ބްލޫ ރިބަން: މަޖިލީހަށް މެންބަރުން ހޮވުން

ދޮންބެއްޔާގެ ޙަޔާތުގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގައި އެތައްގޮތެއް ތަޖުރިބާ ކޮށްފިއެވެ. ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައިހުރި ގޮތްގޮތުންކުރެ އެއްގޮތަކަށްވެސް އެކަން ކުރެވޭތަނެއް ދުވަހަކުވެސް ނުފެނެއެވެ. މިހާރު 90 އަހަރުވީއެވެ.

އެންމެ ފުރަތަމަ ، ރައްޔިތުންގެ މަޖިލީހޭ ކިޔައި ، ރަސްމީގޮތުން ޤާނޫނީ ބާރެއްގެ ގޮތުގައި މަޖިލީހެއް އުފެދުނީ ، 1932 ގައި ، ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޤާނޫނުއަސާސީގެ ދަށުންނެވެ. ޤާނޫނުއަސާސީ ބުނާގޮތުން ، ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ ، "އިންތިޚާބުވެގެންވާ" 47 މެންބަރުންގެ މައްޗަށެވެ. ނަމެއްގައި އިންތިޚާބޭ އޮތަސް އެމަޖިލިސް ވެގެންދިޔައީ ، ޢައްޔަން ކުރެވޭ ބަޔަކަށެވެ. މަޖިލީހަށް ވަދެވުނީ ބޮޑުންގެ ފަރާތުން ، ބޮޑުން ބޭނުންވާ ބަޔަކަށެވެ.

1934 ގައި ، ޤާނޫނު އަސާސީ އިޞްލާޙު ކުރެވުނެވެ. އެއިޞްލާޙުގައި ވާގޮތުން ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 33 އަށް މަދުވެ ، ކީރިތި މަހާރަދުން " ޢައްޔަން " ކުރައްވާ 6 މެންބަރުން ހިމެނި ، "ޢައްޔަން" ކުރުމާ "އިންތިޚާބު" ކުރުން ރަސްމީގޮތުން ، ގަޑުބަޑު ވެގެންދިޔައެވެ. އޭގެ އިތުރަށް ، ފުރަމާލޭގެ މެންބަރުންގެ ޢަދަދު 8 އަށް ބަދަލުކޮށް ، އިތުރު ކޮންޓްރޯލް ނެގިއެވެ.

1951 ގައިވެސް ޤާނޫނުއަސާސީ އިޞްލާޙުކުރެވި ، މެންބަރުންގެ ޢަދަދު 34 އަށް ބަދަލުކޮށް ، ވިޔަފާރިވެރިންގެ ތެރެއިން މީހަކު މަޖިލީހުގައި އިންނަގޮތަށް ހަމަޖެހުނެވެ. މިއީ ވިޔަފާރިވެރިންގެ ނުފޫޒު މަޖިލީހަށް ވަނުމަށް ހޮޅުވުނު ދޮރެވެ. ސިޔާސީ ނުފޫޒާއި މުއްސަނދިންގެ ނުފޫޒު މަސްހުނިވެ ، މަޖިލީހުގެ މިޞްރާބު ބަދަލުވެ ، ޤާނޫނުއަސާސީން ލިބިދޭ ފޮނިމީރުކަން އިތުރަށް ގެއްލި ، ކުޅިފޮންޏަކަށް އަމާޒުހިފީ މިހިސާބުންނެވެ. ވޯރާވިޔަފާރިވެރިންގެ ނުފޫޒު މަޖިލީހަށް ފޯރުވުމަށް މަގުފަހިވުމެވެ.

1953 ގައި ، ޤާނޫނު އަސާސީއަށް ބޮޑުބަދަލެއް ގެނެވުނެވެ. ފުރަތަމަ ޤާނޫނުއަސާސީގައި ބުނެފައިއޮތް 47 މެންބަރުންގެ ޢަދަދު ރުޖޫޢަ ކުރެވުނެވެ. އަދި ކުރިން ކިޔަމުން އައި ރައްޔިތުންގެ މަޖިލިސް ، " ރައްޔިތުންގެ ގެ " މިނަމަށް ބަދަލުކޮށް ، އިތުރު ގެޔެއް އުފަންވިއެވެ. އެއީ ސެނެޓެވެ. މި ދެގެޔަށްވެސް މެންބަރުން " އިންތިޚާބު " ކުރެވުނީ ޢައްޔަން ކުރެވިގެންނެވެ. ރަދުން " ޢައްޔަން " ކުރައްވާގޮތަށް އޮތް 6 މެންބަރުން އުނި ކުރެވުނެވެ.

1954 ގައި އަނެއްކާވެސް ، ޤާނޫނުއަސާސީއަށް ބަދަލު ގެނެވުނެވެ. މެންބަރުންގެ ޢަދަދު 54 އަށް ބަދަލުވިއެވެ. ރަދުން ޢައްޔަންކުރައްވާ 6 މެންބަރުން އިތުރު ކުރެވުނެވެ. އަދި މަޖިލީހުގައި ވިޔަފާރިވެރިންގެ ތެރެއިން ތިބޭ މެންބަރުންގެ ޢަދަދު 2 އަށް އިތުރު ކުރެވުނެވެ. މުއްސަނދިންގެ ނުފޫޒާއި ރަސްކަމުގެ ބާރު މަޖިލީހުގެ ތެރެޔަށް ބާރަށް ވަދެގަތެވެ.

