(19 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެންގެ ވާހަކަ އަހާބަލަ"
"ބުނޭ..."
އަހަރެންގެ ކުށް މާފުކޮށްދީ...އަނާ! އޭރުން އަހަރެންނަށް ކުޑަކޮށް ހިތްހަމަޖެހުމެއް ލިބިދާނެ ކަންނޭނގެ. އަހަރެންގެ ސިކުނޑިއަށް ކުރަމުންދާ ބާރަކުންހީވަނީ ހަމަކޮންމެ ވަގުތެއްގައިވެސް ނާރުތައް ފަޅައިގެން ހިނގައިދާނެހެން. އެއްވެސްކަމެއް ނުބާނެ ޚުދް އަހަރެންވެސް ތިޔަކަހަލަ ވަރަށް ގިނަ ޠޫފާންތަކުގެ ތެރެއިން ދަތުރުކޮށްފިން ހަނދާންކޮށްބަލަ އަހަރެން ތިޔަގެއިން ނެރުނުދުވަސް... އެ ދުވަހު އަހަރެންގެ ޙާލަކީ ކޮބާ! ހަނދާންކޮށްބަލަ ...އަހަރެންގެ ދަރިފުޅަކީ ޙަރާންދަރިއެކޭ ބުނިދުވަސް.... އަދި ކޯޓްގައި އެއީ ހަރާން ދަރިއެއްކަން ސާބިތުކުރި ދުވަސް އެވަގުތު އަހަރެންގެ ޙާލު ހުންނާނެގޮތް ހިތަށްއަރުވާލަބަލަ އަހަރެންގެ ރަހިމަށް ލަޢުނަތްދީ އަހަރެންނަކީ ނާސިއަންހެނެއްކަމަށް ހަދާ ހެދިއިރު އަހަރެންނަށް ވާނެގޮތް ވިސްނާލަބަލަ ދުނިޔޭގައި އަންހެނަކާ ދިމާއަށް ކިޔެންއޮތް އެންމެ ދަށް އެންމެ ހުތުރު އެއްޗެހި އަހަރެންނާ ދިމާއަސް ކީއިރު އަހަރެންގެ ޙާލު ހުންނާނެ ގޮތް ވަޒަންކޮށްބަލަ..އަދި އަހަރެންގެ ދަރިފުޅަށް ޒަހަރުދީގެން އޭނާ މަރާލިކަން އެނގުނުހިނދު އަހަރެންނަށް ވާނެގޮތާމެދުވެސް ޚިޔާލުކޮށްބަލަ އާނ..މާޖިދު އެހުރިހާ ޙާލަތެއް ކުރިމައްޗަށް ގެނެސްބަލަ އޭރުން އަހަރެން ކިހާގިނަ ޠޫފާންތަކެއްގެ ތެރެއަށް ދަތުރުކޮށްފައިވާކަން ކަލެއަށް އިޙްސާސްކުރެވޭނެ. އެކަމަކު ހަނދާން ކުރޭ އަހަރެން ވަރުބަލިވެއްޖެއެކޭ ނޫންނަމަ ދެން އިތުރުއަނިޔާ ނުކުރާށެކޭ ބުނެފައެއް ނޯންނާނެ.އަދި ކީއް.... އަހަރެން ކެތްކުރަމުން ދިޔައީ އަދި ޤުދްރަތުގެ އިންޞާފަށް އެދިގޮވަމުން އައީ އަދި މިއަދު ވަގުތާއި ޙާލަތު އަހަރެންނާ އެއްކޮޅަށް ޖެހެމުން އަހަރެންނަށް ހީވަނީ އަހަރެންގެ ގޮވުންތައް އެކަލާނގެ އެއްސެވީކަމަށް. އަދި އަހަރެން އެދުނު އިންސާފް ދެއްވުމަށް އެކަލާނގެ މިންވަރު ކުރެއްވީކަމަށް.'
"އަހަރެންގެ ބައްޕަ އަމިއްލައަށް މަރުވާން ކަލޭ ބޭނުންވަނީތަ؟" ކުއްލިއަކަށް މާޖިދަށް ބުނެލިއެވެ.
“އަމިއްލައަށް މަރުވުމޭ؟" އަނާ ތުންފަތްމައްޗަށް މަލާމާތުގެ ހިނިތުންވުމެއްގެނައެވެ. ހަމައެއާއެކު ނަފްރަތުވެލާފައި ބުންޏެވެ.
