(5 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ނިދާނަމޭ ހީކޮށް އަނެއްފަރާތަށް އެނބުރުނު ނަމަވެސް ، އަޝްހަރުގެ ލޮލަކަށް ނިންޖެއް ނައެވެ. ޚައިރާދަށް އިތުރަށް އުނދަގޫ ކުރާކަށްވެސް އަޝްހަރު ބޭނުމެއްނޫނެވެ. އޭނާގެ ހިތުގައިވާ ޝަކުވާގެ އަސްލަކީ ، ޚައިރާދުގެ މައްޗަށް އޭނާގެ ހިތުގައި އުފެދިފައިވާ ލޯތްބެވެ. އެހެން އެއްވެސް ފިރިހެނަކު ، ޚައިރާދުގެ ވަސްޖެހޭ ހިސާބުގައި އެނބުރި އުޅޭކަށް އަޝްހަރު ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، އެއީ ދުނިޔޭގެ އާދައެވެ. އިންސާނާ ދުނިޔެއަށް އައީ އެކަނި އުޅޭކަށްނޫނެވެ. އެހެންމީހުންނަށްވެސް ބޭނުންހިފޭ މީހަކަށްވެގެން ދުނިޔޭގައި އުޅުމަށްޓަކައެވެ. އަނެކާގެ އިތުބާރާއެކު ، އަނެކުންނަށް އިތުބާރު ކުރެވޭ މީހެއްގެ ގޮތުގައި އެހެން މީހުންނާއެކު ދިރިއުޅުމަށްޓަކައެވެ. މިމަތިވެރި ޙަޤީޤަތް ، ގިނަބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ. ޚުދު އަޝްހަރަށްވެސް ވެގެން އުޅޭގޮތަކީ އެއީއެވެ. ޚައިރާދުގެ މައްޗަށް އަޝްހަރުގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތެވެ. އަޝްހަރު ހިތްހަމަ ނުޖެހި އަދި ރުޅިއައިސް އެހުރީ އޭނާގެ އަމިއްލަ ނަފްސު ދެކެއެވެ. ހިތް ނޭދޭކަމެއް ވާންފެށީމަ ، ބޭނުންނުވާ ތަނެއް ފެންނަން ފެށީމަ ، އިންސާނާ އެންމެ ފުރަތަމަ ފޫހިވާނީ އޭނާގެ އަމިއްލަ ނަފްސު ދެކެއެވެ. އެ ފޫހި އިޙްސާސްތައް ރުޅިޔަށް ބަދަލުވާން ފުރުޞަތުދޭނީ ނުވިސްނޭ މޮޔައިންނެވެ. އިންސާނާގެ ހިތުގައި އުފެދޭ ފޫހި ، ކޮންމެ ސަބަބަކާހުރެ ނަމަވެސް ، ރުޅިވެރިކަމަކަށް ބަދަލުވެއްޖެނަމަ ، ދެންކުރިމަތިލާން ޖެހޭނީ ވޭނާއި ހިތާމައާއެވެ. އެޙާލަތަށް އެކަން ނުދަނިސް ، ހިތުގައި އުފެދޭ ފޫހި އިޙްސާސް ، ހިތުގައި ނުބާއްވައި ހިތުން ފިލުވާލަން ޖެހެނީ އެސަބަބަށްޓަކައެވެ.
ޚައިރާދަކަށްވެސް ، އޭނާގެ މަސައްކަތް ކުރިޔަކަށް ނުގެންދެވުނެވެ. މަސައްކަތް އެބަހުއްޓޭ ބުނީ ، އަޝްހަރުގެ ބަސްމަގާ އެއްވަރަށް އޭނާގެ އީގޯ ނުވަތަ އަމިއްލަ ނަފްސު ދެކޭގޮތް ހިފެހެއްޓުމަށްޓަކައެވެ. ކޮންމެހެން މަސައްކަތް އޮވެގެންނެއްނޫނެވެ. ޚައިރާދު މިއަދު ފޯނުކުރީމަ ، އަޝްހަރު އެއުޅުނީކީ ، ކުރިން އުޅޭގޮތަކަށް ނޫނެވެ. ކުރިޔަކުން އެހާ ރުންކުރެއް ނޫނެވެ. އަދި ، ޚައިރާދު ފޯނުކޮށްލީމަ ކުރިން އުފާވާ މީހަކު ، މަސައްކަތުގައި އުޅޭއިރު ފޯނުކޮށް އުނދަގޫ ނުކުރާށޭ ބުނާނީ ކޮންމެވެސްކަމެއް ވީމައެވެ.
