ކިރުއިލޮށި - 56

(16 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޝްހަރު އޮފީހުގައި އިންދައި އޭނާގެ ކެބިންގެ ދޮރުގައި ޓަކިޖަހައިލުމަށްފަހު ، ކައިސަރު ވަނެވެ. އަޝްހަރަށް އޭނާ ސަލާމް ގޮވައިލިއެވެ. ކައިސަރު ފެނުމާއެކު ، އަޝްހަރުގެ މޫނު ރުޅިވެރިކަމުން ފުރި އުތުރިގެން ދިޔައެވެ. ކައިސަރު އެތަނަށް އައުމުގެ ހިތްވަރު ލިބުނީ ކިހިނެއްތޯ ސުއާލުކޮށް ކައިސަރާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އަދި މޭޒުމަތިން އޭނާގެ އަތުގައި ޖެހުނު އެއްޗެއް ކައިސަރާދިމާއަށް ހޫރައިލިއެވެ. އަޝްހަރު އެއްލި އެތިން ރެކުމަށްފަހު ، އެ ދެމީހުންނަށް އިށީނދެލައިގެންތިބެ ވާހަކަ ދައްކައިލެވިދާނެތޯ އަޝްހަރުކުރެން އެހިއެވެ.

ކައިސަރު އެއައީ އަޝްހަރުގެ ސިކުނޑި ހުޅުވި ، ހަމަޔަކަށްއެޅިދާނެ ޙަޤީޤަތްތަކެއްގެ ވާހަކަ ދައްކަންކަމުގައި ކައިސަރު ބުންޏެވެ. " އަޝްހަރަށް އެނގޭ ހެއްޔެވެ ؟ ޚައިރާދު " ކައިސަރަށް އެހިސާބަށް ބުނެވުނުތަނާ އަޝްހަރު އައިސް ކައިސަރުގެ މޫނުމަތީ ތަފާލެއް އެޅިއެވެ. އަދި އޭނާގެ އަންހެނުންގެ ނަން ، ކައިސަރުގެ މުޑުދާރު ދުލުން ނުކިޔުމަށް އަމުރުކުރިއެވެ. އަޝްހަރު ހުރީ ކޮންޓްރޯލުން ނައްޓާފައެވެ. ކައިސަރާ ދިމާއަށް ހަޅޭއްލަވައިގަތުމަށްފަހު އިންޓަރ ކަމްނަގާ އޭނާގެ ކެބިންއަށް ސެކިއުރިޓީ ގާރޑުން ފޮނުވަން އެންގިއެވެ.

ކައިސަރު އެއައީ ބައެއް މީހުންގެ ޙަޤީޤަތް ، އަޝްހަރަށް ހާމަކުރުމަށްކަމުގައި ކައިސަރު ބުނަމުން ގެންދިޔައެވެ. އޭނާ އެއައީ ، އަޝްހަރުގެ މަންމަގެ ޙަޤީޤަތް އަޝްހަރަށް ކިޔައިދިނުމަށެވެ. އެހެންނަމަވެސް އަޝްހަރު އެ އަޑުއަހަން ބޭނުންނޫން ކަމަށްވަންޏާ ކައިސަރުގެ މައްސަލައެއް ނެތެވެ. އެއަޑު އަހާނެ ހިތްވަރެއް އަޝްހަރުގެ ނުހުންނާނެކަމުގައި ބުނެ ކައިސަރު ލަދުގަންނުވައިލިއެވެ. ކައިސަރު އެތަނުން ބޭރަށް ނެރުމަށް އަޝްހަރު ، ގާރޑަށް އަމުރުކުރިއެވެ. އަދި ފަހުންވެސް މިއޮފީހަށް އޭނާ ވަނަދީގެން ނުވާނެކަމަށް ބުންޏެވެ.