"އަމިއްލަޔަށް މަރުވާނީ ޣީރަތު ހުންނަމީހުން ނުވަތަ ޙާލަތާ ފިނޑިމީހުން ފިނޑިމީހުން ނުވަތަ ދިރިއުޅުމުން ފިލަން ބޭނުންވާ ފިނޑި މީހުން ފިނޑިމީޙުންދެކެ އަހަރެން ކިހާ ފޫހިވާކަން ކަލެއަށް އެނގޭނެ ހަޤީޤަތުގައި ކަލާގެ ބައް އުޅެނީ އަހަރެން އަމިއްލައަށް މަރުވާން މަޖްބޫރުކުރަން ނަމަވެސް ކަލެއަށް ފެނެއެއްނު އަހަރެން އެހެނުނުހެދީމު ދުޝްމަނު މީހާ ކުރިމަތީގައި ހުރެފައި ހަނގުރާމަ ދެމިއޮތީމާ މަޖާވާނެ މަރުވާނީވެސް އެއްފަހަރު ދިރިއުޅެވޭނީވެސް އެއްފަހަރު އެހެންނޫންތަ މާޖިދު!"
"ދުޝްމަނުކަމުގެ މަޖަލަކީ މިއީ. ކަލޭގެ ޚިޔާލަކީ ކޮބައިތަ؟"
"ކަލޭ ޚިޔާލުތައް ހާދަ ބިރުވެރިއޭ!"
"އަހަރެންވާ ހަމައެކަނި ވާހަކަދައްކަނީ. ކަލޭމެން އަމަލުންވެސް ކޮށްފީމު އަހަރެން އަމިއްލައަށް މަރުވާން މަޖްބޫރުކޮށްފީމު. އެކަމަކު ދެކެބަލަ އަހަރެން އަމިއްލައަށް މަރެއްނުވަމެއްނު!
"މިހާރުދެން ކަލޭ ބޭނުންވަނީ ކޮންކަމެއްތަ؟:
"އަހަރެން ބޭނުމީ ދިރިއުޅެން، އެނގިއްޖެތަ؟"
"ކަލޭ ދިރިއުޅުނަ ނުދިނީ ކާކުތަ؟"
"އެކަކުވެސް ދިރިއުޅުނަ ނުދިނީކީނޫން..އަދި ކީއް... ދިރިއުޅެމުން ދިއުމަށް އަހަރެން ކުރިމަސައްކަތް ކުރަނީ
ކަލޭގެ ކުރިމަތީގައި އަހަރެންގެ ޙައިޘިއްޔަތަކީ ކޮބަ! ކުއްލިއަކަށް މާޖިދު ސުވާލުކުރިއެވެ. އޭނާގެ އަޑުގައިވަނީ އަޖައިބުވާފަދަ ގޮތެކެވެ. ކަލޭގެ ޙައިޡިއްޔަތު ވާން ބޭނުންވަނީ ކޮން އެއްޗަކަށްތަ؟" އަނާވެސް ބުނީ ހަމަ އެކަހަލަ އަޑަކުންނެވެ.
"އަހަރެންނަށް ހީވާގޮތުން މިހާރު ކުޑައިރުކޮޅަކަށް އަރާމުކޮށްލަން އަހަރެން ބޭނުންވޭ."
"ރަނގަޅުވާނީ ތިޔަގޮތް." އަނާ ބުންޏެވެ. އަދި މާޖިދު ތެދުވެގެން ކޮޓަރިން ނުކުމެއްޖެއެވެ. އަނާގެ ތުންފަތްމައްޗަށް ރުޅިވެރިކަމާ ފޫހިކަން ވެރިވެގެން ދިޔައެވެ.
