ހިތުގެ ވިންދު - 14

(9 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރާމް ގެޔަށް އައިސް ހަދާނެގޮތް ބޮޑުވެފައި އިންތަން އަންޖަލީއަށް ފެނުނެވެ. ދޭވްގެ ހިތުގައި އެހާބޮޑު ނަފުރަތެއް ރާމްގެ މައްޗަށް އުފެދެންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ދޭވްގެ މަޤްޞަދަކީ ކޮބައިބާވައެވެ. ރާމް އޭނާގެ އަމިއްލަ ނަފުސާ ސުއާލުކޮށްލިއެވެ. އޭނާއާ ޖެހިގެން ކައިރީގައި އިށީނދެލައިގެން ކަންބޮޑުވެފައި އިން އަންޖަލީއާ ދިމާއަށް  ރާމް ބަލައިލިއެވެ. އޭނާ ފަހަތުން އަޅައިގަނެގެން ދޭވް އެއުޅެނީ ކީއްވެތޯ ރާމްއަށް ސުއާލު ކުރެވުނެވެ. އެ ސުއާލު ކުރީ އަންޖަލީއަކާ ނޫނެވެ. އެއީ އޭނާގެ އަމިއްލަ ނަފުސާ ކުރެވޭ ސުއާލެވެ. އަންޖަލީ ރާމްގެ ލޮލަށް ބަލައިލިއެވެ.

ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށް އަންޖަލީ ބުންޏެވެ. މިއީ ދަތި ވަގުތެކެވެ. އެހެންނަމަވެސް ، މިދުވަސްވެސް ހިނގައިދާނެއެވެ. ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ.

އެކަމަކު ، ވަމުން މިދަނީ ވަރަށް ދެރަ ނިކަމެތި ގޮތްތަކެއްކަމުގައި ރާމް ބުންޏެވެ. ހުރިހާ އިންވެސްޓަރުންނާއި ވިޔަފާރީގެ ހުރިހާ ބައިވެރިން އެމީހުންނާ ވަކިވެއްޖެއެވެ. އަންޖަލީ ހިތްވަރު ގަދަކުރަން އެބަ ޖެހެއެވެ. މިގެވެސް ، މިއީ އަހަރެމެންގެ ގެޔެއްގެ ގޮތުގައެއް ނުހުންނާނެއެވެ. ގޭގެ ވާހަކަ ބުނުމާއެކު ، އަންޖަލީއަށް ސިހުން ލިބުނެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މާދަމާއަކީ އެގެ ނީލަންކިޔާ ދުވަހެވެ. އަންޖަލީގާތު ރާމް އަށް އެވާހަކަ ބުނެވުނީ ވަރަށް އުނދަގުލުންނެވެ.

އަނެއްދުވަހު ، އެގޭގެ ނީލަން ކިޔުނެވެ. ނީލަން ކިޔުނީ ގޭގެ ގޯތިތެރޭގައި ތައްޔާރު ކުރެވިފައިހުރި ޓެންޓެއްގައެވެ. ނީލަން ފެށުނީ އަށްމިލިއަން ރުފިޔާއިންނެވެ. އަގު އަރަމުންގޮސް ފަނަރަ މިލިއަނަށް އެރިއެވެ. އެއީ އެންމެ ފަހުގެ އަގުކަމަށް ނީލަންކިޔާ މީހާ އިޢުލާންކުރިތަނާ ، ވިހި މިލިއަންއޭ ފަހަތުން ، މީހަކު ގޮވައިލިއެވެ. އެއީ ދެވަނަ ދެމީހެއްނޫނެވެ. ދޭވް އެވެ. ދޭވް ހުށަހެޅި އަގަށްވުރެ މަތިން އެހެންމީހަކު އެގެ ގަންނާކަށް ނެތެވެ. އެހިސާބުން އެގެ އެއީ ދޭވްގެ މިލްކަކަށް ވެ ނިމުނީއެވެ. އަންޖަލީއާއި ރާމް ގެއިން ނުކުމެ ގޯތިތެރެޔަށް އައިތަނާ ، ރާމްގެ ޑްރައިވަރު ބަންބައްމިއާ އައިސް އެމީހުންނާއެކު ރާމްގެ ދެމަފިރިން އެމީހުންގެ ގެޔަށް ދިއުމަށް އެދުނެވެ. ބަންބައްމިޔާއާއެކު ، އެގޭގެ ނޯކަރު މާރިއާވެސް ހުއްޓެވެ. އެއީ އޭނާގެ އަންހެނުންނެވެ.

