ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ 2023 މާރިޗް 29 އަދި 31 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްެގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން 2023 މާރިޗް 29 ވަނަދުވަހު ބަލާ ފާސްކުރެވުނު 2 ޕެކޭޖެއްގެ ތެރޭގައި ހުރި 6 ދަޅަކުން، އަދި 2023 މާރިޗް 31 ވަނަދުވަހު ބަލާ ފާސްކުރެވުނު ޕެކޭޖެއްގެ ތެރޭގައި ހުރި 4 ދަޅަކުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން  (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1800 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ  3,240,000.00 (ތިން މިލިއަން ދެ ލައްކަ ސާޅީސްހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި  ޙަވާލުކުރެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.