އަޝްހަރު އޮފީހުން ގެޔަށްގޮސް ހަރީމް ނިންދަވާފައި ދަރިފުޅުގާތު އިށީނދެލައިގެން އިނެވެ. އޭނާގެ ލޯވަނީ ކަރުނައިން ފުރިފައެވެ. ޚައިރާދާއެކު އަޝްހަރު ހޭދަކުރި އުފާވެރި ވަގުތުތައް ، ފަހަރަކު މަންޒަރަކަށް ބަދަލުވަމުން އޭނާގެ ކުރިމަތީ ނިއުޅެމުން ދިޔައެވެ. އޭނާގެ އަތުގައި ޚައިރާދު ދޫކޮށްފައިދިޔަ ނޯޓު އޮތެވެ.

ޒަރީނާއާއި ސާރާ ، ސިޓިންރޫމުގައި  ޓީވީބަލަން ޖައްސައިލައިގެން ތިއްބެވެ. ސާރާ އިނީ ވިސްނުމެއްގެ ތެރެޔަށް ގެއްލިފައެވެ. ޓީވީން އަންނަ އެއްޗަކަށް އޭނާގެ ޝަޢުޤުވެރިކަމެއް އަމްދުން ނެތެވެ. ސާރާގެ ހަމަހިމޭންކަން ކަނޑުވައިލުމަށްޓަކައި ކޮންމެވެސް ވާހަކައެއް ދައްކައިލުމަށް ޒަރީނާ އެދުނެވެ. ސާރާ ވާހަކަ ނުދެއްކީމަ ޒަރީނާ ވާހަކަ ފެށްޓިއެވެ. ޒަރީނާ އެވިސްނަނީ އެދެމައިންގެ ދިރިއުޅުން ލަންޑަނަށް ބަދަލުކޮށް އިނގިރޭސިވިލާތަށް ހިޖުރަކުރާށެވެ. ހަމައެކަނި ސާރާއާއި ޒަރީނާއާ ދެމައިންނެވެ. އެދެމައިން ލަންޑަނަށްގޮސް ، އައު ދިރިއުޅުމެއް ފަށާނީއެވެ. އޭނާގެ ދަރިފުޅު ސާރާއަކީ އަދިހަމަ ޒުވާން ކުއްޖެކެވެ. އުޅޭތަނާއި މާޙައުލު ބަދަލުވީމަ އިންސާނާގެ ވިސްނުމާއި ފިކުރަށް ބަދަލު އަންނާނެއެވެ. އޭރަށް ހުރިހާކަމެއްވެސް އަލުން ފެށުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެހިސާބުންވެސް ސާރާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. މީހަކު އެއްޗެކޭ ކިޔާހެންވެސް އޭނާއަކަށް ހިއެއް ނުވެއެވެ.

އަޝްހަރުގެ ދަރިފުޅުގެ އޮޕަރޭޝަން ކުރެވިއްޖެތޯ ސާރާ ސުއާލުކުރިއެވެ. މާނޭވާއެއް ލުމަށްފަހު ، އެކަން ކުރެވިއްޖެކަމުގައި ޒަރީނާ ބުންޏެވެ. އެކުއްޖާ ރަނގަޅެވެ. އެކަމަކާ ސާރާއަކާ ކޮންކަމެއް ހެއްޔެވެ ؟ ލަންޑަނަށް ބަދަލުވުމުގެ ވިސްނުން ކިހިނެއްތޯ އަނެއްކާވެސް ޒަރީނާ ސުއާލުކުރިއެވެ. ސާރާވެސް ކުރީ ސުއާލެކެވެ.

ޚައިރާދު ކިހިނެއް ހެއްޔެވެ ؟ އަޝްހަރު އޭނާގެނެސް ގެޔަށް ވައްދައިފި ދޯއެވެ ؟ ސާރާގެ ލޮލުގައި ޖަމާވެފައިހުރި ކަރުނަތައް ޒަރީނާއަށް ފެނުނެވެ. އެމީހުންނާ ބެހޭގޮތުން އަހަރެމެން ވާހަކަ ދައްކަންވީ ސަބަބަކީ ކޮބައިތޯ ޒަރީނާ ސުއާލުކުރިއެވެ.

