(26 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ހަތަރު ފަރާތަށް ބަލާލިއެވެ. މުޅި ގެއަށްވެސް ވެރިވެފައި ވަނީ އަޖައިބުވާފަދަ ހިމޭންކަމެކެވެ. ގެއިންފެންނަނީ ތަރުތީބެއް ނެތް ކަމުގެ މަންޡަރުތަކެވެ. ވީރާނާ ވުމުގެ އަސަރުތަކެވެ.
"މި ދުވަސްވަރު ކޮށްއުޅެނީ ކޮންކަހަލަ މަސައްކަތެއް؟ ބިއްލާ!"
"ކުލީ މަސައްކަތް މައިބާޕް! ކަލާގާތުގައި ނުބައިކަންތައް ނުކުރުމަށް ވަޢުދުވީ ދުވަހުން ފެށިގެން ބިއްލާ މުޅީން ބަދަލުވީ. މިހާރު ބިއްލާއެއްވެސް ކަހަލަ ނުބައި ކަމެއް ނުކުރަން. މީ ހަމަ ހުވާކޮށްފައި ބުނާ ތެދެއް....."
"ކަލޭ ދޮގެއް ނުހަދާނެކަން އަހަރެންނަށް ޔަޤީންކުރެވޭ. އަދި ބުނަން ޕަރްވީން މިހާރު ކޮބާ؟"
"އޭނާ މިހާރުވީ އޭނާގެ ގޭގައި. ބިއްލާ މިހާރު މިއުޅެނީ މުޅީން އެކަނި. އަޅުގަނޑު އޭނާގެ ކައިވެނީގެ ކަންތައްތައް ވަރަށް ފުރިހަމަ ގޮތެއްގައި ކޮށްދިނިން. މައިބާޕް! ކައިވެނީގެ ހަފްލާއަށް ކަލާއަށް ދައުވަތު ދޭންވެގެން އަޅުގަނޑު ކަލާގެ ބައްޕަ ކުރެން އެހިން. ނަމަވެސް ބައްޕަ އެކަމާ އެއްބަސްވެ ނުލެއްވީ ބާޒާރުމަތީގައި ކަލާ އަޅުގަނޑުގެ މޫނުމަތީގައި ޖައްސަވާފައި އަޅުގަނޑުގެ މަންމަ މަރުވި ވާހަކަ ބުނުއްވި ދުވަސް މިހާރުވެސް އަޅުގަނޑު ހަމަ ރަނގަޅަށް ހަނދާން އެބަހުރި..އެ ދުވަހުން ފެށިގެން ބިއްލާވެސް ވަނީ މަރުވެފައި. ބިއްލާގެ ހުރިހާ ވިޔަފާރިއެއް ވަނީ ހުއްޓާލެވިފައި. ނުބައިކަންތައްތައް ކުރުން ދޫކޮށްލެވިފައި... އޭގެފަހުން އަޅުގަނޑު މިއުޅެނީ ކަލާ ބުނުއްވިގޮތަށް. މި ހިސާބުގަނޑުގެ އެންމެންނާ ސުވާލު ކުރައްވައިގެން ކަލާ ބެއްލެވިނަމަވެސް އަޅުގަނޑަށް އެންމެރަނގަޅު މައިބާޕް."
ބިއްލާއަށް ރޮވިއްޖެއެވެ. އޭނާއަށް އެ ހުރިހާ ކަންތައްތައް އެވަގުތު ހަނދާންވީ ކީއްވެގެންކަން ޚުދް އޭނާއަށްވެސް ނޭނގެއެވެ.
"އެހެން މީހުންނާ ސުވާލުކުރުމުގެ ބޭނުމެއްނެތް. ކަލޭ ތިޔަ ބުނަނީ ތެދުކަން އަހަރެންނަށް ޔަޤީންކުރެވޭ..."
"ކަލާ އަޅުގަނޑަށް ގެނެސްދޭނީ ކޮންއެއްޗެއްތޯ؟ މައިބާޕް"
"ކަލާ ދެން ހަމައިރުއިރުކޮޅާ މައިބާޕްއޭ ކިޔަނީ ކީއްވެތަ އަހަރެންނާ ދިމާއަށް އަނާ ދައްތާއޭ ކިޔާބަލަ!"
