ހިތުގެ ވިންދު - 1

(1)

މިއީ ، ހިންދީ ފިލްމު " ދަޅުކަން " ގެ ތަރުޖަމާއެކެވެ. ވާހަކަ ތަރުޖަމާ ކުރުމުގައި ފިލްމުގައި ދައްކާ ވާހައިގެ ތަރުޖަމާގެ އިތުރަށް އޭގެ މަފުހޫމާއި ، ފެންނަ މަންޒަރުތަކާއި ، އިޙްސާސާ އަދި ޢިޝާރާތްތައް ތަފުޞީލުކޮށްދެވޭތޯ މަސައްކަތް ކޮށްފައި ވާނެއެވެ. ވާހަކައެއްގެ ސިފަ ޖެއްސުމަށްޓަކައެވެ. މިއީ ، ވަރަށް ރީތި ، ޢިބްރަތްތެރި ލޯބީގެ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ވާހަކަޔައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ.


އޫޓީއަކީ ، ކަނޑުގެ ޞަތަޙައިގެ މައްޗަށް ، ހަތްހާސް ތިންސަތޭކަ ފަންސާސް ފޫޓު މަތީ އޮންނަ ، ހިތްގައިމު ، ފިނި ތިމާވެށްޓެއްލިބިފައި އޮންނަ ރީތި އަދި މަޝްހޫރު ސަހަރެކެވެ. އޫޓީގެ ހިތްގައިމުކަން އިޙްސާސްކޮށްލުމަށްޓަކައި ދުނިޔޭގެ އެތަންމިތަނުން ފަތުރުވެރިން އާދެއެވެ. ޚުދު އިންޑިއާގެ އެތައް މިތަނުންވެސް މިސަހަރުގެ ރީތިކަން ދެކިލުމަށްޓަކައި މީހުން އާދެއެވެ. ޚާއްޞަކޮށް ލޯބީގެ ހިންދީ ފިލްމުތައް ކުޅުމުގައި ގިނަ ޑިރެކްޓަރުން އިޚްތިޔާރުކުރާ މަންޒިލެކެވެ. ކަޝްމީރުގެ ފިނިކަމަށްވުރެ އޫޓީގެ ފިނި އަރާމެވެ. ކަޝްމީރުގެ ފިނިކަމުގައި ތޮރުފުމެއް ހުރެއެވެ. އެހެނަސް އޫޓީގެ ފިނިކަމުގައި ހުންނަނީ ހިތްގައިމު އިޙްސާސެކެވެ.