ކުރީރޭ ކައިސަރާ އެކު ކާންއިނދެފައި އަޝްހަރު އައިގޮތުން ، ޚައިރާދުގެ ހިތަށް އުނދަގޫވެގެން ، އެކަމާބެހޭގޮތުން ސުއާލުކުރީމަވެސް ، އަޝްހަރު ބުނީ އެއްވެސްކަމެއް ނުވާ ވާހަކައެވެ. ބޮލުގައި ރިއްސަނީއޭ ބުނެ ދޮގުހެދީއެވެ. ވެގެން އުޅޭގޮތް ސާފުކޮށްދޭކަށް އަޝްހަރު ވިސްނައެއް ނުލައެވެ. އަޝްހަރުގެ ހިތުގައި ޖެހޭކަމެއް ، ޚައިރާދަށް ކުރެވޭކަމަށް ވަންޏާ ނުވަތަ ، އެފަދަކަމެއް ޚައިރާދާ ގުޅިފަ އޮތްކަމަށްވަންޏާ އެވާހަކަ ޚައިރާދަށް ސާފުކޮށްދޭން ޖެހޭނެއެވެ. ޚައިރާދު އެކަމާ ކަންބޮޑުވެގެން އިސްވެ އެވާހަކަ އެހީމަވެސް ، ޚައިރާދު ދެރަވެދާނެތީ ، އަޞްލު ވެގެންއުޅޭގޮތެއް ބުނާކަށް ، އަޝްހަރަކަށް ނުކެރުނެވެ. އެއީ ލޯބި ހެއްޔެވެ ؟ ނޫނެކެވެ. އެއީ ފުރިހަމަ ލޯތްބެއްނޫނެވެ. ލޯތްބަކީ ، ދެމީހެއްގެ ހިތުގައި އެކަކު އަނެކެއްގެ މައްޗަށް އުފެދި ބަންޑުންވާ ފޮނި އިޙްސާސް ތަކެކެވެ. އެފޮނި އިޙްސާސްތަކުގެ ފޮނި މަޑެއްވެސް ނުކުރެވޭނެއެވެ. ރަހަވެސް ބަދަލެއް ނުކުރެވޭނެއެވެ. އެކަމަކު ، އެކަންވާނީ ދެމީހުންވެސް އެކަމަށް އެދިތިބެގެންނެވެ. ލޯބިން ގުޅިފައިވާ ދެހިތެއްގައި ޝަކުވާއެއް ނުއޮންނާނެއެވެ. ޝަކުވާއެއް އޮތުމަކަށް އެލޯބިގުޅުން ، ޖާގައެއް ނުދޭނެއެވެ. ލޯބިން ސުއާލު ކުރާނެއެވެ. ސަމާސާއަކުންނަމަވެސް އަހައި އޮޅުންފިލުވާނެއެވެ. ލޯބި އަދާއަކުން ، ދެހިތް ސާފުކޮށްދޭނެއެވެ. އެކަން އެގޮތަށް ނުހިނގަނީ ، އިންސާނާ އޭނާގެ އީގޯގައި ހިފައި ، ގޮތްދޫނުކޮށް އުޅެން ބޭނުންވާތީއެވެ.