އަޅުގަނޑު ކަލާއާ ދިމާއަށް ކަލާގެ ނަމުން ގޮވަން ލަދުގަންނަނީ ކަލާ އެ ދުވަހު އެކޮށްދެއްވި ކަމަކީ އަޅުގަނޑުގެ މަންމަގެ މުޅި ޢުމުރުގައިވެސް އަޅުގަނޑަށްކޮށް ނުދެވުނުކަމެއް. އަދި މަންމަ މަރުވެގެން އެ ދިޔައީވެސް އެ ކަންތައް ކޮށްނުދެވި ...އެ ދުވަހު ހުޅުވިފައިވާ ބޮޑުބާޒާރުމަތީގައި ކަލާ އަޅުގަނޑުގެ މޫނުމަތީގައި ޖައްސަވައިގެން އަޅުގަނޑުގެ މުޅި ދިރިއުޅުން ބަދަލުކޮށްލެއްވީ.... އެ ދުވަހުން ފެށިގެން އަޅުގަނޑު މިއަންނަނީ އަބަދުވެސް އަޅުގަނޑުގެ ޚިޔާލުގައި ކަލާގެ ފައިތިލައިގައި ބޮސްދެމުން... އަދި ކަލާއަކީ އަޅުގަނޑުގެ މައިބާޕް ކަމުގައި ޤަބޫލުކޮށްގެން."
"އެންމެރަނގަޅު ...ދެން އެ ވާހަކަ ދޫކޮށްލާ..އަހަރެން ކަލޭ ކައިރިއަށް މިއައީ ކަލޭގެ ފަރާތުން ބޭނުމެއް އޮވެގެން" ބިއްލާ ސިއްސައިގެން ދިޔައެވެ. އަދި އަވަސް އަވަހަށް ބުންޏެވެ.
"އަޅުގަނޑުގެ ބޭނުމެކޭތޯ؟ ..ބިއްލާގެ ބޭނުމެކޭތޯ؟ އަވަހަށް ބުނުއްވާ! އަވަހަށް ބުނުއްވާ މައިބާޕް! ބިއްލާގެ ފުރާނަ ބޭނުމޭ ބުނުއްވިނަމަވެސް ހަމަވަގުތުން ޙާޟިރުކޮށްދޭނަން."
"އަހަރެން ބޭނުންވަނީ ނުލަފާ ބިއްލާ..މުޅި ބާޒާރު ބިރުގަންނަ ބިއްލާ. ފުލުހުންގެ އޮފީސްތަކުގައި ތިބޭ ފުލުހުންގެ މީހުންގެ ނިދި ހަރާންކޮށްލާ ބިއްލާ"
"މީހަކު މަރާލަންވީ ތޯ ނުވަތަ މީހަކު ލައްވާ މީހަކު މަރުއްވަންވީތޯ މައިބާޕް!" ބިއްލާ ބުނެލިއެވެ.
"ފަހަރެއްގައި އެ ކަހަލަ ކަމެއްވެސް ކުރަންޖެހިދާނެ.
"މާތްރަސްކަލާނގެ ގަންދީ ބުނަން ކަލާއަށް ޓަކައި މުޅި ދުނިޔެވެސް ޤަތުލުކޮށްފާނަން... ކަލާއަށް އުނދަގޫކުރަނީ އަނެއްކާ ކާކުތޯ؟ އެއީ ކޮންފަދަ ނުބައި މީހެއްތޯ؟ އަޅުގަނޑުގެ މަންމާ! ހަމަ މިހާރު ބުނުއްވާ އަވަހަށް އަޅުގަނޑު ގާތު ބުނުއްވާ އަޅުގަނޑުގެ ހަށިގަނޑުގެ ތެރޭގައި ބިއްލާ މިހާރު ހޭލައިގެން ތެދުވެއްޖެ."
އަނާ ފުން ނޭވާއެއްލިއެވެ. އަދި މަޑުމަޑުން ބުނަމުން ދިޔައެވެ.
"ހިސާބަކަށް ދުޝްމަނުން އުފެދޭގޮތް މެދުވެރިވީ ނަމަވެސް ބޭނުންވަނީ އެ މީހުން ހަލާކުކޮށްލާކަށް ނޫން ..ކަލޭގެ ފަރާތުން އަހަރެން ބޭނުންވާކަމަކީ ހަމައެކަނި އަހަރެން ރައްކާތެރިކޮށްދިނުން. އެހެން މީހުންނަށް އަހަރެންނަށް އެއްވެސް ޙަމަލާއެއް ދޭނެ ފުރުޞަތެއް އަޔަނުދިނުން.... އެކަންކުރާ އިރު އަހަރެން ނުބުނަނީސް އެއްވެސް މީހެއްގެ ގައިގައި އަތްލައިގެންނުވާނެ... މަޤްސަދަކީ ހަމައެކަނި އަހަރެން ރައްކާތެރިކޮށްދިނުން. .އެނގިއްޖެއެއްނު.. ބުނެބަލަ ކީކޭތަ ބުނަނީ!"
