ދޮންބެއްޔާ ، މާލެއައިދުވަހު ލައްކަ ތަންތަން އޮތީ ފެނިފައެވެ. ކުނިއަޅަން ތަންތާ ބެހެއްޓިފައިހުރި ބޮޑެތިބިންވެސް ފެނުނެވެ. ހަމައެއާއެކު ، ކުނިއެޅުން މަނާކޮށް އެކަން އެންގުމަށް ބެހެއްޓިފައިހުންނަ ބޯޑުވެސް ފެނުނެވެ. އެއްގަމު އުޅަނދު ޕާކްނުކުރަން އަންގައި ބެހެއްޓިފައިހުރި ނިޝާނާއި ބޯޑުވެސް ބައެއްތަންތަނުން ފެނުނެވެ.
ދޮންބެއްޔާ އެންމެ އަޖައިބުވިކަމަކީ ، ކުނިއެޅުން މަނާ ބޯޑު ޖަހާފަ ހުރިތަނެއްގަ ވިއްޔާ ، އެތަނެއް އޮންނަނީ ކުނިއަޅާ ފުރިފައެވެ. ޕާކުކުރުން މަނާ ކޮށްފަ ތަނެއް އޮތިއްޔާ އެތަނެއް އޮންނަނީ އުޅަނދުތަކުން ފުރި ، ތޮށްޖެހިފައެވެ. މިވާގޮތެއް ދޮންބެއްޔާއަކަށް ނޭނގުނެވެ. މަނާކުރާ ވަރަކަށް އެކަމެއް އެބަ ކުރެއެވެ. ކޮންމެވެސް މައްސަލައެއް އެބަ އުޅެއެވެ.
މަނާކުރާކަންކަން މީހުންކުރާނެ އެތައް ސަބަބުތަކެއް ހުންނާނެއެވެ. މީހުން ގޯސްވެގެންނެވެ. އަމުރަށް ނުކިޔަމަންތެރިވާން ވެގެންނެވެ. މަނާކުރާކަމެއް ކުރާނެ އެހެން ގޮތްގޮތް ނެތިގެންނެވެ. އެހެންކަމަށް ވަންޏާ ، ކުނިއުކައިލުމުގެ ނިޒާމުގައި މައްސަލައެއް އުޅެނީއެވެ. ޕާކްކުރާނެ ތަންތަން އެކަށީގެންވާ ވަރަށް ނެތީއެވެ.
ކުނިއުކައިލުމަށް ވިސްނައިލާއިރު ، ވެމްކޯއިން އެކަން ކުރަމުން އެބަގެންދެއެވެ. ކުނިއެޅުން މަނާތަންތަން ވަކިން ފާހަގަ ކުރަންވީ ކީއްކުރަން ހެއްޔެވެ ؟ އެއީ އެތަނަކަށް ކުނިއަޅަން ދެވޭ ދަޢުވަތަކަށް ނުވޭބާވައެވެ ؟ އެތަނެއްގައި އެބޯޑު ނުބަހައްޓައިފިނަމަ ، އެތަނަށް ކުނި އަޅާނެ ބާވައެވެ ؟ އެބޯޑު އެތަނުގައި ބެހެއްޓުނީ ، އެތަނަށް ކުނިއަޅާތީ އެކަން ހުއްޓުވުމަށް ނޫންބާވައެވެ ؟ މިއީ ، ދޮންބެއްޔާގެ ހިތުގައި ކުންޏާބެހޭގޮތުން އުފެދުނު ސުއާލުތަކެވެ. މި ސުއާލުތަކަކީ ދޮންބެއްޔާފަދަ ނުވިސްނޭ މީހަކަށް ޖަވާބެއް ހޯދޭވަރަށްވުރެ ބޮޑެތި ސުއާލެވެ. އެއީ އެކަމާބެހޭ މުއައްސަސާތަކުން ދިރާސާކޮށް ޙައްލުކުރަންޖެހޭ ކަމެކެވެ.