" އަޝްހަރު އަނެއްކާވެސް ޚައިރާދު އޭނާގެ ޙަޔާތަށް ގެނައީއެވެ. ޚައިރާދު އެގެޔަށް ގެނެވުނީއެވެ. ޚައިރާދު ހުރީ ވަރަށް އުފަލުން ދޯއެވެ ؟ އަޝްހަރު ، ޚައިރާދުދެކެ ވަރަށް ލޯބިވެއެވެ. " ސާރާއަށް ބުނެވުނެވެ.

ޒަރީނާއަކީ ކާކުތޯ ޒަރީނާ ސުއާލުކުރިއެވެ. އޭނާ ސާރާދެކެ އިންތިހާއަށް ލޯބިވާކަމުގައި ޒަރީނާ ބުންޏެވެ. ޚައިރާދެއް މުހިންމެއްނޫނެވެ. އަދި އަޝްހަރެއްވެސް މުހިންމެއްނޫނެވެ. ޒަރީނާއަށް މުހިންމީ ސާރާއެވެ. އެއީ ޒަރީނާގެ ފުރާނައެވެ. ޒަރީނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކަރާޗީން ފުރައިގެންދާށެވެ.

ސާރާ ނިދާލަން ބޭނުންވާކަމުގައި އޭނާގެ މަންމަގާތު ބުންޏެވެ. އަދި ، އޭނާގެ ކޮޓަރިޔަށް މަތީބުރިޔަށްދާން ހިނގައިގަތެވެ. ސާރާ ސިޑިން އަރައި ހުއްޓިލައިގެން އިރުކޮޅަކު ހުރުމަށްފަހު ، އެނބުރިއައިސް މަންމަގެ ގައިގާ ބައްދައިލިއެވެ. އެއީ މިފަހަކަށް އައިސް ސާރާކުރިކަމެއްނޫނެވެ. ދެމައިންގެ މެދުގައި އަބަދުވެސް އޮންނަނީ ދެބަސްވުމެވެ. ލޯބިން ކަމެއްކޮށްލުމެއް ނޯވެއެވެ. ސާރާ އައިސް އެހާ ލޯބިން ބައްދައިލުމުން ، ޒަރީނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ދެމައިން ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު ސާރާ މައްޗަށް އަރައިގެން ދިޔައެވެ.

އަޝްހަރުގާތަށް ނިދިނައިސްގެން ގޭތެރޭ އެނބުރެމުންގޮސް ، ކުރީގެ ފޮޓޯ އަލްބަމްތައް ލާފައިހުރި ތަނަށް ދެވުނެވެ. ކުރީގެ ހަނދާންތައް އައުކޮށްލުމަށްޓަކައި އެތަނުން އަލްބަމެއް ބަލައިލަން އަޝްހަރު ނިންމިއެވެ. ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް އޭނާގެ ހިތަށް ލިއްބައިދިނުމަށްޓަކައެވެ. މިހާރަކު އޭނާއަކަށް ޚައިރާދެއް ނުފެނެއެވެ. އޭނާގެ ދިރިއުޅުމުން ، ޚައިރާދު ހިނގައްޖެއެވެ. ދެން ޚައިރާދު ފެންނާނީ ހަމައެކަނި ފޮޓޯއަކުންނެވެ. ގޮޑިޔަކަށް އަރައި އަލްބަމްތައް ލާފައިހުރި ފޮށިގަނޑު ނަގަން އުޅެނިކޮށް އަތުން ކައްސާލައިގެން ފޮށިގަނޑު ވެއްޓުނެވެ. ތަޅުންމައްޗަށް އެޅިފައިހުރި އަލްބަމްތައް ނަގައި ފޮށިގަނޑަށް އަޅަމުންދަނިކޮށް އެފޮށިގަނޑުތެރޭއޮތް ކަރުދާސްގަނޑެއް އަޝްހަރަށް ފެނުނެވެ. ވަރަށް ދުވަސްވެފައި އޮތް ބާ ކަރުދާސްގަނޑެކެވެ. އެއީ ކޮންމެވެސް މީހަކު އަތުލިޔުމުން ލިޔެފައިއޮތް ނޯޓެކެވެ. އެ ނޯޓުގެ މަތިން އަޝްހަރު ކުއްލިޔަކަށް ހަނދާންވިއެވެ. އެއީ ޚައިރާދު ދައްތަ ދިން އެއްޗެކޭ ބުނެ އެގޭގެ ނޯކަރު އަމްޖަދު ، މީގެ ހަތަރު އަހަރުކުރިން ، އަޝްހަރުއަތަށް ދިން ނޯޓެކެވެ. އެ ނޯޓު ، އޭރަކު އަޝްހަރެއް ނުކިޔައެވެ. ޚައިރާދުދެކެ އައިސްހުރި ރުޅީގައި ، އެ ކަރުދާސްގަނޑު ނުކިޔައި ބޭއްވުނީ ކޮންތާކުކަމެއް އަޝްހަރު ހަނދާނެއް ނެތެވެ. އެކަމަކު ، އެއީ އެނޯޓުކަން އަޝްހަރަށް އެނގުނެވެ.