ޘަނާ ބޭރު ޤަވްމުތަކަށް ދަތުރު ހިނގައްޖެއެވެ. މިއީ ދެވަނަ ދުވަހެވެ. އެ ދެ ދުވަހުގެ ތެރޭގައި މާޖިދު އަނާއާ ބައްދަލުކުރަން އޮފީހަކަށްވެސް އަދި ގެއަކަށްވެސް ނާދެއެވެ. މުޅިގެއަށް ވަނީ ޢަޖައިބުވާފަދަ ހިމޭންކަމެއް އައިސްފައެވެ. ހަވީރު ފަހެއްޖެހިތަނާ އަނާ އޮފީހުން ގެއަށް އައިސްވަންއިރު އޭނާއަށްވެސް މިހިމޭންކަން ކުރިމަތިވުމުން އެއީ މާހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ނަމަވެސް.... މަޑުމަޑުންގޮސް އޭނާވެސް މިހާރުވަނީ މިއެކަނިވެރިކަމާއި ހިމޭންކަމަށް އާދަވާން ފަށާފައެވެ. އޭނާ ގޭތެރެއަށް ވަދެފައި ނިސްރީންނަށް ގޮވާލިއެވެ، އަދި އެއްވެސް މީހަކު ޖަވާބެއްވެސް ނުދިނެވެ. ދެން އޭނާ އިމްތިޔާޒަށް ގޮވާލިއެވެ. ނަމަވެސް އޭނާގެ ފަރާތުންވެސް ޖަވާބެއް ނުލިބުނީމާ އަނާ ކަންބޮޑުވާގޮތް ވެއްޖެއެވެ. އަދި ސީދާ އެ މީހުން އުޅޭކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ، ކޮޓަރީގެ ދޮރުހުރީ ލައްޕާފައެވެ. އެހެންކަމުން ދޮރުގައި ޓަކި ދިނެވެ. ނަމަވެސް ކޮޓަރިން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނާއާ ކުރިމަތިލީ ހަމަހިމޭންކަމެވެ. އަނާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެދެމީހުން ކޮޓަރިތެރޭގައި ތިއްބެވެ. އެއްއެނދުމަތީގައެވެ. އެއްވެސް ތަރުތީބެއްނެތް ގޮތަކަށް ނިދާފައެވެ، އަނާ ފުން ނޭވާއެއްލެވުނެވެ. އަދި މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުނަމުން ކޮޓަރީގެ ދޮރު ލައްޕާލާފައި އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. މިއީ ދެން ނިދަން ކޮންވަގުތެއް ހެއްޔެވެ؟
އަނާއަށް ކޮޓަރިއަށް ވަދެވުމާއެކު ސިއްސައިގެން ގޮސްފައި ހުއްޓެވުނެވެ. ކުރިމަތީ ގޮނޑިސެޓްގައި އިނީ މާޖިދެވެ. ހަމަޖެހިލައިގެން އިނދެ ސިނގިރޭޓެއް ބޮނީއެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ ވަރަށް ލާނެތް ހިނިތުންވުމެކެވެ.
އަނާ ކުޑައިރުކޮޅެއް ވަންދެން މާޖިދާ ދިމާއަށް ބަލަން ހުއްޓިހުރުމަށްފަހު ކުރިއަށް ހިނގައި ގަންނަމުން ބުންޏެވެ. "ކޮންއިރަކު އައީ؟"
"އައިތާ ގަޑިއެއްހާއިރު ވެއްޖެ ކަލާގެ ބިއްލާބޭބެ މިއަދު އޭނާގެ ތިމާގެ މީހުންނާ ބައްދަލުކޮށްލަން ރަށަށް ގޮސްވީ މިރޭ އަށެއްނުޖަހަނީސް އޭނާ ގެއަކަށް ނާންނާނެ. މިވާހަކަ އަހަރެން ގާތުގައިބުނީ ޚުދް އޭނާ މިއަދު ކުންފުނިން ދިމާވެގެން އެހެންވީމާ ކަލެއާ ބައްދަލުނުވެ ސީދާ ގެއަށް އަންނަން އަހަރެން ޚިޔާރުކުރީ އެހެނީ ދެމަފިރިން ދޭތެރޭގައި އެހެން މީހުންނެތި އެކަނި ދައްކާލަންޖެހޭ ކަހަލަ ވާހަކަ ހުންނާނެ ނޫންތަ! އަދި އެކަނި ބައްދަލުވާންވެސް ބޭނުންވާނެ ނޫންތަ! ގޭގައި ގެންގުޅޭ މީހުންވެސް ދެމަފިރިން ދޭތެރޭ ތިބުމަކީ ރަނގަޅުކަމެއް ނޫން އެހެންވީމާ އަހަރެން ސަޔަށް މަސްތުވާބޭސް އަޅައިގެން ނިސްރީނަށާއި އިމްތިޔާޒަށް ސައިދިނީ އަދި އެ މީހުން ނިންދެވީ މިހާރުދެން އަހަރެމެން ދެމަފިރިންނަށް އެކަނި މިތާނގައި ތިބެވިދާނެއްނު!"
"ވަރަށް ރަނގަޅު."
އަނާ ރައްކައުތެރިވަނީއޭ ހީވާފަދަ ގޮތެއްގައި އެނދުމަތީގައި އިށީންދެއްޖެއެވެ. އަދި މާޖިދުގެ ލޮލަށް ބަލަމުން ބުންޏެވެ.