ބިއްލާ ރޮއިގަތެވެ. އަދި ބުންޏެވެ.
"ކަލާއަށް ޓަކައި އަޅުގަނޑުގެ ފުރާނަ ޤުރުބާން ކޮށްފިން އަޅުގަނޑުގެ މި ދިރިއުޅުމަކީ ކަލާގެ އަމާނާތެއް. އަޅުގަނޑު މިހިރީ ބުނުއްވި ކޮންމެ ކަމެއް ކުރަން..."
އަހަރެން ކަލޭ ކައިރިއަށް މިއައީ މަޖްބޫރުވެގެން. އެހެންނޫންނަމަ އަހަރެން މި ފިޔަވަޅެއް ނުނެގީމުސް... މިހާރު ދެން އަވަހަށް ތައްޔާރުވެލާ! ދެ ތިން ހެދުން ހިފައިގެން އަހަރެންނާއެކު ހިނގާ! މީގެ ފަހުން ކަލޭ ހުންނާނީ އަހަރެން ކައިރީގައި އަހަރެންގެ ގޭގައި.."
ދެން ހަމަ އެވަގުތު.. ބިއްލާ ޙަރަކާތްތެރިވާން ފަށައިފިއެވެ. ހީވީ ބަޓަނަކަށް އޮބާލީމާ ކޮންމވެސް މެޝިނެއް ސްޓާޓް ވީހެންނެވެ. ކުޑައިރުކޮޅެއްފަހުން ބިއްލާ އަނާއާއެކުގައި ހިނގަން ފަށައިފިއެވެ. ހީވަނީ އަނާ ގަނެގެން ގެންގުޅޭ އަޅެއްހެންނެވެ.
އިންސާނުން އެ މީހުންގެ އިޙްސާސްތަކާ ޖަޛްބާތުގެ ތެރޭގައި ކިހައިބޮޑަކަށް މަޖްބޫރުވެގެން އަދި ކުރާނެކަމެއް ނެތިގެން ދާގޮތްދިމާވޭ ދޮގެއްތޯ؟ މިހާރު އަނާއާއެކުގައި ހިނގަމުން އެ ދާ ބިއްލާއަކީ ރާބޮއި، ޖުވާ ކުޅެ އަދިވެސް އެފަދަ ނުބައި އެތައްކަމެއް ކުރަން އުޅުނު ބިއްލާއެވެ. އަދި ފުލުހުންގެ ހުންނަ އުނި ކަންތައްތަކުން ފައިދާ ހޯދައިގެން މުޅި ޝަހަރު ބިރުގަންނަވަން އުޅުނު ބިއްލާއެވެ. އޭނާގެ މަންމަ ހާޖަރު ބޭގަމްއަކީ އަބަދު ކެއްސާތީ އުޅުނު މީހެކެވެ.
ބިއްލާއަކީ ރަނގަޅު އިންސާނަކަށް ހެދޭތޯ އޭނާ އެތައް މަސައްކަތެއް ކުރިއެވެ. އަބަދުވެސް އެކަށް އެދި ދުޢާކޮށް ހެދިއެވެ. އެކަމަކު... އެކަމަކު އެންމެފަހުން އޭނާއަށްވެސް ކެންސަރުޖެހުނީއެވެ. ޕަރްވީންއަކީ ބިއްލާގެ އަންހެން ކޮއްކޮއެވެ. ޕަރްވީންއަކީ އަނާގެ ރަޙްމަތްތެރިއެކެވެ. މެޓްރިކާ ހަމަޔަށް އެ ދެ މީހުން ކިޔަވަން އުޅުނީ އެކުއެކުގައެވެ. މެޓްރިކް ނެގުމަށްފަހު އަނާ ކޮލެޖަށް ވަނީއެވެ. ޕަރްވީން ގޭގައި އިނީއެވެ. ނަމަވެސް ގިނަގިނައިން އެ ދެ މީހުން ބައްދަލުވެ އުޅެއެވެ. އެކަކު އަނެކަކުގެ ގެއަށް ގޮސްހަދައެވެ.