ރާމް އެއީ މިހާރު އޭނާގެ ސާހިބުމީހާނޫންކަމަށް ރާމް ބުންޏެވެ. އެހެންނަމަވެސް ، އޭނާގެ ހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި ރާމް އެއީ އޭނާގެ ސާހިބުމީހާކަމުގައި ބަންބައްމިއާ ބުންޏެވެ. މާރިއާވެސް އޭނާގެ ފިރިމީހާގެ ބަހަށް އެއްބަސް ވެއެވެ. އަދި އެދެމަފިރިންވެސް އެތިބީ ރާމްމެންނާއެކުގައިކަމަށް ބަންބައްމިއާ ބުންޏެވެ. އޭނާގެ ވަޒީފާ ދޫކޮށްލާފައި ތަކުލީފެއްގެ ތެރެޔަށް ނުދިއުމަށް ރާމް އޭނާއަށް ނަޞޭޙަތް ދިނެވެ. އެކަމަކުވެސް ބަންބައްމިއާ އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. އަސްތަޣްފިރުﷲ އެވެ ! އެކަހަލަ ސަތޭކަ ވަޒީފާވެސ ، އޯގާތެރިކަމުން ފުރިގެންވާ ،  އޭނާގެ ސާހިބުމީހާ  ރާމްއަށްޓަކައި ޤުރުބާން ކޮށްފާނެކަމަށް އޭނާ ބުންޏެވެ.

ރާމްއަކީ އޭނާގެ ވަޒީފާގައިތިބި އެންމެންނަށް ގެދޮރު ހޯދައިދިން ހެޔޮ ވެރިޔެކެވެ. އިންސާނުން ނިކަމެތިވެ އެހީއަކަށް ބޭނުންވާހިނދު ، އިންސާނިއްޔަތުކަން އިސްކުރުމަށް އެމީހުންނަށް ދަސްކޮށްދިނީ ރާމްއެވެ. އެމީހުން ، ރާމް އެދިން ނަޞޭޙަތް ހަނދާން ނައްތާލަންވީ ހެއްޔެވެ ؟ އެކަމެއް ނުވާނެއެވެ. އެހެންނަމަވެސް ، ބަންބައްމިޔާއަށް އިތުރު ތަކުލީފެއް ޖައްސާކަށް ރާމްއެއް ނޭދެއެވެ. އެންމެފަހުން ބަންބައްމިއާ ގޮތް ދޫނުކުރީމަ ކާރަށް އަރައިގެން ބަންބައްމިއާގެ ގެޔަށް ރާމްގެ ދެމަފިރިން ދިޔައެވެ.

އެއީ ވަރަށް ކުޑަ ގެޔެކެވެ. އެގެޔަށްވަނުމަށްފަހު ، އެއީ ނިކަމެއްޗެއްގެ ގެއެއްކަމަށާއި ކުޑަނަމަވެސް އެއީ ރާމްގެ ދެމަފިރިންގެ ގެކަމަށް ބަލަން ބަންބައްމިއާ އެދުނެވެ. އަންޖަލީއަށް ރޮވުނެވެ. މާރިއާ އާއި ބަންބައްމިއާ އަންޖަލީއަށް ނަޞޭޙަތް ދެމުން ގެންދިޔައެވެ. ނުރޮއެ ހިތްވަރު ގަދަކުރުމަށް އެދުނެވެ. އަންޖަލީގެ ގެ ، ބަރުބާދުކޮށްލި އިންސާނާއަށް އެއްވެސް އުފަލެއް ނުލިބޭނެކަމުގައި އެދެމަފިރިން ބުނަމުން ގެންދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ކޮންމެ ދުވަހަކުވެސް ހިތްދަތިވެގެންގޮސް މަރުވާނެއެވެ.