ނޯޕާކިން ބޯޑު ބެހެއްޓިފައި ހުންނަ ތަންތަނުގައި ޕާކްކުރާނީ ، ޕާކް ކުރާނެ ތަންތަން އެކަށީގެންވާ ވަރަށް ނެތިގެންކަމަށް ވެދާނެއެވެ. ނުވަތަ ، ނިޒާމުގައި އޮންނަ ފަސޭހަޔެއް ލިބިގަތުމަށް ޕާކްކުރަނީކަމަށް ވެދާނެއެވެ. އެކަކު ޕާކް ކުރީމަ އެހެން މީހުންވެސް ޕާކް ކުރަނީކަމަށް ވެދާނެއެވެ. ސްޓިކަރ ޖެހީމަ ދައްކަންޖެހޭ ފައިސާއަށްވުރެ ، ނޯޕާކިންގގައި ޕާކްކޮށްލުން ފަސޭހަވެފައި ފައިދާބޮޑީކަމަށް ވެދާނެއެވެ.
ދޮންބެއްޔާ މާލެތެރެ ބަލައިލަން މީހެއްގެ ފަހަތަށް އަރައި އިނދެ ޖަހައިލި ސައިކަލްބުރު ނިންމައި ، ޕާކްކޮށްލަން މަޑުކޮށްލި ޕާކިންގ ޒޯނަކީ ބޮޑު ސަރަޙައްދެކެވެ. އެކަމަކު މުޅިތަން އޮތީ ވެހިކަލުން ފުރިފައެވެ. އެންމެ ފުރަތަމަ ވަންނަ ދޮރުމައްޗަށް އެރިއިރު ، ވަންނަ ސައިކަލަށް ނުވަދެވޭވަރަށް ނުޤަވާޢިދުން ޕާކްކޮށްފައި ސައިކަލެއް ހުއްޓެވެ. ދޮންބެއްޔާ އަރާއިން ސައިކަލް ދުއްވަން އިންމީހާ ޗޮކެއް ކަނޑާފައި ލޫދިގަތެވެ. ދެސައިކަލް ކޭއްތި ދަވާދު ދުއްވައިލިއެވެ. ޒޯނުތެރެޔަށްވަދެ ޕާކްކުރާނެ ތަނެއް ލިބޭތޯ މަޑުކޮށްލައި އެކިދިމާއަށް ބަލައިލިއެވެ. އެކި ސައިކަލް ހުރީ އެކިގޮތަށް ބަހައްޓާފައެވެ. އަރިހުރަހަށާއި ކުރިއާއި ފަހަތަށެވެ. ޕާކިންގއަށް ދަމާފައިހުރި ރޮނގުތަކަށް ބެލުމެއް ނެތެވެ. ރަނގަޅަށް ވިސްނައިލިއިރު ، ރަނގަޅަށް ތަރުތީބުޕާކް ކޮށްލައިފިނަމަ ، އޭރު އެތާހުރި ސައިކަލްތަކުގެ ދެބައި އިތުރަށް އެ ޒޯނުގައި ޕާކް ކުރެވޭނެއެވެ.
މިއީ މައްސަލައެކެވެ. ދޮންބެއްޔާ ހިތަށް އެރިއެވެ. ޕާކްކުރާ މީހުންގެވެސް ފަރުދީ ޒިންމާއެއް އޮންނަން ޖެހޭނެއެވެ. ކޮންމެ ތާކު އެމީހަކާ އެމީހެއްގެ ހުކުމް ހިންގަންވެއްޖެނަމަ ، މިފަދަ އިޖްތިމާޢީ ޢާންމު ޚިދުމަތް ނިޒާމުން ބޭރުވާނެއެވެ. ކޮންމެ ޕާކިންގ ޒޯނެއްގައި ސައިކަލް ތަރުތީބުކުރަން މަސައްކަތުމީހުންނެއް ނުބޭތިއްބޭނެއެވެ. ނުވަތަ ޓްރެފިކް ފުލުހަކު ނުބެހެއްޓޭނެއެވެ. މި މައްސަލަޔަށް މިހާގިނަދުވަސްވީއިރުވެސް ، ޕާކްކުރާމީހުންގެ ޢަމަލުތައް އިޞްލާޙުކުރުމަށް އެމީހުން އަމިއްލަޔަކަށް ނުވިސްނިއެވެ. އެހެންކަމަށް ވަންޏާ ކަމާބެހޭ މުއައްސަސާތަކުން ، އެކަމަށް ޙައްލެއް ހޯދެން އެބަޖެހެއެވެ.
