އަނާ - 47

 (5 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އާނ... އަހަރެންނަށް ވެސް އެނގޭ..."

"ކަލާއަށް އެކަން އެނގިލައްވަންޏާ ދެން ކަލާގެ ހިތުން އެ މީހުންތައް ނެރެލައްވަ ބައްލަވާ! ކަލާގެ ދިރިއުޅުން އެ މީހުންނާ ވަކީން އުޅުއްވަން ފައްޓަވާ ބައްލަވާ! މި ހުރިހާ އެއްޗެއް ދޫކޮށްލައްވައިގެން ނުވާނެ. މިއީ ކަލާގެ ޙައްޤެއް. މި އެއްޗެތީގެ ވެރިޔަކަށް ހުންނަވަންވާނީ ހަމަކަލާ. މި މީހުންނަކީ މިފަދަ އެއްޗެއްގެ ވެރިންނަށް ވާން އެކަށީގެންވާ ވަރުގެ ބައެއްނޫން. ތެދަށް ނަންގަންނަވާނަމަ މައިބާޕް.... އަޅުގަނޑު އެ މީހުން ދެކެ ވަރަށް ރުޅިއާދޭ.. އެ މީހުންގެ އީމާނަކީވެސް ފައިސާ.. އެ މީހުން އަޅުކަން ކުރަނީވެސް ފައިސާއަށް.... އެ ކަހަލަ މީހުންނަކަށް ވަފާތެރިންނަކަށް ނުވެވޭނެ.. ނިކަން މާޖިދު ޞާޙަބަވެސް ބައްލަވާ ބައްލަވަ! އަޅުގަނޑަށް ފެންނަނީ އޭނާއަކީ ވެސް ޢަޖައިބުވާ ކަހަލަ މީހެއްކަމަށް.... އަޅުގަނޑު ހިމޭނުން މި ހުންނަނީ ހަމައެކަނި މައިބާޕް އަކަށްޓަކައި..އެހެން ނޫންނަމަ..."

"ކަލޭ ހާދަރަނގަޅޭ...ބިއްލާ ކޮއްކޯ! ކަލޭގެ ހެޔޮކަމާއި އެހީ އަހަރެން ދިރިހުރުމަށް ހިތްވަރު ދެމުންދޭ.."

އަނާ ބިއްލާގެ ވާހަކަތައް މެދުކަނޑުވާލާފައި ބުންޏެވެ. ބިއްލާ ހިނިތުންވެލިއެވެ. އަދި ވާހަކައިގެ މަޥްޟޫޢު ބަދަލުކޮށްލާފައި އަހާލިއެވެ.

"މިއުޅުއްވާ ޘަނާ ޞާޙަބަކީ ކޮންކަހަލަ މީހެއްތޯ؟ ކަލެއަށް ހީވަނީ ކިހިނެއްތޯ؟ ވަރަށް ރަނގަޅު އަދި.... އަދި ކީކޭ... "

އަނާ އަވަސް އަވަހަށް ބުނެލިއެވެ.

"އެއްވެސް އެއްޗެކޭ ނޫން މައިބާޕް! އަޅުގަނޑަށްވުރެ ބޮޑުވާހަކައެއް ބުނެވެން އުޅުނީ.." އަނާ ޙައިރާން ވެފައިވާ ކަހަލަ ގޮތަކަށް ބިއްލާއާ ދިމާއަށް ބަލަން އިނެވެ. އަދި ފުން ނޭވާއެއްލާފައި ބުންޏެވެ.

"ބިއްލާ ކޮއްކޯ... އަހަރެންގެ ހަށިގަނޑުގެ ތެރޭގައި ވަރުގަދަ ހަނގުރާމައެއް ހިނގަމުން އެބަދޭ... މި މީހުން ވަފާތެރިވާކަށް ބޭނުމެއްނުވޭ..."