"ޤަސްދު ކުރަނީ ކޮންކަމެއްތަ! އެކަނިވެރިވުމުގެ ބޭނުމަކަށްވާނީ ކޮންކަމެއް؟ އަހަރެން މިބުނީ އަހަރެމެން ދެ މީހުން ދެމަފިރިންގެ ދެމެދުގައި އެކަނިވެރިވުމުގެ މާނައެއް އޮންނާނޭ އެ އެކަނިވެރިވުން ހޯދުމަށް ޓަކައި މަސައްކަތް ކުރެވިއްޖެ."
އަނާ ކަޅިޖަހާނުލާ މާޖިދުގެ ލޮލާދިމާއަށް ބަލަމުން ދިޔައެވެ އޭނާގެ މަޤްސަދަކީ އޭނާ ލައްވާ އިތުރަށް ވާހަކަ ދެއްކުމެވެ، ނަމަވެސް މާޖިދު ހަމައެކަނި ހިނިތުންވެލައިގެން އިނީއެވެ
"ބޭނުންވަނީ ކޮންކަމެއްތޯ؟"
"ކަލެއަށް ލޯބިކުރުން......"
"ކީކޭ؟" އަނާ ޙައިރާންވެގެންގޮސް ސިހުނެވެ. މާޖިދު ހިނިތުންވެލާފައި ބުންޏެވެ.
"ފިރިއަކު އޭނާގެ އަނބިމީހާއަށް ލޯބިކުރަން އެދެނީ އެއީ ޝަރުޢަތާއި ހިލާފު ކަމެއްތަ ނުވަތަ ޤާނޫނާ ޚިލާފު ކަމެއްތަ؟ މާޖިދު ބުނަންތަ! ހަމަ ހަޤީޤަތުގައިވެސް ވަރަށް ބޮޑަށް އަރާމުކުރުން ކަލެއަށް ބޭނުން...ދޭ...އަނެއްކޮޓަރިއަށް އަވަހަށްދޭ."
މާޖިދު ހަމައެއްގޮތަކަށް ހިލާފައި އަނެއްކާވެސް ބުންޏެވެ.
"ލޯބިކުރިޔަކަ ނުދޭނަންތަ؟"
"ކަލޭ ބުއްދި ގޯސްވީތަ!" އަނާ ރުޅި މޫނު ދައްކާލިއެވެ.
"އާނއާނ.. އަހަރެން ބުއްދިގޯސްވީ އަހަރެން މޮޔަވީ އެކަމަކު ބުނަން...މިމޮޔަވުމުގައިވެސް އަދި މިދ ީވާނާ ވުމުގައިވެސް އަހަރެން ބޭނުންވަނީ ހަމަކަލޭ...ކަލޭގެ ލޯބި މިހާރު އަހަރެންނަށް މިދުރުގައި އުޅުމެއް ބަރުދާސްތެއް ނުކުރެވޭނެ.. ކަލެއަށް އެނގިއްޖެތަ!"
މާޖިދު ހަޅޭއްލަވައިގަތެވެ. އަނެއްކޮޅުން އަނާ ހިމޭންވެއްޖެއެވެ.
މާޖިދުގެ ޙިއްސުތަކުގެ ތެރޭގައި މިފަދަ ޖަޛްބާތުގެ ޠޫފާނެއް އުފެދިދާނެކަމަށް އަނާގެ ހިތަށްވެސް ގެނެވިފައި ނެތެވެ. އަދި އެފަދަ ޠޫފާނެއްގެ ސަބަބުން މާޖިދު އެހާ އަނދިރިވެދާނެއޭވެސް އޭނާ ހިއެއް ނުކުރެއެބެ. މާޖިދުގެ މޫނުވަނީ ރަތްވެފައެވެ. ލޮލުގެ ތެރެއިން ފެންނަނީ ވަޙްޝިޔާނާ އަސަރުތަކެވެ. ނުހަނު ބާރަށް އޮހިގެން އަންނަ މިފެންގަނޑު ހިފަހައްޓާލުމަށްޓަކައި ޑޭމްއެއް ހެދުމަކީ ވަރަށް އުނދަގޫކަމަކަށްވާނެކަން އަނާއަށް ވިސްނިއްޖެއެވެ. މާޖިދު މީނީ އެގޭގައި އުޅޭ ދެނޯކަރުންނަށް މަސްތުވާބޭސް ދީގެން އެމީހުންނިންދަވާފައެވެ. އެކަމަކަސް މާފެއް ނުކުރާނަމެވެ މާޖިދު އޭނާގެ ޖަޛްބާތު ފުރިހަމަ ކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެއީ އަޙްލާޤާ ރަޙުމާ ހަމްދަރްދީއާ ހުރިހާ އެއްޗެއް ބޮލާލާ ޖަހާފައި ނަމަވެހެވެ.
