" ފަރާތް " މިއީ ހާދަގިނައެއްކޮށް ، މިހާރަކަށް އައިސް އަޑުއިވޭ ބަހެކެވެ. ޚާއްޞަކޮށް ގެޒެޓްކުރެވޭ ބައެއް އިޢުލާންތަކުގައެވެ. " ބިދޭސީ ފަރާތް " ، " އެކަން ކޮށްދިން ފަރާތް " ، " ކުރިމަތިލާ ފަރާތް " ، " އިދިކޮޅު ފަރާތް " ފަދަ އެތައް ފަރާތެއްގެ އަޑު އެބައިވެއެވެ. ދޮންބެއްޔާ އަށް މިއަޑުއިވޭލެއް ގިނަކަމުން ، ބޮލަށް އުނދަގޫ ވެގެން ، ދިވެހިބަހުގެ ރަދީފު ހުޅުވައިލިއެވެ. " ފަރާތް " މާނަކޮށްދެނީ ކޮންކޮން ގޮތަކަށްތޯ ، އެއްފަރާތުން އަނެއްފަރާތަށް އަދި ، އެއްކޮޅުން އަނެއްކޮޅަށް ، ކަޅި ހިންގައިލިއެވެ. ކިޔާކިޔާ ކޮޅުން ނުލާވަރަށް " ފަރާތް " މާނަކޮށްދީފައި އެބަހުއްޓެވެ. ކިޔަން ނުކެރޭގޮތަށްވެސް މެއެވެ.
ފަރާތް : ފަޅި. ( މިސާލަކަށް : ޖަލްސާއަށް ދިޔަމީހުން އިށީނދެތިބީ ، ހޯލުގެ ވާތްފަރާތުގައެވެ. ނުވަތަ ވާތް ފަޅީގައެވެ.) އަދި ގަނޑުގެ އެފަރާތް ނުވަތަ ގަނޑުގެ މިފަރާތް. އަދި ، މީހުންނާއި ކުލަބު ޖަމްޢިއްޔާ ފަދަ އެކުވިނަންތައް ގުޅުވައިގެން ބޭނުންކޮށް އުޅޭބަހެއް. ( މިސާލަކަށް : މިކަމަށް އެދޭ ފަރާތްތަކުން ). ނުވަތަ ކިބަ (މިސާލަކަށް: އޭނާގެ ފަރާތުން ނުބަތަ އޭނާގެ ކިބައިން) . އަދި ބިތް. ( މިސާލަކަށް : އަތޮޅުގެ އުތުރު ފަރާތުން ދަތުރުކުރާށެވެ. ނުވަތަ އަތޮޅުގެ އުތުރު ބިތުން ދަތުރު ކުރާށެވެ. ) ނުވަތަ ފުށް. ( މިސާލަކަށް : މަންމަ ފަރާތުގެ ބޮޑުބޭބެ ނުވަތަ މައިފުށުގެ ބޮޑުބޭބެ )
ފަރާތްފަރާތް : " ފަރާތް " މިބަސް ، ގިނަކުރުމަށް ބުނާގޮތް. ނުވަތަ ފަރާތްތައް.
ދެކުނު ފަރާތް : އިރުހިނގާ ދަނޑިން ނުވަތަ ރަށެއްގައިނަމަ ދެކުނަށް އޮންނަ ތަން ނުވަތަ ސަރަޙައްދު ނުވަތަ ބިން. އަދި އިރުމައްޗަށް މޫނުލައިގެން ހުންނަ މީހާގެ ކަނާތްފަރާތް. އަދި މަޖާޒީގޮތުން ، އިހުޒަމާނުގައި ގޭގައި އަންހެންވެރިން އުޅޭ ފަރާތް.
ދެކުނުފަރާތް ހުހަށް އޮތުން : މަޖާޒީގޮތުން ، ފިރިހެނަކު މީހަކާ ނީނދެ ހުސްހަށިބަޔަށް ހުރުން.
ޤިބުލަ ފަރާތް : ކަޢުބަތުﷲ ގެފުޅު ވީ ދިމާ ނުވަތަ މިސްރާބު.
ހަފަރާތް : ހަތަރުފަރާތާއި މައްޗާއި ތިރި ނުވަތަ ހަކިބަ. ( ހަތަރުފަރާތަކީ ، ހުޅަނގާއި އިރުމަތި ، ދެކުނާއި އުތުރު ). އަދި ކުރިމަތި ، ފުރަގަސް ، ކަނާތްފަރާތާއި ވާތްފަރާތް. އަދި އައްޔޫގު އަސްތަމާނާއި ގަލްބު އަސްތަމާނާ ދެމެދު.