"ހަމައެކަނި މަޖްބޫރުވެގެން އިސްޖަހާލައިގެން ތިބީ.... އަހަރެން ޚާންއާޞިފް ރަނގަޅަށް ދަންނަން އޭނާގެ އާދަތައް ހުންނަގޮތްވެސް އެނގޭ...ކަލޭގެ ޚިޔާލު މުޅިން ރަނގަޅު... މިއީ ހަރުފަތަކެއް. ކޮންމެ ވަގުތެއްގައި ވެސް ވިހަލާފަނެ...އެކަމަކު ބިއްލާ ކޮއްކޯ! ޘަނާވަނީ އެ ހަރުފަތަކުގެ ވިހަނެރެލާފައި. މިހާރު އެ މީހުންނަށް ހަމައެކަނި ކުރެވޭނެކަމަކީ ދަތްއެޅުން. ކަނޑައެއް ނުލެވޭނެ...

"އެނގިލައްވާ މާއިބާޕް! އެކަމަކު އަޅުގަނޑު އެ މީހުންނަކަށް އިތުބާރެއް ނުކުރާނަން. ކަލާވެސް ރައްކައުތެރި ވެލައްވަން ޖެހިލައްވާނެ."

"އާނ... ރައްކައުތެރިވެގެން އުޅެން ބޭނުން..ދުޝްމަނުންނާ ދޭތެރޭ އެއީ ބަލިބައެއް ކަމުގައި ދެކެގެންނުވާނެ...." އަނާ ބުންޏެވެ.

އޭރު އަނާގެ ހިތަށް އަރަމުންދަނީ ބިއްލާ މީގެ ކުޑައިރުކޮޅެއް ކުރިން ބުނަން އުޅެފައި ނުބުނެ އެ ހުއްޓާލީ ކޮން ވާހަކައެއްބާވައެވެ. ނުވަތަ ޡަނާ އަނާދެކެ ލޯބިވާކަން އޭނާއަށް އެނގިފައި އޮތީ ބާވައޭއެވެ.

މިކަހަލަ ޚިޔާލުތަކެއްގައި ކުޑައިރުކޮޅަކު އިނުމަށްފަހު އަނާ ޑޮކްޓަރ އަމާންއަށް ފޯނުކޮށްފިއެވެ. އޭނާގެ ޓެސްޓުތަކުގެ ރިޕޯރޓްތައް މިއަދު ނަގަންޖެހޭނެތީއެވެ. ފޯނުން ގުޅުމާއެކު ޑޮކްޓަރ އަމާން އެދުނީ ވީހާ އަވަހަކަށް އަނާ ހޮސްޕިޓަލަށް އައިސް ދިނުމަށެވެ. ޑޮކްޓަރ އެ ވާހަކަ ބުނިއިރު ކަންބޮޑުވެފައިހުރި ކަން އޭނާގެ އަޑުންފާޅުވިއެވެ. އެހެންކަމުން އަނާވެސް ހާސްވާގޮތްވިއެވެ. އަދި ބިއްލާއާ ދިމާއަށް ބަލާލިއެވެ.

"ކީއްތޯވީ މައިބާޕް! ކަލާ ހާސްވެލެއްވީ ކީއްވެތޯ؟"

"ހޮސްޕިޓަލަށް ހަމަ މިހާރު އައިސްދިނުމަށް ޑޮކްޓަރ އެދުނީމާ!"

"ދެންއެކަމާ އެހާ ބޮޑަށް ކަންބޮޑުވެލައްވަން ވެއްޖެތަ! ހިންގަވާ އަޅުގަނޑު ކަލާއާ އެކު ހިނގައިދާނަން.." އަނާ އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ކުއްލިއަކަށް އޭނާ މާބޮޑަށް ވަރުބަލިވާހެންވެސް ހީވާން ފަށައިފިއެވެ. އެތައް ކަހަލަ ވަސްވާސްތަކެއް އޭނާގެ ހިތަށް ވެރިވެއްޖެއެވެ. މިހެން މިވަނީ ކީއްވެގެންކަމެއް ޚުދް އޭނާއަކަށްވ ެސް ނޭނގެއެވެ.

