ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް ނިއުޔޯކުގެ މެންހަޓަން ކްރިމިނަލް ކޯޓުގައި އުފުލި 34 ޖިނާއީ ދައުވާއަށް އޭނާ އިންކާރުކުރައްވައިފިއެވެ.

އޭނާގެ މައްޗަށް އުފުލާ ދައުވާތަކުގެ ތެރޭގައި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭނާއާ ދެކޮޅަށް އަޑުއުފުލުން ހުއްޓުވުމަށްޓަކައި ދެ އަންހެނަކަށް ފައިސާ ދިނުން ހިމެނެއެވެ. އޭގެތެރޭގައި ބަރަހަނާ ފިލްމުތަކުގައި ހަރަކާތްތެރިވުމަށް މަޝްހޫރު އަންހެނަކުވެސް ހިމެނެއެވެ. މީގެ އިތުރަށް ވިޔަފާރީގެ މުއާމަލާތްތަކުގެ ރިކޯޑުތައް އޮޅުވާލުމުގެ ދައުވާވެސް ޓްރަމްޕުގެ މައްޗަށް އުފުލާފައި ވެއެވެ. އޭނާ ވަނީ މިހުރިހާ ދައުވާއަކަށް އިންކާރުކުރައްވާފައެވެ.

"ދައުވާ ލިބޭ ފަރާތް ކަމުގައިވާ ޑޮނާލްޑް ޖޭ. ޓްރަމްޕް ވަނީ ނިއުޔޯކުގައި ކުރައްވާފައިވާ ވިޔަފާރީގެ ރިކޯޑުތައް އޮޅުވާލެއްވުމަށް މަސައްކަތްޕުޅުކުރައްވާފައި. އެއީ ޣައިރު ގާނޫނީ ރޭވުމެއް ފޮރުވުގެ ބޭނުމުގައި. ބޭނުމަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަޒާހަތްތެރިކަމަށް އަސަރުކުރާ ފަދަ ކަމެއްކޮށް، އެކަން ފޮރުވުން." ދައުވާ އިއްވަވަމުން މެންހަޓަންގެ ޑިސްޓްރިކްޓް އެޓާނީ ކްރިސް ކޮންރޯއި ވިދާޅުވިއެވެ.

"މަކަރުހެދުމާއި، އެހެން ޖަރީމާއެއް ފޮރުވުމުގެ ބޭނުމުގައި ވިޔަފާރީގެ ރެކޯޑުތައް އޮޅުވާލުމުގެ ނިއުޔޯކުގެ ގާނުނު ބުނާގޮތުން ޖިނާއީ ކުށެއް. ހަގީގަތުގައި މިމައްސަލަ ބިނާވެފައި ވަނީ މިކަމުގެ މައްޗަށް." ޓްރަމްޕުގެ މައްޗަށް ދައުވާ އުފުލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މެންހަޓަންގެ ޑިސްޓްރިކްޓް އެޓާނީ އެލްވިން ބްރެގް ވިދާޅުވިއެވެ.

"އަހަރެން ކުށެއް ކޮށްފައިވާ ކަމަކަށް ގަބޫލެއް ނުކުރަން." ދައުވާތައް އަޑުއެއްސެވުމަށްފަހު އެއަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

"މިފަދަ ކަމެއް (ކުރީގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން) އެމެރިކާގައި ހިނގާފާނެކަމަށް އަހަރެންގެ ހިތަށް ދުވަހަކުވެސް އަރާފައި ނުވޭ." ދައުވާތަކަށް ފަހު ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވިއެވެ.

"އަހަރެން ކުރިހާވެސް ކުށަކީ މިގައުމު ހަލާކުކޮށްލަން މަސައްކަތްކުރާ މީހުންގެ ކިބައިން ބިރެއްނެތި މިގައުމު ދިފާއުކުރުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ފަނޑިޔާރު ހުއާން މާޗަން ވަނީ ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ދެން އޮންނާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުގައި ކަން އިއުލާންކުރައްވާފައެވެ.

ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ކުރިން އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައި ވާއިރު، ދައުވާ އިއްވުމުގެ މަޖިލީހަށް ފަހު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.