ކުންޏާބެހޭގޮތުން ދޮންބެއްޔާއަށް ގޮތެއް ނުވިސްނުނަސް ، ޕާކިންގ އާ ބެހޭގޮތުން ދޮންބެއްޔާގެ ވިސްނުމަށް ގޮތެއް ފެނިއްޖެއެވެ. މާލޭގެ ދެކުނުފަރާތާއި ހުޅުމާލޭގެ ފަޅުތެރެއިންވެސް ކަނޑުއުޅަނދު އަޅަން އެހުރީ ގޮޅިގޮޅި ވިއްކާފައެވެ. މާލޭގެ ބޮޑެތި އަދި ކުދި މަގުތަކުގައި ގޮޅި ކުރަހައި ، ޕާކްކުރަން އެގޮޅިތައް ވިއްކި ވާހަކަ ދޮންބެއްޔާއަށް އޮތީ އިވިފައެވެ. އެގޮޅިތައް ވިއްކިގޮތާއި އެކަމުގައި އުޅުނު މީހުންނާ އަދި އެކަމުން އެމީހުންނެގި " ކަޓް " ގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. އެއީދެން ، މިހާރު ކޮންމެ ބޮޑުކަމެއްވެސް ކުރެވެން އޮންނަ ، އަދި ކުރާގޮތެކެވެ. އެއީ ދެން މިހާރު ، ޢާންމު ކަމެކެވެ.
ޕާކިންގ ޒޯނުތަކުގައި ޕާކްކުރާ އުޅަނދުފަހަރުން ޕާކްކުރާ ގަޑިޔަށްފީ ނަގަންވީއެވެ. މިއީ ދުނިޔޭގެ އެހެންތަންތަނުގައިވެސް އެކަން ކޮށް އުޅޭގޮތެވެ. ހުރިހާ ކަމަކާ ހުރިހާ އެއްޗެއް ހިލޭލިބެންޏާ ނުފޫޒާއި ފަސޭހަޔަށް އިންސާނާ ހެއްލޭނެއެވެ. ބްރިޖުންވެސް ހިލޭ ދަތުރު ކުރަންވީއެވެ. ޕާކިނގ ޒޯނުތަކުގައި ޕާކްކުރާ ވެހިކަލްވެސް ހިލޭ ބަހައްޓަންވީއެވެ. އެތަންތަން މަރާމާތުކޮށް ބަލަހައްޓަންވެސް ޖެހެއެވެ. އެއަށްވުރެވެސް ބޮޑަށް އެއީ އަގުބޮޑު ބިންބިމެވެ. އިޖްތިމާޢީ ހުރިހާ ޚިދުމަތެއް ހިލޭދޭކަށް ނުޖެހެއެވެ. ފީއެއް ނެގީމަ ، އެކަމަށް އެއްޗެހިކިޔާ ބަޔަކުވެސް އުޅޭނެއެވެ. މަގުމައްޗަށްވެސް ނުކުމެ ހަޅޭއްލަވައިފާނެއެވެ. އެހެންނަމަވެސް ، ރަނގަޅުމަގާއި ރަނގަޅުގޮތް ދަސްކޮށްދިނުމަށްޓަކައިވެސް އަގެއް އޮންނާނެއެވެ. އިންސާނާގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓޭނީ އަދަބުވެސް ދެވިގެން ، އަގުވެސް ކަނޑަ އެޅިގެންނެވެ. ހޭދައެއްވެސް ކުރެވިގެންނެވެ. ހިލޭސާބަހަކުންނެއް ނޫނެވެ. މިއީ ކުންފުންޏެއް ހަދައިގެންވެސް ޙައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. މިހާރު އެކަންކުރާ ބަޔަކަށް އެއުޅެނީ އެކަން ނުވެގެންކަންނޭނގެއެވެ.