ދުނިޔެ ފެނުގެ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުހީވެފައިވާއިރު، މިހާރުވެސް 2 ބިލިއަން މީހުންނަށް ސާފު ބޯފެން ނުލިބޭކަމުގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ބުނެފިއެވެ.
ނިއުޔޯކުގައި ފަށަން ތައްޔާރުވެފައިވާ އދ. ގެ ފެނާ ބެހޭ ބައްދަލުވުމުގެ ކުރިން ޔުނެސްކޯއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އާބާދީގެ 2 ބިލިއަން މީހުންނަށް ސާފު ބޯފެން ނުލިބެއެވެ. އަދި 3.6 ބިލިއަން މީހުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ނުލިބެއެވެ.
"ދުނިޔޭގައި ފެނުގެ ކާރިސާއެއް ކޮންޓުރޯލުން ނައްޓައިގެން ދިއުމުމުގެ ކުރިން އަވަހަށް ފިޔަވަޅުއެޅުމުގެ މުހިއްމުކަން ބޮޑު." އެ ރިޕޯޓުގައި ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯޑްރޭ އަޒޫލޭ ވިދާޅުވެފައި ވެއެވެ.
"އަހަރުމެން އެންމެންގެ މުސްތަގުބަލު ގުޅިފައިވަނީ ފެނާ. އެހެންކަމުން އެންމެންނަށްވެސް އޭގެ ފައިދާ ލިބޭ ގޮތަށް ފެން ހިއްސާކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި ފެން ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް." އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
އާބާދީ ބޮޑު ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރޭން ފެނުގައި ދަތިކަން ފޯރާފައިވާ މީހުންގެ އަދަދު 2017 ވަނަ އަހަރު 930 މިލިއަނުގައި ހުރިއިރު، 2050 ވަނަ އަހަރު އަންނަންވާ އިރަށް މިއަދަދު ދެގުނަވެ 1.7 ބިލިއަނަށް ނުވަތަ 2.4 ބިލިއަނަށް އެރުން އެކަށީގެން ވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަނަފަސްކަން އިތުރުވުމުގެ ސަބަބުން އިންސާނުންނާއި، ޖަނަވާރުންނަށް ނުރައްކާވާ މިންވަރަށް ވެށި ދަނީ ހަލާކުވަމުންނެވެ.
މިހާރު ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ބައިވެރިވުން އިތުރުކޮށްގެން މެނުވީ ހަމަހަމަ ގޮތެއްގައި އެންމެނަށް ފެންލިބުމުގެ ހައްގު ހަގީގަތަކަށް ހެދުމަކީ ދުރުކަމެއްކަން ރިޕޯޓުގެ އެޑިޓަރ އިން ޗީފް ރިޗަޑް ކޮނޯ ފާހަގަކުރައްވާފައި ވެއެވެ.
"އަހަރުމެން މި މައްސަލައާ އަޅާނުލައި ދޫކޮށްލައިފިނަމަ، ދުނިޔޭ ކާރިސާއަކާ ކުރިމަތިލާނެކަން ޔަގީން." އޭނާ ވިދާޅުވެފައި ވެއެވެ.
ނެދަލޭންޑްސްއާއި ތަޖިކިސްތާނު ގުޅިގެން ނިއުޔޯކުގައި ބާއްވާ ދުނިޔޭގެ އދ. ގެ ފެނުގެ ބައްދަލުވުން، 'ޔޫއެން ވޯޓަރ ކޮންފަރެންސް ތިން ދުވަހަށް ކުރިއަށް ދާނެއެވެ. މި ބައްދަލުވުގައި ފެނަށް ޚާއްސަކޮށްގެ ފާއިތުވި 50 އަހަރުގެ ތެރޭގައި އދ.ން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.