ބްލޫ ރިބަން: ފޯޅަވަހިމީހުން ނަކަތްގެ ލެއްވުން

ފޯޅަވަހި

ފޯޅަވައްސަކީ ، އައްޑުއަތޮޅުގެ ދެކުނުން 455 ކިލޯމީޓަރު ދުރުގައި އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާއެކެވެ. 18 ވަނަ ޤަރުނުގެ ފަހުކޮޅާ ހަމަޔަށް ފޯޅަވަހީގައި މީހުން ދިރިއުޅުނުކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ. 16 ވަނަ ޤަރުނުގެ ތެރޭގައި ފޯޅަވަހި އޮތީ ޕޯޗުގީޒުންގެ އަތްދަށުގައެވެ. 18 ވަނަ ޤަރުނުގެ ތެރޭގައި ފަރަންސޭސީންގެ އަތްދަށުގައެވެ. އަދި 19 ވަނަ ޤަރުނުގެ ކުރީކޮޅުއްސުރެ އިނގިރޭސީންގެ އަތްދަށުގައެވެ. އެޖަޒީރާގެ އެންމެ ބޮޑުރަށްކަމުގައިވާ ޑިއޭގޯ ގާސިއާގައި މިހާރު އުޅެނީ ، އެމެރިކާމީހުންގެ ދިފާޢީ ވައިގެ މަރުކަޒެއް ޤާއިމްކޮށްގެންނެވެ.

ފޯޅަވަހީގައި މީހުން އާބާދުވެގެންދިޔައީ ، 1793 ގައެވެ. އެއީ ފަރަންސޭސީން ކުފުރާގެ ވިޔަފާރި ކުރުމަށްޓަކައި އެމަސައްކަތަށް ގެންދިޔަ އަޅުމަސައްކަތު މީހުން އެރަށް އަޅައިލުމުންނެވެ. އަޅުން ގެންދެވުނީ އެފްރިކާގެ ޤައުމުތަކުންނެވެ. 19 ވަނަ ޤަރުނުގެ ކުރީކޮޅު ، އިނގިރޭސީން ފޯޅަވައްސަށް ވެރިވުމަށްފަހު ، ދެކުނު އިންޑިއާއިން ދަނޑުވެރިކަމުގެ މަސައްކަތަށް މީހުން ގެންދިޔައެވެ. އެއަށްފަހު އެފްރިކާމީހުންނާއި ދެކުނު އިންޑިއާމީހުން ކައިވެނިކޮށް މަސްހުނިވެ ، އާބާދީ އިތުރުވެގެންދިޔައެވެ.

ބޭރުގެ އެކިފަރާތްތަކުން ކުރަހާފައިވާ ޗާޓުތަކުގައި ދިވެހިރާއްޖޭގެ ބައެއްގެ ގޮތަށް ފޯޅަވަހި ކުރާހާފައި އެބަހުއްޓެވެ. އަދި ބޭރުމީހުން ލިޔެފައިވާ އެކި ލިޔުންތަކުގައިވެސް ފޯޅަވައްސަކީ ، ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ސިފަކޮށްފައި އެބަހުއްޓެވެ. އިހުޒަމާނުގައި ، ރާއްޖެއާ ބެހޭގޮތުން ބޭރުމީހުން ލިޔެފައިވާ އެހުރިހާ ލިޔުންތަކެއް އެއީ މުޅިން ޞައްޙަ މަޢުލޫމާތުކަމަށް ބެލުމަކީވެސް އެންމެ ރަނގަޅު ގޮތްކަމަށް ބަލާކަށް ނުވާނެއެވެ. އެހެނީ ، އެހުރިހާ ލިޔުމެއް ލިޔެވި ޗާޓުތަކެއް ކުރެހިދިޔައިރު ، ދުނިޔޭގެ ބޮޑެތި ބާރުތަކުން ، ފޯޅަވަހި ހިފައި އެރަށްތަކުގެ މައްޗަށް އޮތީ ވެރިވެފައެވެ. ފޯޅަވައްސާ ބެހޭގޮތުން ، ޤާނޫނީ އެކިނިންމުންތައް ނިންމައި އެކި ކޯޓުތަކުންނާއި އދ ގެ އިދާރާތަކުން އެކިނިންމުން ނިންމައި ، އެކި ޤައުމުތަކުގެ މެދުގައި އެއްބަސްވުންތައް ހެދިފައި އެބަހުއްޓެވެ. އެދުވަސްވަރު ، އެހުރިހާކަމެއް ހިނގައިދިޔައިރުވެސް ، ފޯޅަވައްސަކީ ، ދިވެހިންގެ ތަނެއްކަމަށް ބަލައި އެރަށްތަކުގެ މައްޗަށް ދިވެހިން ދަޢުވާކޮށްފައެއް ނެތެވެ. ފެންނަންހުރީ ވަރަށް މަދު ލިޔުމެކެވެ.