"އަނެއްކާ އަހަރެންނަށް ކެންސަރުޖެހުނީބާ؟ ނުވަތަ ކޮންމވެސް އެހެންކަހަލަ ނުރައްކާތެރި ބައްޔެއް އަހަރެންގައިގައި ހުރީބާ؟ ޑޮކްޓަރުވެސް އެހާ ބޮޑަށްކަންބޮޑުވެފައި އެހެރީ ކޮންމެވެސް ކަމެއްވެގެން." އަނާ ހިތަށް އަރަމުންދިޔައެވެ.

 މިފަދަ ޢަޖައިބުވާފަދަ ޚިޔާލުތަކުން އޭނާގެ ހާސްކަން އިތުރުވަމުންދިޔައެވެ. ކުޑައިރުކޮޅެއް ފަހުން އަނާ ބިއްލާއާއެކު ހޮސްޕިޓަލަށް ދާން ނުކުމެއްޖެއެވެ. ކާރު ދުއްވާން އިނީ ބިއްލާއެވެ. ހޮސްޕިޓަލަށް ގޮސްފައި ބިއްލާ ގޮވައިގެން އެތެރެއަށް ދިޔުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިސްނާފައި އެތެރެއަށް ވަނީ އެކަންޏެވެ. އަނާއަށް ޖެހިފައިވާ ބައްޔާބެހޭ ގޮތުން ބިއްލާއަށް އެނގުމަކީ އޭނާ އެދޭކަމެއް ނޫނެވެ. ވީމާ ބިއްލާ ބޭރުގައި ކާރުގައި މަޑުކުރީއެވެ. އަނާ އެތެރެއަށް ވަދެގެން ދިޔައީ ވަރަށް ބިރުން ހުރެގެންނެވެ. ޑޮކްޓަރ ކޮޓަރިއަށް ވަނުމާއެކު ޑޮކްޓަރ ތެދުވެ އޭނާއާ ބައްދަލުކުރިއެވެ. އަދި މޭޒުކައިރީގައި ހުރި ބަލިމީހުން އިށީންނަ ގޮނޑީގައި އަނާ ބޭންދިއެވެ. ލޭގެ ރިޕޯރޓާއި އެކްސްރޭ ޑޮކްޓަރުގެ މޭޒުމަތީގައި އޮތެވެ. ޑޮކްޓަރ އަނެއްކާވެސް އަނާ ބަލަން ފެއްޓިއެވެ. އެންމެ ފުރަތަމަ އޭނާގެ ދެ ލޮލެވެ. ދެން އަނގައެވެ. ދުލެވެ. ވިންދެވެ. ވަރަށް ބޮޑަށް ބެލުމަށްފަހު ފުންނޭވާއެއްލާފައި ބުންޏެވެ.

"މުޙްތަރަމާ އަނާ! ނުރުހުންވެ ނުލައްވާތި އިނގޭތޯ... ކަލާގެ ޑޮކްޓަރަށް ކަލާޔާ ބެހޭގޮތުން ކަންތައްތަކެއް ފޮރުވައިގެން އުޅުއްވަނީ ކީއްވެގެންތޯ؟"

"އަޅުގަނޑަކަށް ނުވިސްނުނު... ޑޮކްޓަރ!"

"ކަލާ މަސްތުވާތަކެތި ބޭނުންކުރައްވަންތޯ؟" އަނާއަށް ހީވީ ބޮމެއްގޮވި އަޑު އިވުނުހެންނެވެ. އޭނާ ތެޅިގަތެވެ. "މަސްތުވާ ތަކެއްޗޭތޯ؟" ކޮންކަހަލަ މަސްތުވާ ތަކެއްޗެއް އަނާ އަޑުގައިވަނީ ހައިރާންކަމެކެވެ.

"އަޅުގަނޑު އެއްވެސް ބާވަތެއްގެ މަސްތުވާ ތަކެއްޗެއް ބޭނުމެއް ނުކުރަން. އަދި އެކަހަލަ ވިޔާނުދާ އެއްވެސް އެއްޗެއް އަޅުގަނޑު ނުވެސް ދަންނަން.."

