އޭނާއަކަށް މަންމައަކަށް ނުވެވުނެވެ.
އެއީ އޭނާއަށް ދިމާވެފައިވާ އެންމެ ބޮޑު ބަދުނަޞީބެވެ. ކުދީން ނުލިބޭ އަންހެނުން، ފެނެއް ވިނައެއް ނުހުންނަ ބިން، ހަނދާއި ތަރިތައް ފިޔަޖަހަމުން ނުދާ އުޑު، މީރުވަސްދުވާ މާމަލާއި މީރުމޭވަތަކުން މަޙްރޫމްވެފައިވާ ބަގީޗާތައް އަދި ކުޑަކުދީންގެ އުފާވެރި އަޑުތައް އިވެމުންނުދާ ގޭގެ، މި ހުރިހާ ކަންކަމަކީ ތަޤްދީރުގެ ކޮންފަދަ ހިތާމަވެރި މިންވަރުފުޅެއްތޯއެވެ؟ ނަމަވެސް އެއީ ތަޤްދީރުގެ އެއްބައެވެ. ހީވަނީ އެއީ، ތަޤްދީރުގެ ބިރުވެރި ސަމާސާއެއް ހެންނެވެ.
އަނާގެ ކައިވެނީގެ ޙަޔާތަށް މިހާރު 3އަހަރު ވެއްޖެއެވެ. އޭނާގެ ފިރިމީހާއަށް ޓަކައި ހުރިހާ ޤުރުބާނެއް ވެއްޖެއެވެ. ނަމަވެސް މިއަދު އޭނާއަށް ކުރިމަތިވަމުންދަނީ މަލާމާތާއި ފުރައްސާރަ ކުރުމެވެ. އަދި އޭނާއަށް މަޖްބޫރުވެފައިވަނީ އޭނާގެ ފިރިމީހާއާ ވަކިވާށެވެ. ކީއްވެގެންތޯއެވެ. އޭނާގެ ބަނޑުން ޚާން އާޞިފަށް ކާފަކިޔާނޭ ފިރިހެން ކުއްޖެއް ނުވަތަ އަންހެން ކުއްޖެއް ނުލިބިގެންނެވެ.
އަނާއަކީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ހަމައެކަނި ރީތީކީއެއް ނޫނެވެ. އަދި ކީއްހެއްޔެވެ. ޙޫރުލްޢީނެއްގެ ރީތިކަން ޤުދުރަތުން އޭނާއަށް ވަނީ ދެއްވާފައެވެ. ރީތި އަޚްލާޤާއެކުގައެވެ.....ހެދިހެދިހުރި އިސްކޮޅެކެވެ. ދޮން އާފަލެއްގެ ކުލައެވެ. ކަޅުކުލަ ގަދަ ދިގުދިގު އިސްތަށިގަނޑެކެވެ. އެ އިސްތަށިގަނޑުގެ ހިޔަލުގައި ޚާން އާޞިފްގެ ފިރިހެން ދަރިފުޅު މާޖިދު އެތައް ރެއެއްގެ ފަތިސް ކޮށްފައިވެއެވެ. މިއަދު އެ ދަރިފުޅު، އަނާގެ ފިރިމީހާވަނީ އެ ހުރިހާ ކަމެއް ހަނދާން ނައްތާލާފައެވެ. ..... ހަނދާން ނައްތާލާފައެވެ. ނުވަތަ ހަނދާން ނައްތާލަން އޭނާއަށްވަނީ މަޖްބޫރުވެފައެވެ. މި ކައިވެންޏަކީ މާޖިދު އަމިއްލައަށް އެދިގެން ކުރެވުނު ކައިވެންޏެކެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް އަނާ ގެނައީ މާޖިދު އަމިއްލައަށެވެ. އަނާ އެންމެ ފުރަތަމަ މާޖިދުއާ ބައްދަލުވީ ކަނޑުގެ އައްސޭރިންނެވެ. އަނާ އިނީ ތިމާގެ އަންހެން ބަޔަކާއެކު