އަނާ - 24

(14 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ދެން އޮތީ އޭނަ އެ ކަންތައް ޤަބޫލުކުރުން... އެގޮތުން އޭނާގެ ފުރާނަ ސަލާމަތްވެދާނެ...." އެހާތަނަށް ބުނެފައި ޘަނާ ދައްކަމުން އައިވާހަކަ ހުއްޓާލާފައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ބުންޏެވެ.

"ދެން އަޅުގަނޑު ދިއުމުގެ ހުއްދަ ދެއްވާ!"

"ސައެއް ނުބައްލަވާނަންތޯ؟"

"ނު ބޯނަން....ޕެލަސް ހޮޓަލުގައި އަޅުގަނޑު އޯޑަރކުރި ސެންޑްވިޗާއި ދެ ފުޅިކޯކް ދޫކޮށްލައްވާފައި، އަދި އަޅުގަނޑު ނުހަނު ބޮޑަށް ނިކަމެތި ކޮށްލައްވާފައި ކަލާ ދުރުވި ދުވަސް މިހާރުވެސް އަޅުގަނޑު ހަނދާން އެބަހުރި..." އަނާ ލޮލުން ކަރުނަ އަންނަގޮތް ވެއްޖެއެވެ. ކަރުތެރެ ފުރިފައިވާ ގޮތަކަށް އެނާ ބުންޏެވެ.

"މާފުކުރެއްވިދާނެތޯ؟ އަޅު....އަޅުގަނޑަށް ކަލާ ހިތުގައި ޖެއްސުނީ ކަލާ...ކަލާ އަކީ ކޮންފަދަ މަތިވެރި މީހެއްކަން އަޅުގަނޑަށް ނޭނގުނީ"

"ޚުދާ ޚާފިޒް އަނާޖީ!" ޘަނާ ވަރަށް ބާރަށް ހިނގާފައި ގޮސް ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ލޮލުންވެސް ވަނީ ކަރުނަ އައިސްފައެވެ. މީގެ އެއްއަހަރު ކުރިން ކުރަންފެށި މަސައްކަތް މިއަދު މިވަނީ ކާމިޔާބުވެފައެވެ. ބައެއް ކަންތައްތަކުގައި ކާމިޔާބު ނުވުމާ އެކުވެސް ކާމިޔާބު ވީކަމުގެ އިޙްސާސް ލިއްބައިދޭގޮތް ބައެއް ފަހަރަށް ދިމާވަނީ ކަންނޭގެއެވެ.

"އަހަރެން މުޅި ދުނިޔެއިންވެސް އަދި އަހަރެންގެ މުޅި ދިރިއުޅުމުގައިވެސް ކަލޭ ކަހަލަ މޮޔައެއްވެސް އިންސާނަކު ނުދެކެމެވެ. ކަލޭ ކަލޭގެ އަމިއްލަ ދުނިޔެ ބަރުބާދުކޮށްގެން އެހެން މީހުންގެ ދުނިޔެ އާބާދުކޮށްދެނީއެވެ. ތިޔަ ވިޔަފާރިއަށް ވުރެ އަމިއްލައަށް މަރުވުންވެސް މާރަނގަޅުވާނެއެވެ. ބޭރަށް ނުކުމެގެން ދިޔައިރު ޘަނާގެ ހިތަށް އަރަމުންދިޔައެވެ.

އިންސާނިއްޔަތުގެ ނިތްކުރި އީޘާރުގެ މަތިވެރި ނޫރުން، އާދެ! ތިމާގެ އަމިއްލަ އެދުންތަކަށްވުރެ އެހެން މީހުންގެ އެދުންތަކަށް އިސްކަންދިނުމުގެ މަތިވެރި ނޫރުން ޒީނަތްތެރިވަނީ، އިންސާނުން އެ މީހުންގެ ކިހާގިނަ އެދުންތަކަކާއި އުއްމީދުތަކެއް ޤުރުބާން ކުރުމަށްފަހުގައި ކަން ދަންނަނީ ކާކުބާއެވެ.؟ އަދި އިންސާނިއްޔަތުގެ މޫނުމަތި އިޚްލާސްތެރި ކަމުގެ މާތް ސިފައިން އުޖާލާ ވެގެންދަނީ އިންސާނުން ކިހާ ގިނަ އުނދަގޫތަކެއް އުފުލުމަށްފަހުގައި ކަން ދަންނަނީ ކާކުބާވައެވެ.؟"