އަނާ މިހުރިހާ ކަމަކަށް ވިސްނާފައި އޭނާ އަމިއްލައަށް ކޮންޓްރޯލްކޮށްލިއެވެ. އަދި ހިނިތުންވެލާފައި ބުންޏެވެ.
"ކަލޭ އަދިވެސް އަހަރެން ދެކެ ލޯބިވާކަން އެނގުމުން އަހަރެން ވަރަށް އުފާވެއްޖެ.އެހެންނޫންނަމަ އަހަރެން ވިސްނަމުންއައީ ކަލެއަކީ އަދިވެސް ކަލޭގެ ބައްޕަގެ ގޮނޑިކޮއްކޮއެއްކަމަސް ބައްޕަގެ އަތުގެ އިނގިލިތަކުގެ ހެލުވުމަށް ނަށާމީހެއްކަމަށް...އާދޭ...ކައިރިއަށްއާދޭ... ދުރުގައި ތިޔަހެން ތިޔައިނީ ކީއްވެ..މިތަނަށް އާދޭ!"
މާޖިދު ޙައިރާންވެފައި އޭނާޔާ ދިމާއަށް ބަލަން އިނެވެ. އޭނާގެ ކަންފަތަށް އިވޭއަޑަކާ މެދު އޭނާޔަށް ޔަޤީނެއް ނުކުރެވެއެވެ.
އަނާ ހަމައެހާލޯބިން އޭނާއަށް ގޮވާފާނެބާވައެވެ. އެކަން އޭނާއަށް ޔަޤީނެއް ނުކުރެވުނެވެ. އެހެންކަމުން އަނާއާ ދިމާއަށް ބަލަން އިނީއެވެ.
"ދެން އާދޭ... މި އެނދުމައްޗަށް އާދޭ.... ކަލެއަކީ އަހަރެންގެ ފިރިމީހާއެއްނު! ހިލޭމީހެއް ނޫނެއްނު! އަދި އަހަރެން ނީނދެ ހިތާވެގެންއުޅޭ ލޯބިވެރިޔެއްވެސް ނޫނެއްނު! އަހަރެންނަކީ އެންމެ ކުރިންވެސް ކަލޭގެ މީހެއް އަދި މިއަދުވެސް ކަލޭގެ މީހެއް ޚުދް އަހަރެން އަމިއްލައަށްވެސް މިވަނީ ލޯބީގެ ދެތިންބަހެއް އަޑުއެހުމަށް ފެންބޮވައިގެންފައި.
މާޖިދު ކުއްލިއަކަށް ތެދުވެއްޖެއެވެ.
އަދި އަނާ ކައިރިއަށް އަތުވެއްޖެއެވެ. އަދި އަނާ ކައިރީގައި އޭނާ އިށީނުމާއެކު އަނާ ހިނިތުންވެލަމުން ބުންޏެވެ.
"އެ ދެ ފަކީރު ހޭނައްތާލައިގެން ނިންދެވުމުގެ ބޭނުމަކީ ކޮބައިތަ، ފަހަރެއްގައި މަރުވެސް ވެދާނެއެއްނު."
"މަރެއްނުވާނެ އަހަރެން މަސްތުވާ ބޭސްއެޅީ ބަލައިގެން މިރޭ 8 ޖަހާއިރަށް އެމީހުން ހޭއަރާވަރަށް."
"ތިޔަހެންވިއްޔާ ތިޔަޖެހުނީ މުޅި މިއަދު ބަނޑަށް ހުންނަން." އަނާ ހީލާފައި ބުންޏެވެ.
"މެންދުރު ނުކަންތަ؟"
"ނުކަން... ކީއްވެ؟... ވަގުތުވެސް ނުވީ......" އަނާ އެހެން ބުނެފައި މާޖިދުގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ. އަދި ހަމައެއާއެކު އޭނާގެ ބޯ ވެސް މާޖިދުގެ މޭގައި ޖައްސާލިއެވެ. މާޖިދުގެ ލޭ އެއްފަހަރާ ކެކިގެން ދިޔައެވެ.
އަނާ އޭނާއަށް އެހާބޮޑަށް ލޯބިކޮށްފާނޭ އޭނާ ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ. އޭނާ ނުހަނު އޯގާތެރިކަމާއެކު އަނާ އޭނާގެ މޭގައި ޖައްސާބާރުކޮށްލިއެވެ.
އަނާ ސިއްރު ސިއްރުން ބުނެލިއެވެ.
"ބަނޑު މުޅިން ހުސް ހިނގާ ފުރަތަމަ ކޮންމެވެސް ހޮޓަލަކަސް ގޮސްލަމާ ރޭގަނޑު އެކުގައި މިއޮތީ ހަމައަހަރުމެންނަކަށްނު މިހާވަރުން ކެތްތެރިކަން ނެތިގެން އުޅެންވީ ކީއްކުރަންދޯ!"