ފެހިކަންގަދަ ވިނައިގެ ސަރާސަރު ބިމެއްގައި ، އެކި ދޫނި އެކިއަޑުން ގޮވަމުން ލައްވަމުން އެދާ ރާގުތަކުގެ ތެރެއިން ، ދެން އިވެނީ ، އަންޖަލީގެ ތޫލި ހިތްގައިމު އަޑެވެ. ދޭވްއަށް ގޮވަމުން ، މުޅިތަން ކުޑަޔަށްލައި އެ ބިޔަ ބަގީޗާތެރޭ ހިނގިއިރުވެސް ، ދޭވް އާ ހަމަޔަށް އަންޖަލީގެ އަޑެއް ނުފޯރިއެވެ. އަންޖަލީއަކަށް ދޭވްއެއް ނުފެނުނެވެ. ވަށައިގެންވާ އެކިކަހަލަ ، އެކިކުލައިގެ ގަސްތަކުގައި ބީހެމުން އެދާ މަޢުޞޫމް ވިލާތަކުން ، އަންޖަލީއަކަށްވެސް ސަލާމަތެއް ނުވެވެއެވެ. ވިލާތަކުގެ އޯގާތެރި ބީހުންތަކުން ، ހީބިހި ނަގައިގަންނަވަރަށް ، ފިނިކަން އިޙްސާސްވެގެން ދެއެވެ.  ބައްދަލުކުރަން ކިޔާފައި އޮތް ގަޑިޔަށް ، އަންޖަލީ އައިސް އިންތިޒާރުކުރަމުން އެގެންދަނީ ، އޭނާގެ ލޯބިވެރިޔާ ، ދޭވް އަށެވެ. ސްނޯގެ ހުދު ތާޖު އަޅައިގެން ، މާދުރުން ފެންނަންއޮތް ކޯރެއްގެ ސާހިލެއްގައި ، ހަވީރުގެ އެއުފާވެރި ވަގުތުކޮޅު ބޭކާރުވަނީއެވެ.  ވަށައިގެންވާ ގަސްތަކާ ސަލާމްކުރަމުން ، އަންޖަލީގެ ބޯމަތިން އުދުހެމުން އެދާ ވިލާތަކަށް ، ދޭވް ހުރިތަނެއް އެނގޭނެއެވެ. ވަށައިގެންވާ ގަސްގަހުގެ އޮފިތަކުގައި އިށީނދެތިބެ ، އެކި ރާގަށް ލަވަކިޔަމުންގެންދާ ދޫނިތައް އެގޮވަނީ ، ދޭވްގެ ނަމުންކަމަށްވެސް ވެދާނެއެވެ. މަޚުމަލުގެ ދޫލައެއްފަދައިން ، ފެތުރިއޮތް އޮމާން ވިނަތަކުގެ އައްތަވާޅިއަށް ، އެއްވެފައިވާ ސްނޯތަކުގެ ނިވަލުގައި ، ދޭވް  ފިލައި ހުންނާނެކަން އަންޖަލީއަށް އެނގެއެވެ. ދޭވްއަކީ ، އެމީހުންގެ ލޯބީގެ ބައްދަލުވުންތަކަށް ގަޑިއަށް ޙާޟިރުވާ މީހެކެވެ. ލަހުން އާދެވިގެން ގަޑިޖެހެނީ ، އަންޖަލީއެވެ. އެދުވަހުވެސް ، އަންޖަލީއަށް އާދެވުނީ ގަޑިޖެހިގެންނެވެ. އެކަމަކު ، މިއަދަކު ދޭވްއެއް ނެތެވެ. އަންޖަލީގެ ހިތް ތެޅެންފެށިއެވެ. ލޭހިނގުން އަވަސްވެ ، ނާރުތަކަށް ބާރުބޮޑުވިއެވެ. އެއޮށްފިނީގައި އޮށްދާ ހިތްލައިގަތެވެ. ހިކެމުންދިޔަ ދެތުންފަތް ކުޅުން ތެތްމައިލިއެވެ. ރޮއެގަންނަންވީއޭ ހިތަށް އެރިއެވެ. ދޭވް ފެނުން އޭނާއަށް ލަސްވެއްޖެއެވެ. އަންޖަލީ ރޯއަޑު އިވިއްޖިއްޔާ ، ހަމަގައިމުވެސް ދޭވްއަކަށް ކެތެއް ނުވާނެއެވެ. ހުރިތާކުން ދުވެފައި ނުކުންނާނެއެވެ.

އަންޖަލީއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އެންމެފަހުން ، އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ދޭވްއަށް ވަރުގަދަ އިންޒާރެއް ދިނެވެ.

" ތިހުރީ މިތަނުން ތާކު ފިލާދޯއެވެ؟ ހަމަ މިހާރު ތިހުރިތާކުން ނުނިކުމެއްޖެނަމަ ، އަހަރެން މިދަނީއެވެ. " އަންޖަލީ ، ދޭވްގެ ހިތްތަޅުވައިލިއެވެ.