އެއްވެސް މީހަކަށް މިކަން އެނގޭނަމަ ހަމައެކަނި އެ މީހަކީ ޘަނާއުﷲއެވެ. އޭނާއަކީ އޭނާގެ އަމިއްލަ ވޭނާއި ކެކުޅުމުގެ ސަބަބުން ހުރިހާކަމެއް ކުރުމަށް އޭނާއަށް މަޖުބޫރުވެފައިވާ މީހެކެވެ. އަދި ފުރިހަމަޔަށް ބަރުބާދުވެފައިވާ މީހެކެވެ. އަދި ކީއްތޯއެވެ. އޭނާވަނީ އަނާއަކީ ހިލަގަނޑެއްކަމުގައި ޤަބޫލުކޮށްފައެވެ. އަދި އެ ހިލަގަނޑުންޖެހި އޭނާގެ ބޯވަނީ ފެޅިފައި ކަންވެސް އޭނާވަނީ ޤަބޫލުކޮށްފައެވެ. އަނާ އެއީ އެހެން މީހެއްގެ މިލްކެކެވެ. އޭނާގެ މައްޗަށް އޭނާގެ އެއްވެސް ޙައްޤެއް ނެތްކަންވެސް އޭނާ ވަނީ ޤަބޫލުކޮށްފައެވެ.

އަނާ ކަހަލަ ޙޫރަލްޢީނެއް އޭނާގެ ގޭގެ ދޮރުމަތިން ފުރަތަމަ ފަހަރު ފެނުނު ދުވަހުން ފެށިގެން އޭނާވަނީ ހަލާކުވެފައެވެ. އޭރު އޭނާއަށް އަނާއަކީ ކާކުކަންވެސް ނޭގެއެވެ. ނަމަވެސް އެ ވަގުތުވެސް އޭނާގެ ހިތް ތެޅިގަތެވެ. އަދި ކަނުކަމާއެކު އޭނާއަށް ކުރިއަށް ދާން ފެއްޓުނެވެ. "އޭނާގެ ލޯތްބަށް ޓަކައި އޭނާ ނުކުރަނީ ކޮންކަމެއްތޯއެވެ. އޭނާ އަނާގެ ކުރިމަތީގައި ކާމިޔާބާއެކު އައިސް ހުއްޓުނީ ކިހާގިނަ އުނދަގޫތަކެއް އުފުލުމަށްފަހުގައި ހެއްޔެވެ.؟ ކޮންފަދަ ބުރަ މަސައްކަތްތަކެއް ކުރުމަށްފަހުގައި ހެއްޔެވެ. އޭނާ މަސައްކަތް މިހާހިސާބުން ނިމުނީބާވައެވެ؟ އަނާ ގޮވައިގެން ހަމައެކަނި މަންޒިލާ ހަމައަށް އައިސްފައި އޭނާ ހުސްއަތާ އަނބުރާލާފައި ދާންވީބާއެވެ؟"