ފޯޅަވައްސާ ބެހޭގޮތުން ދިވެހި ތާރީޚުގައި މާ ގިނަ ، ޞައްޙަ މަޢުލޫމާތެއް ގެނެސްދެވިފައެއް ނެތެވެ. އެހެންނަމަވެސް ، ދިވެހިރާއްޖޭގެ 9 ވަނަ ޙަސަން ރަސްގެފާނު ،  އިންޑިއާގެ ކޮއްޗޭގައި ހުންނަވައި ، މީލާދީން 1560 ގައި ލިޔުއްވާފައިވާ ފަތްކޮޅެއްގައި ، އެ ރަސްގެފާނަކީ ، ދިވެހިރާއްޖޭގެ ރަށްތަކާއި ސުއައިދޫގެ ތިން ޕަޓަނާއާއި ފޯޅަވަހީގެ 7 ރަށުގެ ރަސްގެފާނުކަމަށް ބަޔާންކުރައްވާފައި ވެއެވެ.

މިހިސާބުން އުފެދޭ ސުއާލަކީ ، ފޯޅަވަހި އެންމެ ފުރަތަމަ ފެނުނީ ، ޕޯޗްގީޒުންނަށްތޯއެވެ. ނުވަތަ ދިވެހިންނަށް ތޯއެވެ. 9 ވަނަ ޙަސަން ރަސްގެފާނު ލިޔުއްވާފައިވާ ފަތްކޮޅެއްގައި ، އެ ރަސްގެފާނަކީ ، ފޯޅަވަހީގެ ރަސްގެފާނުކަމަށް ބަޔާންކުރައްވާފައިވަނީ 15 ވަނަ ޤަރުނުގައެވެ. ޕޯޗްގީޒުންނަށް ފޯޅަވަހި ފެނުނުކަމަށްވަނީ 16 ވަނަ ޤަރުނުގައެވެ.

ފޯޅަވަހިން މީހުންބޭލީ ގަދަކަމުން ބިރުދައްކައިގެންނެވެ. އެއީ އިނގިރޭސީން ކުޅަ ޢަމަލެކެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން އެއްބަސްވި އެއްބަސްވުމަކާގުޅިގެން ، އެމެރިކާގެ ދިފާޢީ ވައިގެ މަރުކަޒެއް ޑިއޭގޯ ގާރސިއާގައި ޤާއިމްކުރަންވެގެންނެވެ.

މީހުން ބޭލިއިރު ، ފޯޅަވަހީގެ އާބާދީއެއްކަމަށް ގިނަ މުއައްރިޚުން ލިޔުއްވަނީ  ގާތްގަނޑަކަށް ދެހާސް މީހުންނެވެ. މިއަށްވުރެ އިތުރުކަމަށްވެސް ބައެއް ލިޔުންތަކުން ފެނެއެވެ.