ޑޮކްޓަރ ކުއްލިއަކަށް ތެދުވެލާފައި އިށީނދެއްޖެއެވެ. އަދި އަނާއާ ދިމާއަށް ވަރަށް ބާރަށް ބަލަމުންގެންދިޔައެވެ. "ޑޮކްޓަރ ޕްލީޒް.. އަޅުގަނޑަށް އުނދަގޫތަކެއް އިޙްސާސްވަމުން ދަނީ..." އަނާ ވަރަށް ބޮޑަށް ކަންބޮޑުވެފައި ބުނެލިއެވެ. ޑޮކްޓަރ ފުންނޭވާއެއްލާފައި ބުންޏެވެ.

"ކަލާ މަސްތުވާ އެއްޗެއް ބޭނުންކުރައްވަމުން އެބަގެންދަވަމު...އަދި އެއެއްޗަކީ ވިހައެއްވެސްމެ."

"ކީކޭތޯ؟"

"ކަލާއަށް ޒަހަރުދެމުން ގެންދަނީ މުޙްތަރަމާ އަނާ ވަރަށް އާދައިގެ ގޮތަކަށް ވަރަށް ކުޑަމިންވަރަކަށް..މަޑުމަޑުން..."

"ޑޮކްޓަރ!" އަނާ މުޅި ހަށިގަނޑުން ފުރާނަ ވަކިވެގެން ދިޔަހެން އޭނާއަށް ހީވިއެވެ.

 ކޮޓަރިތެރެއަށް ބިރުވެރި ހިމޭން ކަމެއް ވެރިވެގެން ދިޔައެވެ. އެ ހިމޭންކަމުގައި ވަގުތުކޮޅެއް ގެއްލިގެންދިޔައެވެ. އެ ހިމޭންކަން ކަނޑުވާލީ ޑޮކްޓަރެވެ.

"ކަލާއަށް ޒަހަރުދެމުން ގެންދަނީ ކިރާ ނުވަތަ ކާއެއްޗެއްސާ އެއްކޮށްގެން. ކަލާގެ ދުޝްމަނަކީ ކާކުކަން ކަލާއަށް ބުނުއްވާ ދެއްވިދާނެތޯ؟"

"ދުޝްމަނެކޭ!" އަނާގެ ތުންފަތުން ބޭއިޙްތިޔާރުގައި ބުނެވުނެވެ. އަނެއްކާވެސް ފުރާނަނެތް މަސްގަނޑެއްހެން ގޮނޑީގައި ލެނގިލެއްވިއެވެ.

"ލައްބަ މުޙްތަރިމާ އަނާ ކަލާގެ ދުޝްމަނަކީ ކާކުތޯ؟ އަޅު..."

"އަޅުގަނޑަށް ބޭސްކުރެވިދާނެތޯ ޑޮކްޓަރ!"

"ލައްބަ ކީއްވެތޯ ނުކުރެއްވެންވީ ޝަރުތަކީ ކަލާމިކަމުގައި ވަރަށް ބޮޑަށް އެހީވެދެއްވަން ޖެހޭނެ އަދި ކަލާއަށް އިތުރަށް ޒަހަރު ދެވިގެންވެސް ނުވާނެ.... އަޅުގަނޑުމެން ލޭގެ ޓެސްޓް ކުރިކަން މިއީ ވަރަށް ރަނގަޅަށް ކުރެވުނުކަމެއް. އެހެންނޫންނަމަ ގިނަވެގެން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަލާ މަރުވާނެކަން ހަމަޔަޤީން... އަދި އެ މަރުވުން ބޭރުފުށުން ފެންނާނީ ހިތް ހުއްޓިގެންވާ މަރެއްކަމަށް." އަނާ އެއްވެސް ޖަވާބެއް ނުދެއެވެ.

އޭނާ އެ ވަގުތުވަނީ ޖިސްމާނީ ގޮތުންނާއި ޛިހްނީ ގޮތުން ފުރާނަ ނެތިފައެވެ. މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.