ރާމްގެ ގެ ، ނީލަމުގައި ގަތުމަށްފަހު އެގޭގެ މައްޗަށް ދޭވް ވެރިވެގަތެވެ. ގޭގައިހުރި ބޮޑު ސޯފާއެއްގައި ފަޚުރުވެރިކަމާއި ބޮޑާކަންމަތީ ، އިށީނދެލައިގެން ދޭވް އިނެވެ. އެގޭގެ ހުރިހާ ތަނަކަށް އަދި ހުރިހާ އެއްޗަކަށް ދޭވް ބަލަމުން ގެންދިޔައެވެ. އެއީ ރާމް އާއި އަންޖަލީގެ ތަކެތިނަމަވެސް ، މިހާރު އެއީ ދޭވްގެ މިލްކިއްޔާތެވެ. ތެދުވެގެންގޮސް ، އަންޖަލީގެ ނިދާކޮޓަރިޔަށް ދޭވް ވަނެވެ. އެކޮޓަރީގައިވާ ކޮންމެ އެއްޗަކަށް ވަކިވަކިން ނަޒަރު ހިންގައިލިއެވެ. ރާމްއާއި އަންޖަލީގެ ކައިވެނީގެ ފޮޓޯއަށް ދޭވްގެ ކަޅިގޮސް ހުއްޓުނެވެ. ރާމްހުރީ ހުދުކޯޓެއްލައިގެން ކޮޅަށެވެ. އަންޖަލީ އިނީ ގޮނޑީގައި އިށީނދެލައިގެންނެވެ. އެއީ ހަމައިސްކޮޅަށް ތައްޔާރުކޮށް ފަރުމާކޮށްފައިވާ ބޮޑު ފޮޓޯއެކެވެ. ރާމްގެ ބޮލުން ފެށިގެން ފަޔާހަމަޔަށް ދޭވް ބަލައިލިއެވެ. ރާމްވެސް ހުރީ އުފާވެރި ހިނިތުން ވުމެއްގައެވެ. އަންޖަލީވެސް އިނީ ހިނިތުންވެފައެވެ. އެހެނަސް ، އެންމެ ބޮޑަށް ހިނިތުންވެފައިހުރީ ރާމް އެވެ.

ދޭވްގޮސް އެކޮޓަރީގައިހުރި ހެދުންލާ އަލަމާރި ހުޅުވައިލިއެވެ. ރާމްގެ ކޯޓު ފަޓުލޫނުތަކާއި ހެދުންތައް އަޅުވާފައި ހުއްޓެވެ. އެއިން އެއްވެސް އެއްޗެއްވެސް ރާމް އެގެޔަކުން ނުގެންދެއެވެ. ރާމް އެގެއިން ނުކުމެގެންދިޔައީ ، ހަމައެކަނި ލައިގެންހުރި ހެދުމައިގެންނެވެ. ފޮޓޯގައި ރާމް ލައިގެންހުރި ކޯޓްފަޓްލޫނާއި ގަމީހާ އަދި ޓައީ ދޭވް ނެގިއެވެ. އަދި ހެދުން ބަދަލުކޮށް ، އެތަކެތި އޭނާ ލިއެވެ. ދޭވްގޮސް އެކޮޓަރީގައި ހަމައިސްކޮޅަށްހުރި މޫނުބަލާ ލޯގަނޑުކައިރީ ހުއްޓިލިއެވެ. ކުރިމަތިން ފެންނަން އެހުރީ ރާމްއާއި އަންޖަލީގެ ފޮޓޯއެވެ. ދޭވް މިހާރު ލައިގެން އެހުރީ ރާމްލައިގެންހުރި ހެދުމެވެ. ދެމީހުންގެ ތަފާތު ދޭވްއަށް ވިސްނައިދިނީ އޭނާގެ ނަފުސެވެ.