އެއްދުވަހުގެ ޙާދިޘާއެކެވެ. ވަރަށް ގިނައިން ކަރުން ލޭއައިސްފައި ހާޖަރާ ބޭގަމް މަރުވީއެވެ. ޕަރްވީން ރޮމުންރޮމުން އައީ އަނާކައިރިއަށެވެ. އަދި ބުނީ އޭނާގެ ބޭބެ ބިއްލާ ގޭގައި ނޫޅޭ ވާހަކައެވެ. ދެން.... އަނާ ތެދުވެގެން ދިޔައީ ބިއްލާ ހޯދާށެވެ. މީހުންކުރެން އަހައިގެން ބިއްލާ ޖުވާކުޅެން އިންނަ ތަނަށް ދިޔައެވެ.
އަނާ އެތަނަށް އައިތަން ފެނުމުން ބިއްލާ ސިއްސައިގެން ދާގޮތްވިއެވެ. އެހެނީ އަނާއަކީ ޕަރްވީންގެ ރަޙްމަތްތެރިއެއްކަން އޭނާއަށް އެނގެއެވެ. އަނާ އެތަނަށް އައީ ކީއްކުރަންތޯ އޭނާ ކުރެން ނޭހިގެން އުޅެނިކޮށް އަނާ ވަރަށް ބާރަށް ބިއްލާގެ މޫނުމަތީގައި އެތިފަހަރެއް އަޅައިފިއެވެ. އަދި ހަޅޭއްލަވައިގެންފައި ބުންޏެވެ.
"ދަށުދަރަޖައިގެ ނުލަފާ މީހާގަނޑާ! ކަލޭގެ މަންމަ މަރުވެއްޖެ. އެކަމަކު ކަލޭ...މިތާ ޖުވާ ކުޅެން ތިޔައިނީ. ބަލަ އެ މީހެއްގެ މަންމަ މަރުވާމީހަކީ ދުނިޔޭގެ ހުންނަ އެންމެ ބަދުނަޞީބުމީހާ. އެކަމަކު މިހާރު ކަލޭ މިތާ ތިޔައިނީ ކަލޭގެ ނަސީބުގެ އަޖުމަ ބަލަން. ދެން އެ ވަގުތު ބީއްލާއަށް ވީގޮތަކީތޯ؟ އަންހެނެއްގެ އަތުން ބޮޑިއެއް އެޅުމުން އޭނާއަށް ހީވީ އޭނާވެސް މަރުވީކަމަށް... އޭނާވެސް ވަޅުލެވުނީ.....ކަމަށް...ޠޫފާނެއްގެ ތެރެއިން އައި ޠޫފަނަކާ ދިމާވީކަމަށް..... އަހަ....އަހަރެންގެ މަންމަ މަރުވީއޭ! އެތަންވަޅު އަނާ އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން ދަމާފައި ބާޒާރުމައްޗަށް ނެރުނެވެ.
އާނ... ކަލޭގެ މަންމަ މަރުވީ އޭނާ މަރާލި މީހަކީ ތިޔައީ.... މިހެން ބުނެފައި އަނާ އޭނާގެ މޫނަށް ކުޅެއް ޖެއްސެވެ.
އެވަގުތު ބިއްލާ ހަޅޭއްލަވައިގަތެވެ. ޠޫފާނުގެ ވިލާގަނޑު އައީއެވެ.
"އަހަރެން މަރާލާ...އަހަރެން ޤަތުލު ކުރޭ..... އަހަރެން ގައިގައި ތަޅާ... ނުލަފާ ބިއްލާ މަރާލާ...ބިއްލާ އޭނާގެ މަންމަ މަރާލައިފި...މިއަދު އަހަރެންގައިގައި އަދިވެސް ތަޅާ. ކަލޭ އަހަރެންގެ މަންމައަށްވެގެން އަހަރެން މަރުވާވަރަށް އަހަރެން ގައިގައި ތަޅާދީ!"
މީ އެ ދުވަހުގެ ޙާދިޡާ ހިނގިގޮތެވެ. އެ ޙާދިޡާގެ ސަބަބުން ބިއްލާ އަނެއްކާވެސް ބިލާލަކަށްވީއެވެ. އަދި އޭނާ ކުރަމުން އައި ހުރިހާ ނުބައިކަމެއް ދޫކޮށްލީއެވެ.
އެކަމަކު މިއަދު.....އަނެއްކާވެސް......