ނިދަންޏާ ނިދާލާށޭ އަޝްހަރާދިމާއަށް ބުނެވުނީތީ ޚާއިރާދުގެ ހިތަށް އުނދަގޫވިއެވެ. ޚައިރާދަށް އިތުރަށް މަސައްކަތް ކުރެވޭގޮތެއް ނުވިއެވެ. ކުޑައިރުކޮޅަކުވެސް ، އަޝްހަރުދެކެ ރުޅިއައިސް ހުރުމަކީ ޚައިރާދަށް އުފުއްލޭވަރުގެ ތަކުލީފަކަށް ނުވިއެވެ. ޚައިރާދުގެ ހިތަށް އުނދަގޫވީ ، ހެނދުނު ދިޔަގޮތަށް ރޭވެ އަނދިރިވީއިރުވެސް އަޝްހަރުގެ ޚަބަރެއް ނުވީމައެވެ. އެއޮއްހުރިހާ އިރެއްވީއިރުވެސް އޭނާގެ މަތިން ، އަޝްހަރު ހަނދާންކޮށްނުލީތީއެވެ. ނުވިތާކަށް ލަސްވެގެން ފޯނުކޮށްލީމަވެސް އައީ ރުޅިއެވެ. ޚައިރާދަށް އަޝްހަރުދެކެ ރުޅިއަންނަން އުނދަގޫވިޔަސް ، އެރުޅިޔަކީ ޖާއިޒް ރުޅިއެކެވެ. އެންމެ ދެރަވެގެން މަޢާފަށްވެސް އެދުނީކީ ނޫނެވެ. ކޮންމެ މީހަކުނަމަވެސް އެވަރުވީމަ ހިތަށް އުނދަގޫ ނުވެއެއް ނުހުންނާނެއެވެ. ޚައިރާދުގެވެސް އޮންނަނީ ހިތެކެވެ. ޚައިރާދު އެކުރިކަމަކަށް އޭނާވެސް މަޢާފަށް އެދެންވީ ކީއްކުރަން ހެއްޔެވެ ؟ ކޮންމެ ކަމެއްގައިވެސް ، އަންހެނުން ނިކަމެތިވެ ، ދެރަވާންޖެހެނީ ކީއްވެ ހެއްޔެވެ ؟ އެއީ ދެމީހުންގެވެސް ދިރިއުޅުމެވެ. އެދިރިއުޅުން އާބާދުކުރުމަކީ ދެމީހުންގެވެސް ވާޖިބެކެވެ.
އަޝްހަރު ހެނދުނު އޮފީހަށްދާން ހެދުމާއި ޓައީވެސް ޚައިރާދު ހުރީ ނަގައިދީފައެވެ. އެޓައީނާޅާ އެހެން ޓައީއެއް އަޝްހަރު އެޅިތަން ޚައިރާދަށް ފެނުނެވެ. އޭނާ ޓައީ ނަގައިދީފަ އޮތްކަން އަޝްހަރަށް ހަނދާން ކޮށްދިނެވެ. އަދި އެޓައީއަކީ ގަމީހާ އެންމެ ގުޅޭނެ ޓައީކަމަށްވެސް ޚައިރާދު ބުންޏެވެ. ހެނދުނު ތެދުވެ އިސްވެ ވާހަކަ ދައްކަންފެށީވެސް ޚައިރާދެވެ. އަޝްހަރު އެހުރީ ޚައިރާދުދެކެ ރުޅިއައިސްތޯ ، ޚައިރާދު ސުއާލުކުރިއެވެ. އަޝްހަރުގެ ޖަވާބަކަށްވީ ނޫނެކޭ އެވެ. އެހެނަސް ، އަޝްހަރު އެހެންޏާ ހަދާގޮތަށް ، ޚައިރާދާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ.
އެންމެފަހުން ، އަޝްހަރު އޭނާއަށް މަޢާފުކުރާށޭ ޚައިރާދު ބުންޏެވެ. އިއްޔެ އޮފީހަށް ދިޔަގޮތަށް އަޝްހަރުގެ ޚަބަރެއް ނުވާކަމަށް ޚައިރާދު ބުންޏެވެ. އަދި ، އޭނާ ފޯނުކޮށްލީމަވެސް އަޝްހަރު ވާހަކަ ދެއްކީ ވަރަށް ދުރުކޮށްލާފައި ހިތްހަމަނުޖެހޭ ގޮތަކަށްކަން ޚައިރާދު ހަނދާން ކޮށްދިނެވެ. ޚައިރާދު ހިތްހަމަ ނުޖެހިފަހުރީ އެކަމާކަމުގައިވެސް ބުންޏެވެ. އަދި އޭނާދެކެ ރުޅިނައުމަށް އަޝްހަރުގެ ކިބައިން ވަރަށް ދެރަވެފައި ޚައިރާދު ބުންޏެވެ.
އޮފީހުގައި ބުރަކޮށް އުޅޭއިރު ފޯނުކުރީމަ އެހެންވެދާނެކަމަށް އަޝްހަރު ބުންޏެވެ. އޭގެ ބަދަލުގައި ޚައިރާދު އޭނާއާމެދު ޢަމަލުކުރުމުގެ ޙައްޤުވެސް ޚައިރާދަށް ލިބިގެންވާކަމުގައި އަޝްހަރު ބުންޏެވެ.
ޚައިރާދުގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ރޭގަ އަޝްހަރު ނިދީވެސް ، ޚައިރާދުދެކެ ރުޅިއައިސް އޮވެއެވެ. މިއަދު އޮފީހަށް އެދަނީވެސް ރުޅިއައިސް ހުރެއެވެ. އެހެން ނުހެދުމަށް އަޝްހަރުގެ ކިބައިން ޚައިރާދު އެދުނެވެ. އަޝްހަރު ޚައިރާދާ ދިމާއަށް އެނބުރިލިއެވެ. އަދި ، ޚައިރާދު ދެކެ ރުޅި ނުއަންނަ ކަމުގައި އަޝްހަރު ބުންޏެވެ. އެހެން ކަމަށްވަންޏާ މާދުރުދުރުން އަޝްހަރު އުޅޭކަން އޭނާއަށް އެ އިޙްސާސްކުރެވެނީ ކީއްވެތޯ ޚައިރާދު ސުއާލުކުރިއެވެ. އޭނާ އިންތިހާއަށް އަޝްހަރު ދެކެލޯބިވާކަމުގައި ޚައިރާދު ބުންޏެވެ. އަޝްހަރު އޭނާދެކެ ލޯބިވާ ވަރަށްވުރެ މާބޮޑަށް ، އަޝްހަރުދެކެ އޭނާ ލޯބިވާކަމުގައި ޚައިރާދު ބުންޏެވެ. އަޝްހަރު ފިޔަވައި އެހެން މީހަކު ، ޚައިރާދުގެ ނެތެވެ. ޚައިރާދުގެ ހުރިހާވެސް އެއްޗަކީ އަޝްހަރެވެ. އެހެން އެއްވެސް އިންސާނަކާއެކު އެއްވެސް ގުޅުމެއް ނެތެވެ. އޭނާގެ އަމިއްލަ އެއްވެސް އެހެންމީހަކު ، އަޝްހަރު ފިޔަވާ މިދުނިޔެއަކު ނެތެވެ.
އަޝްހަރު ، ޚައިރާދާ ގާތަށް ޖެހިލިއެވެ. އަދި ހިނިތުން ވެލިއެވެ. އޭނާދެކެ އެހާ ލޯބިވާމީހަކު ހުރިކަން އޭނާއަށް އެނގޭނަމަ ، އަދި އެލޯބި އޭނާއާ ގާތުގައިވާކަން އިޙްސާސް ކުރެވޭނަމަ ، އޭނާއަށް ރުޅިއައުމުގެ ފުރުޞަތެއް ނުއޮންނާނެކަމުގައި އަޝްހަރު ބުންޏެވެ. އަދި އޭނާ އަޅައިގެންހުރި ޓައީ ބޭލިއެވެ. ޚައިރާދުގެ އަތުގައި އޭނާއަށް ނަގައިދީފައި އޮތް ޓައީ އަޅައި ޚައިރާދާ ސަލާމް ކޮށްލުމަށްފަހު އޮފީހަށްދާން ނުކުތެވެ. ޚައިރާދުގެ މޫނުމައްޗަށް ހިނިތުންވުމާއެކު އުފާވެރިކަން އައެވެ.
ސާރާ ޕާޓީއަކަށް ދާން ތައްޔާރުވަމުންދިޔައެވެ. ޒަރީނާ ވަދެ ، ކައިސަރު އިންނަތާ އެތައް އިރެއްވެއްޖެ ކަމަށާ އަދި ދެމިނިޓެއްހާއިރު ވާހަކަ ދައްކާލަން ދިޔައްޔާ ވާނީ ކީއްތޯ ސާރާކުރެން އެހިއެވެ. ކޮންމެ ދުވަހަކު އައިސް އެތާ ކައިސަރު އިންނާނެ ކަމަށާ އޭނާއަށް ކައިސަރާ ބައްދަލުކޮށް ވާހަކަ ދައްކަން ވަގުތު ނެތްކަމުގައި ސާރާ ބުންޏެވެ. ސާރާއަށް ވެގެންއުޅެނީ ކިހިނެއްތޯ ޒަރީނާ ސުއާލުކުރިއެވެ. އެއްދުވަހުން އަނެއްދުވަހަށް ޢަމަލުތައް ގޯސްވެ ، އަޚުލާގު ގެއްލި އަދަބުވެރިކަން ނެތިގެންދާކަމުގައި ޒަރީނާ ބުންޏެވެ.