އެކޮޅު ބަލައިލަ ބަލާށެވެ ! ދޭވްގެ ހިތް އޭނާއަށް ބުނެދިނެވެ. ދޭވް ކިހާ ކަޅު ހެއްޔެވެ ؟ ރާމް ކިހާ ދޮން ހެއްޔެވެ ؟ ދޭވް ކިހާ ފަޤީރު ހެއްޔެވެ ؟ ރާމް ކިހާ މުއްސަނދި ހެއްޔެވެ ؟ މިއަދުވެސް ދޭވް އެހުރީ ބަރުބާދު ވެފައެވެ. ރާމް އެހުރީ އާބާދު ވެފައެވެ.

ރާމްގެ ޚިޔާލު ، ހުވަފެނީ ދުނިޔެއަކަށް އޭނާ ގެނދިޔައެވެ. އޭނާއަށް ފެންނަމުން އެދަނީ ކުރިމަތީހުރި އެނދުމަތީ އަންޖަލީ ހިނިތުންވެފައި އުފަލުން ފުރޮޅެމުން ލަވަކިޔަން ފެށިތަނެވެ. ދޭވްގެ ކުރިމަތިންލާފައި އެނދާ ދިމާއަށް އަންޖަލީގާތަށް އެދިޔައީ ރާމްއެވެ. އެދެމަފިރިން އެކަކު އަނެކަކަށް ލޯބިކޮށް ލަވަކިޔަމުން ގެންދިޔައެވެ. އެނދުން ތެދުވެ ކޮޓަރިތެރޭ އެކަކު އަނެކަކަށް ލޯބިކުރަމުން ނަށަމުން ގެންދިޔައެވެ. ދޭވްގެ ލޯމަތީގައެވެ. އެހެނަސް ޚިޔާލީ ދުނިޔެއެއްގައެވެ.

އަހަރެންގެ ހިތް ކަލާގެ ހިތަށް އެބަ ބުނެއެވެ. އަހަރެންނަށް ކަލާދެކެ ލޯބި ވެވިއްޖެއެވެ. އަހަރެންގެ ޙަޔާތާއި ފުރާނައާއެވެ ! އަހަރެންނަށް އިތުބާރު ކުރާށެވެ. އަހަރެން މިވަނީ އެވަރަށް ވަރުބަލިވެ ، ބޭޤަރާރުވެފައެވެ. ކަލާވެސް އެމިންވަރަށް ބޭޤަރާރު ވެލާށެވެ. އަހަރެންގެ ހިތުގެ ވިންދު ދެނެގަނެ . އިޙްސާސްކޮށްލާށެވެ. ކަލާވެސް އަހަރެންދެކެ ލޯބިވާށެވެ.

ދޭވް އަށް ނުހުރެވިގެންގޮސް އެނދުމަތީ އަތްކާއްތާލައި އަންޖަލީއަށް ގޮވައިލިއެވެ. އެތާކު އެއްވެސް މީހަކު ނެތެވެ. އެއީ އެނާގެ ޚިޔާލެވެ.

ދޭވް ، ކަންބޮޑުވެ ، ބޮލަށް ބާރުބޮޑުވެގެންގޮސް ، ބޭރަށް ނުކުމެ ފަރުބަދައެއްގެ މައްޗަށް ޖެހިލިއެވެ. އެތަނުންވެސް އޭނާއަށް ފެނުނީ ރާމް އާއި އަންޖަލީ ވަރަށް ލޯބިކޮށް ބައްދާލައިގެން ތިބެ ، ބްރިޖެއް ހުރަސްކުރާ ތަނެވެ. އެދެމީހުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ.