އަންޖަލީގެ ޖުމްލަ ރަނގަޅަކަށް ނުނިމެއެވެ. އުޑާ ވާހަކަ ގޮވާ ވަރަށް މައްޗަށް ހެދިފައިހުރި ފަލަ ، ހައިވަކަރު ގަހެއްގެ ނިވަލުގައި ފިލައި ހޭންހުރި  ދޭވް ، އަންޖަލީއޭ މަޑުކުރާށޭ ގޮވަމުން ނުކުތެވެ. އެންމެ ސިކުންތަކުވެސް ، އަންޖަލީއަށް ފިލައި ހުންނާކަށް ، ދޭވްގެ ޟަމީރު އެއްބަހެއް ނުވިއެވެ. އަންޖަލީ އެތަނުން ދާވާހަކަ ބުނީމަ ދޭވްއަކަށް ނުހުރެވުނެވެ. ނުދާށޭ ބުނެ އާދޭސްކުރަމުން ނުކުމެ ، ދުވެގޮސް އަންޖަލީއާ ގާތަށް ޖެހިލިއެވެ. އެހިނދު ، އަންޖަލީ އޭނާގެ ހިތުގައިވާ ޝަކުވާ ހުށަހެޅިއެވެ. އޭނާ ނުދާންވީ ކީއްވެ ހެއްޔެވެ ؟ ސިއްރުން ފިލާހުރެ އެހެންމީހެއްގެ ހިތަށް އުނދަގޫވާނެކަމެއް ކުރުމަކީ  ޤަދަރުވެރި ، ރަނގަޅު ކަމެއް ހެއްޔެވެ ؟ އެއީ ރަނގަޅުކަމެއްނޫންކަމަށް ، ވަރަށް ފަސޭހައިން ދޭވްވެސް އެއްބަސްވިއެވެ. ހަމައެއާއެކު ، ގަޑިޔެއްކިޔާފައި ، އެގަޑިޔަށް ނައިސް ލަސްވުމަކީވެސް ، ރަނގަޅުކަމެއްނޫން ދޯއޭ ބުނެ ، ދޭވްގެ ޝަކުވާ ، އެހެންގޮތަކަށް ހުށަހެޅިއެވެ. ކޮންމެ ދުވަހަކު ލަހުން އަޔަސް ، އަންޖަލީދެކެ ރުޅިއަންނާކަށް ، ދޭވްގެ ހިތުގައިވާ އަންޖަލީގެ ލޯބި ، އޭނާއަކަށް ހުއްދައެއް ނުދެއެވެ. އަންޖަލީގެ މައްޗަށް ، އެހިތުގައިވާ އިޙްތިރާމާއި ކިޔަމަންތެރިކަން ، އެކަން މަނާކުރެއެވެ. އަންޖަލީ ހިތްހަމަ ނުޖެހޭނެ ބަހެއް ދޭވްގެ ދުލަކުން ބޭރެއް ނުވާނެއެވެ. ދޭވްގެ ނިކަމެތިކަމާއި ފަޤީރުކަން އެއީ ، އެލޯތްބަށް ހިޔަނި އެޅިދާނެކަމެއްކަން ، އެހިތަށް އެނގެއެވެ. އެ ހިޔަންޏަށް މުޑިނަގާކަށް ދޭވް ބޭނުމެއްނޫނެވެ.

ނޫނެކެވެ. އަންޖަލީ އެއްބަސްވިއެވެ. އެހެންނަމަވެސް ، އޭނާއަށްވެސް ކަމެއް ދިމާވެދާނެނޫން ހެއްޔެވެ ؟ އެކަމަކު ، އަންޖަލީއަށް ދިމާވެދާނެކަމެއް ދޭވްއަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ ؟ އަންޖަލީ ، ފަހަތަށް އެނބުރިލީ ދާކަށްނޫނެވެ. ދޭވްގެ ހިތް ތަޅުވައިލާށެވެ. އެވަގުތު ދޭވްއަކަށް ހިމޭނަކުން ނުހުރެވުނެވެ. ވަރަށް ލޯބިލޯބިކޮށް ، އޭތް އޭތް އޭ ގޮވަމުން އަންޖަލީ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. ގަނޑުވަރުތެރޭގެ ގޮމައިންނާއި ހިތަށް އުނދަގޫވާ މައްސަލަތަކޭ ހެއްޔެވެ ؟ ދޭވް ބުނަމުން ގެންދިޔައެވެ. ސާހިބު ކަމަނާއެވެ ! އެއީ އަހަރެމެން ފަޤީރު ޙާލުގައި އުޅެންޖެހޭމީހުންގެ ނަސީބެވެ. ތިޔަފަދަ ގޮމައިންނަށް ދިމާވާކަހަލަ ކަންކަމެއްނޫނެވެ.