ބައްޕަފަރާތް : ބަފާގެ މަތިފުށް ނުވަތަ ބައްޕަގެ މައިންބަފައިންނާއި ޢާއިލާ.
ކަނާތްފަރާތް : ކަނާތާވީ ފަރާތް.
ވައަތްފަރާތް : ވައަތާވީ ފަރާތް. ނުވަތަ ވައަތަށް އޮންނަ ކިބަ. ނުވަތަ ކަނާތްފަރާތުގެ އިދިކޮޅު.
ކިބަޅިފަރާތް : ގެޔެއްގެ މޫނުމަތިނޫން އަނެއް ފަރާތް.
ކުރިމަތިފަރާތް : މޫނާދިމާ. ނުވަތަ ކުރިމަތިން ފެންނަން އޮންނަ ތަން.
ކުޑަވަނިފަރާތް : އޮޑިދޯނިފަހަރުގެ ދިރުނބާކޮޅަށް މޫނުލައިގެން ހުންނަމީހާގެ ވައަތްފަރާތަށްވީ ފަރާތް.
ކުޑައޮނިފަރާތް : ދިރުނބާކޮޅަށް އެނބުރި ހުންނައިރު ވައަތްފަރާތް.
އެއްފަރާތް : އެއްކައިރި. އަދި އެއްކިބަ. އަދި މީހުން އުޅޭހިސާބާ ދުރު.
އެއްފަރާތްކުރުން: އެއްފަރާތަށް ލުން. ނުވަތަ އެއްކައިރިޔަކަށް ޖެއްސުން.
ވައިމަތިފަރާތް : އެ މޫސުމެއްގައި ވައި އަންނަ ފަރާތް.
ވައިދަށް ފަރާތް : ވައިޖެހޭދިމާގެ އިދިކޮޅު.
ވަލުފަރާތް : އަންހެނުން އުޅޭ ފަރާތް ނުވަތަ ތަން. އަދި ރަށްރަށުގެ ވާ އޮންނަތަން. އަދި އިހުގައި ގޭގޭގެ ބަދިގެ ހުންނަ ފަރާތް.
މާލެއަށް ފެންނަ ފަރާތް : މަޖާޒީގޮތުން ބޭރަށް ފެންނަ ހިސާބު.
ފުށޮޅުފަރާތް : މާކަނޑާ ވީފަރާތް. އަދި ފުއްޓަރު ފަރާތް.
ފުށޮޅިފަރާތް : ވަޅިފަދަ ތަކެތީގެ މިޔަ ނުހުންނަ ފަރާތް.
މިހެންގޮސް ، " ފަރާތް " މާނަކޮށްދިނުމަށްޓަކައި މިފަދަ އެތައް މިސާލުތަކަކާއި މަޖާޒީގޮތުން ބޭނުންކުރެވޭ ގޮތްތައް ރަދީފުގައި ބަޔާންކޮށްދީފައި ވެއެވެ. މިހުރިހާ ކަންކަމަށް ރިޢާޔަތްކުރާއިރުވެސް ، ބިދޭސީ ފަރާތް ފަދަ ވަކިމީހަކަށް ނިސްބަތްކޮށް ބުނެވޭ ފުރިހަމަބަހެއް ގެނެސްދީފައެއް ނުވެއެވެ. ހަމައެއާއެކު ، ބިދޭސީފަރާތް ބޭނުންކުރުމުން ، ބޭނުންވާ ފުރިހަމަމާނަ އެންމެ ފުރިހަމަޔަށް ތަރުޖަމާއެއް ނުކުރެވެއެވެ. އެހެންކަމުން ، " ބިދޭސީފަރާތް " އެންމެ ރީތިކޮށް ބޭނުންކުރެވިދާނެކަމަށް ފެންނަނީ ، " ބިދޭސީން " ނުވަތަ " ބިދޭސީ " މިބަސްބޭނުން ކުރެވޭގޮތަށް ޖުމްލަ އެކުލަވައިލުމެވެ. ބިދޭސީ ބާއްވާފައި ފަރާތް ކަނޑައިލުމެވެ. އެއީކީ އުނދަގޫކަމެއްނޫނެވެ. ބޭނުންވަނީ ، އެމާނަ ދޭހަވާގޮތަށް ރީތިކޮށް ޢިބާރާތް ކޮށްލުމެވެ.