ސާރާ ތައްޔާރުވަމުން މަންމަޔަށް ޖަވާބު ދެމުން ގެންދިޔައެވެ. އެއީ ކުޑަކުއްޖެއްނޫންކަމަށާ ، އެހެން ހަދާށޭ މިހެން ހަދާށޭ ބުނެ އޭނާއަށް ކަންކަމަށް އަމުރު ނުކުރުމަށް ސާރާ ބުންޏެވެ. އޭނާ ސާރާއަށް ދަސްކޮށްދީފައިވާ އަދަބުވެރިކަމާއި މީހުންނަށް ކަމޭހިތުމުގެ އެއްވެސް ކަމެއް މިހާރު ނުފެންނަ ކަމުގައި ޒަރީނާ ބުންޏެވެ. ކުރަންވާ ކަންކަމާ ނުކުރަންވީ ކަންކަން ކިޔައިދޭޏްޖެހެނީ އެހެންވެގެން ކަމުގައި ޒަރީނާ ބުންޏެވެ.
ސާރާ ތައްޔާރުވެގެން ތިރިޔަށް ފޭބިއިރު ، ކައިސަރު ސިޓިންގރޫމުގައި އިނެވެ. ސާރާ ފެނުމާއެކު ސަލާމް ގޮވައިލިއެވެ. ސާރާއަކަށް ސަލާމް ބަލައިގަންނާކަށްވެސް ނޭނގުނެވެ. ކައިސަރު އައީ ކޮންއިރަކު ތޯ ސާރާ ސުއާލުކުރިއެވެ. އޭނާ ކުޑައިރުކޮޅެއްކުރިން އައިވާހަކައާއި ސާރާގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިނީކަމުގައި ކައިސަރު ބުންޏެވެ. އަދި ތަނަކަށް ދަނީތޯ ސުއާލުކުރިއެވެ. ސާރާ އެދަނީ ރައްޓެއްސެއްގެ ގެޔަށް ޕާޓީއަކަށް ކަމުގައި ފޫހިގޮތަކަށް ބުނެ ކައިސަރަށް ޖަވާބު ދިނެވެ.
ސާރާ ވަރަށް ލޯބިކަމަށާއި ވަރަށް ނަލަކަމުގައި ކައިސަރު ބުންޏެވެ. އަދި ފަހަތަށް އެނބުރިލާފައި ފޮޓޯ ލޯގަނޑެއް ނަގައި އެއީ އޭނާ ސާރާއަށް ގެނެސްދިން ހަދިޔާއެއްކަމަށް ކައިސަރު ބުންޏެވެ.
އެ ކުރެހުމަކީ ، އެދުވަހު މަޢުރަޒަށްގޮސް ، ރީތިވެގެން ސާރާ ވަރަށް ބެލިކަން އޭނާއަށް ފާހަގަކުރެވުނު ކުރެހުމެކެވެ. ސާރާއަށް އެހާރީތިވެގެން ބެލި އެއްޗެއްވީމަ ، ގަނެގެން ހަދިޔާއަކަށް ގެނެސްދިނީކަމުގައި ކައިސަރު ބުންޏެވެ. އެހެންނަމަވެސް އެކަމާ ސާރާ އެހާ ހިތްހަމައެއް ނުޖެހުނެވެ. އެއީ ސާރާގެ އުފަނދުވަހެއް ނޫނެވެ. އެހެންނޫނީ ، އެއީ އޭނާއާ ގުޅުންހުރި ޚާއްޞަ ދުވަހެއް ނޫނެވެ. އެހެންވީމާ އެ ހަދިޔާ އޭނާ ބަލައިގަންނާނީ ކިހިނެއްތޯ ސާރާ ސުއާލު ކުރިއެވެ. އެހެނަސް ، ހަދިޔާއެއް ދޭން ވަކިދުވަހެއް ޚާއްޞަވެފައި ނުއޮންނާނެކަމުގައި ކައިސަރު ބުންޏެވެ. އޭނާ ހިތްހަމަ ޖެހުނީމަ ، އަދި ސާރާވެސް ބޭނުން އެއްޗެއް ފާހަގަ ކުރެވުނީމަ ހަދިޔާއަކަށް ގެނެސްދިނީކަމުގައި ކައިސަރު ބުންޏެވެ. އެއީ އޭނާ ވަރަށް ލޯބިން ގެނެސްދިން އެއްޗެއްވީމަ ، އެ ހަދިޔާ ސާރާ ޤަބޫލުކޮށްފިއްޔާ ވަރަށް އުފާވާނެކަމުގައި ކައިސަރު ބުންޏެވެ.