ވައިޖައްސާލަން ގޮސް އަތިރިމަތީގައެވެ. އެތާނގައި ހުރި ގަސްތަކެއްގެ ކައިރީގައި އެންމެން އިށީނދެލައިގެން ތިބެފައި، ކުރިމަތީގައި ހުރި ސްޓޯލަކުން ކޮންމެވެސް ކަހަލަ ޑްރިންކެއް އެމީހުނަށް ގަނެދޭން ދިޔައީ އަނާއެވެ. އެނާ އެތަނަށް ދިޔައިރު އެ ސްޓޯލް ކައިރީގައި މާޖިދު ހުއްޓެވެ. އޭރު އޭނާ ހުރީ ކޯކް ދަޅެއް ބޯށެވެ. އޭނާ އަނާއާ ދިމާއަށް ބަލަން ހުރިގޮތް އަނާއަށް ރަނގަޅަށް އިޙްސާސް ކުރެވުނެވެ. ސަބަބަކީ މާޖިދު އޭނާއާ ދިމާއަށް ކަމަށް ބަލަމުން ދިޔައީ އެއްވެސް ފޮރުވުމެއްނެތި ހަމަސީދާ އޭނާއާ ދިމާއަށް ކަމަށްވާކަމެވެ. އަނާ ސްޓޯލްގައި ހުރި މީހާއަށް އޯޑަރ ދީފައި އަވަސް އަވަހަށް އެނބުރިލިތަނާ މާޖިދު ބުނެލިއެވެ.
"ކަލާ ހާދަ ރީއްޗޭ!"
"އޭނ.....!" ބޭއިޚްތިޔާރުގައި އަނާގެ އަނގައިން ބުނެވުނެވެ.
"ކަލާގެ ނަމަކީ ކޮބައިތޯ؟" އަނެއްކާވެސް މާޖިދު އަހާލިއެވެ. އަނާއަށް ފައި އޮޅޭގޮތްވެގެން ދިޔައެވެ. ނަމަވެސް އަވަސް އަވަހަށް ހިނގައިގަތީއެވެ. އޭނާ މިޒުވާން ފިރިހެން ކުއްޖާދެކެ ރުޅިއަންނަގޮތްވިއެވެ. އޭނާއަށް ފެނުނުގޮތުގައި މި ފިރިހެން ކުއްޖަކީ އެއްވެސް އަޚްލާޤެއްނެތް ވިޔާނުދާ ކުއްޖެކެވެ. އެހެން ނޫންނަމަ އަންހެން ކުއްޖަކު ހަމަ ފެންނައިރަށް މިގޮތަށް ވާހަކަދައްކާކަށް ނުކެރޭނެއެވެ.
އަނާ ހިނގާފައި ގޮސް އޭނާގެ ތިމާގެ މީހުންކައިރީގައި އިށީނދެއްޖެއެވެ. ސިއްރުސިއްރުން އަދި ކަތިނަޡަރަކުން އެ ޒުވާނާ އާދިމާއަށް ބަލާލިއެވެ. އޭނާ އަދިވެސް އެތާނގައި އެބަހުއްޓެވެ. އެތާކައިރީގައި އޮތް ހިލަގަނޑެއްގެ މަތީގައި ފައިޖައްސާލައިގެން ހުރީ ކޯކް ބޯށެވެ. ބޮކީގެ އަލި އޭނާގެ މޫނަށް އެޅެމުންދާތީ ވަރަށް ރީތިކޮށް މޫނު ފެންނަން ހުއްޓެވެ. ވައިރޯޅީގެ ސަބަބުން އޭނާގެ ބޮލުގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. އޭނާ ލައިގެން ހުރީ ޖިންސެކެވެ. އަތްބުރި ގަމީހެކެވެ. ފެންނަ ފެނުމުގައި އޭނާއަކީ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ. ގަމީހުގެ މަތީ ދެގޮށެއް ނެއްޓިފައި ހުރުމުން އޭނާގެ މޭމަތީގައި