އެ ނޯޓުނަގައި ، އެތާހުރި ގޮނޑިއެއްގައި ޖައްސާލުމަށްފަހު މަޑުމަޑުން ކިޔަން ފެށިއެވެ.

އަޝްހަރު ތިއުޅެނީ ކޮންތާކު ހެއްޔެވެ ؟ މިވަގުތު އަޝްހަރު ތިހުރީ ކޮންތާކު ހެއްޔެވެ ؟ އަޝްހަރު އައިސް ، އަހަރެމެންގެ ދިރިއުޅުމަށް މިކުރިމަތިވި ތޫފާން ނިކަން ދެކިބަލާށެވެ. އަޝްހަރެވެ ! އަޝްހަރުގެ މަންމަ އަހަރެން ގެއިން ބޭރުކޮށްލައިފިއެވެ. އަހަރެން މި ނޯޓު މިލިޔަނީ ގެއިންބޭރުގައި މަގުމަތީ ހުރެގެންނެވެ. އަމްޖަދަށް އާދޭސްކޮށްގެން ކަރުދާސް ގަނޑަކާއި ގަލަމެއް ގެނެސްގެންނެވެ. އަޝްހަރަށް މިއަދު އެ ފެނުނު މަންޒަރަކީ ޙަޤީޤަތެއްނޫނެވެ. އެއީ ތެދެއްނޫނެވެ. އެއީ މަންމަގެ ނުބައި ރޭވުމެކެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ. އެއީ މަންމަ ރޭވި ރޭވުމެކެވެ. އަޝްހަރުގެ ކުރިމަތީގައި އަހަރެންގެ އަގުވައްޓައިލުމުގެ ބޭނުމުގައެވެ. އަހަރެންދެކެ ، މަންމަ އެހާ ނަފުރަތުކުރާކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެހާބޮޑު ނަފުރަތެއް އަހަރެންނާމެދު މަންމަގެ ހިތުގައި އުފެދެންވީ ކީއްވެގެންކަމެއް އަހަރެންނަކަށް ނޭނގެއެވެ.

ކައިސަރުގެ ގެޔަށް އަހަރެން ގެނދިޔައީ މަންމައެވެ. އެއީ ، އެގޭގައިއުޅޭ ނޯކަރާއި ކައިސަރާ އަދި ޒަރީނާއާއި މަންމަޔާ ހަތަރުމީހުން ބައިވެރިވެގެން ، އަހަރެންނަށް ދިން ލަނޑެކެވެ. އެހުރިހާ ރޭވުމެއް ރާވާފައި ، އެމީހުން އަޝްހަރު އެގެޔަށް ގެނައީއެވެ. ކައިސަރުމެންގެ ގެޔަކީ އަހަރެންވެސް އަދި އަޝްހަރުވެސް ކުރިންދިޔަ ގެއެއްނޫނެއް ނޫންހެއްޔެވެ ؟ އަހަރެމެން އެގެޔަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން ހައްލައިލައިގެން އެގެޔަށް ގެންދިޔައީ މަންމައެވެ.