އާއެކެވެ. އޭނާގެ އުއްމީދަކީ އެއީ ކަންނޭނގެއެވެ. އޭނާއެދޭ ގޮތަކީވެސް އެއީ ކަންނޭނގެއެވެ. މި އަންހެންމީހާގެ ދިރިއުޅުން އާބާދުވުމެވެ. އަދި އޭނާއަށް ދުވަހަކުވެސް ހިތްދަތިވާނެކަމެއް މެދުވެރި ނުވުމެވެ. މިއީ އޭނާގެ ވަފާތެރިކަމެވެ. މިއީ އޭނާގެ ލޯތްބެވެ. އަދި މިއީ އޭނާގެ " މޮޔަވުމުގެ" އިޝްތިހާރެއް ކަންނޭނގެއެވެ. މިއަދު އޭނާ އަނާ މަންޒިލްގެ ކައިރިއަށް ދޫކޮށްލާފައި އަންނައިރު އޭނާ އަމިއްލައަށްވަނީ ގެނބިފައެވެ. އޭނާގެ އަމިއްލަ ދުނިޔެ ވަނީ ވީރާނާވެފައެވެ. އޭނާގެ ހުރިހާ ކަމެއްވަނީ ނާކާމިޔާބުވެފައެވެ.

ނަމަވެސް މިހާހިސާބުން އަދި އޭނާގެ މަސައްކަތް ނިމުނީއެއްނޫނެވެ. އަނާއަށް މަންޒިލާ ކައިރިއަށް އާދެވުނު ކަމުގައިވިއަސް އަދިވެސް އަނާއަށް އޭނާގެ ބޭނުން ޖެހޭނެއެވެ. އަނާ ރައްކާތެރިކޮށްދޭން ޖެހޭނެއެވެ. "އެހެން ނޫނިއްޔާ...ހަރުފައެއް ވިހަނުލާނެ ކަމަށްކުރެވޭނީ ކޮން އިތުބާރެއް ހެއްޔެވެ؟.... މި ވަގުތު އެކަމުގެ ބިރެއްނެތްކަމުގައި ވީނަމަވެސް ޒަޚަމްވެފައިވާ ހަރުފައަކަށް އިތުބާރު ކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟... އެނބުރިލާފައި އަންނާނީ ކޮން އިރަކުން ބާވައެވެ.؟"

 މިހެން ހިތަށް އަރާފައި އޭނާގައިން ހީބިހި ނަގާގޮތްވިއެވެ. އެހެން ކަމުން ވަރަށް މުހިއްމު ޕްރޮގްރާމެއް ރާވާލާފައި އޭނާ ތެދުވެއްޖެއެވެ. އޭގައި އޭނާ ތައްޔާރުކުރީ އޭނާއާއި އަނާ ރައްކާތެރިކުރުމުގެ ފުރިހަމަ ޕްލޭނެކެވެ. މިހުރިހާ ކަމެއް ރާވާ ނިމުމުން އަދި އޭނާ ރޭވުމުގެ މައްޗަށް ހިތްހަމަޖެހޭ ގޮތްވުމުން ޘަނާއުﷲ ދެން ދިޔައީ ޕެލަސް ހޮޓަލަށެވެ. އަދި އެތަނަށްގޮސް އޭނާ އިށީނީ މީގެ ކުރީ ދުވަހެއްގައި އޭނާކައިރީގައި އަނާ އިނދެފައި ތެދުވަމުންދިޔަ މޭޒުކައިރީގައެވެ.

"ވެއިޓަރ... ދެ މީހުންނަށް ކޯކްއާއި ޗިކަންސޭންޑްވިޗް ގެނޭ...." އޭނާ އޯޑަރ ދިނެވެ.

ވޭތުވެދިޔަ ދެ ދުވަހުވެސް އޭނާއާމެދު ބަލަމުންދާ ވެއިޓަރ މިއަދުވެސް ޙައިރާންކަމާއެކު ބޯހަލުވާލަފައި ހިނގައްޖެއެވެ. އޭނާއަށް ހީވާ ގޮތުގައި މިއިންސާނަކީ މޮޔަވެފައިވާ މީހެކެވެ. ވޭތުވެދިޔަ ދެ ދުވަހު ވެސް އޭނާ