އެއާއެކު މާޖިދު ހީނލިއެވެ. އަދި މަޑުމަޑުން އަނާ އޭނާގެ ގަޔާ ވަކިކޮށްލާފައި ބުންޏެވެ.
"ހިނގާ ކޮންމެވެސް ރީތި ހޮޓަލަކަށް ދަމާހިނގާ!"
ރަނގަޅު އަހަރެން ހެދުން ބަދަލުކޮށްލާނަން އެހެން ބުނެފައި އަނާ އެނދުން ތެދުވެގެން ސީދާ ވޯރޑްރޯބް އާދިމާއަށް ހިނގައްޖެއެވެ. އެތަނަށް ގޮސް އޭނާ މާޖިދުއާ ދިމާއަށް ބަލާލިއެވެ. އަދި އޭނާ ކައިރިއަށް އައުމަށް އިޝާރާތްކޮށްލިއެވެ.
"މިކޮޅަށް އައިސްބަލަ މާޖިދު! ކޮންކަހަލަ ހެދުމެއްތަ ލަނީ!"
މާޖިދު ހިތް އުފަލުން ފޮޅުނެވެ. އޭނާ އެނދުން ތެދުވެގެން އަނާ ކައިރިއަށް ދިޔައެވެ. ދެން އަނާ އޭނާއަށް ވަރަށް ގިނަ ހެދުންތައް ދެއްކިއެވެ. އެތާނގައި ހުރި ހުދުސާޅީއެއްގައި މާޖިދު އިނގިލި ޖައްސާލާފައި ބުންޏެވެ.
"މި ސާޅީ ކިހިނެއްވާނެތަ!"
"ކަލެއަށް ރީތިތަ!" އަނާ ހީލިއެވެ.
"އާނ... އަހަރެންނަށް ހުދުކުލަ ވަރަށް ރީތި."
"އޯކޭ..ތިޔަހެންވިއްޔާ އަހަރެން އަޅާނީ ތިޔަ ސާޅީ ...." އޭނާ ސާޅީ ހިފައިގެން ޑްރެސިންގ ރޫމްއަށް ވަދެއްޖެއެވެ. ދެން އޭނާ ދިހަމިނެޓެއްހާ އިރުފަހުން ލޯގަނޑުގެ ކުރިމަތީގައި ފުނާއަޅަން ހުއްޓެވެ. ހުރިހާ ގޮތަކުން ރީތި ވަމުންދަނީއެވެ.
އަނެއްކޮޅުން މާޖިދު އޭނާ ބަލަބަލާފައި ދީވާނާ ވަމުންދަނީއެވެ.
އަނާ ތައްޔާރުވެނިމިގެން މާޖިދާ ދިމާއަށް އެނބުރިބެލިއިރު މާޖިދުއިނީ ކަޅިހުއްޓިފައި އިންހެނެވެ. ހުދުކުލައިގެ ސާޅީއެއްގައި އަނާ ފެންނަނީ ޙޫރައްޢީނެއް ހެންނެވެ. މާޖިދު އިންތަނުން ތެދުވެގެން މަސްތުވެފައިވާފަދަ ގޮތެއްގައި ކުރިއަށްގޮސް އޭނާގެ ދެއަތުގެތެރެއަށް އަނާ ގެނެސް ބައްދާލިއެވެ. ހީވަނީ ދެން ދުވަހަކުވެސް ދޫކޮށްނުކޮށްލަން ބައްދާލިހެންނެވެ.
"ދެން މިހާރު ތިޔަހެން މޮޔަވެގެން އުޅުނީމާވާނީ ކިހިނެއް ހެދުންވެސް މުޅީން ރޫޖެހި ހަޑިވާނީއެއްނު!" އަނާ ހެމުން ހެމުން ބުނެލިއެވެ.
"މިބުނަނީ މާތްރަސްކަލާނގެ ގަންދީފައި! ކަލޭ ގެއްލުނުފަހުން ދުވަހަކުވެސް އަހަރެންނަކަށް އަރާމެއް ނުލިބޭ އަހަރެންނަސް ދުވަހަކުވެސް ކަލޭ ހަނދާންނައްތައެއް ނުލެވޭ ދުރުގައި ހުންނައިރުވެސް ދުވަހަކުވެސް ހަނދާންނައްތައެއް ނުލެވޭ. ދުރުގައި ހުންނައިރުވެސް ކަލޭ އަބަދުވެސް ވަނީ އަހަރެންނާ އެކުގައި."