1964 ގައި އަނެއްކާވެސް ޤާނޫނުއަސާސީ އިޞްލާޙު ކުރެވުނެވެ. މިފަހަރު ރަދުންގެ ބާރު މަޖިލީހުގައި ގަދަވިއެވެ. ރަދުން ޢައްޔަންކުރައްވާގޮތަށް ކުރިން އޮތް 6 ގެ ބަދަލުގައި 8 އަށް ބަދަލުކުރިއެވެ. މިފަހަރު އައި ބޮޑުބަދަލަކީ ، ވިޔަފާރިވެރިންގެ ފަރާތުން މަޖިލީހަށް އަންނަ ދެ މެންބަރުން އުނިވެ ، އެދެމީހުން ރަދުންނަށް ވެދުން ކުރެވުމެވެ. ރަދުންގެ ބާރު ގަދަވުމެވެ. ވިޔަފާރިވެރިންގެ ނުފޫޒު ނެތިދިއުމެވެ.

1968 ގައި ރާއްޖެޔަށް މިނިވަންކަންލިބި ، މަޖިލީހަށް ގެނެވުނު ހަމައެކަނި ބަދަލަކީ ، ރަދުން ޢައްޔަންކުރައްވާ 6 މެންބަރުންނަކީ ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 8 މެންބަރުންނަށް ވުމެވެ. ރާއްޖެޔަށް މިނިވަންކަން ލިބުނަސް ، ވެރިކަމުގެ ބާރާއި ނުފޫޒުން މަޖިލިސް މިނިވަނެއް ނުކުރެވެއެވެ.

1998 ގައި ، ދުވަސްގަނޑެއްފަހުން ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލުގައި މަޖިލީހުގެ މެންބަރުންގެ ޢަދަދު 50 އަށް އިތުރު ކުރެވުނެވެ.

2008 ވަނައަހަރަކީ ، މިހާރު ޢަމަލުކުރެވޭ ޤާނޫނުއަސާސީ ދިވެހިންނަށް ލިބުނު އަހަރެވެ. މި ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާ އުޞޫލަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. ރާއްޖެ 21 ދާއިރާއަކަށް ބަހައި ، ދާއިރާގެ އާބާދީގެ ނިސްބަތުން މެންބަރުންތިބޭ ޢަދަދަށް ބަދަލު ގެނެވުނެވެ.

މިހާރު ހިނގަމުންދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެމަޖިލީހުގައި އިންތިޚާބު ކުރެވޭ 87 މެންބަރުން އެބަތިއްބެވެ. މި 87 މެންބަރުން ބެހިގެންވަނީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި މިނިވަން މެންބަރުންނެވެ. މިނިވަން 4 މެންބަރުންނާއި ޕާޓީތަކަށް ނިސްބަތްވާ 83 މެންބަރުންނެވެ. 1933 ވަނައަހަރުންފެށިގެން ، 2008 ވަނަ އަހަރާހަމަޔަށް ، މަޖިލީހުގެ ރައީސުންނަކީ ވެރިކަމުން ޢައްޔަންކުރާ މީހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ، މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވެން ފެށީ މީގެ 14 އަހަރުކުރިން ، 2008 ވަނަ އަހަރުއެވެ.

މަޖިލީހުގެ ދިގުތާރީޚުގެ 90 އަހަރުދުވަހުގެ ތެރޭގައި މަޖިލިސް ހިނގާފައިވަނީ ، ވެރިކަމުގެ ބާރާއި ނުފޫޒު އަދި ވިޔަފާރިވެރިންގެ ނުފޫޒުން މިނިވަންވެގެންވާ ގޮތެއްގައެއް ނޫނެވެ. އެކި ދުވަސްވަރު އެކި ޙާލަތުގައެވެ. އެންމެ ފުރަތަމަ މަޖިލީހަށްވަނީ ބޮޑުންގެ ވާގިވެރިންނެވެ. ދެންވަނީ ބޮޑުންގެ ވާގިވެރިންނާއި އަތޮޅުތަކުގެ ކަމުވޮށިވެގެންވާ މީހުންނެވެ. ދެންވަނީ ބޮޑުންގެ ވާގިވެރިންނާއި ޖަމާޢަތަށް ޚިދުމަތްކުރާ ބަޔެކެވެ. ދެން ވަނީ ބޮޑުންގެ ވާގިވެރިންނާއި ވިޔަފާރިވެރިންނާއި ވޯޓުގަނެގެން މަޖިލީހަށް ވަތް ބަޔެކެވެ. މިޙާލަތުގައި މަޖިލީހުގައި ގިނައިންތިބީ ، ސިޔާސީ ތަޖުރިބާކާރުންނެއް ނޫނެވެ. ޤާނޫނީ މާހިރުންނެއް ނޫނެވެ. އެހެނެއްކަމަކު ، ގިނައިންތިބީ ، ޕާޓީތަކުގެ އެކްޓިވިސްޓުންނެވެ. ނަތީޖާ ، އެދަނީ ރައްޔިތުންނަށް ފެންނަމުންނެވެ. ޤައުމު މިދަނީ އެކަމުގެ ތަޖުރިބާ ކުރަމުން

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.