ޓީސީއާއި ބެންގަލޫރު މާލޭގައި ބައްދަލުކުރާ މެޗަށް ހުރަހެއްނެތް: އޭއެފްސީ

އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިޔާގެ ބެންގަލޫރު އަންނަ އަންގާރަ ދުވަހުގެރޭ މާލޭގައި ބައްދަލު ކުރަން ޖެހޭ މެޗް ކުޅެން އެއްވެސް ހުރަހެއް ނެތްކަމަށް އޭޝިޔާގެ ފުޓްބޯޅައިގެ މައިއިދާރާ އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިއްޔެ ބުނެފިއެވެ.

އޭއެފްސީއިން މިހެން ބުނެފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ކުއްލި ބަދަލަކ ގުޅިގެން ސަރުކާރުން މާލޭގައި ކުއްލި ހާލަތުގައި އިއުލާން ކޮށްފައި ވީނަމަވެސް ރާއްޖޭގެ ދިފާއީ ބާރުން މިމެޗުގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭއެފްސީއަށް ދިނުމުންނެވެ.

ޕްލޭ އޮފް ދެވަނަ މެޗުން ޓީސީ ޖާގަ ހޯދީ އެޓީމު ކުޅުނު ޕްލޭއޮފް ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ އަލްސައިފްގެ މައްޗަށް 4-1 ގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝްގައި 1-0 އިން ޓީސީ މޮޅުވިއިރު ދެވަނަ މެޗުގައި ރާއްޖޭގައި ކާމިޔާބު ކުރީ 3-1 އިންނެވެ. ބެންގަލޫރު އެފްސީ ޕްލޭއޮފް ދެވަނަ މެޗަށް ކޮލިފައިވީ ފުރަތަމަ ޕްލޭއޮފްގައި ބޫޓާނުގެ ތިމްޕޫގެ މައްޗަށް 3-0 ގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ.

ރާއްޖެއިން އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގައެއް ލިބުނީ ލީގް ޗެމްޕިއަން ނިއުރޭޑިއަންޓަށެވެ. ނިއުރޭޑިއަންޓް ވަނީ 2005 ވަނަ އަހަރު އޭއެފްސީ ކަޕުގެ 3 ވަނަ މަގާމު ހޯދާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.