ފަޅާފައިވާ އިސްތަށިތައް ފެންނަމުންދާތީ އޭނާގެ ފިރިހެންވަންތަކަން އަދި ވަކީން އިތުރުކޮށްދެއެވެ. ޙައިރާންވާންޖެހޭ ކަމަކީ އޭނާ އަދިވެސް ކަޅިޖަހާނުލާ އަނާއާ ދިމާއަށް ބަލަމުންދާކަމެވެ. އޭނާއާ ދިމާއަށް މިގޮތަށް މީހަކު ބަލަމުންދާތީ އަނާ ކަންބޮޑު ވާގޮތް ވާން ފަށައިފިއެވެ. އޭނާގެ ކައިރީގައި ތިބި އެހެން ކުދިންނަށް މިކަން އެނގިދާނެތީ އޭނާ ބިރުގަންނަންވެސް ފަށައިފިއެވެ. އެފިރިހެން ކުއްޖާ މިއެންމެންގެ ތެރޭގައި އޭނާ އިންދާވެސް އޭނާ ކައިރިއަށް އަތުވެދާނޭއޭ ވެސް އަނާ ހިތަށް އަރަން ފަށައިފިއެވެ. އެހެން ހިތަށް އެރުމާއެކު އަދި ވަކީން ބޮޑަށް އޭނާ ހާސްވާގޮތްވިއެވެ.
"ސްޓޯލްގައި ހުރިމީހާ މިހާއިރުވާއިރުވެސް އެއްޗެއް ނުގެންނަނީ ކީއްވެތަ؟" އަނާ ބުނެލިއެވެ
އެންމެން ސިއްސައިގެން ގޮސްފައި، އަނާއާ ދިމާއަށް ބަލާލިއެވެ. އެއަށްފަހު ސްޓޯލާ ދިމާއަށް ބަލާލިއެވެ. އެވަގުތު އެޒުވާނާ އޭނާގެ ނަޡަރު އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ. އެހެންނޫންނަމަ އަނާއަށް ކުރިން ހީކުރެވެމުން އައި ބިރު ޙަޤީޤަތަކަށްވީހެވެ. އެޒުވާނާ އަނާއާ ދިމާއަށް ބަލަން ހުރިތަން އެ އެންމެންނަށް ފެނުނީހެވެ.
"އަހަރެން އަނެއްކާވެސް ގޮސް، ސްޓޯލްމީހާއަށް އެއްޗެތި ކިޔާފައި އަންނާނަން". އަނާ ކަންބޮޑުވެގެން ތެދުވެއްޖެއެވެ. އޭނާގެ މަޤްޞަދަކީ އެ ޒުވާނާއާ ދިމާއަށް އެއްޗެތި ކިޔުމެވެ. އޭނާ ސްޓޯލްކައިރިއަށް ހިނގައްޖެއެވެ.
"ކަލޭ އަދިވެސް ޑްރިންކް ނުގެނެސްދީ ތިޔައުޅެނީ ކީއްވެތަ؟ މިތާ އުޅޭކުއްޖާވީ ހުސްތަށި ނަގަންގޮސް. އެނާ އައިހާއަވަހަކަށް މިގެންދަނީ."
"އަދި ބުނަން ...ކަލޭ އަންހެނުންނާ ދިމާއަށް ބަލާ މިފާޑުގެ ޒުވާނުން ސްޓޯލް ކައިރީގައި ބައިތިއްބަނީ ކީއްކުރަން!" އަނާ މިޖުމުލަ ބުނެލީ ވަރަށް ނުރުހޭގޮތް ދައްކާލާފައެވެ.
ސްޓޯލުގައި ހުރިމީހާ ކަންބޮޑުވެފައި އެޒުވާނާއާ ދިމާއަށް ބަލާލިއެވެ. އެވަގުތު އެޒުވާނާ ބުންޏެވެ.
"އަޅުގަނޑު ހަނދާ ދިމާއަށް ބަލަން ހިތްވަރުކުރީ... ކޮންމެވެސް އޮޅުމަކުން އެ ހަނދު ހުރީ ބިންމައްޗަށް ފައިބާ!"