އެހިސާބުން އަޝްހަރުގެ ކުރިމައްޗަށް އެރޭގެ އެކިމަންޒަރު ސިފަވަމުން ދިޔައެވެ. މަންމަ އުޅުނުގޮތާއި ޚައިރާދާ ދިމާއަށް މަންމަ ގޮވި އެއްޗިއްސާއި ދިން އަނިޔާއެވެ. އެއީ ޙަޤީޤަތެއް ނޫންކަމަށާއި ޚައިރާދު އެހަދަނީ ތެދުކަމަށާ އަދި އޭނާގެ ވާހަކަ ޤަބޫލުކުރުމަށް އަޝްހަރުގެ ދެފައިގާ ހިފާފައި ޚައިރާދު ކުރަމުން ގެންދިޔަ އާދޭހެވެ. އަޝްހަރުގެ ލޮލުން ކަރުނަ އޮހިގަތެވެ. ދެލޯ ފުހެލުމަށްފަހު އަނެއްކާވެސް އެ ނޯޓު ކިޔަން ފެށިއެވެ.

އަހަރެންގެ ބޮލުގައި އެ އެޅުވީ ހާދަ ބޮޑު އިލްޒާމެކެވެ. މީހުންކުރިމައްޗަށް ނުކުމެ އިސްއުފުލައިލަން ނުކެރޭފަދަ ހުތުރު ތުހުމަތެކެވެ. އަޝްހަރެވެ ! އަހަރެންނަށް ޔަޤީންކުރާށެވެ ! އިތުބާރު ކުރާށެވެ ! އެއީ މަންމަގެ ރޭވުމެކެވެ. އަހަރެންނަކީ އަޝްހަރުގެ މިލްކެކެވެ. އަހަރެންގެ ، އެންމެ ފަހު ނޭވަޔަށް ދަންދެން އަހަރެން ހުންނާނީ އަޝްހަރުގެ މިލްކެއްގެ ގޮތުގައެވެ. އަހަރެންގެ ހުރިހާވެސް އެއްޗަކީ އަޝްހަރެވެ. އަޝްހަރު ނޫންމީހަކު ، ދުވަހަކުވެސް އަހަރެންގެ ހަށިގަނޑުގައި ބީހިލާފައެއްވެސް ނުވާނެއެވެ. އަހަރެންގެ ހިތް އެކަމަށް އަހަރެންނަކަށް ހުއްދައެއް ނުދޭނެއެވެ. އެކަން އަޝްހަރަށްވެސް އެނގޭ ނޫންހެއްޔެވެ ؟ އަހަރެން އެއްގޮތަކަށްވެސް ބަދަލެއް ނުވަމެވެ. އަޝްހަރު ބަދަލު ނުވުމަށް އެދި އަހަރެން އާދޭސް ކުރަމެވެ. އަހަރެމެންގެ ލޯބި ދެމީހުންގެ ހިތުގައިވެސް ތާޒާކަންމަތީ އެބައޮތެވެ. އެއީ އެހެންމީހަކަށް ކުޅެވިގެންވާނެ އެއްޗެއްނޫނެވެ. އެލޯބީގެ އިތުބާރާއި ޔަޤީންކަން ، އަޝްހަރު ކަށަވަރުކޮށްދޭށެވެ. އަހަރެމެން މިއުޅެނީ ކިހާ ލޯބިން ހެއްޔެވެ ؟ އެ ލޯތްބަށް އެއްވެސް ކަމަކުން ހިޔަނި އެޅުނަ ނުދޭށެވެ. އަހަރެންނަކީ ވަރަށްބޮޑު ނިކަމެއްޗެކެވެ. އަހަރެންނަށް ތިހެން ނުހަދާށެވެ ! އަހަރެންނަށް އަޝްހަރު އިތުބާރު ނުކުރަންޏާ ، އަހަރެން ދިރިހުރުމުގެ ބޭނުމެއް ނެތެވެ. ދުނިޔޭގައި އަހަރެން ދިރިއުޅުމުގެ ބޭނުން އެހިސާބުން އެނިމުނީއެވެ.