އެއެންމެންނަކީވެސް ޣައިރު މުސްލިމުންނެވެ. އެމީހުންގެ ދީނަކީ ، ރޯމަން ކެތަލިކެވެ. ކޮންމެވެސް ވަރަކަށް ހިންދީ ދީންވެސް އޮވެއެވެ. ހޮނިހިރު ދުވަހުގެ ރެޔަކީ ، އެމީހުންނަށް އަންނަ ޢީދެކެވެ. އެރޭ ހަތަރުދަން ، ކެއުމާއި ރާބުއިމާ ނެށުމުގައި ހޭދަކުރުމަކީ އެމީހުންގެ އާދައެކެވެ. ރަލަކަށް ބޭނުންކޮށް އުޅުނީ ، އެމީހުން އަމިއްލަޔަށް އުފައްދާ " ބަކާ " ކިޔާ ބާވަތެއްގެ ރަލެކެވެ.

ފޯޅަވަހީގެ ވާހަކަޔަކީ ، މިދުވަސްވަރު އެންމެންވެސް ދައްކައި އުޅޭ ވާހަކައެކެވެ. އެތަނަކީ ދިވެހިންގެ ތަނެއްކަމަށް އެއްބަޔަކު ބުނާއިރު ، އަނެއްބަޔަކު ބުނަނީ އެއީ ދިވެހިންގެ ތަނެއް ނޫންކަމުގައެވެ.

މިސާލަކަށް ފޯޅަވައްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެނަމަ ، އިޤްތިޞާދީ މަންފާތަކެއް ލިބިދާނެއެވެ. ރާއްޖޭގެ ކަނޑާއި އެއްގަމުގެ ސަރަޙައްދު ބޮޑުވެގެން ދާނެއެވެ. މަސްވެރިން މަސްބާނަން ލިބޭ ސަރަޙައްދު ބޮޑުވެދާނެއެވެ. އިތުރުވާ ކަނޑުގެ ސަރަޙައްދުން ކަނޑުއަޑީގައިވާ ޤުދުރަތީ ވަޞީލަތްތައް ލިބިގެންދާނެއެވެ.

ރާއްޖެއާ 455 މޭލު ދުރުގައި އޮތް ތަނެއް ހިންގުމުގައި އިދާރީ މައްސަލަތަކެއް އޮވެދާނެއެވެ. ހަމައެއާއެކު ، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ، ހަމަނުޖެހުންތަކެއް އުފެދިދާނެއެވެ. މޮރިޝަސް އިންވެސް އެހާ ފަސޭހައިން ފޯޅަވަހި ދޫކޮށެއް ނުލާނެއެވެ. ފޯޅަވައްސާބެހޭގޮތުން ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކުން ނިންމާފައިވާ ނިންމުންތަކަށް ބަދަލު އަންނާނެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވުމުގައި ދިވެހިރާއްޖެއާ މެދު އެހެން ޤައުމުތަކުން ދެކޭގޮތަށް ބަދަލު އަތުވެދާނެއެވެ.

ފޯޅަވައްސަކީ ، ދިވެހިންގެ ތަނަކަށް ވެއްޖެނަމަ ، އުފެދޭނެ ވަރަށްގިނަ ޤާނޫނީ މައްސަލަތަކެއް ހުރެދާނެއެވެ. ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ، އެމީހުންނަށް ފެތޭގޮތަށް ބަދަލުކުރަން ޖެހިދާނެއެވެ. ދީނީ އެތައް މައްސަލަތަކެއްވެސް ކުރިމަތިވެދާނެއެވެ. ރާއްޖޭގެ ރަސްމީ ދީނަކީ ، ދިވެހިންގެ ދީނަކީ ، ހަމައެކަނި އިސްލާމްދީންކަމަށް ނުކިޔިދާނެއެވެ. ފޯޅަވަހީގެ ރަށްވެހިން އިސްލާމްދީނަށް ވައްދަން ޖެހިދާނެއެވެ. އެމީހުންގެ ދީން ، އެމީހުން ދޫކޮށްނުލައިފާނެއެވެ. އެމީހުން އިސްލާމްދީނަށް ވަދެއްޖެނަމަ ، ހުރިހާ ފިރިހެނުން ނަކަތްގެ ލައްވަންވެސް ޖެހިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.