އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަންކޮށް ލިޔުން ހަވާލުކޮށްފި

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް މއ.ކޮށީގެ، ޢަބްދުﷲ ސަޢީދު މިއަދު ޢައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށާއި މެނޭޖިންގ ޑިރެކްޓަރު ކަމަށް ސައީދު މިއަދުން ފެށީގެން އައްޔަންކޮށްފައިވާ ކަމަށެވެ.

އެމްޑީގެ މަގާމަށް ސައީދު އައްޔަންކޮށްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންކަމަށެވެ.

މަގާމުގެ ލިޔުން ސައީދުއާއި ހަވާލުކުރީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.

ސައީދު އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމެވެ.

ސައީދު ވަނީ ގްލޯބަލް ޓްރޭޑިންގ (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓްގެ މަގަމާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަދި ސީއީއޯ ކަމާއި އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރް) ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަންކޮށްފައިމިވަނީ އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު އެ މަގާމުން ވަކިކުރުމަށްފަހުގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.