މާޖިދު ޖަޛްބާތުން ފުރިފައިވާ އަޑަކުން ބުންޏެވެ. އަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި ކީއްތޯއެވެ. މަޑުމަޑުން މާޖިދުގެ އަތުގެ ތެރެއިން ނުކުމެ އޭނާއާ ވަކިވެއްޖެއެވެ.
"ދެން ކުޑައިރުކޮޅެއްގެ ފަހުން ބޭރަށް ނުކުންނަމުން އަނާ ބުނެލިއެވެ. ކަލޭގޮސް ކާރަށް އަރާ އަހަރެން އެދެމީހުން ކޮބައިތޯ ބަލާލާފައި މިއަންނަނީ.."
"އެ މީހުން ދޫކޮށްލާ އެމީހުންނަށް އެއްވެސް ކަމެއްނުވާނެ. ދެން ކުޑަކޮށްހިތް ހަމަޖައްސާލާ...ހަމަ މިހާރު މިއަންނަނީ." އެހެން ބުނެފައި އަނާ އަވަސްއަވަހަށް އެދިމާއަށް ހިނގައްޖެއެވެ.
އޭނާ އިމްތިޔާޒުގެ ކޮޓަރެރެއަށް ވަދެފައި އެ ދެ މީހުންނަށް ބަލާލިއެވެ. އަދި މޭޒު ވަތްގަނޑުން ކަރުދާސްގަނޑެއް ނަގާފައި އޭގައި ކޮންމެވެސް އެއްޗެއް ލިޔެފައި ފަތްޖަހާލާފައި މޭޒުމަތީގައި ބާއްވައިފިއެވެ. އަދި ލިޔަން ގެންގުޅުނު ގަލަން އޭގެ މަތީގައި ބާއްވައިފިއެވެ. އެއާއެކު އެދެމީހުންނަށް ހޭލެވޭއިރަށް އެންމެ ފުރަތަމަ އެމީހުންނަށް ފެންނާނީ އޭނާގެ މެސެޖްކަމަށް އޭނާ ހިތްހަމަޖައްސާލިއެވެ. އަދި ބޭރަށް ނުކުމެ ކާރާ ދިމާއަށް ދިޔައެވެ.
"އޯ... އެހާލަސްވީ!" އަނާ ކާރަށް އެރުމާއެކު މާޖިދު ބުނެލިއެވެ.
އެ ދެ ފަކީރުން ހަމަ ތިބިގޮތަށްތިބީ، ތަޅުވާފޮޅުވާ ހެދީމާވެސް ހަމަޚަބަރެއްނެތް. މަރުވެފައި ތިބިހެން."
މާޖިދު ހީނގަތެވެ. އަދި ބުންޏެވެ.
"ނޫން... މަރެއްނުވާނެ... ތިންގަޑި އިރު ނިންދަވާފައު ބައިތިއްބުމަށްދެނީ ކިތަށްގުޅަތޯ އަހަރެން ޑޮކްޓަރ ކުރެން އަހައިގެން އޮޅުން ފިލުވިން." އަނާ ހީނލިއެވެ.
މާޖިދު ކާރުދުއްވާލާފައި ގޭޓުން ނުކުމެގެންގޮސް މަގުމައްޗަށް ނުކުމެއްޖެއެވެ. މިއަދު އޭނާ އިނީ ވަރަށް އުފަލުންނެވެ. އަނާ އިނީ އޭނާ ކައިރީގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ އަސަރުތަކެވެ. މާޖިދަށް އިޙްސާސްކުރެވެމުންދަނީ ފެންބޮވައިގެންފައިވާ މީހަކަށް ފެންބޯވަޅެއް އެކުގައި ލިބުމުން ވާކަހަލަ އިހްސާސެކެވެ.
ކާރު ދުއްވަމުން ދިޔައިރު އެނާ މަޑުމަޑުން އަޅުވަމުންދާ ރާގުތަކުން އޭނާ އުފާވެފައި އިން މިންވަރު ލަފާކުރެވޭހާވެއެވެ.
އަނާ ހިމޭންކަމާއެކު މާޖިދުގެ ޙަރަކާތްތަކަށް ބަލަންއިނެވެ. އެހެން އިނދެފައި ކުއްލިއަކަށް ބުންޏެވެ.
"ޒުމައްރަދު ކޮބައިތަ!"
"ޒުމައްރަދޭ....ޒުމައްރަދެއް.."މާޖިދު ސިހޭގޮތްވިއެވެ.