ކަލާގެ ތުންފަތުންވެސް އަހަރެންގެ ތުންފަތުންވެސް އުދާސްކަން ފެންނަނީ އެއްގޮތަކަށެވެ. އަހަރެންގެ އިޙްސާސުގައިވެސް ކަލާގެ ޙަރަކާތުގައިވެސް ރޯވެފައިވަނީ އަލިފާނެވެ.

ބަހާރު މޫސުމެކެވެ. ފިނީގެ ޢާލަމެކެވެ. ހިތުގައިވަނީ ތޫފާނެވެ. ލިބިފައިވަނީ ބޭޤަރާރުކަމެވެ. ހަދާނެގޮތެއް ނޭނގެއެވެ. ހާދަ އުއްމީދުތަކެއް ކުރެވެއެވެ.

އަހަރެންގެ ފުރާނަ އެބަ ބުނެއެވެ. އަހަރެން ފުރާނައިން ޤުރުބާންކުރާށެވެ. އަހަރެން މިވަނީ ، ބޭޤަރާރުވެފައެވެ. ކަލާވެސް އެމިންވަރަށް ބޭޤަރާރު ވެލާށެވެ. އަހަރެންގެ ހިތުގެ ވިންދު ދެނެގަނެ . އިޙްސާސްކޮށްލާށެވެ. ކަލާވެސް އަހަރެންދެކެ ލޯބިވާށެވެ.

ރޭވެ އަނދިރިވާން ގާތްވެއްޖެއެވެ. ވާހަކައެއްބުނަން  ޖެހިއްޖެއެވެ. އޮޔާގޮސް ދުވަސް ، ގެއްލެމުން އެބަދެއެވެ. އެކަކު އަނެކަކަށް މުށުތެރެޔަށް ވަދެ ، ހިމޭންކަމުން އުފާ ލިބިގަންނަމާހެއްޔެވެ ؟

ކޮންފަދަ މަސްތެއް ހެއްޔެވެ ؟ ކެތްތެރިކަން ކޮޅުންލައިފިއެވެ. ހޭބުއްދި ފިލައިދާ ވަރުވެއެވެ. ތިގޮތަށް ކަލާ ބަލާކަމަށް ވަންޏާ ކޮންމެވެސް ކަމެއް ވާނެއެވެ. މިހާރު ކުރެވޭ ފޮނި އުއްމީދަކީ މިއީއެވެ. ހިތްފުރޭވަރަށް ހިތްއެދޭކަމެއް ކޮށްލާށެވެ. ހިތް ހުއްޓިދާވަރަށް ، ހިތްވަނީ ބޭޤަރާރު ވެފައެވެ. ކަލާގެ ހިތްވެސް ބޭޤަރާރު ކޮށްލާށެވެ. އަހަރެންގެ ހިތުގެ ވިންދު ދެނެގަންނާށެވެ. ކަލާވެސް އަހަރެންދެކެ ލޯބިވާށެވެ.

ރާމްއާއި އަންޖަލީގެ ލޯބީގެ އެ އަދާތަކުން ދޭވްގެ ހިތަށް ވޭން ލިބެމުންދިޔައެވެ. އޭނާގެ ލޯކުރިމަތީ ، ދޭވްގެ ޚިޔާލީ ލޮލަށް ފެންނަމުން އެދިޔަ މަންޒަރަކީ ،އަންޖަލީއާއެކު އޭނާއަށް ތަޖުރިބާކުރަން ލިބުނު ކަންކަމެއްނޫނެވެ. ރާމްއާއި އަންޖަލީ ، އެކަކު އަނެކަކަށް ލޯބިކޮށް ހިތްއުފާ ކުރަމުންގެންދިޔައިރު ، އެއީ އަންޖަލީއާއެކު ދޭވް ހޭދަކުރި ލޯބިދުވަސްތަކާ އަޅާބަލާއިރު ، އެތައްހާސް ގުނައެއް އިތުރު ލޯބި އިޙްސާސްތަކެކެވެ.  ދޭވްއަށް އޭގެ ޒައްރެއްގެ މިންވަރުވެސް ލިބިފައެއް ނުވެއެވެ.