" އަނެއްކާ ފެށީއެވެ ! އަބަދުވެސް އަމިއްލަ ޙާލާމެދު ރޮނީއެވެ. އެނގޭ ހެއްޔެވެ ؟ އަމިއްލަ ނަޞީބާމެދު ރޯމީހުންނަށް ، ކޮންމެވެސް ދުވަހަކުން ، ނަޞީބު އެމީހުން ހޯދަމުން ، ފަހަތުން ދުވަމުން އަންނާނެއެވެ. " އަންޖަލީ ބުންޏެވެ.

އޭނާގެ ނަޞީބު އޭނާއަށްޓަކައި ރޯނީ ކިހިނެއްތޯ ދޭވް ސުއާލުކުރިއެވެ. އަންޖަލީގެ ލޯބިވަނީ އޭނާއާ އެކުގައެވެ. ދެން ހުއްޓާލާށެވެ ! މައްސަޔަކީ އެއީއެވެ. އަންޖަލީގެ ވާހަކަ ފެށްޓިއެވެ. ކޮން މައްސަލައެއް ހެއްޔެވެ ؟ ދޭވް ކުއްލިޔަކަށް ސުއާލުކުރިއެވެ. އެއީ ކޮން މައްސަލައެއް ބާވައެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ހާސްވިއެވެ.

އަންޖަލީ ބުނަން އެއުޅެނީ އެވާހަކައެވެ. މައްސަލައިގެ ވާހަކައެވެ. އަންޖަލީގެ މައްސަލައެއް ، ދޭވްއަކަށް ވިސްނައިގަންނާކަށް ނޭނގޭނެއެވެ. މުއްސަނދިންގެ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތަކީ ފަޤީރުންނަށް އެހާ ފަސޭހައިން އެނގޭނެ އެއްޗެއްނޫނެވެ. އެފަދަ ޙާލަތްތަކުގައި ހިތްނުތަނަވަސްވާނީ ، ޖިފުޓިތަކުގައި ދިރިއުޅޭ ނިކަމެތިންނެވެ. ގަނޑުވަރުތެރޭ އަރާމުގައި ދިރިއުޅޭ ޕަރީންނަކަށް ، އެއްވެސް މައްސަލައެއްގެ ވަހެއް ނުދުވާނެއެވެ. އެއީ އަބަދުވެސް ދޭވް ދޭ ޖަވާބެވެ. ދޭވް އަބަދު އެވާހަކަ ދައްކާތީ ، އަންޖަލީ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ޙާލަތު ބަދަލުކޮށްލާނެ ނަޞީބެއް ނުލިބި ރުއިމަކީ ، ފަޤީރުންގެ ކަމެކެވެ. އެހެންނަމަވެސް އަންޖަލީގެ ލޯބި އޭނާއާއެކުގައިވާހައި ހިނދެއްގައި ، އޭނާގެ ނަޞީބާމެދު ކަންބޮޑުވާން ނުޖެހޭނެކަމަށް ، ދޭވް ހުންނަނީ ޤަބޫލުކޮށްގެންނެވެ. ދޭވްގެ ހިތުގައި އަންޖަލީގެ މައްޗަށް އެ އިތުބާރު އޮވެއެވެ. އަންޖަލީއާއި ދޭވްގެ ލޯތްބަށް ހިޔަނި އެޅޭނީ ، ދޭވްގެ ނިކަމެތިކަމެވެ.

އަންޖަލީގެ ޢާއިލާއަށްވެސް ، މައްސަލަޔަކަށްވާނީ އެކަމެވެ. އެކަން އެ ދެލޯބިވެރިންނަށްވެސް ، ސާފުކޮށް އެނގެއެވެ. އެހެނަސް އެހުރަސް ނައްތައިލެވޭވަރަށް އެދެމީހުންނަށް ވަނީ އެކަކު އަނެކަކު ދެކެ ލޯބިވެވިފައެވެ. އެދެމެދަށް ފަރުބަދައެއްވަނަސް ފޫއަޅުވާލެވޭ ވަރަށެވެ. އެކަމަކުވެސް އެއީ ، އެދެހިތުގެ އެއްކަނެއްގައި ފޮރުވިފައިއޮތް ބިރުވެރިކަމެކެވެ. އަންޖަލީގެ ހިތުގައިއޮތް އެ ބިރުވެރިކަން ފިލުވައިލާނީ ، އޭނާގެ ބައްޕަގެ ހިތުގައި އޮތް ލޯބިކަމުގައި އަންޖަލީ އަންނަނީ ބަލަމުންނެވެ. މުއްސަނދި އެ ބައްޕަޔަކީ ، އޭނާގެހުރި ހަމައެކަނި ދަރިފުޅު ، އަންޖަލީދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. އަންޖަލީއަށްޓަކައި ޤުރުބާން ނުކުރާނެ އެއްވެސް އެއްޗެއް ، އެބައްޕަގެ ނޯންނާނެއެވެ.

