ބްލޫރިބަން: "ކާޅު ދެލޮލު އެއް އޮށޭ"

ކާޅުގެ ދެލޮލުގައި އިންނަނީ އެންމެ އޮށެއް ހެއްޔެވެ ؟ މިއީ ، ދޮންބެއްޔާގެ ހިތުގައި ކުޑައިރުއްސުރެ އުފެދިފައި އޮންނަ ސުއާލެކެވެ. ދޮންބެއްޔާ ހުންނަ ފަޅުރަށަކީ ކާޅު ގިނަ ރަށެކެވެ. ކުޑައިރު އިވޭ ލަވައެއްގެ ތަންކޮޅެއްގައި " ކާޅު ދެލޮލު އެއް އޮށޭ " ކިޔާ އަޑު ދޮންބެއްޔާއަށް އޮތީ އިވިފައެވެ. އަނެއްކާ ކާޅުވެސް ، އެއްލޮލުން އަނެއް ލޮލަށް އޮށް ބަދަލުކުރާގޮތަށް ދެފަރާތަށް މޫނު އަނބުރާތަން ފެނެއެވެ. އަދި ، ކާޅުގެ ދެލޮލުގައި އިންނަނީ އެއް އޮށްކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ.

މިކަމުގެ ޙަޤީޤަތް ހޯދުމަށް ދޮންބެއްޔާ މަސައްކަތްކޮށްލަން ހިތަށް އެރިއެވެ. ދަންނަ ރައްޓެހި މީސްމީހުންނާ ގުޅިއެވެ. އަތުގައިހުރި ފޮތްތައް ހާވަން ފެށިއެވެ. ރައްޓެހިންގެ އަތުގައިހުރި ފޮތްފޮތްވެސް ގެނައެވެ. މި ބޮޑު ސުއާލަށް ޖަވާބެއް ހޯދައި ތާކު ޖައްސަން ވެގެންނެވެ.

އެއީ ، ބުހުތާން ދޮގެކެވެ. ކާޅުގެ ދެލޮލުގައިވެސް ދެ އޮށް އިނދެއެވެ. އަދި ދެލޮލަށް ފެނޭވެސް މެއެވެ. އެކަމަކު ، ކާޅުގެ އެއްލޮލުން ބަލަނީ ސީދާ ސީދަލަށެވެ. އަނެއްލޮލުން ބަލަނީ އަރިމައްޗެވެ. އޮށް ބަދަލުކުރާހެން ހީވަނީ ، އަރިމަތިބަލަން އެއްލޯ އަނބުރާލާތީއެވެ. އޭގެ މާނަޔަކީ ، އެއްއޮށް އިންނާތީ ދެފަރާތަށް އެއޮށް ބަދަލުކުރުމެއް ނޫނެވެ. ދޮންބެއްޔާ ކާޅާބެހޭގޮތުން ހޯދިހޯދުންތަކުން ، ކާޅާބެހޭގޮތުން ކުރިން ނޭނގޭ ވަރަށްގިނަ މަޢުލޫމާތުތަކެއް ލިބުނެވެ.

ކާޅުގެ އެއްލޮލުން ބަލާއިރު ، ދެލޮލުން ބަލާވަރަށްވުރެ އެތައްގުނައެއް ބާރު ގަދައެވެ. މިކަން ސާބިތުކޮށްދިނުމަށް ސައިންސްވެރިން ދަލީލެއްވެސް ހޯދާފައި ވެއެވެ. އިންސާނާ ދަތްއުނގުޅާ ބުރުސް އަނގަޔަށް ލާފަ ، ބުރުސް ހިފާތަނުގެ ކޮޅަށް ދެލޮލުން ބަލައިފިނަމަ ، އެއްލޮލަށް މާސާފުކޮށް ފެންނާނެއެވެ.  ކާޅުގެ ލޮލަށްވެސް ވާގޮތަކީ އެއީއެވެ. އެއްލޮލުން ސީދާވާ އެއްޗަކަށް ބަލާއިރު އަނެއްލޮލުން ކާޅު ބަލާނީ އަރިމައްޗެވެ.

ލޯހުރި އެއްޗެއް ކާއިރު އެންމެ ފުރަތަމަ ކާޅު ބޯލާނީ އޭގެ ދެލޮލެވެ. ކާޅަކީ އިންސާނުންގެ މޫނު ފާހަގަ ކުރާ އެއްޗެކެވެ. ބައިގިނަ ބައެއްގެ ތެރެއިންވެސް އިންސާނާގެ މޫނު ފާހަގަ ކުރެއެވެ. ކާޅަކީ އޭތީގެ ޤާނޫނު ބަރާބަރަށް ތަންފީޒުކުރާ އެއްޗެކެވެ. ކާޅުގެ ޖޯޑެއްގެ ތެރެއިން އެކަތި ޚިޔާނާތްތެރިވެ ، ބޭވަފާތެރިވެއްޖެނަމަ ، ހުރިހާ ކާޅުތަކެއް ވެގެން އެކާޅަކަށް އަދަބު ދެއެވެ. މަރާލަން ޖެހުނަސް އެއަދަބު ތަންފީޒު ކުރެއެވެ. ބައިބަޔަށް އުދުހި ދަތުރުކުރަމުންދާއިރު ހުރިހާ ކާޅުތަކެއް ދަތުރުކުރާނީ އެއްކާޅު އިމާމަކަށް ހަދައިގެން އެކާޅުގެ ފަހަތުންނެވެ. ކާޅަކީ ކިތަންމެ ގިނައިން ދިނަސް ކާ އެއްޗެކެވެ. މިނޫނަސް ކާޅާބެހޭ އެތައްކަމެއް ދޮންބެއްޔާއަށް ދަސްވިއެވެ. އެއީ ވަރަށް އާދަޔާ ޚިލާފު ދޫންޏެކެވެ.    ކާޅުގެ ދެލޮލުގައި އިންނަނީ އެއްއޮށެއް ނޫނެވެ. ދެލޮލާއި ދެއޮށް ހަމަޔަށް އިނދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.