ބަލައިލި ކޮންމެ ދިމާއަކުންވެސް ދޭވްއަށް ލިބެނީ ހާސްކަމެވެ. ފެންނަނީ އޭނާގެ އަންޖަލީ ، ރާމްއާއެކުގައިވާ ތަނެވެ. އެކަކު އަނެކަކަށް ނުހަނު ލޯބިން ލޯބިކުރަމުން ގެންދާ މަންޒަރެވެ. އެއީ ދޭވްއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ދޭވްއަށް އަޑުގެ ނެތްތަނަށް އަންޖަލީއަށް ގޮވައި ލެވުނެވެ. އެހިސާބުން އޭނާއަށް ހޭވެރިކަން ލިބުނެވެ. ދޭވް އަށް އަދިވެސް އެހުރެވުނީ އަންޖަލީގެ ނިދާކޮޓަރީގައެވެ. ހާސްވެގެންގޮސް ، ނޭވާ ކުރުވެ ، ނޫނެކޭ ބުނެ ، ދޭވްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. ކައިރީގައިހުރި މާޓުކުރި ނަގާ ، އަންޖަލީއާއި ރާމްގެ ފޮޓޯއާ ދިމާއަށް ހޫރައިލިއެވެ. އެފޮޓޯގަނޑު ތަޅައިލިއެވެ. ދެއަތުން ބޮލުގައިހިފާ ހޫރައިގަނެވުނެވެ.

ނޫނެކެވެ. އަންޖަލީއެވެ. އަހަރެން އަންޖަލީ ހަނދާން ނައްތައިލުން އެއީ ނުވާނެކަމެކެވެ. އަދި އަހަރެން ، އަންޖަލީ އަހަރެންމަތިން ހަނދާން ނައްތައިލިޔަކަ ނުދޭނަމެވެ. އެއްވެސް މީހަކަށް އަހަރެމެން ދެމީހުންގެ ދެމެދަކަށް ނުވަދެވޭނެއެވެ. އެއްވެސްމީހަކަށް ނުވަދެވޭނެއެވެ. ދޭވް އޭނާގެ އަމިއްލަ ނަފުސަށް ބުނެދެމުން ގެންދިޔައެވެ. އޭނާއަށް ހުރީ ރޮވިފައެވެ. ހާސްވެގެންގޮސް ތުރުތުރު އަޅައަޅައެވެ.

ރާމްގެ މިލްކިއްޔާތާއި ވިޔަފާރިއާ އަދި އޮފީސް މިހާރު އެއީ ދޭވްގެ މިލްކެކެވެ. އޮފީސް ހިންގަން ޙަވާލުކޮށްފައި އޮތީ ބޮބީއާއެވެ. ރާމްގެ ގޮނޑީގައި އިށީނދެ އެއިނީ ބޮބީއެވެ. އާދައިގެ މަތިން ، ބޮޑާކަންމަތީ ބޮބީ އޭނާގެ ގޮނޑީގައި އިށީނދެލައިގެން އިންދާ ޝީތަލް އައިސް އެކޮޓަރިޔަށް ވަނެވެ. ޝީތަލް އައިސް އެ ހުއްޓުނީ ހިތްހަމަނުޖެހިފައި ހުރެއެވެ. ބޮބީއަށް ޝީތަލް ފެނުމާއެކު ، ޝީތަލްއާ ދިމާއަށް ، އެއްވެސް ލަދެއްނެތި އާޑަފުރައްސާރަކުރަން ފެއްޓިއެވެ. ޖެހިލުމެއްނެތި ޝީތަލްއާ ދިމާއަށް ވަށްބަހުން ދިމާކުރިއެވެ. އަދި ޝީތަލްގެ ރީތިކަމާއި ހިތްދަމައިގަންނަ ގޮތް ހުރިކަމަށްބުނެ ، އެއްވެސް އިޙްތިރާމެއްނެތި ދިމާކުރިއެވެ.

