... އެކަމަކު އޭގެފަހުން އެއްފަހަރަކުވީ ގޮތަކީ އެއް ހިސާބެއްގައި އުޅޭ ފުލުހުންގެ އިންޗާރޖަކަށް ދޭން ޙިއްޞާ ވަގުތުން ނު ފޮނުވުނީ.... އެހެންވީމާ ބަދަލުހިފާ ގޮތް ދިމާވެއްޖެ. އަނެއްކާވެސް އަޅުގަނޑު ހައްޔަރުވީ. އެފަހަރުވެސް ތިން މަސްދުވަހަށް ޖަލަށްލީ ނަމަވެސް އެފަހަރު އެތަނުން ވީ ކިހިނެއްތަ؟
(ނުނިމޭ)
varahves reethi thankolheh kurukamah faahakurey shukuran
ވާހަކަ ހަމަ ހަބޭސް ކިޔަންލިބުނު ތަންކޮޅު ކުރީ
ވަރަށްރީތި ޝަވްގުވެރިކަންހުރި ޢިބުރަތްތެރި ވާހަކަ
އެއް
ބިއްލާ ޚާން އާސިފު އޭނާގެގޮތުގާ ތެދުވެއްޖެ!
ބިއްލާގެ ހުރިކުޅަދާނެކަމެއް ބިއްލާ އަޅެދައްކާދީބަލަ!
ހިއެއްނުވޭ މިފަހަރު ސަހަލުގޮތަކަށް މިކަންތައްދާނެ
ހެން!
ވާހަކަ ވަރަށްރީތި ުު!
ހާދަ ކުރޭ!!