"ލަދުކުޑަ!" ހަމައެކަނި މިހެން ބުނެލާފައި އަނާ ކުރިޔަށް ހިނގައިގެންފިއެވެ. އޭނާގޮސް ތިމާގެ މީހުންކައިރީގައި އިށީނުމާއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ބުންޏެވެ.
އެ ޒުވާނާއާ ޒުވާބު ކުރަންޖެހުނީ ކީއްވެގެންތަ؟ އަނާ! އޭނަ ކީކޭ ބުނީތަ؟" އަނާ ހާސްވާގޮތްވިއެވެ. ނަމަވެސް އަވަސް އަވަހަށް އެކަން ފޮރުވާލާފައި ޖަބާވުދިނެވެ.
"އެތައް ފަހަރަކު އޭނާ ލޯބޮޑުކޮށްފައި އަހަރެންނާ ދިމާއަށް ބަލަނީ..... އެހެންވީމާ ދެތިން އެއްޗެއް ބުނެލީ..."
"ތިޔަ ހެދީ ހަމަ ރަނގަޅަށް....." އެއްކުއްޖަކު ބުންޏެވެ.
"އެކަހަލަ ޒުވާނުން މިކަހަލަ ތަންތަނަށް އައިސް އެކަނިތިބޭ އަންހެނުންނާ މައްލަވަ ކުރާކަށްވެސް ޖެހިލުމެއްނުވޭ" އެހެން ކުއްޖަކު ބުންޏެވެ. "ޑްރިންކްސްތައް ދޫކޮށްލަންވީނުން.... އަހަރެންދެން މިތާ އިންނާކަށްވެސް ބޭނުމެއްނޫން" އަނާ ތެދުވަމުން ބުންޏެވެ. އެނާއާއެކު އެހެން ކުދިންތައް ވެސް ތެދުވެގެން ހިނގައިގެންފިއެވެ. އަނެއް ދުވަހުގެ މެންދުރު އަނާ ސްކޫލުން ނުކުމެގެން ބަސް ހޯދުމަށް ޓަކައި ބަސް ސްޓޮޕާ ދިމާއަށް ދަނިކޮށް އޭނާ ސިއްސައިގެން ދާންޖެހުނެވެ. ކަޅުކުލައިގެ ބިޔޫކް ކާރެއް ފަހަތުން އައިސް އޭނާއާ ކައިރިއަށް މަޑުކޮށްލީމައެވެ. ޙައިރާންވެލާފައި ކާރު ދުއްވަން އިންމީހާއަށް ބަލާލިއިރު އެމީހަކު ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. އެމީހާ ވަރަށް އަދަބުވެރިގޮތެއްގައި ކާރުގެ އަނެއްފަރާތު ދޮރު ހުޅުވާލާފައި ބުންޏެވެ.
"ކާރަށް އަރުއްވާ ...ކަލާގެ އެކުވެރިކަންވެސް ފަހަތުން އެބައާދޭ ކަލާ ބޭނުންވަނީ ކޮންކަމެއްތަ؟ ކަލާއަށް އެއްވެސް ކަހަލަ ގެއްލުމެއްދޭކަށް ބޭނުމެއްނޫން. މާތްރަސްކަލާނގެ ގަންދީ އަޅުގަނޑު މިބުނަނީ އަޅުގަނޑަކީ އާވާރާވެގެން އުޅޭ ޒުވާނެއްނޫން... ކޮންމެ ކަހަލަ މީހަކަށް ވިޔަސް ވަރިހަމަ މީގެ ފަހުން ތިޔަގޮތަށް އުޅެގެންނުވާނެ" އަނާ އެހެންބުނެފައި ވަރަށް ބާރަށް ކުރިއަށް ހިނގައިގެންފިއެވެ. ތިންވަނަ ދުވަހުވެސް ހަމަ އެގޮތަކަށް ދިމާވެއްޖެއެވެ. ބަސް ސްޓޮޕްގެ ކައިރިއަށް އައިސް ކާރު މަޑުކޮށްލާފައި ޒުވާނާ ބުންޏެވެ.