ޝީތަލް އައިސް ބޮބީގެ ކުރިމައްޗަށް ހުއްޓި އެހެން ހެއްޔޭ ބުނެ އޭނާ އެއިން ގޮނޑިން ތެދުވަން އެންގިއެވެ. ބޮބީއަށް ޝީތަލް އެބުނި އެއްޗެއް ނޭނގުނެވެ. އެހެންކަމުން ބޮބީއަށް އެނގޭގޮތަށް ޝީތަލް އޭނާއާ މުޚާތަބު ކުރިއެވެ.

" ތިއީ ބޮބީ އިށީންނަންހުރި ގޮނޑިއެއް ނޫނެވެ. ހަމަމިހާރު ތިގޮނޑިން ތެދުވާށެވެ. " ޝީތަލް އަކުރު ކުރިއެވެ.

މައްސަލައެއް ނޫނޭ ބުނެ ، ބޮބީ އެގޮނޑިން ތެދުވިއެވެ. އަދި ، އެންމެފަހުން އަހަރެމެންނަކީ ޕާރޓްނަރުންނަށް ވިއްޔޭ ބުނެ ޝީތަލް ކައިރިން ދަމުން އޭނާގެ އުނަގަނޑުގައި އަތްކާއްތާލިއެވެ. ޝީތަލް އަށް ބޮބީގެ އެ ހުތުރު ޢަމަލު ބަލައެއް ނުގަނެވުނެވެ. އޭނާގެ ދަބަސް މޭޒުމައްޗަށް އެއްލައިލިއެވެ. އަދި ދެންމެ ، ބޮބީ އެކުރީ ކޮންކަމެއްތޯ ސުއާލުކުރިއެވެ.

ގަޔާވީ ހެއްޔެވެ ؟ މަޖާވީ ދޯއެވެ ؟ ފަޓްލޫނުގެ ދެޖީބަށް އަތްކޮއްޕާލައިގެންހުރެ ، ޝީތަލްއާ ގާތަށްޖެހިލައި ބޮބީ ބުންޏެވެ.

ވަރަށް މަޖާވެއްޖެއެވެ. މަޖާވީވީނުންގޮސް ، ހިތަށް އަރައޭ ބުނުމާއެކު ، ބޮބީގެ ކަންކަށިމަތީގައި އޭނާގެ އަތް ބަހައްޓާލިއެވެ. އަތުގައިހުރި ބާރެއްލާފައެވެ. އެވަގުތު ދޮރުހުޅުވާލައިފާ އެކޮޓަރިޔަށް އެވަނީ ނިކީއާއި އެމީހުންގެ މަންމައެވެ. އެމަންޒަރު ފެނިފައި މަންމަވެސް އަދި ނިކީވެސް ތިބީ ޙައިރާންވެ ، ބިރުގެންފައެވެ. ބޮބީއަށް އެމީހުން ފެނުމާއެކު ، އާގަންނަމުން އޭނާގެ މަންމަޔަށް ގޮވައިލިއެވެ. ބޮބީގެ ފަރާތުން ، އަންހެންކުއްޖަކަށް ޖިންސީ ފުރައްސާރައިގެ ޢަމަލެއް އެމީހުންނަށް ފެނުނު އެއީ ދެވަނަ ފަހަރެވެ. ފުރަތަމަ އޭނާގެ އެއްބަފާ ބޭބެ އިނދެގެން ގެޔަށް ގެނައި ފަހަރިދައްތަ ، އަންޖަލީއެވެ. ދެން ، އެމީހުން ނުވެސް ދެނެހުރެތިއްބާ ލިބުނު ނަޞީބަކުން އަތުޖެހުނު ، މަހުޖަނެއްގެ ގާތް ޕާޓްނަރު ޝީތަލް އެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.