ދެ މީހުންނަށް އެއްޗެހި ގެންނަން އޯޑަރ ދެއެވެ. ނަމަވެސް ހަމައެއްވެސް އެއްޗެއް ނުކައި ބިލް އަދާކޮށްފައި ދަނީއެވެ. އެއި ހަމައެއްވެސް އެއްޗެއްގައި އޭނާ އަތްވެސް ނުލައެވެ. މިއީ މޮޔަ މީހަކު ނޫނީ ކުރާކަހަލަ ކަމެއް ނޫނެވެ. މިއަދުވެސް ވެއިޓަރ އޯޑަރ ލިބުމުން ބޯހަލުވާލާފައި ދިޔައީއެވެ. ބައެއް ވަގުތަށް ދިރިއުޅުމަކީ ކިހާ އަގެއް ނެތް އެއްޗަކަށްވެސްވޭ ދޯއެވެ. އިންސާނުން އެދެނީ ވަކިކަމަކަށެވެ. ނަމަވެސް ވަނީ އެހެންކަމެކެވެ. އިންސާނުންގެ  ހުވަފެނަކީ ބޭނުން އެއްޗަކަށް ނުވާނަމަ ޤުދްރަތުގެ އިޝާރާތްތައް ވެސް ވީހާ ރުޅިއަންނަ ކަންތައްތަކަށް ކަމަށް ކޮންމެވެސް މީހަކު ބުނެފައިވާ ބުނުމަކީ ވަރަށް ބޮޑު ތެދެކެވެ.

"އަނާ! ....." އޭނާއަކީ ވަރަށް ރީތި އަންހެނެކެވެ. ނަމަވެސް އޭނާ އޭނާގެ އަމިއްލަ އަލިފާނެއްގައި އަނދަމުންދަނީއެވެ. އޭނާ އަމިއްލަ އިޙްސާސްސެއްގެ ތެރޭގައި ފުޑުފުޑުވަމުން ދަނީއެވެ. އޭނާގެ ހައިސިއްޔަތާއި އަމިއްލަ ޟަމީރުވެސް ނަފީކުރަމުންދަނީއެވެ. އަނާއާ ދިމާއަށް ވަނީ ހަޑިހުތުރު ބަސްތަކެއް ރައްދުކުރެވިފައވެ. މިއަދުވެސް އަނާ އިނީ ހަމަ އެ ބަސްތަކާއެކުގައެވެ. ޘަނާ އޭނާގެ މަގުމަތީގައިވާ ކަށިގަސްތައް ނަގާސާފުކޮށް ދިންކަމުގައިވިޔަސް ޘަނާ މިއަދު ވަނީ އޭނާގެ އަމިއްލަ ޙަޔާތް ބަރުބާދުކޮށްލައިގެންނެވެ.

"އަނާ އަކީ އޭނާއަށް ޓަކައި ހުވަފެނެކެވެ."

"އަނާއަކީ އޭނާއަށް ޓަކައި ހަމައެކަނި ހިޔަންޏެކެވެ."

އަނާއަކީ ރީތި ދޫންޏެކެވެ. އެ ދޫނި ހިފޭތޯ މަސައްކަތްކުރުމުގައި އޭނާގެ މުޅި ޙަޔާތްވެސް ހޭދަކޮށްލެވިދާ ފަދަ ރީތި ދޫންޏެކެވެ. ނަމަވެސް އެ ދޫންޏެއް އޭނާއަކަށް ނުހިފޭނެއެވެ.