އަޝްހަރެވެ ! އަހަރެން މިއިނީ އަޝްހަރުގެ ދަރިޔަކަށް ބަލިވެއެވެ. އަޝްހަރަށް އުފާވެރި ޚަބަރެއް ދޭންވެފައި އެބައޮތްކަމަށް ފޯނުން އަހަރެން ބުނިކަން އަޝްހަރު ހަނދާން އެބަހުރި ނޫންހެއްޔެވެ ؟ އެ ޚަބަރަކީ އެއީއެވެ. އަހަރެން ބަލިވެއިން ވާހަކައެވެ. އަޝްހަރުގާތު އެވާހަކަ ބުނަން އަހަރެން ބޭނުންވީ ވަރަށް ލޯބިގޮތަކަށެވެ. އަޝްހަރުގެ އުނގުގައި ބޯއަޅާލައިގެން އޮވެއެވެ. އަހަރެން ބަލިވެއިންކަން މަންމަޔަށްވެސް އެނގޭނެއެވެ. އަންހެނުންގެ ޑޮކްޓަރަށް ދައްކަން އަހަރެންދިޔައީ މަންމަޔާ އެކުގައެވެ. އަހަރެން ބަލިވެއިން ވާހަކަ ޑޮކްޓަރ ބުނީ މަންމަގެވެސް ޙާޟިރުގައެވެ. އެހެންނަމަވެސް އަހަރެންގެ ދަރިފުޅުގެ ބައްޕަޔަކީ އަޝްހަރުކަން ސާބިތުވިޔަނުދޭނެކަމަށް ބުނެ ، މަންމަ އަހަރެންނަށް އިންޒާރުކޮށް ގޮންޖެހިއެވެ. މަންމަ އަހަރެންނަށް އެދިން ޖިސްމާނީ އަނިޔާގައި އަހަރެންގެ ދަރިފުޅަށް ގެއްލުމެއް ވެދާނެތީ އަހަރެން މިހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. މަންމަގެ ބޭނުމަކީ އެދަރިފުޅު ދުނިޔެއަށް އައުމުގެކުރިން އަހަރެންގެ ބަނޑަށް އެ ތުއްތު ފުރާނައިގެ ދިރުން ނައްތައިލުމެވެ. އެއީ ހާދަހާބޮޑު އަނިޔާއެކެވެ. އެއް އިންސާނަކު އަނެއް އިންސާނަކަށް ދޭން ހެޔޮވާވަރުގެ އަނިޔާއެއްނޫނެވެ. އެކަމަކު ، އަޝްހަރުގެ މަންމަ އެހުރީ އެކަން ކުރަން ހުވާކޮށްގެންނެވެ.

އަޝްހަރުގެ ކުރިމަތީ އަނެއްކާވެސް އެރޭގެ އެކި މަންޒަރުތައް ސިފަވެގެން ދިޔައެވެ. ޚައިރާދުގެ އާދޭހެވެ. ކައިސަރުގެ ވާހަކަ ތަކެވެ. މަންމަ ، ޚައިރާދާ ދިމާއަށް ގޮވި ހުތުރު އެއްޗިއްސެވެ. ޒަރީނާގެ ހަމަހިމޭންކަމެވެ. މަންމަގެ އަތުގައި ހުރިބާރެއްލާފައި ، ޚައިރާދުގެ ކަންކަށިމަތީ ޖެހިޖެހުމެވެ. ތަޅުންމައްޗަށް ޚައިރާދު ވެއްޓުނު އަނިޔާވެރި ޙާލަތެވެ.