ކަލާ އަޅުގަނޑަށް ކުޑަ ވަގުތުކޮޅެއް ނުދެއްވައިފިނަމަ، ދެން އަޅުގަނޑު ކަލާއާ ބައްދަލުކުރާނީ ކަލާގެ ގެއިން."
"އޯ ޔޫ ޝަޓަޕް..." އަނާ ރުޅިއައިސްގެން ބުނެލިއެވެ. ނަމަވެސް އޭނާ އެހެން ބުނިއިރު ގެންފައިވާ ބިރުގެ ސަބަބުން އޭނާގެ އަޑު ކަރުތެރެއިން ނުކުތުމުގެ ބަދަލުގައި ނުކުތީ ނޯށުންކަން އަނާއަށް ވެސް އެނގެއެވެ.
"އެންމެ ރަނގަޅު ދެން އަންނަ ބައްދަލުވުމަކީ ފައިދާ ހުރި ބައްދަލުވުމަކަށް ވާނެ" ޖަވާބުގައި މާޖިދުބުނީ މިހެން ކަމަށް ވުމުން އަނާ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އަދި ބިރުވެސް ގަނެފިއެވެ. ބަދުނާމު ވެދާނެތީއެވެ. މިހާތަނަށް އޭނާއާ ބެހޭގޮތުން އެއްވެސް ކަހަލަ ވާހަކައެއް އޭނާގެ ގެއާހަމައަށް ކީއްކުރަންތޯ؟ އޭނާގެ އެކުވެރީންނާ ހަމައަށްވެސް އިވިފައެއް ނުވާނެއެވެ. ބަދުނާމުވުމެވެ. އަބަދުވެސް ބަދުނާމު ވަނީ ނިކަމެތީންނެވެ. ފަޤީރުންނެވެ. މުއްސަނދިންނާއި މޮޅު މީހުން ބަދުނާމެއް ނުވާނެއެވެ.
އަނެއް ދުވަހު ހެނދުނު ކޮލެޖަށް ދާން އުޅުނުއިރު އަނާ ވަރަސް ބިރުގަތެވެ. ބިރުގަންނަން ޖެހުނު ސަބަބެއް އޭނާއަކަށްވެސް ނޭނގެއެވެ. ކޮލެޖަށްނުގޮސް ގޭގައި ހުންނާނީއޭވެސް ހިތަށް އެރިއެވެ. ބަލިވެއޭ ކިޔާފައި ސަލާމް ފޮނުވާނީއޭވެސް ހިތަށް އެރިއެވެ. ނަމަވެސް ގޭމީހުން ކިޔާނީ ކީކޭބާއޭ ހިތަށް އަރާފައި އެހެންވެސް ހަދަން ނުކެރުނީއެވެ. ގޭމީހުންނަށް މިކަން އެނގިއްޖެނަމަ ފަހަރެއްގައި އޭނާ ކޮލެޖުން ވަކިވެސް ކޮށްފާނެކަން ނޭނގެއެވެ. އޭނާ ކޮލެޖަށް ވަދެގެން ބީ.އޭ އާހަމައަށް ކިޔަވަމުން މިގެންދަނީ ހަމަ އޭނާ އަމިއްލައަށް ބާރުއަޅައިގެން އެކަމަށް އެދިގެންނެވެ. މިއީ ބީއޭގެ ފަހު އަހަރެވެ. މިހާހިސާބަށް ގެންގޮސްފައި ދެން ހުއްޓާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން މިހުރިހާ ފިކުރުތަކެއް ކޮށްފައި ކޮލެޖަށް ދިއުމަށްޓަކައި އޭނާ ގެއިން ނިކުމެއްޖެއެވެ. ނަމަވެސް ވީ ކިހިނެއްތޯއެވެ؟ އެއްކަލަ ކަޅުކުލައިގެ ބިޔޫކް ކާރު އޭނާގެ ގެޔާދިމާއަށް އަންނަނީއެވެ.
(ނުނިމޭ)
Varahves reethi