އެންމެފަހުން ސާރާ އެހަދިޔާ ޤަބޫލުކުރިއެވެ. އެކަމާ ކައިސަރު ވަރަށް އުފާވިއެވެ. އަދި އެ ހަދިޔާ ސާރާ ޤަބޫލު ނުކުރިނަމަ އޭނާ ވަރަށް ހިތްދަތިވީސްކަމުގައި ބުންޏެވެ. ސާރާއަށް ލަސްވާކަން އެނގި މާގިނައިރު މަޑުކުރާކަށް ކައިސަރު ނުއުޅުނެވެ. ސާރާއަށް ޝުކުރު އަދާކޮށްފަ ، ފަހުން ބައްދަލުވެލާނަމޭ ބުނެ ކައިސަރު ނުކުތެވެ.
ކައިސަރު ނުކުތުމާއެކު ، ސާރާ ، އަޝްހަރަށް ގުޅިއެވެ. އަދި އޭނާ އެދާ ، ގެޔަށް އަޝްހަރު އަންނަކަން ޔަޤީންކޮށްލަން ގުޅީކަމުގައި ބުންޏެވެ. އަދި ، ސާރާވެސް މިހާރު ގެއިން ނުކުންނަނީކަމުގައި ބުންޏެވެ. އަޝްހަރާ ވަކިން ބައްދަލުކޮށްލެވޭތީ ، އުފަލުން ފޮޅެމުން ސާރާ ގެއިން ނުކުތެވެ.
އަޝްހަރާއި ޚައިރާދު ބަގީޗާތެރޭ ގަސްތަކާ ކުޅެ ގަސްއިންދަން ތިއްބާ ގުގުރިއެއް ޖަހައި ވިއްސާރަ އައުމުގެ ކޮޅުމަތި ފެނުނެވެ. ވަރަށް ބޯކޮށް ވާރޭ ވެހޭނެކަމަށާއި ، އޭނާ ވާރެއާ ތެމެން ބޭނުންކަމުގައި ޚައިރާދު ބުންޏެވެ. އަޝްހަރު ގާތަށް ހިނިއައެވެ. އަދި ވާރެއާ ތެމޭނީ ކުޑަކުދިންކަމުގައި ބުނެ ޚައިރާދާ ސަމާސާ ކޮށްލިއެވެ. ކުޑައިރު ނޫނެއްކަމަކު ، އަދިވެސް އެއީ އޭނާގެ ޅަދުވަސްކަމަށް ޚައިރާދު ބުންޏެވެ. ވާރޭ ވެހެންޏާ ދެމީހުންވެސް ވާރެއާ ތެމިލަންވާޏެކަމުގައި ޚައިރާދު ބުންޏެވެ. ވާރެއާ ތެމޭކަށް އަޝްހަރު ބޭނުމެއް ނުވިއެވެ. އެހެނަސް އެވަގުތު ، ބޯކޮށް ވާރޭ ވެހިގަތުމާއެކު ސިއްސައިގެން ގޮސް ، އަޝްހަރު ގޭތެރެޔަށް ވަންނަން ދުއްވައިގަތެވެ. ޚައިރާދު ކޮޅަށް ތެދުވެ ބަގީޗާ ތެރެޔަށް ނުކުމެ ވާރެޔާ ތެމެން ފެށިއެވެ. އަޝްހަރަށް ގޮވިޔަސް އޭނާއެއް ނައެވެ. ޚައިރާދު ކުޑަކުއްޖެއްހެން އުފަލުންގޮސް ބަގީޗާތެރޭ އެނބުރި ބޯކޮށްވެހޭ ވާރެއާ ތެމެމުން ގެންދިޔައެވެ.
(ނުނިމޭ)
Vvarahves reethi shukuran