އާނއެކެވެ. އެކަން އޭނާއަށް ހަމަރަނގަޅަށް އެނގެއެވެ. އޭނާއަކީ ފިނޑި މީހެއް ނޫނެވެ. ނަމަވެސް އަނާއަކީ އޭނާގެ މުޅި ދިރިއުޅުމުގެ ހުރިހާ ކުލަތަކެއް ޚާންއާޞިފްގެ ބަސްތަކުން ފަވަންޖެހިފައިވާ ކުރާނެކަމެއްނެތް އަންހެނެއްކަން އޭނާއަށް އެނގެއެވެ. އެކަމަކު ޝަރީޢަތުގައި ޘަނާ ވަނީ ކާމިޔާބު ހޯދާފައެވެ. ނަމަވެސް މިހާރު އޭނާ އަމިއްލައަށް ކުރިމަތިލާން ޖެހިފައިމިވަނީ ނާކާމިޔާބީއާއެވެ. އޭނާއަށް މިއާދެވުނީ ނުފުދުމާއި ނުކުޅެދުމުގެ ޞަޙަރާއަކަށެވެ. މުޅި ދިރިއުޅުމަށް އުފުލަންޖެހޭނޭ ވޭނެއްގެ ތެރެއަށެވެ. ވޭނެއް އަބަދުވެސް ވާނީ ހަމަ ވޭނަކަށެވެ. އިންސާނިއްޔަތުގެ ހައިސިއްޔަތުގެ ވޭނަކަށް ނޭނގޭނެއެވެ. ވޭން އިތުރުވެގެންދާ ވަގުތު އޭގެ ޒާތުގައި އިތުރުވެގެންދާނީއެވެ. އެ ވޭން އުފުލާ މީހަކާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. ޘަނާވެސް އެ ވޭނުގައި ހަފުސްވެގެން ދަނީއެވެ.

ޘަނާ އޭނާގެ އުއްމީދުތަކާމެދު ޚިޔާލިކޮށްލިއެވެ. އަދި އޭގެ މައްޗަށް ހިތްހަމަޖައްސާލިއެވެ. ސަބަބަކީ އެ އުއްމީދުތަކުގެ ބަދަލުގައި އޭނާއަށް ލިބެން އޮތީ ހިތްދަތިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޫންކަން އޭނާއަށް އެނގޭތީއެވެ. އެއީ ލޯބީގެ ތަޖްރިބާއެވެ. ލޯބީގެ ލައްޛަތެވެ. އެ ލޯބިން އޭނާވަނީ އޭނާގެ މުޅިފަސްބައި ފިރާލައިގެންނެވެ.

ޘަނާ ބޯން އިން ސިނގިރޭޓް ހުސްވެއްޖެއެވެ. އަނެއްކާ ރޯކޮށްލަން ހިތަށް އަރުވާލުމާއެކު އޭނާގެ ކުރިމަތީގައިވާ މޭޒު މައްޗަށް ބަލާލިއެވެ. އޭރު އެ ތާނގައި ކޯކް ދެ ފުޅިއާއި ސޭންޑްވިޗް ތަށްޓެއް ބަހައްޓާފައި ހުއްޓެވެ. ވެއިޓަރ އެއްޗެހި ބަހައްޓާފައި ދިޔައީ ކޮން އިރަކުކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

ޘަނާ ސިނގިރޭޓް ރޯކޮށްލިއެވެ. ވަރަށް ދިގުކޮށް އެއްފަހަރާ ދަމާލައިފިއެވެ. ހަމައެވަގުތު އޭނާ ސިއްސައިގެން ދިޔައެވެ އޭނާއަށް ފެނުނު މަންޒަރެއް އޭނާއަކަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އޭނާ ކުރިމަތީގައި ހުރީ އަނާއެވެ އަނާ ފެނިފައި އޭނާއަށް ޙައިރާންކަން ލިބުނެވެ. ތެޅިގެންފައި ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

"ކަލާތޯ އަނާޖީ!" އޭނާގެ އަނގައިން ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ބުނެވުނެވެ.

"އުނދަގުލަކަށް ނުވޭދޮގެއްތޯ؟" އަނާ ވަރަށް ސީރިއަސް ގޮތެއްގައި ބުނެލިއެވެ.

ޘަނާ ވަރަށް ފަރުވާތެރިކަމާއެކު އަނާއާ ދިމައަށް ބަލަން ހުއްޓެވެ އަބުރުވެރިކަމާއި ސީރިޔަސް ކަމުގެ ރީތި ނަމޫނާއެކެވެ. ހަމަ އެހެންމެ ރީތިކަމާ ބަނިޔާދަން ކަމުގެ ދެވަނައެއް ނެތް ފަދަ މިސާލެއްމެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.