"ކަލޭގެ އަންހެނުން އަދި އެނުލަފާ ދެބޭބެއިންގެ ކޮއްކޮ އަދި ޖޫޑޯއާއި ކަރާޓީގެ މާހިރު ޒުމައްރަދު..އަދި ކަލޭގެ ފިރިހެން ދަރިފުޅުގެ މަންމަ." ޒުމައްރަދު އަނާ މަލާމާތްކޮށްލިއެވެ.
"އޭނާވީ ގޭގައި!"
"ކޮންގެއެއްގައި. ކަލޭގެ ގޭގައިތަ؟ ނުވަތަ އޭނާގެ ގޭގައިތަ!"
މާޖިދު ހާސްވެފައި ވާގޮތެއްގައި އަނާއާ ދިމާއަށް ބަލާލިއެވެ. އަދި ބުންޏެވެ. އަހަރުމެންގެ ގޭގައި.
އަނާގެ ތުންފަތަށް ވިހައަސަރެއް ވެރިވެގެން ދިޔައެވެ.
"ކަލޭ ތިޔަ ސުވާލު ކުރީކީއްކުރަން؟" މާޖިދު އަހާލިއެވެ.
"އަހަރެންގެ އަމިއްލަ މަޢުލޫމާތަށްޓަކައި އެކަން އެނގިފައި އޮތުމަށް."
"މިވަގުތު އަހަރުމެން ދެމީހުން މިތިބީ ވަރަށް ރަނގަޅު މޫޑެއްގައި އެހެންވީމާ މިވަގުތު އެއްވެސް ކަހަލަ ހަމަނުޖެހުމެއް އުފެދޭކަހަލަ ކަމެއް ނުކުރުމަށް އަހަރެން ވަރަށް ބޮޑަށް އެދެން. އަހަރެންނަށް މިހާރު ހީކުރެވެމުންދަނީ އަނެއްކާވެސް އަހަރެންނަށް ކޮލެޖްގެ ގޭޓްކައިރިން ކަލޭ ފެނިގެން ހުއްޓުވާފައި ނުހަނު ގިނަ އާދޭހާއި މަސައްކަތުން ކަލޭ ކާރަށް އަރުވައިގެން ގެންދަނީހެން."
"ޙަޤީޤަތުގައި އެދުވަހަކުވެސް އަހަރެން ކާރަކަށް ނާރަން. އަހަރެން ހަނދާން އެބަހުރި... އެކަމަކު އަހަރެންގެ ޖަޛްބާތަކީ ތެދުއެއްޗަކަށްވާތީ އަހަރެންގެ އަލަތު އަންތްބަކަށް ހަދައިގެން ކަލޭގެނައީމެއްނު."
"އާނ....ހަމަވަރަށް ތެދުވެރި ޖަޛްބާތެއް."
މާޖިދު އަނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"ކޮންކަހަލަ ހޮޓަލަކަށް ދާނީ؟ ކޮންމެ ތަނަކަށްވެސް އެންމެ ރަނގަޅު މަޤްސަދަކީ ބަނޑު
ފުރާލުމެއްނު."
"ކްލިފްޓަނަށް ދަންތަ!"
"ހިނގާ އެއީވެސް ރަނގަޅުތަނެއް." ދެން މާޖިދު ކްލިފްޓަނާ ދިމާއަށް ކާރުގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. ކުޑައިރުކޮޅެއްފަހު އެދެމީހުން ތިބީ ޕްލޭލޭންޑްގެ އެއަރކޮންޑިޝަންކޮށްފައިވާ ހޯލްގެ ރީތި ގޮނޑިއެއްގައި އިށީދެލައިގެންނެވެ. މާޖިދު ހޮޓަލުގެ ވެއިޓަރަށް ވަރަށް ގިނަ އެއްޗެތި ގެންނަން އޯޑަރުދީފިއެވެ. އަނާ އިނީ ވަރަށް ފުން ހިމޭންކަމެއްގެ ތެރޭގައެވެ. ދެ މީހުންވެސް ހިމޭނުންތިބެ ކެއުމަށް އިންސާފުކޮށްފިއެވެ. އަނާ ހިމޭނުން އިންސަބަބެއް ވިސްނޭތޯ މާޖިދު ގޮތްގޮތަށް ފިކުރުކޮށް ހެދިއެވެ. ނަމަވެސް އެކަމުގެ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
(ނުނިމޭ)
vrahves reethi shukuran ::)
ވަރަށް ރީތި.ކުރީގެ ބަޔާއި އެއްކޮށްލާފާ ނަމަވެސް އައު ޕާޓެއް ކިޔާލަން ލިބުމުން ވ.އުފާވެއްޖެ.