އަޝްހަރެވެ ! އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނާއި އަހަރެމެންގެ ދަރިފުޅަށް މަންމަ އެދޭ އަނިޔާތައް ހުއްޓުވައިދޭށެވެ ! އެހެންނޫނީ އަޝްހަރުގެ ޚައިރާދު މަރުވެދާނެއެވެ. އަޝްހަރެވެ ! އަހަރެން މި މުޞީބާތުން ސަލާމަތް ކޮށްދޭށެވެ ! އަޝްހަރުގެ ދެފައިގާ ހިފައި އަހަރެން އާދޭސް ކުރަމެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ ! ﷲ ގެ ރަސްކަންފުޅަށް ބިރުވެތިވެ ، ވަގުތު ފާއިތު ވުމުގެ ކުރިން  އަހަރެން ސަލާމަތް ކޮށްދޭށެވެ ! އަހަރެންގެ ބޮޑުބޭބެއާއި މަންމަޔާ އަދި ބައްޕަވަނީ ނިޔާވެފައެވެ. މިއަދު ، އަހަރެންނަކީ އަޅާލާނެ ޔާރެއް އިޔާރެއްނެތް ނިކަމެއްޗަކީމެވެ. އަޝްހަރު ނޫން އެހެންމީހަކު އަހަރެންގެ ނެތެވެ. އަހަރެންނަކީ ، ހަމައެކަނި އަޝްހަރު ދެކެ ލޯބިވި އިންސާނަކީމެވެ. އަހަރެމެންގެ ލޯބީގެ ޙައްޤުގައި އަހަރެމެންގެ ދަރިފުޅާއި އަހަރެން ، ދުނިޔެއަށް ގިނަވާން ދޫކޮށްނުލާށެވެ !

ޚައިރާދުގެ ސިޓީ ކިޔައި ނިންމައިލިއިރު ،  އަޝްހަރުއިނީ ހަދާނެގޮތް ބޮޑުވެފައެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދެއެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް އިންސާނެއްގެ ގޮތުގައި އޭނާގެ އަމިއްލަ ޒަމީރު ، އޭނާއަށް މަލާމާތް ކުރަމުން ގެންދިޔައެވެ. އޭނާއަކީ ބޮޑުވެގެންވާ މުޖުރިމެއްގެ ގޮތުގައި އޭނާގެ ތަޞައްވުރު އޭނާގެ މައްޗަށް ނިޔާ ކަނޑައަޅަމުން ގެންދިޔައެވެ. އޭނާއަކީ އިންސާނަކަށް ކުރެވޭނެ އެންމެބޮޑު ކުށް ކޮށްގެންހުރި ކުށްވެރިއެއްގެ ގޮތުގައި ، އޭނާގެ ސިކުނޑި އަޝްހަރަށް އަންގަމުން ގެންދިޔައެވެ.

އެރޭ އިރާކޮޅު އޭނާގެ އޮފީހަށް ކައިސަރު އައިސް ދެއްކި ވާހަކަތައް ، އަޝްހަރުގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ.

" އަހަރެން މިއައީ އަޝްހަރާ ގުޅިފައިވާ ބައެއް މީހުންގެ ޙަޤީޤަތް އަޝްހަރަށް ހާމަކުރުމަށެވެ. އަޝްހަރުގެ މަންމަގެ ޙަޤީޤަތް އަޝްހަރަށް ހާމަކޮށްދިނުމަށެވެ. އެހެންނަމަވެސް އަޝްހަރު އެ އަޑުއަހަން ބޭނުންނޫން ކަމަށްވަންޏާ އަހަރެންގެ މައްސަލައެއް ނެތެވެ. އެއަޑު އަހާނެ ހިތްވަރެއް އަޝްހަރުގެ ނުހުންނާނެއެވެ. "

