ސުޕްރީމް ކޯޓްގެ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓްގެ ނުފޫޒުން ޖޭއެސްސީ  މިނިވަން ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމަވައިފިއެވެ.

ޖުޑިޝަރީ ކޮމެޓީން މިގޮތަށް ނިންމެވީ ސްޕްރީމްކޯޓްގެ ނުފޫޒުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަންކޮށް ދިނުމަށް ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތާއި އެނޫންވެސް އެކޮމިޝަންގެ ބައެއް މެމްބަރުން އެދި ވަޑައިގެންފައި ވުމުންކަމަށް އެކޮމެޓީން ވަނީ ނިންމައިފައެވެ. އަދި ސުޕްރީމްކޯޓްގެ ފަނޑިޔާރު ޢަބަދުﷲ ދީދީގެ ސަސްޕެންޝަން ދެމެހެއްޓުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ޤާނޫނީ ބާރު ލިބިގެންވާ ނިންމުމެއްކަމަށް ކަޑައެޅުމަށްވެސް ވަނީ ރިޕޯރޓްގައި ހިމަނުއްވައިފައެވެ. ޖޭއެސްސީން އެގޮތަށް ނިންމަވައިފައި ވަނީ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.  

މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ގެންދެވުމަށް ކޮމެޓީން ނިންމެވީ ވަޑައިގެންތިއްބެވި މެމްބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ފިޔަވައި އެހެން މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މެމްބަރ ޢަލީ ޙުސައިން ފިޔަވައި ކޮމެޓީގައި ވަޑައިގެން ތިއްބެވީ އެމެޑީޕީގެ މެމްބަރުންނެވެ.

ކެންދޫ ދާއިރާގެ މެމްބަރ ޢަލީ ހުސައިން ވިދާޅުވީ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން މައްސަލައިގައި ޖޭއެސްސީގެ ނިންމުން ރަނގަޅުތޯ ނޫންތޯ މަޖިލީހުން ކަނޑަ އެޅޭނެކަމަށް ދެކެވަޑައި ނުގަންނަވާކަމުގައެވެ. ރައްޔިތުންގެ މަޖިލީހުންވެސް މަސައްކަތް ކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަންގެ މައްސަލަ ޖޭއެސްސީން ނިންމަވައިފައި ވަނީ އެފަނޑިޔާރަށް ޖަވާބު ދާރީ ވުމުގެ ފުރުޞަތު ނުދީ ކަމަށްވާއިރު ޖުޑިޝަރީ ކޮމެޓީން އެކަންވެސް ބަލަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ. އަދި އެފަނޑިޔާރަށް ޖާވާބު ދާރީވުމުގެ ފުރުޞަތު ނުދެއްވާ ޖޭއެސްސީން ގޮތެއް ނިންމެވީ ކީއްވެގެންކަން ރައްޔިތުންނަށް އެނގެންޖެހޭނެކަމަށް ވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ކޮމެޓީގެ ރިޕޯރޓްގައި ސުޕްރީމް ކޯޓަށް މަޖިލީހުން ކުރާ އިލްމާސްގައި، ރައްޔިތުންގެ މަޖިލީހުން ހަދާ ޤޫނުތައް ހިތުހުރިގޮތަކަށް ބަދަލު ނުކުރުމަށާއި މިނިވަން މުޢައްސަސާތަކުގެ ޤާނޫނީ އިޙްތިސާސްގެ ތެރެއަށް އަރައި ނުގަތުމަށް އިލްތިމާސްކުރުން ހިމެނެއެވެ.

ޖޭއެސްސީއާއެކު ޖުޑިޝަރީ ކޮމެޓީން ބޭއްވި ބަދަލުވުމުގައި ފާހަގަ ކުރެވުނު ކަންތައްތައްވެސް ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާ ރިޕޯރޓްގައި ވަނީ ހިމަނުއްވައިފައެވެ. އެކަންތައްތަކުގެ ތެރޭގައި ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ބެލުމަށާއި ފަނޑިޔާރުންގެ ފެންވަރު ބެލުމަށްވެސް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތި ކުރައްވާކަން ހިމެނެއެވެ. އަދި ޖޭއެސްސީ އަށް ޤާނުނު އަސާސީއާއި ޤާނޫނުގެ ދަށުން ލިބެދޭ މަސައްކަތުގެ އިޚްތިޞާސްގެ ތެރެއަށް ސްޕްރީމް ކޯޓުން ވަނުމުން އެކޮމިޝަންގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައި ވާކަންވެސް ބަޔާން ކޮށްފައިވެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.