އެމިރޭޓްސް އެފްއޭކަޕްގެ ހަތަރުވަނަ ބުރުގެ ރީޕްލޭގައި ތިންވަނަ ޑިވިޝަނުގެ ނިއުޕޯޓް ކައުންޓީ 0-2 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ފަސްވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗަށް ޓޮޓެންހަމް އިން ނިކުތީ ޢާއްމުކޮށް އެޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިން ނުލައެވެ. ހެރީ ކޭން އާއި ޑެލެ އަލީ އަދި ކްރިސްޓިއަން އެރިކްސަން ބެންޗުގައި އިންއިރު ހޫގޯ ލޮރިސް ސްކޮޑަށް ނަގާފައިނުވާއިރު ކެޕްޓަންކުރީ ދެވަނަ ކީޕަރު މިޝޭލް ވޯމް އެވެ.
މިމެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ނިއުޕޯޓް ކައުންޓީގެ ޑިފެންޑަރު ޑޭން ބަޓްލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ޖެހިތާ 8 މިނެޓުފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 34 ވަނަ މިނެޓުގައި އެރިކް ލަމެލާ އެވެ. މިއީ ހޮންގ މިން ސޮން ދިން ވަރަށް ރީތި ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ޓޮޓެންހަމް ހޮޓްސްޕާ 0-2 އިން ކުރީގަ އޮވެގެންނެވެ. ދެވަނަހާފުގައި ދެޓީމުގެ ފަރާތުން އިތުރު ގޯލެއް ފެނިފައިނުވާއިރު އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުނިމެން 7 މިނެޓަށްވެފައިވަނިކޮށް ދެވަނަހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޑެލެ އަލީގެ ފަރާތުންނެވެ. ޕެނަލްޓީ އޭރިޔާތެރެއިން އޭނާ ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުން މޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިހުރިކަމަށެވެ. "އަހަރެން މިހުރީ ވަރަށް އުފާވެފައި އަހަރެމެން އަނެއް ބުރަށް ދަތުރުކުރީމަ" ޕޮޗެޓީނޯ ބުންޏެވެ.
އެފްއޭކަޕްގެ ފަސްވަނަ ބުރުގައި ފެބުރުއަރީ 18 ވަނަ ދުވަހު ޓޮޓެންހަމް ނިކުންނާނީ ރަށުންބޭރުގައި އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ރޮކްޑޭލް އާއި ދެކޮޅަށެވެ.