" އަހަރެން ބުނަން މިއުޅެނީ ......... ދޭވް އެވެ ! އަހަރެންގެ ކައިވެނި ކަނޑައެޅި ނިމިއްޖެއެވެ. " އަންޖަލީ ވަރަށް ދެރަވެފައި ، ދޭވްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ، ލަސްލަހުން ބުނަމުން ގެންދިޔައެވެ. އޭނާއަށްވެސް ހުރީ ރޮވިފައެވެ.

ދޭވްގެ ކަންފަތްދޮށުގައި ހޮނުގުގުރިއެއްޖެހި ކަހަލައެވެ. މުޅިމީހާ ކުއްލިޔަކަށް ބަދަލުވެގެންދިޔައެވެ. ދެބުމަ ގޮށްޖެހި ގައިންވާގި ދޫވާގޮތް ވިއެވެ. އަންޖަލީ އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ، އާގަމަވެފައިހުރެ ، ސުއާލުކުރިއެވެ.

އަންޖަލީ މިއަދު އެއައީ ، ހިތި ޚަބަރެއް ހިފައިގެންނެވެ. އެއީ ދޭވްއަށްޓަކައި ހިތި ޒަހަރެކެވެ. އަންޖަލީގެ ކައިވެންޏަށް ، އޭނާގެ ބައްޕަ ،  މުއްސަނދި މަހުޖަނަކު ހޯދައިފިއެވެ. ހިތްގައިމު ރީތި ޒުވާނެކެވެ. އެކައިވެނި މިހާރު އޮތީ ، ކަށަވަރު ވެފައެވެ.  އެމީހުންގެ ނެތް އެއްޗެއް ނެތެވެ. އަންޖަލީ މިއަދު އެއައީ ، އެ ހިތާމަވެރި ޚަބަރު ދޭވްއަށް ދިނުމަށެވެ. އަދި ، އެނގޭ ހެއްޔެވެ ؟ އަންޖަލީއަށްޓަކައި ، އޭނާގެ ބައްޕަ ، ފުރިހަމަ އިންސާނެއް ހޯދައިދިނީއެވެ. ދޭވްއަށް ލިބުނު ސިހުމުގައި ، އަންޖަލީގެ އަތުގައި ބާރަށް ހިފިއެވެ. ތަދުވާ ވަރަށެވެ. އަންޖަލީވެސް ދިޔައީ ސިއްސައިގެންނެވެ. އައްދޯތްއޭ ބުނެލެވުނެވެ. އެހެންވިއްޔާ ، އެ ބޭކާރު އިންސާނާގާތައް އައިސް އަންޖަލީ އެކުރަނީ ކީއްތޯ ދޭވް ސުއާލުކުރިއެވެ. ބައްޕަ އެ ހޯދައިދިން މީހާގާތަށް ދިޔައިމަ އެވީނޫން ހެއްޔެވެ ؟

އަންޖަލީ އެއައީ އޭނާގެ ނިންމުން ދޭވްގާތު ބުނުމަށެވެ. ދޭވްގެ އަތްފޮޅުވާލާފައި ، ފަހަތަށް ފަހަތަށް ދަމުން ، އަންޖަލީ ބުންޏެވެ. ފަހަރެއްގައި އެއީ ، އެދެލޯބިވެރިންގެ އެންމެ ފަހު ބައްދަލުވުމަށްވެސް ވެދާނެއެވެ. މިއަދުން ފެށިގެން އެމީހުންނަށް ދެން ، ބައްދަލެއްވެސް ނުކުރެވޭނެއެވެ. އަންޖަލީއަށް ހުރީ ރޮވިފައެވެ. ދޭވް ގެ ކެތްތެރިކަން ކޮޅުންލިއެވެ. އެނާގެ ފައިތިލައިގެ ދަށުން ، ބިންގަނޑު ދެމިގަތެވެ. ދުރުން އެފެންނަ ބޮޑު ފަރުބަދަ އޭނާގެ ބޯމައްޗަށް ވެއްޓެން އަރިއަޅައިލި ކަހަލައެވެ.