އަޝްހަރު އޭނާގެ ބޮލުގައި ދެއަތުން ހިފައި ބޮލުގެ އިސްތަށިގަނޑަށް ދަމަން ފެށިއެވެ. ލޮލުގައި އޮތް އައިނު ނަގައި ހޫރައިލިއެވެ. އެހެނަސް އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހޭކަށް ނޫޅެއެވެ. އެއީ ހުސްވަންދެން ފައިބަން ހުރި އެއްޗެކެވެ. ދެލޯ އަނދިރި ވަންދެނެވެ. އެއީ ،  އަޝްހަރަށް ކުރެވިފައިވާ ކުށުގެ ޢުޤޫބާތް ފުރިހަމަވާނެ މިންވަރެއްނޫނެވެ. އޭނާއަށް ލިބެން ޖެހޭނީ އެއަށްވުރެ ބޮޑު ޢުޤޫބާތެކެވެ. އަޝްހަރު ތެދުވެގެން ގޮސް ކުރިމަތީހުރި ފާރުގައި ބޯ ތަޅަން ފެށިއެވެ. އަޝްހަރުގެ ހިތަށް އަރަމުން ދިޔައެވެ.

މަންމަ ހެއްޔެވެ ؟ އެއީ އެހާ ނުބައި ނުލަފާ މީހަކީ ހެއްޔެވެ ؟ އޭނާ ކުޑައިރުއްސުރެ ބަލައި ބޮޑުކުރި މަންމަ ހެއްޔެވެ ؟ އެވަރުގެ އިންސާނިއްޔަތުކަމެއްނެތް އިންސާނަކަށް މަންމަ ބަދަލުވީ ކޮން އިރަކު ހެއްޔެވެ ؟ އެވަރުގެ އަގެއްނެތް އަނިޔާވެރިޔަކަށް އޭނާގެ މަންމަ ވީ ކީއްވެ ހެއްޔެވެ ؟ ޚައިރާދުގެ ކުށަކީ ކޮބައި ހެއްޔެވެ ؟ އޭނާގެ ނިކަމެތިކަން ހެއްޔެވެ ؟ އެއީ އޭނާގެ ލޯބިވާ އަންހެނުންނެވެ. އަޝްހަރުގެ ފުރާނައެވެ. ޚައިރާދުގެ ވާހަކަ ބާއްވާށެވެ ! މަންމަ ބަނޑުއަޅައި ވިހޭ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ބަރުބާދު ކޮށްލުމުގައި ، މަންމަޔަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ ؟ ޚައިރާދުގެ ބަނޑުގައި ގަރުބަ ގަންނަމުންދިޔަ ، އޭނާގެ ދަރިފުޅަށް އެވަރުގެ އަނިޔާއެއް ދިން އިރު ، އެއީ މަންމައެއް ހެއްޔެވެ ؟ ނޫނެކެވެ. އެވަރުގެ ނުބައި ނުލަފާ އިންސާނަކު ، އެއްވެސް މީހެއްގެ މަޔަކަށް ނުވާނެއެވެ. ވަލުޖަނަވާރުންވެސް ، އެތަކެތީގެ ދަރިންނަށް ޙިމާޔަތް ދެއެވެ. އަނިޔާއެއް ނުކުރެއެވެ. ކުރިމަތިވާ އަނިޔާއިން ސަލާމަތްކޮށްދޭން މަސައްކަތް ކުރެއެވެ. ޚުދު ، އަޝްހަރުގެ އަމިއްލަ މަންމައެވެ. އެއީ ، މައިވަންތަކުލުނުން މަޙުރޫމުވެފައިވާ އަނިޔާވެރިއެކެވެ. އިންސާނިއްޔަތަށްހުރި ނުރައްކަލެކެވެ. އެއީ އިންސާނެއްގެ ސިފައިގާހުރި ޝައިޠާނެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.