ހަމަ އެ އަންހެން މީހާ ހަމަ އެ ބިލާލު ބިއްލާއަކަށް ބަދަލުކުރަން އެދެނީއެވެ. ނުބައި މީހަކަށް ވާން ބޭނުންވަނީއެވެ. އަދި އެ އަންހެންމީހާއަށް ޓަކައި ބިލާލު ބިއްލާއަކަށް ބަދަލުވީއެވެ. ޓެކްސީއެއްގައި އެ މީހުން އަނާގެ ގެއަށް ހިނގައްޖެއެވެ. ޓެކްސީގައި ދިޔަ މަގުމަތީގައި އަނާގެ އެ ވާހަކަތައް ބިއްލާ އަހަން އިންއިރު ހީވަނީ އެތައް ހާސް ފުނާނައަކުން ޤުރުބާންވާން ތައްޔާރުވެގެން އިންހެނެވެ. އޭނާ އަކީ ނުކިޔަވާ ހުރި މައް މީހެކެވެ. އެއްވެސް ކަހަލަ ތަހްޛީބެއްނެތް މީހެއްމެއެވެ. ނަމަވެސް.....
ނުބައިކަންތައްތައް ކުރުން ދޫކޮށްލާފައި ރަނގަޅު ދިރިއުޅުމެއް އުޅެންފެށީއްސުރެ މީހުންނާވާހަކަ ދައްކާ އުޅުމުގެ ރަނގަޅުގޮތްތައް އޭނާއަށް ވަނީ ދަސްވެފައެވެ.
ބިއްލާ ގޮވައިގެން އަނާ ގޭތެރެއަށް ވަދެއްޖެއެވެ. އަދި ސީދާ އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ހިލޭ ފިރިހެނަކު ކޮޓަރިއަށް ވަންތަން ފެނިފައި ޢާޝީ ސިއްސައިގެން ގޮސްފައި ތެދުވެއްޖެއެވެ. އަދި އަވަސް އަވަހަށް އޭނާގެ ސާޅީ ރަނގަޅު ކޮށްލައިފިއެވެ.
"ބިއްލާ މިއީ ކަލޭގެ ކޮއްކޮ ޢާޝީ!"
"ސަލާމް ...".
ބިއްލާގެ ދެ އަތްތިލަ ކައިރިކޮށްލާފައި ނިތްކުރިއާ ހަމައަށް އުފުލާލިއެވެ. ޙައިރާންވެފައި ހުރި ޢާޝީ ބޯހަލުވައިލިއެވެ. އޭނާއަށް ބެލުމުން ދަނީ ބިއްލާއާ ދިމާއަށެވެ. ފެންނަ ފެނުމުގައި އޭނާގެ ކިބައިގައި ބޭބެއެއްގެ ލޯތްބާއި ގާތްކަން ލިބިދާނޭ ޢާޝީ ހިތަށް ނާރައެވެ.
"މިއީ އަހަރެންގެ ބޭބެ ބިއްލާ! ޢާޝީ! މީގެފަހުން އޭނާ އުޅޭނީ މިގޭގައި. ކަލާ ގޮސް އޭނާއަށްޓަކައި ކޮޓަރި ހަމަޖައްސާ!"
"ރަނގަޅު... ވަރަށް ރަނގަޅު...." ޢާޝީ އިސްޖަހާލާފައި ބުންޏެވެ. އަދި އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
"އިށީނދޭ ބިއްލާ އާނ އައިސްބަލަ. މިއޮތީ ކަލޭގެ ބޮޑުބޭބެ ކޮއްކޮ ޙިނާ! ނިކަން ބަލާލަބަލަ!" ނިދާފައި އޮތް ޙިނާ އާދިމާއަށް ޖެހިލާފައި އަނާ ބިއްލާ އާދިމާއަށް ބުނެލިއެވެ. ބިއްލާ ޙިނާ ކައިރިއަށް ޖެހިލާފައި ގުދުވެ އެ ކުޑަ ކުއްޖާގެ ނިތްކުރީގައި ބޮސްދިނެވެ.
"މާޝާ ﷲ މައިބާޕް!"
"އަނެއްކާވެސް މައިބާޕޭ ކިޔަނީ!"
އަނާ ރުޅިއަންނަގޮތް ދައްކާލާފައި ބުންޏެވެ.
"އަނާ ދައްތާއޭ ކިޔާ!"
(ނުނިމޭ)
varah reethi shukuran