އެނާ ދެންދަނީކަމުގައި ބުނެ ފަހަތަށް އެނބުރި ، އަންޖަލީ ހިނގައިގަތެވެ. އެބަސް ، ދޭވްގެ ކަންފަތުގައި ޖެހުމާއެކު ، ހިތުގެ ވިންދު ތެޅިގަތީކީ ވަކިވަރަކަށްނޫނެވެ. ދުވެފައިގޮސް އަންޖަލީ ހިފެހެއްޓިއެވެ. ބޮޑުވެފައިހުރި ދެލޮލުން އަންޖަލީއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ސަމާސާ ނުކުރާށޭ ބުނެ ، ހިތުގައިވާ ކެކުޅުން އަންޖަލީގެ ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ. ފަހަތުން އައިސް އަންޖަލީގެ ދެކޮނޑުގައި ހިފައި ތަޅުވައިގެންފައި އަންޖަލީ އެދަނީ ކޮންތާކަށްތޯ ސުއާލުކުރިއެވެ.

" ކިހިނެއް ވީހެއްޔެވެ ؟ ބިރުގަތީ ހެއްޔެވެ ؟ ދޭވް ބިރުގަތީ ހެއްޔެވެ ؟ " ދޭވްގެ ދަތްދޮޅީގައި އިނގިލި ޖައްސާލައިގެން ހުރެ އަންޖަލީ ބުންޏެވެ. ދޭވް ބިރުގަތީއޭ ބުނެ ، ކަކަކަކަ އަޅާފައި އަޑުގެ ނެތްތަނަށް އަންޖަލީ ހޭން ފެށްޓިއެވެ. ތިކުރަނީ ކޮންކަމެއްހޭ އަހައި އަންޖަލީއާ ، ދޭވް ސުއާލުކުރިއެވެ. އަންޖަލީ މޮޔަވީ ހެއްޔެވެ ؟ އަންޖަލީ އެ ހެނީ ، އޭނާ އެކޮށްލި ސަމާސާއިން ދޭވް އެކަން ސީރިއަސްކޮށް ނެގީމާކަމުގައި އަންޖަލީ ބުންޏެވެ.

އަންޖަލީގެ އެ ސަމާސާއަށް ، ދޭވް ހިތްހަމައެއް ނުޖެހުނެވެ. އެކަހަލަ ސަމާސާއަކީ އޭނާ އެއްވެސް ވަރަކަށް ގަޔާވާ ކަމެއްނޫންކަމުގައި ބުންޏެވެ. އެހެންވިއްޔާ ދޭވް ގަޔާވަނީ ކޮންކަހަލަ ސަމާސާ އަކަށްތޯ އަންޖަލީ ސުއާލުކުރިއެވެ.

އެއީ އަންޖަލީ ކޮށްލި ސަމާސާއެއްކަމަށް ބަލާކަށް ، ދޭވްގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންކޮންމެ ސަމާސާއެއްކުރިނަމަވެސް ، އެދެހިތް ވަކިވުމާބެހޭ އެކަހަލަ ސަމާސާއެއް އެއްގޮތަކަށްވެސް ދޭވްއަކަށް ހަޖަމެއް ނުކުރެވޭނެއެވެ. އެފަދަކަމެއް ނުކުރުމަށް ، އަންޖަލީގެ ކިބައިން ، ދޭވް އެދުނެވެ. އަންޖަލީގެ އަތްތިލަ ގެންގޮސް ، އޭނާގެ ތެޅިތެޅިއޮތް ހިތުގައި ޖައްސައި އޮއްބައިލިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.